Support Us

އަމްނާ ބެހޭ މިޔުނިޚް މަހާސިންތާގައި ސައްތައެއްހާ އިސްވާރުން

 ޖަރްމަނުގެ މިޔުނިޚްގައި މިއަދު ފެށޭ އަމްނާ ބެހޭ މަހާސިންތާގައި ދުނިޔޭގެ ފަންސާހަކަށް އިސްވާރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ މި މަހާސިންތާ ބޭއްވޭ 60 ވަނަ ފަހަރެވެ. މި މަހާސިންތާގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވާ ތަފާތު ފައިލްތަކުގެ ތެރޭގައި ޣައްޒާ ހަނގުރާމައާއި ޔުކްރޭން މަސްއަލަ ހިމެނެއެވެ.

މި މަހާސިންތާ ހުޅުއްވައިދެއްވާނީ އދގެ އަމީން ޢާންމު   އެންޓޯނިޔޯ ގުޓަރެޝް އެވެ. މި ޖަލްސާގައި އެމެރިކާގެ ރައީސްގެ ނައިބާ ކަމަލާ ހެރިސްއާއި ޖަރްމަނުގެ މުސްތަޝާރު އޮލާފް ޝުލްޓްސް އާއި ޔުކްރޭންގެ ރައީސް ޒިލެންސްކީ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބޭފުޅުންގެ އިތުރަށް ސަތޭކަވަރަކަށް ވަޒީރުންނާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިސްވާރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ރަޝިޔާއަށާއި އީރާނަށް ދަޢުވަތު ދީފައެއް ނުވެއެވެ. 

ޔުކްރޭނުގެ ރައީސް ޒިލެންސްކީ އޭނާގެ ޤައުމަށް ބޭނުންވާ އެހީ ހޯއްދެވުމަށް ޓަކައި މި މަހާސިންތާގެ ބައިވެރިންގެ އަރިހުގައި އާދޭސް ދަންނަވާނެއެވެ.  

މި ދަނޑިވަޅަކީ ރައީސް ބައިޑެން ޔުކްރޭނަށް ދެއްވަން ބޭނުންފުޅުވާ އެހީގެ ޕާރުސަލާމެދު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ވަރަށް ބޮޑަށް ވާހަކަދެކެވެމުންދާ ވަގުތެކެވެ. އެމެރިކާގެ ޤާނޫނު ހަދާ ތިރިގޭގެ މެންބަރުން މި ޕާރުސަލާ ދެކޮޅުހައްދަވަމުން ގެންދަވާ ތަން ފެނެއެވެ. ޔުކްރޭން ހަނގުރާމައަށް ދެ އަހަރު ފުރި ތިންވަނަ އަހަރު ފެށެން މި ވަނީ ވަރަށް ކައިރިވެފައެވެ.  

ތިން ދުވަހުގެ މުއްދަތަށް ދެމިގެންދާ މި މަހާސިންތާއަށް ވަނީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް މިދާކަށް ދުވަހު ނޭޓޯއާ ބެހޭގޮތުން ވިދާޅުވި ބަސްފުޅުތަކުގެ ހިޔަނި އެޅިފައެވެ. އޭނާ ވިދާޅުވިގޮތުގައި ނޭޓޯގެ ޤައުމުތަކުން ގަވައިދުން ޗަންދާ ނުދައްކަވާނަމަ އެމެރިކާއިން އެ ޤައުމުތައް ޙިމާޔަތެއް ނުކުރާނެއެވެ.

މި މަހާސިންތާ ބޭއްވެމުންދާ ވަގުތަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލު ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން އެ ސަރަޙައްދުން 28 ހާސް މީހުން ޝަހީދުވެފައިވާ ވަގުތެކެވެ. އިސްރާއީލުން ވަނީ މުޅި ޣައްޒާ ތަޅައި ސުންނާފަތިކޮށްފައެވެ. 

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރޯން ވިދާޅުވާގޮތުގައި މި ބައްދަލުވުމުގެ ހަވާސާމަތީގައި މި ސަރަޙައްދުގެ ކުރިމަގާބެހޭގޮތުން މަޝްވަރާކުރުމަށް އަރަބި ޤައުމުތަކުގެ މަންދޫބުންނާއެކު ބައްދަލުވުމެއް ބޭއްވޭނެއެވެ. މި ބައްދަލުވުމުގައ އެމެރިކާ ޚާރިޖީ ވަޒީރު ބްލިންކެން ވެސް ބައިވެރިވަޑައިގަންނަވާނެއެވެ. 

މި މަހާސިންތާގެ މަސައްކަތު ތާވަލަށް ބަލާއިރު އެފްރިކާގެ ދަޅުގައި ހިނގަމުންދާ އަރާރުންތަކާއި ކާބޯތަކެތީގެ ނާމާންކަމާއި ރެފިޔުޖީންގެ މަސްއަލަތަކާއި ހުޅަނގާއި ޗައިނާގެ ގުޅުމާއި ކުރިމަގުގެ މޫސުމީ އަމާންކަމާއި ނިޔުކްލިޔަރ އަމާންކަމާ ބެހޭގޮތުން ވާހަކަދައްކާ މަޝްވަރާކުރުން ހިމެނެއެވެ. 

މި މަހާސިންތާއާ ބޭއްވޭ ވަގުތު ނޭޓޯއާ ދެކޮޅަށް އިޙްތިޖާޖުގެ މުޒާހަރާތަކެއް މާދަމާ ބޭއްވުން ވަނީ ހަމަޖެހިފައެވެ. އަދި މި މަހާ ސިންތާއާ އިދިކޮޅު މީހުން ފަރަލިކޮށް ޞުލްޙައާ ބެހޭ މިޔުނިޚް މަހާސިންތާގެ ނަމުގައި ސިންތާއެއް ބޭއްވުމަށް ވެސް ވަނީ ރާވައިފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *