Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މިއީ އައްޑޫ ގަން އެއާޕޯޓުގެ ޖަނާޒާ ބާވައެވެ؟

އިއްޔެ، ނުވަތަ 20 ފެބްރުއަރީ 2024 ވީ އަންގާރަ ދުވަހަކީ އައްޑޫސިޓީގެ ގަން އެއާޕޯޓުގެ ކުރިމަގުގައި ސިއްކަޖެހި، ކަފުން ކުރެވުނު ދުވަސް ކަމުގައި ބައެއް މީހުން އެބަބުނެއެވެ. ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި، އިއްޔެ ގދ އަތޮޅަށް ވަޑައިގެން، އެ އަތޮޅުގެ ވެރިކަން ކުރާ ތިނަދޫގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުޅި ގދ. އަތޮޅުގެ ކުރިމަގު ބަދަލުކޮށްލާ ވަރުގެ ބިޔަ މަޝްރޫއެއް އިއުލާން ކުރައްވާފައެވެ. އެއީ ތިނަދޫ ފަޅުން ބިން ހިއްކައިގެން، ބައިނަލްއަޤްވާމީ ބިޔަ އެއާޕޯޓެއް ތިނަދޫ ފަޅުގައި ހެދުމުގެ މަޝްރޫއެވެ. ގދ އަތޮޅުގައި މިހާރުވެސް ތިން އެއާޕޯޓް (ކާޑެއްދޫ، ފަރެސްމާތޮޑާ، މާވާރުލާ) އޮތް އިރު، އެ އަތޮޅުގައި ހަތަރު ވަނަ އެއާޕޯޓެއް އަޅަން ތައިލެންޑުގެ ޕޭން ޕެސިފިކް ލިމިޓެޑާ އެކު ސޮއިކުރި މަޝްރޫއަކީ ކޮންޓްރެކްޓަރަށް ފަޅުރަށް ފަދަ އިނާޔަތްތައް ދީގެން، ދައުލަތުން އެއްވެސް ފައިސާގެ ހަރަދެއް ނުކޮށް ކުރިއަށް ގެންދާ، 500 ވަރަކަށް މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބް ތިނަދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ތިނަދޫގައި އަޅަން ސޮއިކުރި ބައިނަލްއަޤްވާމީ މި އެއާޕޯޓުގެ ޓާމިނަލް ހުންނާނީ ވޯޓަބަންގަލޯ ސްޓައިލަށް، ފެނުން މަތީގައެވެ. އަދި އެ އެއާޕޯޓުގައި ޕައިލެޓުން ތަމްރީނު ކުރާނެ ފްލައިން ސްކޫލަކާއި، ކާގޯ ބިލްޑިންގުތަކާއި، ތެޔޮ ރައްކާކުރާނެ ފިއުލް ފާމަކާއި، އެއާ އެމްބިއުލާންސްގެ ހިދުމަތާއި، ލަގްޒަރީ ޔޮޓްމެރިނާ އަކާއި، ފެރީ ޓާމިނަލް ހަބަކާއި، ޑިއުޓީ ފްރީ ފިހާރަތަކާއި، ފީނުމުގައި ޖެހޭ މައްސަލަތަކަށް ފަރުވާދޭނެ ޑީކޮމްޕްރެޝަން ޗެމްބަރެއް ހުނާނެ އެވެ. އަދި އެންމެ ފާހަގަކޮށްލެވުނު ކަމަކީ ތިނަދޫގައި ހަދާ ބައިނަލްއަޤްވާމީ މި ވައިގެ ބަނދަރުގައި ސީޕްލޭން ޓާމިނަލެއް ވެސް ހުނާނެ ކަމެވެ. މި ޕްރޮޖެކްޓާއެކު ގދ އަތޮޅުން އެތައް ރަށެއްގައި ރިސޯޓް ހަދައި ފަތުރުވެރިކަމުގެ ބޮޑު ހަބަކަށް އެ އަތޮޅު ބަދަލުވެގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ގދ. އަތޮޅުގައި މިވަރުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ހެދުމުން ހުވަދު އަތޮޅުގެ އެއްވެސް ރިސޯޓަކަށް އަންނަ ފަތުރުވެރިއަކު އައްޑޫ ގަމުގެ އެއާޕޯޓަކަށް ނާންނާނެއެވެ. އައްޑޫ އަކީ ރިސޯޓް ހަދާނެ މާގިނަ ފަޅުރަށް ރަށް ހުރި އަތޮޅަކަށް ނުވާއިރު އައްޑޫ ތަރައްޤީގެ މައި ޕްލޭނަކީ ސީޕްލޭން ހަބެއް ގަމުގައި ހަދައިގެން ދެކުނުގެ ފަތުރުވެރިކަމުގެ ސަރަހައްދުގެ ހަބަކަށް އައްޑޫ ހެދުމެވެ. ނަމަވެސް ތިނަދޫ އެއާޕޯޓުގައި ސީޕްލޭން ހަބެއް ހެދުމުން އައްޑޫ ގަމުގައި ސީޕްލޭން ހަބެއް ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ގަމުގެ ސީޕްލޭން ތަކުން ގެސްޓުން އުފުލާނެ ތަނެއް އެއިރަކުން ނޯންނާނެ އެވެ.

ތިނަދޫގައި ބައިނަލްއަޤްވާމީ އެއާޕޯޓަކާއި ސީޕްލޭން ހަބެއް ހެދުމަކީ ކިތައްމެހާ ވެސް ރަނގަޅުކަމެކެވެ. މައްސަލައަކީ ގދ އަތޮޅާއި އައްޑުއަކީ ވަރަށް ކައިރިކައިރީގައި އޮތް ދެ އަތޮޅަށް ވެފައި ދެ ތަނުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި ސީޕްލޭން ބޭސް ހެދުމުން ކޮންމެވެސް އެއް އެއާޕޯޓެއް ހިންގަން ޖެހޭނީ ގެއްލުމުގައި ކަމަށް ވާތީ އެވެ. ރައީސް ރޭ އިއުލާން ކުރެއްވި ފަދަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި ސީޕްލޭން ޓާމިނަލެއް ގދ. އަތޮޅު ތިނަދޫގައި ހެދުމުން، ދެކުނުގެ ތަރައްޤީގެ ނާރެހަކަށް އައްޑޫ ހައްދަވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ހަޤީގަތަކަށް ހައްދަވަން ދަތިވާނެ ކަމަށް ފެނެއެވެ.

ހުރިހާ އަތޮޅަކީ ވެސް ރާއްޖޭގެ އަތޮޅުތަކެވެ. ހުރިހާ އަތޮޅަކަށް ވެސް ތަރައްޤީ ގަންނަން ޖެހޭނެއެވެ. ނަމަވެސް މިވަރުގެ ބޮޑެތި އިންވެސްޓެއް ކުރަން ވާނީ ސަރަހައްދުތަކަކަށް ބެހިގެން، ތަރައްޤީގެ ނާރެސް ތަކެއް ކަނޑައެޅިގެން، އެއްވެސް ޕްރޮޖެކްޓެއް ގެއްލުމުގައި ހިންގަންނުޖެހޭ ފަދަ ގޮތަކަށް ރާވައި، ބަލައިގެންނެވެ.

ގދ އަތޮޅުގައި މިހާރު ވެސް ތިން އެއާޕޯޓު އޮވެމެ، ހަތަރު ވަނަ އެއާޕޯޓެއްގެ މަޝްރޫއު މި އަތޮޅުގައި އިއުލާން ކުރެވިގެން ދިއުމަކީ އެންމެ ރަނގަޅަށް ޕްލޭން ކުރެވިގެން، ސަރަހައްދީ ތަރައްޤީ އަށް ބަލައިގެން އިއުލާން ކުރެވުނު ޕްރޮޖެކްޓެއް ބާވައޭ ސުވާލު އުފެދެއެވެ. ރައީސް ޑރ. މުއިއްޒު ގެންދަވަނީ އެއްވެސް ރަށެއް، އަދި އެއްވެސް އަތޮޅެއް ވެސް ބާކީ ނުކުރައްވައި، ރާއްޖޭގެ ހުރިހާ އެންމެން ޝާމިލްވާ ގޮތަށް، ހުރިހާ ދިމާލަކަށް ތަރައްޤީ ކަށަވަރު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. މިއީ ތައުރީފް ހައްޤު، ވަރަށް ރަނގަޅު ވިސްނުންފުޅެކެވެ. ތިނަދޫގައި އިއުލާން ކުރެވުނު ބިޔަ މަޝްރޫއު ކިތައްމެހާވެސް ރަނގަޅެވެ. ހަމައެކަނި މައްސަލައަކީ އެހާ ކައިރިކައިރީގައި އޮތް ދެ ސަރަހައްދަކަށް އެއް ވައްތަރެއްގެ ބިޔަ އިންވެސްޓްމެންޓުތަކެއް ކުރުމުން ކޮންމެވެސް އެއް ސަރަހައްދެއް ގެއްލުމުގައި ހިންގަން ޖެހި، ކޮންމެވެސް އެއް ސަރަހައްދެއްގެ ރައްޔިތުން ބިކަވެދާނެ ކަމުގެ ބިރެވެ. އައްޑޫ އާއި ގދ އަތޮޅުގައި ބައިނަލްއަޤްވާމީ ދެ އެއާޕޯޓް! ކޮންމެ ތަނެއްގައި ވެސް ފްލައިންގ ސްކޫލް! ދެތަނުގައި ވެސް ސީޕްލޭން ހަބް. މިއީ އެއްވެސް ހާލަތެއްގައި ސަސްޓެއިން ކުރެވޭނެ އިގްތިސޯދީ، ސަރަހައްދީ ފޯމިއުލާއެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މިއީ ފަހަރުގައި އައްޑޫ ގަން އެއާޕޯޓުގެ ޖަނާޒާ ކަމަށް ވެސް ވެދާނެއެވެ.

އައްޑޫ ސީޓިގައި ބްރިޖް އެޅުމާއި، އެހެނިހެން ތަރައްޤީ ގެނައުމާއި، ގދ އަތޮޅުގައި އެއާޕޯޓު އެޅުމަށް ވެސް އަޅުގަނޑު ހަމަ 100 ޕަސެންޓު ތާއިދެވެ. ނަމަވެސް، މިހާ ކައިރި ދެ ސަރަހައްދުގައި މިފަދަ އެއްވައްތަރުގެ ބިޔަ ދެ އިންވެސްޓްމެންޓު ކޮށްގެން އިގްތިސޯދީ ގޮތުން ދެކޮޅުޖައްސާނެ ގޮތުގެ ފޯމިއުލާ، އަޅުގަނޑުމެންގެ އިކޮނޮމިކް މިނިސްޓަރާއި، ކޮންސްޓްރަކްޝަން މިނިސްޓަރާއި، ހުދު ރައީސުލްޖުމްހޫރިއްޔާވެސް ރައްޔިތުންނަށް ތަންކޮޅެއް ތިލަކޮށް ސާފުކޮށް ދެއްވުމަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.