Support Us

ފެނަކައިން ޖެނަރޭޓަރުތައް ގަނެ، ހިންގާފައިވާ ވިޔަފާރިގެ ޖަރީމާ ތަހުގީގުކުރަން އޭސީސީއަށް

މިދިޔަ ސަރުކާރުގައި ފެނަކަގެ ފަރާތުން ޖެނަރޭޓަރުތައް ގަތުމަށާއި އެކިއެކި ނަންނަމުގައި ޕްރޮޖެކްޓްތައް ހިންގުމުގައި ބޮޑު ޖަރީމާތަކެއް ހިންގާފައިވާ ކަމަށާއި އެ ހުރިހާ މައްސަލަތަކެއް ބެލުމަށް ވަރަށް އަވަހަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މުއާޒު މިހެން ވިދާޅުވީ ބ. ކެނދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މުއާޒު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާ ހަވާލުވެވަޑައިގެންނެވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏާ އެކުގައި ކަމަށާއި ކޮންމެ މަހެއްގެ މައްޗަށް 86 މިލިއަން ރުފިޔާ ހަމައެކަނި ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް ހަރަދު ކުރަންޖެހޭ ކަމަށެވެ. އަދި ކުންފުނީގައި 8،000 މުވައްޒަފުން ތިބިއިރު އެ ކުންފުނި އޮތީ ބަނގުރޫޓްވެފައި ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

"އާމްދަނީގެ ގޮތުގައި ފެނަކައަށް ލިބެނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ. އެ 120 ރުފިޔާގެ ތެރެއިން 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް މިދެނީ. އޮޕަރޭޝަންތަކަށް ވެސް ބޭނުންވާނެ ފައިސާ. އެހެންވެ މިއަދުގެ ހާލަތަކީ މިއީ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ މި ސަރުކާރުން އައީ ފެނަކަ މިހާރު އޮތް ހާލަތު ބަދަލުކުރުމަށް ކަމަށާއި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މެއިންޓަނެންސްއަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގައި މިވަގުތު 502 ޖެންސެޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭނުން ކުރަމުން އަންނައިރު 302 ޖެންސެޓް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރު ތެރޭގައި މެއިންޓަންސްއަށް އެއްވެސް ހަރަދެއް ނުކުރޭ. އޭގެ ސަބަބު ވަރަށް ސާފު. އޭގެ ބޭނުމަކީ ޖެންސެޓްތައް ގަތުން. ޖެންސެޓްތައް ހުސްވީމަ ގެންދާ އުސޫލުން ޖެންސެޓްތައް ގަނެފަ ބޮޑު ވިޔަފާރިއަކަށް ހަދާލައިފަ އޮތީ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ 2022 އިން 2023 ގައި އެކަނި ވެސް 90 ޖެންސެޓް ފެނަކައަށް ގެނެފައިވާ ކަމަށް ހިސާބުތަކުން ފެންނަން ހުރި ނަމަވެސް ހާލަތަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. ކުރީ ސަރުކާރުން ޖެންސެޓްތައް މަރާމާތު ކުރުމަށް ސަމާލުކަމެއް ދީފައިނުވަނީ ކީއްވެތޯ މުއާޒު ސުވާލުކުރެއްވި އެވެ.

ޖެންސެޓްތައް މަރާމާތުނުކޮށްގެން ހަލާކުވެފަައި ހުރި ނަމަވެސް ޖެންސެޓްތަކުގެ މަރާމާތަށް އަހަރަކު 100 މިލިއަން ރުފިޔާ ހަަރަދުކޮށްފައިވާ ކަމަށް ހަރަދުތަކުން ދައްކާ ކަމަށް މުއާޒު ވިދާޅުވި އެވެ.

މި ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާތަކާއި ޖެންސެޓްތަކުގެ ރޭޑިއޭޓަރުތަކަށް އަޅަން ބޭނުންވާ ބައެއް ލިކުއިޑްތައް ފެނަކައަށް މިދިޔަ ސަރުކާރުން ގަނެފައިވާ ނުވާތީ އެ ހުރިހާ އެއްޗެއް ހަލާކުވެފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

"ހަ ސަތޭކައިގެ ޖެންސެޓަކަށް ނުދޭ ލޯޑް އަރައިގެން.. ތިން ސަތޭކައިގަ މިއުޅެނީ ލޯޑް. އެހެންވެ އަޅުގަނޑުމެންނަށް މަޖުބޫރު މިވަނީ އާ އެއްޗެއް ހޯދަން. ފެނަކައިން ކޮށްފައި އޮތީ މި ވިޔަފާރި. މިގޮތަށް ހަދާ އިންޖީނުތައް ހަލާކުކޮށްފައި އަނެއްކާ އާ އިންޖީނުތައް ގެންނެސް ބޮޑު ވިޔަފާރިއެއް ގޮތަށް ކޮށްފައި އޮތީ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ފެނަކައަކީ 157 ރަށުގައި ހިދުމަތް ދޭ ކުންފުންޏެއް ކަމުގައިވާއިރު ސާވިސް ސެންޓަރެއް ވެސް ކުންފުނީގައި ނެތް ކަމަށެވެ. އެފަދަ ސެންޓަރެއް ހެދުމަށް ދާނެ ހަރަދަކީ 60 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ސާވިސް ސެންޓަރެއް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ފެނަކަގެ ކޮރަޕްޝަންގެ ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން ޓްރާންސްޕޯޓް ހިދުމަތް ހޯދައިގެން ވެސް ހިންގާފައިވަނީ ބޮޑު ޖަރީމާއެެއް ކަމަށާއި ހަމައެކަނި ޓްރާންޕޯޓަށް ވެސް 117 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

"ފެނަކައިގަ ނެތް ދޯންޏެއް، ފެނަކައިގަ ނެތް ލޭންޑިން ކްރާފްޓެއް. މިއީ ހާލަތު. ބޮޑު އަގުގައި ދެނީ ނާޖާއިޖުކޮށް ދެނީ މީހުންނަށް ވިޔަފާރިތައް ދެނީ. އެހެންވެ މިގޮތަށް ގޮސް މިކުންފުނި ބަނގުރޫޓްވެފައި މިއޮތީ 4.3 ބިލިއަން ރުފިޔާގެ ދަރަނި އަޅުގަނޑުމެންގެ ބޮލުގައި މިއޮތީ އެޅިފައި،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ 4.3 ބިލިއަން ރުފިޔާގެ ތެރެއިން ދެ ބިލިއަން ރުފިޔާއަކީ އެސްޓީއޯއަށް ދޭންޖެހޭ ފައިސާ ކަމަށެވެ. އަދި ސަބްސިޑީގެ ތެރެއިން އެއް އަހަރުގެ އެޑްވާންސްގެ ސަބްސިޑީޒް ވެސް ނަގާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މީގެ ކުރީގައި 2019 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދޭންޖެހޭ ފައިސާ ނެތޭ ދީފައެއް. އަޅުގަނޑުމެން މިހާރު ފަށާފައި މިއޮތީ ފައިސާދޭން،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ކުންފުނީގެ ހަރަދު ކުޑަކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި މިސަރުކާރުން ފެނަކަ ކޯޕަރޭޝަން ސަލާމަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ފެނަަކައިން ރަށްރަށުގައި ގާއިމްކުރުމަށް ހަމަޖައްސާފައިވާ 60 އެއްހާ ފެނަކައިގެ އޮފީސް ޕްރޮޖެކްޓް ހުއްޓިފައިވާ ކަމަށާއި އޭގެ ތެރެއިން އެވްރެޖްކޮށް ނިމިފައި ހުރީ 45 ޕްރޮޖެކްޓް ކަމަށް މުއާޒު ވިދާޅުވި އެވެ. އެ ޕްރޮޖެކްޓްތަަކަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެސްޓިމޭޓެއް ނުހަދާ ކަމަށާއި 23 މިލިއަން ރުފިޔާ އަށް ހެދޭ އޮފީސް އިމާރާތަކަށް 55 މިލިއަން ރުފިޔާ ހަރުކޮށްފައިވާ އެތައް ތަނަކަށް ދީފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

"ވަރަށް ބޮޑު ޖަރީމާއެއް. އިންހައުސްކޮށް މީގެ ކުރީގެ މެނޭޖްމަންޓުން ސަރުކާރުން ހިންގާފައި އޮތީ ވަރަށް ބޮޑު ޖަރީމާއެއް،" މުއާޒު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ފެނަކައިން އެކިއެކި ޕްރޮޖެކްޓްތަކުގެ ގޮތުގައި ބޮޑެތި ޖަރީމާތައް ހިންގާފައިވާއިރު ގދ. މަޑަވެލި ހޯނޑެއްދޫގައި ވެސް ސީޕީއެސް އަޅަން 22 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ. ނަމަވެސް އެރަށުގައި ހުރީ ހަމަ އެކަނި ވަޅުގަނޑެއް ކަމަށް މުއާޒު ވިދާޅުވި އެވެ.

"ބާވީސް މިލިއަން ރުފިޔާ ހަރަދުކޮށްފި. އެކި ނަންނަމުގައި މުސާރަތައް ދިނުމަށްޓަކައި ކާންދިނުމަށްޓަކައި ކޭން ބުއިމުގެ ކަންތައްތައް ވެސް ހަމަ ހިތަށް އެރި ގޮތަކަށް ކޮށްފައި އޮތީ. އަޅުގަނޑުމެން މިހުރިހާ ކަންތައްތަކެއް މިހާރު އޭސީސީއަށް ފޮނުވޭ ވަަރަށް އެބަހުރި މައުލޫމާތު އެއްކޮށްފަ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އޭސީސީއަށް މިހުރިހާ މައްސަލަތަކެއް ފޮނުވާނަން. މިއީ ދިވެހި ރައްޔިތުންނަށްވި ވަރަށް ބޮޑު ހިޔާނާތެއް،" މުއާޒު ވިދާޅުވި އެވެ.