Support Us

ރޯދަމަހު އަސާސީ ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯ ފޫގަޅައިފައި

ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ސަރުކާރުގެ މައި ވިޔަފާރި ކުންފުނިން ބުނެފިއެވެ.

އިންޑިއާއިން ފިޔާ ދޫކުރާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތް ކަމަށް ބައެއް ހަބަރުތަކުން ބުނި ނަމަވެސް، އެސްޓީއޯއިން މިއަދު ބުނީ "އިންޑިއާއިން ފިޔާ ލިބުމުގައި އެސްޓީއޯއަށް އެއްވެސް ދަތިކަމެއް ނެތް" ކަމަށެވެ.

"ކުރިއެކޭވެސް އެއްފަދައިން އެސްޓީއޯއިން ސްޓޭބަލް ސަޕްލައިއެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ. ފާއިތުވި ދެމަހުގެ މާކެޓް ޓްރެންޑަށް ބަލާ ކަމުގައި ވާނަމަ ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު އަންނަނީ ތިރިވަމުން،" އެސްޓީއޯއިން ބުންޏެވެ. "ކުރިއަށް އޮތް ރަމަޟާންމަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯއިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި."