Support Us

ސްޓެލްކޯގެ ހިންގުމުގެ ތާރީޚުގައި ފަޚުރުވެރި އައު މުޑުގަލެއް!

ސްޓެލްކޯގެ ބޯޑުގެ ބައްދަލުވުމެއް ކ. ހިންމަފުށީގައި މިއަދު ބާއްވައިފިއެވެ. މިއީ ސަރުކާރުގެ މައި ކަރަންޓު ކުންފުނީގެ ތާރީހުގައި ބޯޑު ބައްދަލުވުމެއް މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފާއި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ބޯޑުގެ އެހެން މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުން ބޭއްވީ ހިންމަފުށީ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ރަށުގައި މަސައްކަތްކުރާ މިކުންފުނީގެ މުވައްޒަފުންނާއި، ރަށުގެ އިސް ވެރިންނާއި ބައްދަލުކުރެއްވުމަށް ސްޓެލްކޯގެ އިސްވެރިން އެ ރަށަށް ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

"މިއީ މާލެއާއި އަތޮޅުތެރެއާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާ ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް،" ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.