Support Us

ފަލަސްޠީނު މީހުން ސީނާއަށް ހިޖްރަކުރުވައިފިނަމަ މިޞްރުން ފިޔަވަޅު އަޅާނެ

ފަލަސްޠީނު މީހުން މިޞްރުގެ ސީނާއަށް ހިޖްރަކުރުވައިފިނަމަ އިސްރާއީލާ ދެކޮޅަށް މިޞްރުން ފިޔަވަޅު އަޅާނެކަމުގެ ގަދަ އިންޒާރެއް ޤާހިރާއިން ދީފިއެވެ.

އިސްރާއީލުގެ ދުވަހު ނޫސް "އިސްރާއީލު ހަޔައުމު" ބުނާގޮތުގައި އިސްރާއީލުގެ ޢަސްކަރީ ޙަމަލާތަކުގެ ތެރޭގައި މި ކަން ކޮށްފިނަމަ މިޞްރާއި އިސްރާއީލާ ދެމެދުގައި ޤާއިމުކުރެވިފައިވާ ޞުލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރުން މިޞްރުން ހުއްޓައިލާނެއެވެ.

މި ނޫސް ބުނާގޮތުގައި މިޞްރުގެ މި އިންޒާރު އިސްރާއީލަށް ފޮނުވައިފާ ވަނީ މިޞްރާއި އިސްރާއީލުގެ އިސް މަސްއޫލުވެރީންގެ ބައްދަލުކުރެއްވުންތަކުގެ ތެރެއިންނެވެ. މިޞްރުގެ މި އިންޒާރު އިސްރާއީލުގެ މަސްއޫލުވެރިން ވަނީ އިސްރާއީލުގެ ސިޔާސީ އަދި ސަލާމަތީ ވެރިންނާ ހަމައަށް ގެންގޮސްފައެވެ. މިޞްރުގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ފަލަސްޠީނު މީހުން ސީނާއަށް ހިޖްރަކުރުވުމަކީ ރަތްރޮނގު ހުރަސްކުރުމެވެ.

މިޞްރުގެ މަސްއޫލުވެރިން އިސްރާއީލަށް ދިން އިންޒާރުގައި އައިސްފައި ވެއެވެ. "ފަލަސްޠީނުގެ އެންމެ ރެފިޔުޖީއެއް ސީނާއަށް ވަނަސް  ޞުލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓައިލާނަމެވެ. "

އިސްރާއީލުގެ މި ނޫސް ބުނާގޮތުގައި މިޞްރުގެ އިންޒާރަކީ ރުޅިއާއި ކަންބޮޑުވުން ހިމެނޭ މެސެޖެކެވެ. މިއީ އިސްރާއީލުގެ ތަފާތު އިސް މަސްއޫލުވެރިން ޣައްޒާ މީހުންގެ މަސްއަލަ ޙައްލުކުރުމަށް ޓަކައި ފަލަސްޠީނު މީހުން ސީނާއަށް ބޭލިދާނެކަމަށް ބުނެ ވާހަކަދައްކަމުންދާތީ މިޞްރުން ހާމަކުރި ކަންބޮޑުވުމެކެވެ. މި ވަޒީރުންގެ ތެރޭގައި އިސްރާއީލުގެ ޖާސޫސީ އިދާރާގެ ވަޒީރު ގީލާ ގިމްލިއީލާއި މާލީ ވަޒީރު ސުމްތުރިޗް ވެއެވެ.

އިސްރާއީލުގެ މުހިއްމު ޞަޚްޞިއްޔާތުތައް ބުނާގޮތުގައި މިޞްރުގެ ކަންބޮޑުވުން ނައްތައިލުމަށް ޓަކައި އިސްރާއީލުން ޙަރަކާތްތެރިވާން ޖެހޭނެއެވެ. މި މީހުން ބުނާގޮތުގައި ފަލަސްޠީނު މީހުން ސީނާއަށް ހިޖްރަކުރުވުމަކީ އަލިފާނާ ކުޅުންފަދަ ކަމެކެވެ. މި ކަމުގެ ސަބަބުން މިޞްރު– އިސްރާއީލު ޞުލްޙަނާމާ ނުރައްކަލަށް ހާސާވެދާނެއެވެ. އިސްރާއީލާ ޢަރަބިދުނިޔެއާ ދެމެދުގައި އޮތް ގުޅުމުގެ ބިންގަލަކީ މި ޞުލްޙަނާމާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *