Support Us

އެ ހަނދާންތައް އަބަދުވެސް އާވާނެއެވެ.

މީގެ ތިން ހަތަރު އަހަރު ކުރިއެވެ. މާލޭ އިސްކަންދަރު މިސްކިތެވެ! އަޅުގަނޑު ދިިރިއުޅުނު ގެޔާ އެންމެ ކައިރި ހުންނަ މިސްކިތެވެ! ހުރިހައި ނަމާދެއްހެން ކުރި މިސްކިތެވެ! މަދު ނަމާދެއް މެނުވީ ކޮންމެ ނަމާދަކަށް ބަންގި ގޮވުމުގެ ހައެއްކަ މިނިޓު ކުރިން އަޅުގަނޑު މިސްކިތަށް ދަމެވެ. މިސްކިތުގެ އެތެރެއިން ވާތްފަރާތު ފާރުކައިރިޔަށް ވާ ހެން ފުރަތަމަ ސަފުގެ އެންމެ ކޮޅު ޖާގަ ފުރިހަމަ ކުރެއްވީ ޒުހުދުވެރި އަޅުވެރިއެކެވެ. ބަލިޙާލުކޮޅުގައި ވެސް އެންމެނަށް ވުރެ ކުރިން މިސްކިތަށް ވަޑައިގެން އެ ޖާގަ ފުރުއްވައެވެ. އެއީ ޚުދު އެ ބޭފުޅަކަށް ޚާއްޞަ މަގާމުފުޅެކޭ ވެސް ދަންނަވާ ހިތްވެއެވެ. އަޅުގަނޑު މަސްޖިދު ސުންނަތަށް ފެށުމުގެ ކުރިން ކޮންމެ އިރަކު ވެސް ބަލައިލަމެވެ. ހަމަ ބަލައިލުމާ އެކު ހިނިތުންވެވަޑައިގަތުމަށް ފަހު އަޅުގަނޑާ ސަލާމް ކުރައްވަން އަތްޕުޅު ދިއްކުރައްވައެވެ. ސަލާމް ކުރުމުން ޙާލު އައްސަވައެވެ! އަޅުގަނޑުގެ ވެސް އަހަމެވެ. ކޮންމެ ފަހަރަކު ވެސް ވިދާޅުވާނީ "އަލްޙަމްދިލިﷲ! ރަނގަޅު އިނގޭތޯ" ދެން ދޭތެރެއަކުން އެކެޑަމީގެ މަސައްކަތްތަކާ މެދުގައްޔާއި ބަހުގެ ކަންކަމާ މެދު ޚިޔާލު ބަދަލުކުރައްވާނެއެވެ.

ނަމާދު ވަގުތުތައް ފިޔަވައި މިސްކިތުގައި ހޭދަކުރެއްވީ ހުރިހައި ވަގުތެއް އަޅުގަނޑު ދުށީ ޤުރުއާން ކިޔަވައިވިދާޅުވުމުގައްޔާއި ޒިކުރު ކުރެއްވުމުގައި އިންނެވި ތަނެވެ. ނަމާދުތަކަށް ބަންގި ގޮވުމުގެ ގައިމުވެސް ވިއްސަކަށް މިނިޓު ކުރިން މިސްކިތަށް ވަޑައިގެން އަބަދުވެސް އިށީނދެވަޑައިގަންނަވާ ތާނގައި އިށީނދެވަޑައިގެން އަޅުކަމާއިގެން މަޝްޣޫލުވެވަޑައިގަނެއެވެ! މި ދައްކަނީ ކުޑަ އިރުކޮޅުތަކެއްގެ ވާހަކައެއް ނޫނެވެ! ނަމާދުގެ ކުރީގައްޔާއި ފަހުގައި އެތައް އިރެއް ވާންދެން މިސްކިތުގައި އިންނަވައެވެ. ދުޢާކުރެއްވުމުގައެވެ! ޤުރުއާން ކިޔަވައިވިދާޅުވުމުގައެވެ! ޒިކުރުކުރެއްވުމުގައެވެ!

ހެޔޮކަމާއި ގެންގުޅުވާ އިހުސާންތެރި ސިފަފުޅުގެ ސަބަބުން މިސްކިތަށް އަރާ އެންމެންހެން ވަރަަށް ލޯބިވާ ގާތް ބޭފުޅަކަށް އެ ބޭފުޅަކު ވިއެވެ.

އެންމެނާ ސަލާންކަލާން ކުރެއްވުމަކީ އާދަފުޅެކެވެ! އެއީ ދުނިޔެމީ އެއްވެސް ތަނެއް ނޫންކަން އަބަދު ވެސް ގަބޫލުފުޅުކުރެއްވި ހިތްޕުޅު ތިރި އިންސާނެކެވެ!

އެއީތޯއެވެ! އަޅުގަނޑުގެ ލޮބުވެތި އަޚް މުޙައްމަދު ޝަހީބުގެ ލޮބުވެތި ބައްޕައެވެ. އަޅުގަނޑުމެންގެ ނަމުން ނަމަ ސަޢީދުބެއެވެ. ރީތި ސަޢީދެވެ. އާދޭހެވެ! ހ. ރީތިގަސްދޮށުގޭ އަލްމުޙްތަރަމް ސަޢީދު ޙުސައިނެވެ.

މިއަދު ކުލިއަކަށް އިވުނު ޚަބަރުން ހިތް ހުއްޓުނު ފަދައެވެ! ސަޢީދުބެ އަވަހާރަވި ޚަބަރެވެ! އަޑު އެހީ ފުން ހިތާމައާ އެކުއެވެ. ކަރުނައިން ފެންކަޅިވިއެވެ.

ސަޢީދުބެ ދަސްކޮށްދެއްވީ ވަގުތަކީ ކުރުއެއްޗެއް ކަމެވެ. ހަޔާތުގެ ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރުމުގެ ބޭނުންތެރިކަމެވެ!

އިންސާނީ ގުޅުންތަކުގެ އުފަލަކީ ހިނިތުންވުމާއި ސަލާންކަލާންކުޅައުން ކަމެވެ.

ސަޢީދުބެ މިއަދު ނެތްކަމުގެ ފަޅުކަން އިސްކަންދަރު މިސްކިތުގެ ފުރަތަމަ ސަފު އިހުސާސްކޮށް ކަރުނައަޅާނެއެވެ. އެ ހަނދާންތައް އަބަދުވެސް އާވާނެއެވެ. ސަޢީދުބޭގެ ފުރާނަފުޅު ޖަންނަތުލްފިރުދައުސްގައި ލައްވާށިއެވެ! އާއިލާއަށް ކެތްތެެރިކަން މިންވަރުކުރައްވާށިއެވެ!

މި ދުޢާ މިހެން ވެވޭނޭ ކަރުނުން ދެލޯ ފުރޭނޭ

އެ ހަނދާން އަބަދު ދިރޭނޭ ޒިކުރާ މިހެން ވެވޭނޭ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *