Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރާއްޖެ ބަނގުރޫޓު ކުރީ ރައީސް ސޯލިހާއި އެމް.ޑީ.ޕީ އާއި އިންޑިއާ އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރ މުނޫ މަހާވަރު، ފެބްރުއަރީ 13 ވަނަ ދުވަހުު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އިދިކޮޅު އެމް.ޑީ.ޕީ އަށް މަޖުލިސް އިންތިހާބު ކާމިޔާބު ކޮށްދެއްވަން، ހީލަތްތެރި ކެމްޕެއިނަކަށް ކުރެއްވި ދަތުރުފުޅެއްކަމަށް މި ކޮލަމުގައި ލިއުނުލިއުން ވެެގެން ދިޔައީ އިންޑިއާގެ ސިޔާސީ ރޭވުމަށް އެޅުނު "ބޮމަކަށެވެ". އިންޑިއާ އިން ދިވެހި ރާއްޖޭގެ އެތެރޭގެ މަޖުލިސް އިންތިހާބަށް ނުފޫޒު ފޯރުވަން ރާވައިފައި އޮތް ރޭވުން ފަޅާއެރުމުން ދިވެހި ސަރުކާރަށް މިކަން އޮޅުވާލުމަށްޓަކައި އިންޑިއާއިން ކުރި ކަމަކީ އެމެރިކާ މެދުވެރިކޮށް، ޖަޕާނަށް އަންގައިގެން، ޖަޕާނު އެމްބެސެޑަރ ލައްވާ، ވަރަށް އަވަސް އަރުވާލާފައި ކުއްލިއަކަށް އައްޑޫ ސިޓީއަށް ދަތުރެއް ކުރުވުމެވެ. ޖަޕާނާއި އެމެރިކާ އާއި އިންޑިއާ އަކީ ބައިނަލްއަޤްވާމީ ސިޔާސަތުގައި ވަރަށް އެއްގޮތް ތިން ޤައުމެވެ. އިންޑިއާ ކަނޑުގައި އެމެރިކާ އާއި ހުޅަނގުގެ އެޖެންޑާ ފެތުރުމުގެއި، ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރަން އިންޑިއާ އަށް އެންމެ ބޮޑަށް އެހީތެރިވެ، މަކަރުވެރި ރޭވުންތައް ރާވައިދޭ ޤައުމުތަކަކީ އެމެރިކާ އާއި ޖަޕާނެވެ.

ޖަޕާނުގެ ސަފީރު ޓަކޫޗީ މިޑޯރީ އައްޑޫ ސިޓީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުން އިންޑިއާ ސަފީރުގެ ދަތުރުފުޅަކީ ސިޔާސީ ބޭނުންފުޅެއްގައި ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށް ދައްކަން މިހާރު ފަސޭހަވާނެއެވެ. އިންޑިއާ ސަފީރުގެ ދަތުރުފުޅުގެ ވާހަކާގައި މަތިޖެހުނީއެވެ! ނަމަވެސް، ބައިނަލްއަޤްވާމީ މިފަދަ ކަންކަން އެނގި ހުރި، މިކޮލަމަށް މައުލޫމާތުދޭ މަސްދަރަކުން ބުނިގޮޮތުގައި އިންޑިއާ އާއި އެމެރިކާ ގުޅިގެން މި ސަރަހައްދުގައި މިހާރު ކުރާ އެންމެ މުހިއްމު އެއް މަސައްކަތަކީ ދިވެހި ރާއްޖޭގައި ކުރިއަށް އޮތް މަޖުލިސް އިންތިހާބު އިދިކޮޅު އެމް.ޑީ.ޕީ އަށް ނަގައިދިނުމުގެ މަސައްކަތެވެ. މިކަމަށް މިލިއަނުން ފައިސާ ހަރަދުކޮށް، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ދޮގު މައުލޫމާތާއި ޕްރޮޕެގެންޑާ ފެތުރުން ހިމެނޭ ކަމަށް އެ މަސްދަރުން މައުލޫމާތުދެއެވެ.

އިންޑިއާގެ ބީ.ޖޭ.ޕީ ސަރުކާރާ ގުޅުން ހުރި އެކިއެކި އޮންލައިން ނޫސްތަކާއި ޔޫޓިއުބް ޗެނެލް ތަކާއި، ޓްވިޓަރ (އެކްސް) އެކަންއުންޓުތައް ފަދަ އެކި ވަސީލަތްތަކުން ކެނޑިނޭޅި ދިވެހި ރާއްޖޭގެ އަގު ވައްޓާލަން ދޮގު ހަބަރުރުތައް ފެތުރުން މިހާރުވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. ރާއްޖޭގެ ރިސޯޓްތަކުގައި އަންހެނުންނަށް ރައްކާތެރިކަމެއް ނެތޭ، ރިސޯޓްތައް މާ އަގު ބޮޑޭ، ރިސޯޓް ތަކުގެ ހިދުމަތްތައް ކަމަކު ނުދެއޭ ކިޔައިގެން އަގޯޑާ އާއި ބުކިންޑޮޓްކޮމް ފަދަ ޓްރެވެލް ވެބްސައިޓުތަކުގައި އިންޑިއާ މީހުން ލައްވާ ފޭކް ކޮމެންޓްތައް ލިއުއްވައި، ރައީސް މުއިއްޒު އަޒުލް ކުރަން ވަރަށް ކައިރިވެއްޖެ ކަމަށް ލިޔެ، ދިވެހި ރާއްޖޭގެ އަގު ވައްޓާލަން އިންޑިއާ އިން ދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ.

އެގޮތުން، އިންޑިއާ އަޑީގައި އޮވެެގެން މިހާރު އެންމެ ބޮޑަށް ފަތުރަމުންދާ ދޮގު ހަބަރަކީ ދިވެހި ރާއްޖެ ބަނގުރޫޓުވެ، ދައްކަން ޖެހިފައިވާ ލޯނުތައް، ކަނޑައެޅިފައިވާ ތާރީހުތަކަށް ދެއްކޭނެ ގޮތް ނެތިފައިވާ ކަމަށާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ލޯނެއް ނަގައި، އައި.އެމް.އެފްގެ ހަރުކަށި އިގްތިސޯދީ އެޖެންޑާގެ ތެރެއިން ރާއްޖޭގެ އިގްތިސޯދު ހިންގަންޖެހޭ ގޮތަށް އައި.އެމް.އެފްގެ ބެއިލް-އައުޓް އަށް ރާއްޖެ ދާން މަޖުބޫރުވެފައިވާ ކަމަށް ބުނެ، އިންޑިއާގެ އެކި މީޑިއާ ތަކުން ފަތުރަމުންދާ ދޮގު ހަބަރެވެ.

އެއްވެސް އަސާސެއް، އަސްލެއް ނެތް ގޮތުގައި މި ދޮގު ހަބަރު ފެތުރުމުގައި ދިޔަވަރު-ޑޮޓްކޮމް އާއި ކުރުސީ-ޑޮޓްކޮމް ފަދަ، ދިވެހި އޮންލައިން ނޫސްތަކާއި، ހަސަން ކުރުސީ ފަދަ ދިވެހި ޓްވިޓަރ ހެންޑުލް ތަކުންނާއި، އެމް.ޑީ.ޕީ އަށް ތާއީދު ކުރާ އެކިއެކި ދިވެހި އެކްޓިވިސްޓުން ގެންދަނީ އެއްވެސް ލަދެއް ނެތި އަމިއްލަ ޤައުމު ޤަރުބާންކޮށް، އިންޑިއާއާ ބައިވެރިވަމުންނެވެ.

ރާއްޖެ ބަނގުރޫޓުވެގެން އައި.އެމް.އެފްގެ ބެއިލް-އައުޓަށް ދާންޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް އިކޮނިމިކް މިނިސްޓަރ ފަދަ ދިވެހި ސަރުކާރުގެ އެކި ފަރާތްތަކުން ބުނަމުންދާ އިރުވެސް އިންޑިއާ އާއި އެމް.ޑީ.ޕީގެ ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި މި ދޮގު ހަބަރު ފަތުރަމުންނެވެ. ބޭނުކަމީ ރާއްޖެއަށް އިންވެސްޓް ކުރަން ތައްޔާރަށް ތިބި ބޭރުގެ އެކިއެކި އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ އަގު ވައްޓާލައި، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި، އިންވެސްޓަރުން ރާއްޖެ ނާންނަ ގޮތް ހަދައި، ފަތުރުވެރިން އައުން މަދުކޮށް، ދިވެހި ސަރުކާރުގެ އަގު ވައްޓާލައި، ރައްޔިތުންގެ ކުރިމަތީގައި ދިވެހި ސަރުކާރުގެ އިތުބާރު ގެއްލުވާލައި، މަޖުލިސް އިންތިހާބުގައި އެމް.ޑީ.ޕީ އަށް ތާއިދު ހޯދުމެވެ.

ރާއްޖެ ބަނގުރޫޓުވެއްޖެ ކަމަށް ފަތުރަމުން މިދާ ވަހާކައާ ގުޅިގެން ފާހަގަކޮށްލަން ޖެހޭ ދެތިން ނުކްތާ އެބައޮތެވެ. ފުރަތަމަ ކަމަކީ 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތުމުން ވެރިކަމުން ދުރުވެވަޑައިގަތީ ދިވެހި ދައުލަތުގެ ސޮވެރިން ފަންޑުގައި ހުރި ޑޮލަރުތައް މާރު ކުރައްވައި އެފައިސާ ހަރަދު ކުރައްވައި، އެއްވެސް ސުމާރެއް ނެތި ބޮޑުއަގުގައި ބިޑްތައް އިންޑިއާގެ ކުންފުނި ތަކަށް ދެއްވައި، ޕްރޮޖެކްޓްތަކުގެ އަސްލު އަގުގެ އެތައް ގުނަޔަކުން އިންޑިއާ އިން ލޯނު ނަންގަވައި، ދިވެހި ދައުލަތް ދަރުވާ ލައްވާފައި ކަމެވެ. އެންމެ ކުޑަމިނުން ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހުގެ ކުރީރޭ ވެސް ސަރުކާރު އޮފީސްތައް ހުޅުއްވައިގެން ރައީސް ސޯލިހު، ފަޅު ރަށާއި ފަޅުތައް ނުއަގުގައި ވިއްކަވައި، ގާތް މީހުނަށް ބެއްސެވި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ފެނަކަ ފަދަ، ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏަކަށް ސިޔާސީ ބޭނުމަށް އެތައް ގުނައަކުން މުއައްޒަފުން ލައިގެން، ބޭކާރު ޕްރޮޖެކްޓްތައް ހިންގައި، އެ ކުންފުނިތައް ވަނީ ކުރީ ސަރުކާރުން ދަރުވާލާފައެވެ. ސިއްހީ ދާއިރާ އޮތީ އިންޑިއާގެ އުނގުގައި އޮތް ބިޔަ ބޮޑު ވަޅުގަނޑަކަށް ވައްޓާލާފައެވެ. މަސްވެރިން އަތުން މަސް ގަނެފައި މަސްވެރިންނަށް ދޭން ހުރި އެތައް މިލިއަން ރުފިޔާގެ ފައިސާ ކުރީ ސަރުކާރުން ހުރީ ނުދީއެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުނު ނަމަ ރާވާފައި އޮތީ މުޅި ޤައުމު އިގްތިސޯދީ ގޮތުން އިނދަ ޖައްސާލުމަށް ފަހު އިންޑިއާ އިން ބެއިލް އައުޓް ކޮށް، އިންޑިއާގެ ކިބައިން ކުރިއަށް އޮތް ބައި ގަރުނުގައި ވެސް އިންޑިއާގެ ކިބައިން ރާއްޖެ ސަލާމަތް ނުވާ ވަރަށް އިގްތިސޯދީ ގޮތުން އިންޑިއާ އަށް މި ޤައުމު އަޅުވެތިކޮށް، ދިފާއި އަދި ސިޔާސީ ގޮތުން ވެސް އިންޑިއާގެ ޕަޕެޓް ސަރުކާރެއް މި ރާއްޖޭގައި ޤާއިމް ކުރުމަށެވެ.

އިގްތިސޯދީ ގޮތުން މިވަރުގެ ވަޅުގަނޑަކަށް ދިވެހި ރާއްޖެ ވައްޓާލެއްވީ އިންޑިއާގެ އެހީގައި ރައީސް ސޯލިހާއި އެމްޑީ.ޕީ އެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި، ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ކުރީގެ ދިފާއީ ވަޒީރު މާރިޔާ ދީދީގެ މާބޮޑު އަޑެއް މިވަގުތު ނުއިވުނަސް، އިންޑިއާއާ ގުޅިގެން މިހުރިހާ ރޭވުމެއް މިހާރުވެސް ރާވަނީ ރައީސް ސޯލިހާއި ޝާހިދާއި މަރީޔާ އާއި ފައްޔާޒެވެ.

ދިވެހި ރާއްޖެ "ހަނގުރާމައެއްގެ ވިލާގަނޑުގެ ދަށުގައި" މީގެ ކުރިން ވެސް އޮތެވެ! މިއަދު މި ދިވެހި ދައުލަތް މިއޮތީ ކުރިން އޮތް ވަރަށް ވުރެ ވެސް ބޮޑު، މާ ނުރައްކާތެރި ހަނގުރާމައެއްގެ ވިލާގަނޑުގެ ދަށުގައެވެ. ރާއްޖެ ބަލިކަށިކޮށް، އިނދަ ޖައްސާލައި، ބަނގުރޫޓްކޮށް، އަޅުވެތި ކުރުމަށް އަދާވާތްތެރިކަމުގެ ކަޅިއަޅައިގެން މިތިބީ މިވަގުތު ދުނިޔޭގެ އެންމެ ބާރުގަދަ، އެންމެ ނުފޫޒު ގަދަ ޤައުމުތަކެވެ. އެއީ އެމެރިކާ، ޔޫރަޕް އަދި ހާއްސަކޮށް އިންޑިއާ އެވެ.

އެމެރިކާ އާއި އިންޑިއާ އަކީ މިވަގުތު ދުނިޔޭގެ މީޑިއާ އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކުރާ ދެޤައުމެވެ. އެހެން ކަމުން ދިފާއީ ބާރުގެ އިތުރުން، އިގްތިސޯދީ ބާރާއި، އަދި މީޑިއާގެ ބާރު ބޭނުންކޮށްގެން ދިވެހި ދައުލަތާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ދުވަސް ދުއްވާލައި، ދިވެހި ޤައުމުގެ ބާރުތައް، އިންޑިއާ ބޭނުންގޮތަކަށް ބަަދަލު ކޮށްލުމަށް އިންޑިއާ އަށް މިވަގުތު ލިބިފައިވާ އެންމެ މުހިއްމު ފުރުސަތަކީ އޭޕްރިލް މަހު ބޭއްވޭ މަޖުލިސް އިންތިހާބެވެ.

އިންޑިއާގެ ނޫސްތަކާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން، ދިވެހި ރާއްޖެއާ ބެހޭ ގޮތުން ދޮގު ވާހަކަތަކާއި ދޮގު ހަބަރުތައް ފަތުރައި، ރާއްޖޭގެ އަގު ވައްޓާލައި، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި، ރާއްޖެ އިނދަޖައްސާލަން މިކުރާ މަސައްކަތާ ދެކޮޅަށް ދިވެހި ނޫސްތަކާއި، ނޫސްވެރީންނާއި، ލިއުންތެރީންނާއި، ދިވެހި ރާއްޖޭގެ ސޯޝަލް މީޑިއާ ބޭނުންކުރާ ހުރިހާ ފަރާތަތަކުން ތެދުވެ، ހަނގުރާމައެއްގެ މިސާލުގައި ދިވެހި ޤައުމު ހިމާޔަތް ކުރަން ޖެހޭ ވަގުތަކީ މިއެވެ. ދިވެހީންގެ އަމިއްލަ ޤައުމަށް އިންޑިއާ މީހުން މަލާމާތްކޮށް، ގިއްގަޅުވާލާ އިރު ބަލަން، ފިނޑިވެފައި ތިބުމަކީ ވަރަށް ލަދުވެތި ކަމަކެވެ.

އިންޑިއާ އިސްވެ އޮވެ، އެމް.ޑީ.ޕީގެ އެހީގައި މި ޤައުމަށް ވަމުން މިދާ އައްދާރުވުމާ ދެކޮޅަށް ރައްޔިތުން ތެދުވާން ޖެހެއެވެ. އެމީހަކަށް ވީގޮތަކުން ހައްޤު ބަސް ބުނެ، ކޮންމެ ދިވެހި ދަރިއަކީ ބޮޑުތަކުރުފާނާއި އަލިރަސްގެފާނާއި ޝަހީދު ހުސެއިން އާދަމް ފަދަ ދިވެހި ދަރިއެއްކަން ސާބިތުކޮށްދޭން ޖެހެއެވެ. މޯދީ އާއި އިންޑިއާ ކުޅެން އޮތް ބޯޅައަކަށް މި ދިވެހި ޤައުމު ވާން އަޅުގަނޑުމެން ބޭނުންތޯއެވެ؟ ދިވެހި ދައުލަތަކީ ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ހޮވަން، ކަންބަޅިއެއްހެން ޤުރުބާން ކުރަން އޮތް ޤައުމެއް ނޫނެވެ. އެކަން އެހެން ވާން ނޭދޭނަމަ، އިންޑިއާ އާއި އެމް.ޑީ.ޕީގެ ހީލަތްތެރި ރޭވުމަށް ނޫނެކޭ ބުނެ، ދިވެހި ރާއްޖެ ސަލާމަތް ކުރަން ދިވެހި ހުރިހާ ރައްޔިތުން ތެދުވާންޖެހެއެވެ.