Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރައްޔިތުން އެދެނީ ދެ ރައީސުންގެ ވެރިކަމަކަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ރައީސް އަބްދުﷲ ޔާމީނަކީ ތަފާތު ދެ ފިކުރެއްގެ ދެބޭފުޅުންނެއް ނޫނެވެ. ރައީސް މުއިއްޒަކީ ރައީސް ޔާމީނުގެ ސިޔާސީ ދަރިވަރެކެވެ. ޔާމީނުގެ ރައީސްކަމުގައި ހިންގެވި، ސިނަމާލެ ބްރިޖު އެޅުން ފަދަ ބިޔަ މަޝްރޫއުތައް ހިންގެވުމުގައި އިތުބާރު ކުރެއްވި ކޮންސްޓްރަކްޝަން މިނިސްޓަރެވެ. ދެ ބޭފުޅުންގެ ސިޔާސީ އަސާސަކީ ވެސް ޤައުމިއްޔަތާއި ދީން ހިމާޔަތްކުރުމާއި، އިންޑިއާގެ ނުފޫޒު ފަދަ ބޭރުގެ ސިޔާސީ ނުފޫޒުން ޤައުމު ސަލާމަތް ކުރުމުގެ އަސާސެވެ. އަމިއްލަ ފައިމައްޗަށް ދިވެހިން ތެދުވުމާއި، ފުދުންތެރިވުމުގެ އަސާސެވެ. އެމް.ޑީ.ޕީ ފަދަ ބޭރުގެ ފަރާތްތަކަށް ބަރޯސާވާ، ސެކިއުލަރ ފިކުރުގެ ޕާޓީތަކަކީ ރައީސް ޔާމީނާއި ރައީސް މުއިއްޒުގެ ފިކުރާ މުޅިން އިދިކޮޅު ފިކުރެކެވެ. ތެލާއި ފެނާ އެއްނުވާނެ ފަދައިން އެމް.ޑީ.ޕީގެ ފިކުރާއި ޤައުމިއްޔަތުގެ ފިކުރު އެކެއްނުވާނެއެވެ.

ރައީސް ސޯލިހާއި ހިޔާލުތަފާތުވެގެން އެމްޑީޕީގެ ރައީސްކަމުން ރައީސް މުހައްމައްދު ނަޝީދު އިސްތިއުފާ ދެއްވުމުން އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ރައީސް ސޯލިހު ހުންނެވުމަށް ފަހު މި ފެބްރުއަރީ މަހު 20 ވަނަ ދުވަހު، އެ ޕާޓީގެ ރައީސްކަމާ ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަތުމަކީ ރައީސް މުއިއްޒުގެ ވެރިކަން ބަދަލު ކުރުމަށްފަހު އެމް.ޑީ.ޕީގެ ވެރިކަމެއް ގެނައުމަށް އެ ޕާޓީން ރާވައިގެން އެޅި ފުރަތަމަ ފިޔަވަޅެވެ. އެގޮތުން، ދެވަނަ ފިޔަވަޅެއްގެ ގޮތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، ފެބްރުއަރީ 22 ވަނަ ދުވަހު އެމް.ޑީ.ޕީއާ ގުޅިވަޑައިގެންފައެވެ. ޝާހިދު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކޮންމެ ދުވަހަކު ކުރިމަތިލެއްވިއަސް ޝާހިދުގެ ރަނިން މޭޓަކަށް ވާނެ ކަމަށް ބެލެވެނީ ފައިސަލް އެވެ. މިއީ އިންޑިއާ އިން ރާވާފައި އޮތް ގޮތެވެ.

ގާނޫނުތައް ބުނާ ގޮތުން ރިއާސީ އިންތިހާބު ދެން ބޭއްވޭނީ 2028 ވަނަ އަހަރު އެވެ. ނަމަވެސް އެމް.ޑީ.ޕީން ބޭނުންވާ ގޮތަށް ރައީސް ޑރ. މުއިއްޒު އަޒުލު ކުރެވިއްޖެ ނަމަ ވަގުތީ ރައީސުލްޖުމްހޫރިއްޔާ އަކަށް މަޖުލިސް ރައީސް މުހައްމަދު އަސްލަމް ވަޑައިގެން، އަވަސް ގޮތެއްގައި ރިއާސީ އިންތިހާބެއް ބޭއްވޭނެއެވެ. އެމް.ޑީ.ޕީގެ އުއްމީދަކަށް ވާނީ މާޗް ނުވަތަ އޭޕްރީލް މަހު އޮންނަ މަޖުލިސް އިންތިިހާބުގައި އެޕާޓީ އާއި ދަޑިމޮކްރެޓްސް ގުޅިގެން، އެ ދެ ޕާޓީ އަށް މަޖުލިހުގެ އައުލަބިއްޔަތު ލިބި، ރައީސް މުއިއްޒު އަޒުލުކުރެވޭ ވަރުގެ އަދަދަކަށް ގޮނޑި ލިބުމެވެ. އެއަށް ފަހު މި 2024 ވަނަ އަހަރު ތެރޭ، އިންޑިއާގެ ފައިސާ އާއި ސިޔާސީ އެހީގައި ރައީސް އަޒުލުކޮށް، ރާއްޖޭގެ ވެރިކަމާ އަލުން އެމް.ޑީ.ޕީ ހަވާލުވުމަކީ އެ ޕާޓީ އާއި އިންޑިއާ ރާވައިފައި އޮތް ގޮތެވެ.

ސިނަމާލެ ބްރިޖު ރައީސް ޔާމީން (ކ) އިފްތިތާހުކޮށްދެއްވާއިރު (ވާތްފަރާތުގައި) ޑރ. މުއިއްޒުގެ ދެކަނބަލުން، 30 އޯގަސްޓް 2018ގައި

މިކަން މިމަގުން ނުހިގާނެ އޮތީ އެންމެ ގޮތެކެވެ. އެއީ ރައީސް ޑރ. މުއިއްޒާއި ރައީސް ޔާމީން އެއްގަލަކަށް އަރާވަޑައިގަތުމެވެ. އެމް.ޑީ.ޕީގެ ފަސް އަހަރުގެ ވެރިކަމުގައި މި ޤައުމު އިގްތިސޯދީ އަނދަވަޅަކަށް ވައްޓާލުމަށް ފަހު އެކަމުގެ ޒިއްމާ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވައި، އިގްތިސޯދު ވަޅުގަނޑަކަށް ވެއްޓުނީ މި ސަރުކާރުގެ ނާޤާބިލް ކަމުންނޭ ބުނާއިރު، މިކަމުގެ އަސްލު ކުށްވެރީންނަކީ އެމް.ޑީ.ޕީ އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުކަން ކޮންމެ މީހަކަށް ވެސް ވަރަށް ސާފުކޮށް އެނގޭނެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީ.އެން.އެފް) އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވެސް ވިދާޅުވީ ރާއްޖެ މިއަދު މިއޮތް ހާލަތަށް ވައްޓާލެއްވީ ރައީސް ޑރ. މުއިއްޒު ނޫން ކަމަށާއި، އެކަން އެގޮތަށް ކުރީ އެމް.ޑީ.ޕީގެ ވެރިކަމުގައި ކަމަށެވެ.

"ފަސް އަހަރުގެ ވެރިކަމުގައި ރާއްޖެ މި ހާލަތަށް ގެނެސްފައި މި އޮތީ އެމް.ޑީ.ޕީ ވެރިކަމުގައި ތިބެގެން. މިއަދު އެ ބޭފުޅުން އެބަ ވިދާޅުވޭ ދައުލަތް ހިންގާކަށްވެސް ނޭނގެއޭ، ސަރުކާރު ހިންގާކަށްވެސް ނޭނގެއޭ، ދަަރަނި ފިލުވާކަށްވެސް ނޭނގެއޭ. އެކަމަކު ދަރަނި އުފެއްދީ ކޮން ބައެއްކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވޭ. ދައުލަތުގެ މުވައްސަސާތައް މިނިވަން ނޫން ކަމަށް ވިދާޅުވާއިރު ދައުލަތުގެ މުވައްސަސާތައް މިނިވަން ނުކޮށް މުށުތެރޭގައި ގެންގުޅުނީ ކޮން ބައެއްކަންވެސް އެބަ އެނގޭ،" އެ ބައދަލުވުމުގައި ރައީސް ޔާމީނު ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާދަތީ ބާރު ރާއްޖޭގައި ނުހިނގައިގެން މި އުޅެނީ އެމް.ޑީ.ޕީގެ ވެރިކަމުގައި ކަންކުރި ގޮތުން ކަމަށާއި، ރާއްޖޭގެ ދެކުނުގައި އޮތް ބޮޑު މަސްކަނޑު ވިއްކާލީވެސް އެމް.ޑީ.ޕީ މީހުން ކަމަށް އެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އެމް.ޑީ.ޕީ އަށް މަޖުލިސް މެޖޯރިޓީ ދީފި ނަމަ އެއިރެއްގައި އޮންނަ ސަރުކާރަކަށް ޖެއްސުން ކުރާ ކަމަށާއި، ތަރައްޤީ އަށް ހުރަސް އަޅާ ކަމަށް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއަށާއި ފާފު އަތޮޅަށް ގެނެސްދެއްވަން އުޅުއްވި ސައުދީ އަރަބިއާގެ މެގަ އިންވެސްޓްމެންޓު، ދޮގު ފަތުރައިގެން، މަޖުލިސް މެދުވެރިކޮށް ހުއްޓުވީ ވެސް އެމް.ޑީ.ޕީ އެވެ. ސަރުކާރު ޒިއްމާދާރު ކުރުވާނަމޭ ކިޔައިގެން، ކުރިއަށް މިއޮތް މަޖުލީހުގެ މެޖޯރިތީ ނަގަން އެމް.ޑީ.ޕީން އުޅެނީ ސަރުކާރު ޒިއްމާދާރު ކުރުވާކަށް ނޫނެވެ. އެ ޕާޓީން ބޭނުންވަނީ އިންޑިއާއާ ގުޅިގެން ރައީސް މުއިއްޒު އަޒުލުކޮށް، މިވެރިކަން ވައްޓާލައި، އިންޑިއާ އަށް ފޭވާކުރާ، އެމް.ޑީ.ޕީގެ ސަރުކާރެއް އަލުން ޤާއިމުކުރާށެވެ.

އެމް.ޑީ.ޕީގެ މި ހީލަތްތެރި ރޭވުން ހުއްޓުވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ރައީސް ޔާމީނު މިނިވަންކޮށް، ރައީސް ޔާމީނާއި ރައީސް ޑރ. މުއިއްޒު އެއްގަލަކަށް އަރާވަޑައިގެން، ޕީ.ޕީ.އެމް. އާއި ޕީ.އެން.ސީ އަދި ޕީ.އެން.އެފްގެ ކޯލިޝަން ވެރިކަމެއް ޤާއިމް ކޮށްގެންނެވެ. ރައީސް ޔާމީނުގެ ތަޖުރިބާ އާއި ހުނަރު މި ސަރުކާރަށް ވަރަށް ބޭނުމެވެ. ވަރަށް މުހިއްމެވެ. ރައީސް މުއިއްޒުގެ ސަރުކާރު ތެރޭގައި ރައީސް ޔާމީނާ ހިޔާލު ތަފާތު މަދު ބޭފުޅުން ކޮޅެއް ތިއްބެވިއަސް، މި ސަރުކާރުގެ ގިނަ ބޭފުޅުންނަކީ، އަދި ޕީ.ޕ.ީއެމް-ޕީ.އެން.ސީގެ އާއްމު މެންބަރުންގެ ގިނަ މީހުންނަކީ ވެސް ރައީސް ޔާމީނާއި ރައީސް މުއިއްޒަށް ވެސް ތާއީދު ކުރާ ފަރާތްތަކެވެ.

ރައީސް ޔާމީނާއި ރައީސް މުއިއްޒު އެއްގަލަކަށް އަރާވަޑައިގެން، ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވުމަށް ޔާމީން ފުރުސަތު ދެއްވައި، ގުޅިވަޑައިގެން މަސައްކަތް ކުރައްވައި، އިންޑިއާގެ ކިބައިން ސަލާމަތްވެ، އިގްތިސޯދީ ހަމަމަގަށް މި ޤައުމު އެޅުވުން އިންތިހާ އަށް މުހިއްމެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ރަސްމީކޮށް ގުޅިވަޑައިނުގަތަސް، އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް އެތިބީީ ރަސްމީކޮށް އެއްގަލަކަށް އަރައިގެންނެވެ. އަދި ރައީސް ސޯލިހާއި ރައީސް ނަޝީދު ވެސް އެ ތިއްބެވީ ނުރަސްމީކޮށް އެއްގަލަކަށް އަރާވަޑައިގެންނެވެ. އެހެންކަމުން ރައީސް މުއިއްޒާއި ރައީސް ޔާމީނަށް އެއްގަލަކަށް އަރާވަޑައިނުގެންނެވޭނެ ސަބަބެއް ނެތެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ހިނގި ފަދަ ލަދުވެތި އަދި ވެރިކަމާ ހެދި ވާދަވެރި އެއްވެސް ކޯޅުމެއް ރައީސް މުއިއްޒާއި ރައީސް ޔާމީނާ ދެމެދު ހިނގައިފައެއް ނުވެއެވެ.

މި ސަރުކާރުގައި ތިއްބެވި ރައީސް ޔާމީނާއި ހިޔާލުތަފާތު ބޭފުޅުންގެ މަޝްވަރާ އަޑުއައްސަވައި، ޤައުމަށް ޓަކައި ދެ ރައީސުން އެއްގަލަކަށް އަރާވަޑައިނުގެންފި ނަމަ އޭގެ ފުރިހަމަ ފައިދާ ނަގާނީ އިންޑިއާ އާއި އެމް.ޑީ.ޕީ އެވެ. އެހެންކަމުން ރައީސް ޔާމީނާ އެކު ހައްދަވާނެ ޑީލެއް ހައްދަވައި، ދީނާއި ޤައުމިއްޔަތަށް ޓަކައި، ދެ ރައީސުން ކޮމްޕްރޮމައިސް ކުރައްވައި، އެއްގަލަކަށް އަރާވަޑައިގަތުން މި ދަނޑިވަޅު އިންތިހާ އަށް މުހިއްމެވެ. އެހެން ނުވެއްޖެ ނަމަ މި ޤައުމު ދެން ވެއްޓޭ ވަޅުގަނޑުން ރައީސް މުއިއްޒަކަށް ވެސް އަދި ރައީސް ޔާމީނަކަށް ވެސް އަދި އެހެން ބޭފުޅަކަށް ވެސް ނުނެންގެވޭނެ އެވެ. ދިވެހި ރައްޔިތުން އެދެނީ ދެ ރައީސުން ގުޅިގެން މި ޤައުމު ހަމަމަގަށް އެޅުއްވުމެވެ. އެކަމަށް ދެރައީސުން ތައްޔާރުތޯ އެވެ؟