Support Us

އެޗްޑީސީގެ އެޕްރެންޓިސް ޕްރޮގްރާމް ނިންމި 72 ބައިވެރިންނަށް ސަނަދު ދީފި

އެޗްޑީސީން ކުރިއަށް ގެންދިޔަ އެޕްރެންޓިސް ޕްރޮގްރާމް ނިންމި 72 ބައިވެރިންނަށް ސަނަދު ދީފިއެވެ.

މި ޕްރޮގްރާމް ނިންމި ފަރާތްތަކަށް ސަނަދު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ.

އެޗްޑީސީން ބުނީ މިއީ އެ ކުންފުނިން ހިންގި ހަވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށާއި މި ޕްރޮގްރާމްގެ ތެރެއިން އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ތަމްރީންވުމުގެ ފުރުސަތު ހޯދައިދީފައިވާ ކަމަށެވެ.

މޯލްޑިވްސް ނޭޝަަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (އެން.އޭ.ޕީ) ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލްކުރާ ނޭޝަނަލް ލެވެލް 3ގެ ސަނަދެއް ދީފަ އެވެ.

އެޗްޑީސީން ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ތަމްރީންކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ހެވީ ވެހިކަލް، ގާޑަނިންގް، ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއާ އެންޑް ނެޓް ވޯކިން، ހައުސް ކީޕިން، ފްރޮންޓް އޮފީސް ސާވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިންގް އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެ އެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ކޮންމެ މަހަކު އެލަވަންސެއް ދީފަ އެވެ. މި އެލަވަންސް ބައިވެރިންނަށް ދިނުމުގައި އިކޮނޮމިކް މިނިސްޓްރީން ފައިސާގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

"މި ޕްރޮގްރާމްގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނޭޝަނަލް ލެވެލްގެ ސެޓްފިކެޓް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމެވެ." އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ސަބަބުން ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ކުރެވެން ހުރި ކަންތައްތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލާ އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި ޒުވާނުންނަކީ އެއްވެސް ވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ގާބިލް ބަޔަކަށް ހެދުން ކަމަށް އެޗްޑީސީން ބުނެ އެވެ.

މި ޕްރޮގްރާމް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ތަމްރީން ކުރުމަށް ސަރުކާރުން ފަށައިފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ގައުމު ތަރައްގީ ކުރުމުގައި އަދި ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީން ކުރާނެ ކަމަށް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ގިނަ ދާއިރާތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ،" ފަޒުލް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތަކަށް މި ކޯޕަރޭޝަންގައި ވަޒީފާގެ ފުރުސަތު ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.