Support Us

ހަނގުރާމަޔާ ބެހޭ ކެބިނެޓްގެ ޖަލްސާއިން އިސްރާއީލުގެ ދިފާޢީ ވަޒީރު ރުޅިއައިސްގެން ނުކުމެއްޖެ

ޣައްޒާގައި ޙަމާސުން ހިފަހައްޓައިފައި ތިބި އަސީރުން މިނިވަންކުރުމާބެހޭ ގޮތުން ޙަމާސާއެކު ހަދާ ޑީލުގައި ހިމެނޭ ޙަމާސްގެ ޝަރްޠުތަކާމެދު މަޝްވަރާކުރުމަށް ރޭ ބޭއްވި އިސްރާއީލުގެ ހަނގުރާމަމަތީ ކެބިނެޓްގެ ބައްދަލުވުމުން ދިފާޢީ ވަޒީރު ގެލެންޓާއި ޗީފް އޮފް ސްޓާފް ހެލިވީ ރުޅިއައިސްގެން ނުކުމެއްޖެއެވެ.

މި ބައްދަލުވުން ބާއްވަމުން ދިޔައިރު އަސީރުންގެ ޢާއިލާތަކުން އިސްރާއީލުގެ ދިފާޢި ވުޒާރާ ހުންނަ މަގު ބަންދުކޮށް ސަރުކާރާ ދެކޮޅަށް އިޙްތިޖާޖު ކުރިއެވެ. 

އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި ކެބިނެޓްގެ ޖަލްސާއެއް ދެން ބޭއްވޭނީ މި ފެށޭ ހަފުތާގައެވެ.

ކެބިނެޓްގެ މި ބައްދަލުވުމާ ބެހޭގޮތުން ރަސްމީ ބަޔާނެއް ނުނެރެއެވެ. އެހެނަސް މި ރޭޑިއޯ ބުނާގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫ ބޭނުންވަނީ ޙަމާސަށް ފިއްތުމަށް ޓަކައި ރަފަޙުގައި ޢަސްކަރީ ޙަމަލާތަކާއި ހަނގުރާމަ ކުރިއަށް ގެންދިޔުމަށެވެ. ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ އިދިކޮޅު ވަޒީރު ބެނީ ގެންޓްސް ބޭނުން ވަނީ އަސީރުންގެ މަސްއަލައަށް އިސްކަންދިނުމަށެވެ. 

އަސީރުންގެ މަސްއަލައިގައި އިސްރާއީލުގެ ވަރަށް ގިނަ ސިޔާސީ މީހުންނާއި އިސްރާއީލުގެ ޢާންމުން ދަނީ ބޮޑުވަޒީރު ނަތަންޔާހޫއާ ދެކޮޅަށް ފާޑުކިޔަމުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންނެވެ. 

އިސްރާއީލަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވަނީ ނަތަންޔާހޫގެ ހަރުކަށިކަމާމެދު ނުރުހުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސިޔާސަތާ ވޮޝިންގްޓަނުން ކުރަމުންދާ މަސައްކަތާ ތަޢާރުޟު ވެއެވެ.

އިސްރާއީލުގެ އަސީރުންގެ ޢާއިލާތަކުން ސަރުކާރަށް ގޮވައިލަމުން ދަނީ އަސީރުން ބަދަލުކުރުމާ ބެހޭ ޑީލް އަވަސްކުރުމަށެވެ. އެމީހުން ބުނާގޮތުގައި ޑީލަކާ ހަމައަށް އަވަހަށް ނުދެވުމަކީ އެމީހުންގެ ދަރިންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމެވެ. 

 މި މުޒާހަރާއާ އިދިކޮޅު މުޒާހަރާއެއް ޤުދްސުގައި ރޭ ބޭއްވިއެވެ. މި މުޒާހަރާގެ ބައިވެރިން އިސްރާއީލު ސަރުކާރަށް ގޮވައިލީ ޙަމާސާއެކު އަސީރުން ބަދަލުކުރުމުގެ ޑީލް ނުހެދުމަށެވެ. އިސްރާއީލުގެ ލަޑުދަނޑިތައް ޙާޞިލް ކުރެވެންދެން ހަނގުރާމަ ކުރިއަށް ގެންދިޔުމަށް އެމީހުން ގޮވައިލިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *