Support Us

އިގުތިސާދު އިނދަޖެހުނީ ކުރީ ސަރުކާރުގެ 129 ބިލިއަން ރުފިޔާގެ ދަރަނި އޮތުމުން: ރައީސް މުއިއްޒު

ރާއްޖޭގެ އިގުތިސާދު އިނދަޖެހިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދައްކަންޖެހޭ 129 ބިލިއަން ރުފިޔާގެ ބޮޑު ދަރަނި ނުދައްކައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދެކުނުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ގދ. ފަރެސްމާތޮޑާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގުތިސާދު އޮތީ އުނދަގޫ ހާލަތެއްގައި ކަމަށެވެ. އެގޮތުން ރައީސް ސޯލިހްގެ ސަރުކާރުން ބޭރުގެ ގައުމުތަކަށް ދައްކަންޖެހޭ 120 ބިލިއަން ރުފިޔާގެ ދަރަނީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ރައްޔިތުންނަށް ދައްކަންޖެހޭ ނުވަ ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.

"މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރިމަތިވެފައި އޮތީ ކުރީގެ ސަރުކާރު ނިމިގެންދިޔަ އިރުގައި ކުރިމަތިކޮށްފައި ދިޔަ އިގުތިސާދީ ހާލަތު،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ ނުވަ ބިލިއަން ރުފިޔާއަކީ ފެނަކަ އާއި މިފްކޯ ފަދަ ސަރުކާރުގެ ބޮޑެތި އެހެން ކުންފުނިތަކުން ރައްޔިތުންނަށް ދައްކަންޖެހޭ ފައިސާ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އަދި އެނޫން ވެސް އެހެން މިނިސްޓްރީތަކުން ރައްޔިތުންނަށް ދައްކަންޖެހިފައި ނުދައްކާ ހުރި ފައިސާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ފައިސާއަކީ މިއަަދުގެ ސަރުކާރު އައިސްގެން ތަންތަނަށް ދައްކަންޖެހި، ރައްޔިތުންނަށް ދަރާފައި ހުރި ފައިސާ ނޫން ކަމަށް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި ދެންނެވި (ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދައްކަންޖެހި ނުދައްކާ ހުރި ދަރަނި) ފައިސާ ނުދައްކާ އޮތީމަ ރާއްޖޭގެ އިގުތިސާދު އެހާ ބޮޑަށް އަނދަވަޅަކަށް ވެއްޓިފައި އޮތީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުގެ ދަރަނިތައް ދެއްކުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން ގެންދަނީ އިތުރަށް ފައިސާ ޗާޕްނުކޮށް ކަމަށާއި ފައިސާ ޗާޕްކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. ނަމަވެސް އެގޮތަށް ފައިސާ ޗާޕްކޮށްގެން ދުވަހަކު ވެސް އިގުތިސާދު ނަގާ ކޮޅަށް ނުޖެހޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ވަރަށް ފަސޭހަ ގޮތް އަޅުގަނޑުމެންނަށް ވެސް ފައިސާ ޗާޕްކުރަން. ފައިސާ ހަމަ ޗާޕްކުރަންވީނޫންތޯ ކޮށްފަ ހަފަމަ މިއިސާ ވެސް ދައްކަން. އެކަމަކު އޭރުން ހަމަ އަނެއްކާ ވެސް އިތުރު އަނދަވަޅަކަށް އިގުތިސާދު އެ ވެއްޓެނީ. ދުވަހަކު ސަލާމަތް ނުވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅާ އެެއްގޮތަށް މި ސަރުކާރުން މި އަހަރު ޖެނުއަރީން ފެށިގެން ފައިސާ ޗާޕްކުރުން ހުއްޓުވާލައްވާފައިވާކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި މި ރާއްޖޭގައި އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕު ނުކުރާ ވަރަށް ފައިސާ ޗާޕްކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބޭރުގެ ދަރަނިތަކަށް ދައްކަން ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑުގައި ޖަމާކޮށްފައި ހުރި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ކުރީގެ ސަރުކާރުން މާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު ކުރިއަށް އޮތް ދެ އަހަރު ބޮޑެތި ލޯންތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަށްޓަކައި އެ ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ފަށައިފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ވެރިކަމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ އިގުތިސާދު އޭރު އޮތް ހާލަތު އެނގިވަޑައިގެން، އެކަން ރައްޔިތުންނަށް ހުށަހެޅުއްވުމުން ރައްޔިތުން އެ ޒިންމާ ހަވާލުކުރެއްވީމާ ކަމަށެވެ. އަދި މި ސަރުކާރުން އެ ޒިންމާ އަދާކުރައްވަމުން ގެންދަނީ ދެ ފުށްފެންނަ ގޮތަށް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިގުތިސާދު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު ކަންކަން ހުރި ހާލަތް ބަޔާންކޮށްދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދައްކަންޖެހޭ ނުވަ ބިލިއަން ރުފިޔާގެ ތެރެއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައްކާ، އިތުރަށް ދައްކަން ޖެހޭ ފަރާތްތަކަށް ވެސް އެ ފައިސާ ދެއްކުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

މީގެ އިތުރުން އިގުތިސާދު ނަގާކޮޅަށް ޖެހުމަށް މިސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތު އައިއެމްއެފުން ވެސް ބަލައިގެންފައިވާކަން ފާހަގަކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތަރައްގީވެސް ގެންނަމުން ދައްކަން ހުރި ފައިސާ ވެސް ދައްކަމުން އިގުތިސާދު ހަރުދަނާ ކުރަމުން އިގުތުސާދަށް އިތުރަށް ފައިސާ ވަންނާނެ އިތުރު ދޮރުތައް ހުޅުވަމުންދާނަަމަ ދެން ފެންނާނީ ތިޔާގި ދުވަސްތަކެއް ކަމަށެވެ.

އެެގޮތުން ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިންޓަނޭޝަނަލް އެއާޕޯޓްތައް ހުޅުވައި އިތުރު އިންޓަނޭޝަނަލް އެއާޕޯޓްތައް ހުޅުވައި، ނުނިމި ހުރި ރިސޯޓްތައް ނިންމޭނެ މަގުތައް ފަހިކޮށްދެއްވާނެ ކަމަށާާއި ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ގެންނައުމަށް އިންޓަނޭޝަނަލް ފައިނޭޝަނަލް ސާވިސް ސެންޓަރުތައް އުފެއްދުމަށް މަގުފަހިކުރުމަށް ހާއްސަ އޮތޯރިޓީއެއް ގާއިމްކޮށްފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އެސްއީޒެޑްގެ ގާނޫނު ތަންފީޒު ކުރަން ފަށައި އެކަމަށް ޕްރޮޕޯޝަލްތައް ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މީގެން ފެންނާނީ ކުރިއަށް އޮތް ދުވަސްތަކުގައި މިއަހަރު ތެރެއިން ފެށިގެން ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެންގެ ރައްޔިތުން މުއްސަނދިވެގެންދާތަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް