Support Us

ނަތަންޔާހޫ އިސްތިއުފާ ދިނުމަށް އިސްރާއީލުގެ މަސައްކަތު މީހުންގެ ޖަމްޢިއްޔާގެ ވެރިޔާ ގޮވައިލައިފި

ޙަމާސުން އޮކްޓޫބަރު ހަތެއްގައި ދިން ޙަމަލާ ހުއްޓުވުމުގައި ބޮޑުވަޒީރު ނަތަންޔާހޫ ފޭލްވެފައިވާތީ އޭނާ އިސްތިޢުފާ ދިނުމަށް އިސްރާއީލުގެ މަސައްކަތު މީހުންގެ ޖަމްޢިއްޔާ (ހިސްތަދުރޫތު)ގެ ވެރިޔާ އަރްނޫން ބާރު ޑޭވިޑް ގޮވައިލައިފިއެވެ. އޭނާ އިންޒާރު ކުރި ގޮތުގައި ނަތަންތާހޫ އިސްތިޢުފާ ނުދީފިނަމަ ސަރުކާރާ ދެކޮޅަށް ބާއްވަމުންދާ މުޒާހަރާތަކުގައި އެ ޖަމްޢިއްޔާ ބައިވެރިވާނެއެވެ.

ބާރު ޑޭވިޑް ނޫސްވެރިންނާ ބައްދަލުކޮށް ބުނިގޮތުގައި މި ސަރުކާރު ވަނީ "އަހުރެމެންގެ މައްޗަށް މުޞީބާތްތައް ފާކޮށްފައެވެ." އަވަހަށް ޢާންމު އިންތިޚާބު ބާއްވައި އައު ސަރުކާރެއް ޤާއިމުކުރުމަށް އޭނާ ގޮވައިލިއެވެ.

އޭނާ ހާމަކުރި ގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫއާއި މާލީ ވަޒީރު ސުމޫތުރިޗާ ވާހަކަދައްކައި ސަރުކާރުގެ ބަޖެޓް މުރާޖާ ކުރުމަށް ނަސޭހަތްދިން ކަމަށް ބުންޏެވެ. ހަނގުރާމައަށް ޓަކައި ބޭނުންނުވާ އޮފީސްތައް ބަންދުކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ. އޭނާގެ މި ނަސޭހަތް އެ ދެމީހުން ނޭހި ކަމަށް ވެސް ބާރު ޑޭވިޑް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭނާ އިންޒާރުކުރި ގޮތުގައި ސަރުކާރާ އިދިކޮޅު މުޒާހަރާތަކުގައި ހިސްތަދުރޫތު ބައިވެރިވެއްޖެނަމަ އިސްރާއީލުގެ އިޤްތިޞާދުގެ ވަރަށް ބޮޑު ބައެއް ހުއްޓިގެންދާނެއެވެ.

އަނެއްކޮޅުން ބަލާއިރު ޙަމާސުން ހިފަހައްޓައިފައި ތިބި އިސްރާއީލުގެ އަސީރުންގެ ޢާއިލާތަކުން ސަރުކާރާ ދެކޮޅަށް ހަޅުތާލެއް ފެށުމަށް ހިސްތަދުރޫތަށް ދަނީ ގޮވައިލަމުންނެވެ. އެއީ ޙަމާސާއެކު އަސީރުން ބަދަލުކުރުމާބެހޭ އެއްބަސްވުމެއް އަވަހަށް ހެދުމަށް ބާރުއެޅުމަށް ޓަކައެވެ.

އިސްރާއީލުގައި އިއްޔެ ބޭއްވި މުޒާހަރާތަކުގައި ސަރުކާރަށް ވަނީ އިސްތިޢުފާދިނުމަށާއި އަވަހަށް ޢާންމު އިންތިޚާބު ބޭއްވުމަށް ގޮވައިލައިފައެވެ. ނަތަންޔާހޫގެ ގޭގެ ކުރިމަތީގައި މުޒާހަރާކުރި މީހުންގެ ތެރެއިން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މުޒާހަރާ ކުރަމުންދާ މީހުން ދަނީ އިސްރާއީލުގެ ބޮޑެތި މަގުތައް ވެސް ބަންދުކުރަމުންނެވެ. ފުލުހުން އިންޒާރުދޭ ގޮތުގައި މަގު ބަންދުކޮށް ބާއްވާ މުޒާހަރާތައް ވަގުތުން ރޫޅައިލެވޭނެއެވެ. އަދި މި ފަދަ މުޒާހަރާތައް އިންތިޒާމުކުރާ މީހުން ހައްޔަރުވެސް ކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *