Support Us

ފްލެޓްތައް ދޫކުރަނީ މެޑަމް ސާޖިދާ ބޭނުންފުޅާ ފަރާތްތަކަށް ކަމަށް ބުނެ ދައްކާ ވާހަކަތައް ރައީސް ދޮގުުކުރައްވައިފި

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓް، މި ސަރުކާރުން ދޫކުރަނީ ފަސްޓް ލޭޑީ ފާތުމަތު ސާޖިދާ މުހައްމަދު ބޭނުންފުޅުވާ ލިސްޓަކަށް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ "އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް އޮފީހުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު"ގައި، ފްލެޓްތަކާއި ގޯތިތައް ބެހުމަށް ހަމަޖެހިފައިވަނީ މެޑަމް ސާޖިދާ ގެންގުޅުއްވާ ލިސްޓަކަށް އަޑުތައް ފެތުރެމުންދާތީ އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ވާހަކަތަކަކީ "ސަރުކާރާ މެދުގައި ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދުމުގެ ބޭނުމުގައި ބަޔަކު ކުރަމުން ގެންދާ މަސައްކަތުން އުފެދިފައިވާ ސުވާލެއް" ކަމަށެވެ. އަދި އެކަމުގައި ދެއްވަން ބޭނުންފުޅުވާ ޔަގީންކަމަކީ އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ އާއި އެމަނިކުފާނުގެ އެއްވެސް ރައްޓެއްސެއް ވިޔަސް އަދި ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހެއް ވިޔަސް، އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން މި ސަރުކާރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް ނާރާނެ ކަމުގެ ޔަގީންކަން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި ސަރުކާރުންނެއް އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ. އެއީ ގެދޮރުވެރިކަމުގެ ފްލެޓެއް ވިޔަސް، އަދި އެހެން ކަހަލަ ހައްގެއް ކަމުގައި ވިޔަސް، އެ ހައްގަކުން އެެއްވެސް މީހަކު މަހުރޫމް ކުރުމަށް ކަމެއް ނުކުރާނެ. އެފަދަ ކަމެއް ކުރުމަށް އަޅުގަނޑު ޖާގައެއް ވެސް ނުދޭނަން،" ރައީސް ޑރ. މުއިއްޒު ބުންޏެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއި ދެފުށް ފެންނަ ގޮތަކަށް ކަމަށާއި އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ކުރާ މީހެއްގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އެކަމަށް އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ރައީސް ތަކުރާރުކުރެއްވި އެވެ.

"މިހާރު ނެރޭ ލިސްޓް، ނޫނިއްޔާ އެއްވެސް އެކަހަލަ މައުލޫމާތަކާ ގުޅޭ ގޮތުން އެ ދައްކާ ވާހަކަތަކަކީ އެއްގޮތަކަށް ވެސް ހަގީގަތެއް ހިމެނޭ ކަންކަމެއް ނޫން. އެއީ ސަރުކާރާ މެދުގައި ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިގެން، ދޮގު ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަތަކެއް،" ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދިނުމަށް ކުރީގެ ސަރުކާރުން ނިންމައިފައިވާ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން 59.6 ޕަސަންޓް މީހުންނަކީ އެ ފްލެޓްތަކަށް ޝަރުތު ހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ވަނީ ބުނެފަ އެވެ.

ފްލެޓްތައް ދޫކުރުމުގެ މައްސަލައިގައި ގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެން އެ މައްސަލަ އޭސީސީން ބަލަން ފެށުމާއެކު ފްލެޓްތައް ދޫކުރުން އޭސީސީން ވަގުތީ ގޮތުން ހުއްޓުވި އެވެ.

އޭސީސީއަށް ހުށަހެޅިފައިވާ މައްސަލައެއް ބެލުމަށްފަހު އެ ކޮމިޝަނުން ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގަށް ޖުމްލަ ގޮތެއްގައި ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރޭގައި ޝަރުތު ފުރިހަމަނުވާ ގިނަ ފަރާތްތަކެއް ހިމެނުމާއި ޕޮއިންޓް ދިނުމުގައި އިތުރަށް ޕޮއިންޓް ދިނުމާއި ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމްތަކުގެ މައުލޫމާތު ފުށުއަރާ ކަމާއި ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައެޅުމުގަ އާއި ޕޮއިންޓް ދިނުމުގައި އެއް ހަމައަކުން އަމަލްކޮށްފައިނުވާ ކަމަށެވެ. އަދި މި ކަންކަމަށް ރިއާއަތްކޮށް ގިނަ ފަރާތްތަކެއްގެ ހައްގު ގެއްލުމުގެ އިހުމާލު އެބައޮތް ކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

އެ މައްސަލަ ތަހުގީގަށްފަހު އޭސީސީން ވަނީ އެ ކަންކަމަށް ރިއާއަތް ކުރުމަށްފަހު އަލުން ފްލެޓް ދިނުން ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *