Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އެމް.ޑީޕީ އަކީ ފިކުރެކެވެ! ފަނާކުރަނިވި ފިކުރެކެވެ!

ރައްޔިތުންގެ މަޖުލީހުގެ އިންތިހާބު ވަކި ދުވަހަކު ބާއްވަން އެމް.ޑީ.ޕީން ވަރަށް ފޯރި އެބަހުއްޓެވެ! އެމް.ޑީ.ޕީ އަށް ލަފާދޭ ހިންދޫ ހާމުދުރު އަންގާފައި ވަނީ ރޯދަ މަސް ނޫން، ބަންދު ދުވަހެއްގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް އިންތިހާބު ކާމިޔާބުވާނެ ކަމަށް ކަމުގައި ވެދާނެއެވެ. ރައްޔިތުންގެ މަޖުލީހުގެ އިންތިހާބު ރޯދަ މަސް ތެރޭ، މާޗް 17 ގައި، ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން މަޖުލީހުގެ މެޖޯރިޓީގެ ބޭނުން ހިފައި، އެމް.ޑީ.ޕީން ވަނީ ރޯދަ މަސްތެރޭ އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް ޤާނޫނު ބަދަލުކޮށްފައެވެ. އެމްޑީޕީން އެދުނު ގޮތަށް، ރޯދަ މަހަށް ފަހު، އޭޕްރިލް 21 ގައި އިންތިހާބު ބާއްވަން ނިންމުމުން މިހާރު އެ ޕާޓީން ބުނަނީ އިންތިހާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ނުހަދައިފި ނަމަ އެކަން ބެލެވޭނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަނީ ކަމަށެވެ.

މަޖުލީހުގެ އިންތިހާބަށް ކެމްޕެއިން ކުރަން މާލޭގައި އިދިކޮޅު އެމް.ޑީ.ޕީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބަންދު ނޫން ދުވަހެއްގައި އިންތިހާބު ބޭއްވުމަކީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަން އުޅޭކަމުގެ ހެއްކެއް ކަމަށެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އާސަންދައިން މިލިއަނުން ބަހައި، އަސާސެއް ނެތް ޕްރޮޖެކްޓުތަކުގައި ކަޑަ ޖަހައިގެން، ކަނޑުފަޅުން ގޯތި ދީގެން އެތައް އިންތިހާބަކަށް ނުފޫޒު ފޯރުވިއެވެ. އެވަރުގެ ބަޔަކު އެހެން މީހުންނާ ދިމާލަށް ނުފޫޒުގެ އިލްޒާމުގެ އިނގިލި ދިއްކުރުމަކީ މުނާފިޤުކަމެވެ. އެމް.ޑީ.ޕީ އަކީ އަބަދުވެސް އިދިކޮޅުގައި އޮންނައިރު މޮޅު ވާހަކަ ދައްކައި، ވެރިކަން ލިބުމުން ރައްޔިތުން ބޮލަށް އަރައި ގިއްގަޅުވާލައި، ލާދީނީ ފިކުރުގެ ޕާޓީއެކެވެ. ސެކިއުލަރ އުސޫލުތައް ފަތުރައި، އިންޑިއާ އާއި އިނގިރޭސިވިލާތުގެ ނުފޫޒަށް ޤައުމުގެ މަސްލަހަތުތައް ހުޅުވާލާ ޕާޓީއެކެވެ. ޤައުމުގެ ހަރުމުދާ ވިއްކައި، ޤައުމު ދަރަނިވެރި ކުރުވާ ޕާޓީއެކެވެ. ރައްޔިތުންގެ ހައްޤޭ، ޑިމޮކްރެސީއޭ، އިންސާނީ ހައްޤޭ ފަޅޮލޭ ކިޔައިގެން އަނގަހުޅުވަން ލަދުގަންނަންޖެހޭ ޕާޓީއެކެވެ.

އިދިކޮޅު އެމް.ޑީ.ޕީން ދިވެހި ސަރުކާރުގެ އަގު ވައްޓާލަން ދޮގު ހަދާއިރު އިންސާނުންގެ ބުއްދި ޤަބޫލުކުރާވަރުގެ ދޮގު ހަދާކަށް ވެސް ނޭނގެއެވެ. ހަދަނީ ބުއްދި ޤަބޫލު ނުކުރެވޭ ވަރުގެ ބޮޑެތި ދޮގެވެ. މިސާލަކަށް ބަލާ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގަނޑުވަރު، މުލީއާގެ މަރާމާތު ވަންދެން، ރައީސްގެ އަމިއްލަފުޅު ގެކޮޅު، ދިމްޔާތުގެ ހުންނެވި ދެ މަހެއްހައި ދުވަހުގެ ހަރަދުގެ ގޮތުގައި ދައުލަތުން 26 މިލިއަން ރުފިޔާ ރައީސް ޑރ. މުއިއްޒު ނެންގެވި ކަމަށް ބުނެ އެމް.ޑީ.ޕީ އަށް ތާއީދުކުރާ ނޫސްތަކުން ދޮގު ޕްރޮޕެެގެންޑާ ފެތުރިއެވެ. ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް އެއްވެސް އެއްޗެއް ދައުލަތުން ނުނަންގަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނެންގެވިއަސް ދުވާލަކަށް ގާތްގަނޑަކަށް ބައިމިލިއަނެއްހާ ރުފިޔާގެ ބޮޑު އަދަދެއް ނަންގަވާނެ ކަމަކަށް ބުއްދި ޤަބޫލެއް ނުކުރެއެވެ. ދޮގު ޕާޓީ އަށް ރަނގަޅަށް ދޮގު ހަދަން ވެސް ނޭނގެއެވެ!

އެމްޑީޕީ އަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު، ރައީސް މައުމޫނުގެ ވެރިކަމުގައި މާލޭގެ ތަންތަނުގައި ހުޅުޖަހައި، ޤައުމު ބިރުވެރިކަމުގެ ތެރެއަށް ވައްޓާލައި، ރައީސް މައުމޫނުގެ އަސްލު ހުދުމުހުތާރު ކަމަށް ވުރެވެސް ބޮޑަށް، ދޮގު ހަަދައިގެން ޕްރޮޕެގެންޑާ ފަތުރައި، ޤައުމު ހަލަބޮލިކޮށް، އެއިރުގެ ސަރުކާރު ވައްޓާލަން ޕްރެޝަރު ކުރުމުގައި ވަރަށް ހީލަތްތެރި އުކުޅު ބޭނުން ކުރި ޕާޓީއެކެވެ. މިފަހަރު ވެސް އެމް.ޑީ.ޕީން ބޭނުންވެެގެން އުޅެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން މަގުތަކަށް ނިކުމެ، ތަންތަނުގައި ހުޅުޖަހާނެ އުޒުރެއް އީޖާދު ކުރެވޭތޯ އެވެ.

އޭޕްރިލް 21 ގައި ބާއްވާ މަޖިލިސް އިންތިހާބު ގަންނަން އިންޑިއާ އިން މިލިއަނުން އެމް.ޑީ.ޕީ އަށް އެހީވާނެއެވެ. އެ ޕާޓީން ބޭނުންވާ ވަރަށް ގޮނޑި ނުލިބިއްޖެ ނަމަ އިންތިހާބަށް ފަހު އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ގަންނަަން ވެސް، އިންޑިއާގެ އެހީގައި، އެމް.ޑީ.ޕީ ހަރަދުކުރާނެ އެވެ. އެއިން އެއްވެސް ގޮތެއް ކާމިޔާބު ނުވެއްޖެ ނަމަ، މައުމޫނުގެ ވެރިކަން ވައްޓާލަން ޤައުމު އަލިފާނުގެ އަނދަވަޅަކަށް ވައްޓާލި ގޮތަށް ޤައުމު ހަލަބޮލިކޮށް ސަރުކާރު ވައްޓާލަން އެމް.ޑީ.ޕީން މަސައްކަތް ކުރާނެއެވެ. އެމް.ޑީޕީ އަކީ ފިކުރެކެވެ! ފަނާ ކުރަނިވި ފިކުރެކެވެ.

ހުސްވި މަހުގެ 27 ވަނަ ދުވަހުގެ ރޭ ހއ. ބާރަށުގައި ހުރި 400 އަހަރުވީ، އާސާރީ ކާނިގަހުގައި ރޯކޮށްލީ ދިވެހި ދައުލަތުގެ އާސާރުތައް ނައްތާލުމުގެ ނިޔަތުގައި އިންޑިއާގެ ރޯ އަޑީގައި އޮވެެގެން ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އަރައި ދިވެހީންގެ ކަނޑާއި، މިނިވަން ސަރަހައްދާއި، ދިވެހި މަސައްކަތްތެރީންގެ މަސައްކަތުގެ މާހައުލުގެ މިނިވަންކަމުގެ ހުރުމަތް އިންޑިއާ އިން ކެނޑިއިރު ވެސް އެމް.ޑީ.ޕީ އޮތީ އަޑިއަޑިން އެކަމަށް ތާއީދުކޮށްގެންނެވެ. ރައްޔިތުން ލޮލުގައި އަނދުން އަޅުވާލަން، ނަމަކަށް އެކަން އެމް.ޑީ.ޕީން ކުށްވެރި ކުރި ކަމުގައި ވިއަސް އެ ޕާޓީން ބޭނުންވާނީ އެފަދަ ކަންކަން އިންޑިއާ ލައްވައި ކުރުވައިގެން ވިއަސް މި ސަރުކާރު ވައްޓާލެވޭތޯ ބެލުމެވެ. އިންޑިއާ ސިފައިން ރާއްޖެ އަރައި ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރަން 2018 ގައި ގޮވާލީ ވެސް އެމް.ޑީ.ޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު ފަދަ އިސް ފަރާތްތަކުންނެވެ. މިފަދަ ނުބައި އަމަލުތަކުގެ ސިލްސިލާގެ ދަށުން ބޮޑުތަކުރުފާނު ގަނޑުވަރުގައި ވެސް އިންޑިއާގެ ސިއްރު ރޯ-އެޖެންޓުން ހުޅުޖަހައިފާނެއެވެ. ސަރުކާރުން އެ ގަނޑުވަރުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަޅުގަނޑު ގޮވާލަމެވެ.

ވެރިކަމުގައި އެމް.ޑީ.ޕީ ނެތިފައި، ހާރިޖީ ވަޒީރަކަށް ޝާހިދު ނެތުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ރާއްޖެ ބާކީވުން ކަމުގައި އެމް.ޑީ.ޕީގެ އާ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމަކީ ވެސް އެ ޕާޓީން ހަދާ ސްޓައިލްގެ ދޮގެކެވެ. ޝާހިދު ވިދާޅުވެފައިވާ ގޮތުގައި ދިވެހި ރާއްޖެ ވަނީ ބައިނަލްއަޤްވާމީ މައިދާނުން ބާކީވެފައެވެ. ބައިނަލްއަޤްްވާމީ މައިދާނުން ރާއްޖެ އަށް މިހާރު ޖާގަ ލިބެނީ ޖަލްސާތަކުގެ އަރިމަތީ ކޮރިޑޯއިން ކަމަށް ޝާހިދު ވިދާޅުވީ، ނިއުޔޯކުގެ ނަސޯރާ ފައްޅިއެއްގެ ކުރީ ސަފުން ޝާހިދަށް ލިބިވަޑައިގަތް ކަހަލަ ޖާގަ، ފައްޅިތަކުގެ ކުރީ ސަފުން، މިސަރުކާރަށް ނުލިބޭނެ ވާހަކަ ކަމަށް ވެދާނެއެވެ. ދޮގު ދޮލަނގު ހިފައިގެން ރައްޔިތުން އޮޅުވާލަން މި ސަރުކާރުން ހިނގާ ކަމަށް ޝާހިދު ވިދާޅުވި އިރު، ހަޤީޤީ ދޮގު ދޮލަނގު ހިފައިގެން ހިނގަނީ ޝާހިދާއި އިންޑިއާގެ ޕާޓީ އެވެ!

 

ޝާހިދަކީ ދިވެހި ރާއްޖޭގެ މިނިވަންކަން ތަބަކަކަށް ލާފައި އިންޑިއާ އަށް ވިއްކާލައްވަން އުޅުއްވި ގައްދާރެކެވެ. ރާއްޖޭގެ ކަނޑުން ބައެއް އިންޑިއާ އެދޭ ގޮތަށް މޮރިޝަސް އަށް ވިއްކާލުމުގެ އާރުކާޓީ އެވެ. ޝާހިދު ހީފުޅުކުރައްވާ ގޮތުގައި ހާމާނު ސްޓައިލަށް ސްޓޭޖަށް އަރާވަޑައިގެން ޝާހިދުމެން މިހެން ދައްކަވާ ވާހަކަ ދިވެހި ރައްޔިތުން އަދިވެސް ޤަބޫލު ކުރާނެއެވެ. ހިލާ އެހެނަކުން ނުވާނެއެވެ. ޝާހިދުމެންގެ ހަޤީގަތް، އަދި އެމް.ޑީ.ޕީގެ ހަޤީގަތް ދިވެހި ރައްޔިތުންނަށް މިހާރު ވަރަށް ސާފުކޮށް އެނގެއެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ވެސް ބައެއް މައްސަލަތައް އެބަހުއްޓެވެ. މައްސަލަ ނެތް ސަރުކާރެއް ނުލިބޭނެއެވެ. ހުރި މައްސަލައެއް ރަނގަޅުކުރުމަކީ އޮތް ކަމަކެވެ. ނަމަވެސް އެމް.ޑީ.ޕީން މަސައްކަތް ކުރާ ގޮތަށް ޤައުމު ސެކިއުލަރކޮށް، އިންޑިއާ ފަދަ ބޭރުގެ ފަރާތްތަކަށް ޤައުމު އަޅުވެތި ކުރަން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހަމަ ގައިމުވެސް މަސައްކަތެއް ނުކުރާނެކަން ޔަޤީނެވެ.

ރާއްޖޭގެ ކަނޑުގެ ބިޔަ ސަރަހައްދު ދިވެހި ސިފައިން އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލްކަން އަންނަ އޭޕްރިލް މަހު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ ހެލިކޮޕްޓަރާއި އިންޑިއާގެ މަތިންދާ ބޯޓަށް ބަރޯސާވުން ނިމުމަކަށް ގެނެސް، ރާއްޖޭގެ އަމިއްލަ އެއާރ އެމްބިއުލާންސްގެ ހިދުމަތް މިދިޔަ ހުކުރު ދުވަހު ސަރުކާރުން ވަނީ ފަށައިފައެވެ. މިފަދަ ވަރުގަދަ ނިންމުންތަކަށް ޖޯކު ޖަހައި، ދިވެހީންގެ އަމިއްލަވަންތަ ކަމަށް މަލާމާތް ކުރުމަކީ އެމް.ޑީ.ޕީގެ އަސްލު ސިފައެވެ. އެ ޕާޓީން ޤަބޫލުކުރާ ގޮތުގައި ދިވެހީންނަކީ ހެލިކޮޕްޓަރެއް ވެސް ދުއްވާލަން ނޭނގޭ، އަމިއްލަ ޤައުމުގެ ސަރަހައްދު އަމިއްލަ އަށް ނުބެލެހެއްޓޭ، ކުޑަ، ފަޤީރު، ނިކަމެތި ޤައުމެކެވެ. އެމް.ޑީ.ޕީގެ ނަޒަރުގައި ދިވެހީން އަބަދުވެސް އުޅެން ޖެހޭނީ އިންޑިއާ އިން ދޭ ކުނި ބިހާއި ކުނި ފިޔާ ކައިގެން، އިންޑިއާއިން ފޭކު ބޭސްފަރުވާ ހޯދައިގެން، ފޭކު ބޭސް ކައިގެން، އިންޑިއާގެ ތައްޕާހަށް ވެއްޓިގެންނެވެ.

އެ ސަގާފަތް ނިމުމަކަށް ގެންނަން އުޅުމަކީ މި ސަރުކާރާ ދެކޮޅަށް އެމް.ޑީ.ޕީ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރާ މައިގަނޑު ސަބަބެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް އެމް.ޑީ.ޕީ އާއި އިންޑިއާގެ ފަރާތުން ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. މި ގޮންޖެހުންތަކުން ސަލާމަތް ވުމަށްޓަކައި އެއް ފިކުރެއްގެ ދެ ލީޑަރުން ކަމުގައިވާ ރައީސް ޑރ. މުއިއްޒާއި ރައީސް ޔާމީނު ގުޅިގެން އިންތިހާބަށް ފަހު މަސައްކަތް ކުރެއްވުމަކީ ދިވެހި ޤައުމަށް އެންމެ ފައިދާ ހުރި ގޮތެވެ. އިންޑިއާ އާއި އެމް.ޑީ.ޕީން އެންމެ ވާން ނޭދޭނެ ގޮތަކީ ވެސް ރައީސް މުއިއްޒާއި ރައީސް ޔާމީން އެއްގަލަކަށް އަރާވަޑައިގަތުމެވެ! ރައްޔިތުން ތިބީ ހަމަ ދެ ރައީސުންގެ ވެރިކަމަކަށް އެދިއެދި އެވެ!