Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދެވަނަ "ޚުތުބަތުލް ޢަރުޝި"!

ރައްޔިތުންގެ މަޖުލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހެޅުއްވި ރިއާސީ ބަޔާނުގެ ފުރަތަމަ ބަސްކޮޅު ވިދާޅުވެލައްވާށެވެ:

"މީގެ 91 އަހަރު ކުރިން، 1932 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު، ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖުލީހަށް، ރަސްގެފާނު އައްސުލްތާން މުހައްމަދު ޝަމްސުއްދީން (3 ވަނަ މަހާރަދުން) ގެ ފަރާތުން އިއްވެވި ހުތުބަތުލް އަރުޝި އަކީ ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިއެއްގެ ފަރާތްޕުޅުން މި އިއްޒަތްތެރި މަޖުލީހަށް، ދިވެހި ޤައުމުގެ ހާލަތާއި ކުރިމަގުގެ ތަސައްވަރުގެ މައްޗަށް ހުށަހެޅުއްވެވި ފުރަތަމަ ބަޔާން. އެ ބަޔާނުގައި ޝަމްސުއްދީން ރަދުން ވިދާޅުވެފައިވޭ.

"އިސްލާމްދީން މަތީ ތިބެވުމަކީ ކުޑަ ނިއުމަތެއްހޭ؟ އެއަށް ވުރެ އަދުލުވެރި، އިންސާފުވެރި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި ދީނެއް ނެތްކަމީ ކަށަވަރު ކަމެކޭ. މިކަމުގެ މައްޗަކަށް އަލަކުން ދަލީލެއް ދެއްކުމެ ބޭނުމެއް ނޫނޭ.

"އަމިއްލަ ވެރިކަން މަތީގައި ތިބެވުމަކީ ކުޑަ ނިއުމަތެއްހެއްޔޭ؟ މި ޒަމާނުގައި ވެސް ބޮޑެތި ބޮޑެތެ އެތަކެއް ކަރައެއްގެ މުޅި ރައްޔިތުން ޖާނާއި މާލުން އެތިބަ ޤުރުބާން ވަނީ އެކަން ހޯދުމުގެ މައްޗަށޭ.

"އާދެ އެއްވެސް ޝައްކެއް ނެތް. އަޅުގަނޑުމެންގެ މި ދިވެހި އުއްމަތުގެ ހާލާއި މުސްތަޤްބަލް ކަނޑައެޅުމުގައި އެންމެ މުހިއްމު ދެ އަސާސަކަށް އަބަދުވެސް ވާނީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން."

މިއީ ރައްޔިތުންގެ މަޖުލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް ރައީސް ޑރ. މުއިއްޒު ހުށަހެޅުއްވި ރިއާސީ ބަޔާނުގެ ފުރަތަމަ ބަސްކޮޅެވެ. މީގެން ވަރަށް ބޮޑު އެއްޗެއް ދޭހަވެއެވެ. މި ސަރުކާރުގެ އެންމެ މުހިއްމު ދެ އަސާސަކަށް ވާނީ އިސްލާމް ދީނާއި ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން ހިމާޔަތް ކުރުންކަން މީގެން ވަރަށް ބޮޑަށް ދޭހަވެއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ހުރިހާ ރިއާސީ ބަޔާން ތަކުގައި ބެސް އެންމެ މުހިއްމު ކަމެއް ދެއްވައިގެން އަބަދުވެސް ފާހަގަ ކުރައްވާފައިވަނީ "ހަރުކަށި ފިކުރު ނައްތާލާ" ވާހަކައެވެ. ރައީސް ޑރ. މުއިއްޒު މިއަދު އިއްވެވި، އެއްގަޑި ފަނަރަ މިނިޓުގެ ރިއާސީ ބަޔާނުގައި "ހަރުކަށި ފިކުރު" މި ނަން އެންމެ ފަހަރަކު ވެސް ނުގެންނަވާކަން ފާހަގަކުރެވެއެވެ.

ހަރުކަށި ފިކުރުގެ ނަމަކީ އިސްލާމް ދީނާއި މުސްލިމުންގެ އަގު ވައްޓާލުމަށް ހުޅަނގުންނާއި، މުސްލިމުންގެ އަދުއްވުން އިޖާދުކޮށް، މުސްލިމުންގެ ކަރުގައި އަޅުވާފައިވާ ކޯރިއެކެވެ. އިންޑިއާގެ މަގުތަކުގައި އެއްވެސް ހަމައެއް ލަމައެއް ނެތި މުސްލިމުން މަރައި، އަނިޔާކޮށް، މިސްކިތްތައް ތަޅައި، މުސްލިމުންގެ ނަސްލު އިންޑިއާއިން ނައްތާލަން ގޮވުމަކީ ހަރުކަށި ފިކުރު ކަމަށް ހުޅަނގަކުން ނުބުނެއެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލު އާއްމަކީ ވެސް ހަރުކަށި ފިކުރަކަށް ނުވެއެވެ. އެހެން ކަމުން ހަރުކަށިފިކުރޭ ކިޔައިގެން، މުޝްރިކުން ރުއްސަން އެމް.ޑީ.ޕީ އާއި ރައީސް ސޯލިހު މިދިޔަ ފަސް އަހަރު ކުޅުއްވަމުން ދިޔަ ސިޔާސީ ގޭމް ރައީސް ޑރ. މުއިއްޒު މިވަނީ ނިމުމަކަށް ގެންނަވައިފައެވެ.

އެކިއެކި ކުށްތަކުގެ ތަހުގީގަށް ހައްޔަރުކޮށް، "ވާނުވާ"ގައި، ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށައި، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ގާނޫނު އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ދިވެހި މުސްލިމުންގެ ކަރުން "ހަރުކަށި ފިކުރު"ގެ ކޯރި ނެންގެވުމުގެ ގޮތުން ކަމަށް ޤަބޫލު ކުރެވެއެވެ. ދިވެހީންނަކީ އިސްލާމް ދީނަށް ލޯބިކުރާ، ދިވެހި ޤައުމަށް އީރަތްތެރި، ސުލްހަވެރި، އުފެއްދުންތެރި ބަޔަކަށް ހެދިއްޖެނަމަ އެއޮތީ ދީނާއި ޤައުމިއްޔަތު ހިމާޔަތް ކުރެވިފައެވެ.

މިއަދު ރައީސް އިއްވެވި ރިއާސީ ބަޔާނަކީ މިހާތަނަށް މި ޤައުމުގެ ވެރިއަކު ދެއްވި އެންމެ އީޖާދީ، އުފެއްދުންތެރި، ދުރު ވިސްނޭ، ބިނާކުރަނިވި ތަޤްރީރެވެ. މިއަދުގެ ރިއާސީ ބަޔާނުގެ ވަކިވަކި ބައިތަކަށް ބަލައިލުމުން، ކުރިއަށް މިއޮތް ފަސް އަހަރު ދުވަހަކީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް އުޖާލާ، އަމާން، ފާގަތި، އުފާވެރި ފަސް އަހަރުކަން ހާމަވެގެން ދެއެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ރާއްޖޭގެ އަސްކަރިއްޔާގައި ވަރަށް އަވަހަށް ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު މިއަދުގެ ބަޔާނުގައި ވިދާޅުވުމަކީ މީގެ ހެއްކެކެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ އިންޑިއާ ބޭނުން އިރަކު މިޤައުމަށް އަރައި މި ޤައުމު ހިފިދާނެ ކަމަށާއި، އެހެން ކަމުން ދިވެހީން ތިބެންޖެހޭނީ އިންޑިއާ އަށް ކުރުނީސް ކޮށްގެން ކަމަށެވެ. އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ވެސް ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވުމަކީ ވަރަށް ބޮޑު، އެހާމެ އުއްމީދީ ވާހަކަފުޅެކެވެ. މާރިޔާ ފަދަ ބޭފުޅުންގެ ކިބައިގައި ޤައުމިއްޔަތުގެ ކަންފުޅެއްވެސް ނެތްކަން މިއޮތީ ސާފުކޮށް ފެންނާށެވެ.

އިންޑިއާ ސިފައިން ދިވެހި ރާއްޖޭން ބާލާނެ ކަމަށާއި، ކުރީ ސަރުކާރުން ހެދި ސިއްރު ޑީލްތަކުން ދޫކޮށްލި ދިވެހި ކަނޑުގެ ބައި އަލުން ހޯދާނެ ކަމަށާއި، ދިވެހި ޤައުމަށް ގެއްލުންވާނެ ގޮތަށް ކުރީ ސަރުކާރުން ހަދައިފައި ހުރި ހުރިހާ އެއްބަސްވުމެއް ބާތިލް ކުރައްވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވައުދުވެެވަޑައިގަތެވެ. ޤައުމުގެ މިނިވަންކަމަށް ލޮޅުން އަރާނެ މިފަދަ އެއްވެސް ކަމައްގައި އެއްވެސް ބަޔަކަށް ދޫނުދެއްވާނެ ކަމުގައި ރައީސް ވަރަށް ޖޯޝާއެކު ވިދާޅުވުމަކީ ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިތަކުވެސް ތަރުހީބާ އެކު ތާއީދު ކުރާނެ ވާހަކައެކެވެ. ނަމަވެސް އެއްވެސް އަސާސެއް ނެތް ކުދި އުޒުރުތައް ދައްކައި، މަޖުލިސް ބޮއިކޮޓް ކުރި އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް އިން މިއަދު ދައްކުވައިދިނީ އެ ދެ ޕާޓީ އަކީ އިންޑިއާއިން ފަންޑު ލިބިގެން، އިންޑިއާގެ މަސްލަހަތު ހިމާޔަތް ކުރުމަށް ތިބި އިންޑިއާގެ ޕަޕެޓުން ކަމެވެ.

މިފަސް އަހަރު ނިމޭއިރު ގޯއްޗެއް ނުވަތަ ފްލެޓެއް ފަދަ އަމިއްލަ ބޯހިޔާވަހިކަމެއް ނުލިބޭ އެންމެ ދިވެއްސެއްވެސް ނުހުންނާނެ ގޮތަށް ހާއްސަ ދަފްތަރެއް އެކުލަވާލައި، ހުރިހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު މިއަދު ތަކުރާރު ކުރެއްވި ވައުދަކީ ހަމައެކަނި އޭގެ ބޭރުފުށުން ފެންނަން އޮތް "ބޯހަޔާވަހިކަމުގެ" ވައުދެއް ނޫނެވެ. އެއީ ދިވެހި ކޮންމެ ރައްޔިތަކީ މި ދިވެހި ބިމުން ކޮންމެވެސް މިންވަރެއްގެ ބިންކޮޅެއް މިލްކުވެގެންވާ، ދިވެހި ބިމުގެ، ދިވެހި ޤައުމުގެ ހަޤީޤީ ހިއްސާދާރުންނަށް ހެއްދެވުމުގެ ދުރުރާސްތާގެ ޕްލޭނެވެ. މިއީ އެމްޑީޕީ އާއި ދަޑިމޮކްރެޓްސް ނުރުހުނަސް ދިވެހި ރައްޔިތުން އުފާ ކުރާނެ ވައުދެކެވެ.

ތަފާސްހިސާބުތަކާއި، ތަފްސީލާ އެކު ރައީސް ވިދާޅުވެ ދެއްވި ގޮތުގައި ކުރީ ސަރުކާރުން ފަސް އަހަރުގެ ދައުރެއް ނިންމާލާފައި ދިޔައީ މުޅި ޤައުމު ދަރުވާލައި، އިގްތިސޯދު ފުނޑާލައި، ސޮވެރިން ފަންޑުގައި ހުރި ޑޮލަރުކޮޅު މާރުކޮށްލައިގެން ބޭނުންކޮށް، އެތައް ބިލިއަން ރުފިޔާއެއް ޗާޕްކޮށް، ދިވެހި ރުފިޔާގެ އަގު ވައްޓާލައި، ޤައުމު އިނދަޖައްސާލައިފައެވެ.

އިންތިހާބްތައް ކާމިޔާބު ކުރުމުގެ ގޮތުން ދަޅަ ދައްކަން، ކަޑަ ޖަހައި، ކުރީ ސަރުކާރުން ކުރިއަށް ނުގެންގޮސް ގާކޮށްފައި ހުރި މަޝްރޫއުތައް ވެސް އަލުން ހިރަފުސް ފޮޅައި، ހިންގައި، ނިންމުމުގެ މަސައްކަތް މިހާރު ފަށާލައިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އިތުރު އާ އެއާޕޯޓްތައް އަޅައި، އައްޑޫ ބްރިޖް ފަދަ އާ ބްރިޖަތައް އަޅައި، އައްޑޫ ސިޓީގައި ސީޕްލޭން ހަބަކާ އެކު އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އާ ރިސޯޓްތައް ހުޅުވައި، ވެލާނާ އެއާޕޯޓް އިތުރަށް ތަަރައްޤީކޮށް، ފުނަދޫގައި މާލީ ބޮޑު މަރުކަޒެއް ހަދައި، މާލެއާއި ފުނަދޫ އާއި ހުޅުލެ ބްރިޖު ތަކަކުން ގުޅާލައި، އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމެންޓު ބިޔަ ބަނދަރެއް ހަދައި، ޤައުމީ އެއާލައިނަށް ބޮޑެތި ބިޔަ ބޯޓު ގެނެސް، ދުނިޔޭގެ ކަންކޮޅުތަކަށް ސީދާ ދަތުރު ފަށައި، ދިވެހި ޤައުމުގެ އިގްތިސޯދު ވައްޓާލާފައި އޮތް ވަޅުގަނޑުން ނަގައި ކޮޅަށް ޖެހުމުގެ ތަފްސީލީ ބިޔަ ޕްލޭނެއް އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް އެ ޖަލްސާ ބޮއިކޮޓް ކޮށްގެން ތިބެ މި ވާހަކަތަކާ ނުރުހުނަސް މިއީ ދިވެހި ރައްޔިތުން ތާއީދު ކުރާނެ އުއްމީދީ ވާހަކަތަކެކެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގައި ދިވެހީންގެ ދީނީ ކަންކަން ރަނގަޅު ކުރުމަށް ހިތްވަރު ދީ، ފަހު 10ގައި ސަރުކާރު ބަންދުކޮށް، އީދުތައް އޭގެ ފުރިހަމަ ގޮތުގައި ފާހަގަކޮށް، ދިވެހީންނަކީ ފޮތްކިޔާ، އިލްމީ ބަޔަކަށް ހެދުމަށްޓަކައި ކޮންމެ ރަށެއްގައި ޤައުމީ ކުތުބުހާނާގެ ގޮތްޕެއް ޤާއިމްކޮށް، ކޮންމެ ރަށަކީ ސަލާމަތްތެރި މާހައުލަކަށް ހެދުމަށް ކޮންމެ ރަށެއްގައި ފުލުހުންގެ އިދާރާއެއް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބިރަކާނުލައި މަޖާކޮށް، މިއުޒިކް އާއްމުކުރަން އުޅޭ އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް އިން މިފަދަ ކަންކަމަށް ތާއިދެއް ނުކުރާނެ އެވެ. ނަމަވެސް ރައްޔިތުން ހަމަ ގައިމުވެސް ތިބޭނީ އުފަލާ އެކު ފޮނި އުއްމީދުގައެވެ.

އިންޑިއާއިން ކޮލިޓީ ދަށް ބޭސް ގެނައުމާއި، ކިރިޔާ ބައްޔެއް ވާއިރަށް އިންޑިއާ އަށް ދާން ޖެހުން ފަދަ ކަންކަން މި ދައުރުގައި ނިމޭނެ ކަމަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ މި ދައުރު ނިމޭއިރު އުތުރާއި ދެކުނުގެ ޓާޝަރީ ދެ ހޮސްޕިޓަލުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް އިތުރަށް ތަަރައްޤީކޮށް، މައިގަނޑު ގޮތެއްގައި ހުރިހާ ބައްޔަކަށް ދުނިޔޭގެ ފެންވަރުގެ ފަރުވާ ދިވެހި ރާއްޖެއިން ލިބި، ބޭރަށް ނުގޮސް ގިނަ ފަރުވާތައް ލިބޭނެ ގޮތަށް ސިއްހީ ދާއިރާ ތަަރައްޤީ ކުރައްވާނެ ކަމަށެވެ. އަދި ކުއްލި ހާލަތުގައި އަވަސް ފަރުވާއަށް އެއްރަށުން އަނެއް ރަށަށް، ނުވަތަ ރާއްޖެއިން ބޭރަށް ވިއަސް ބަލި މީހަކު ގެންދަން ޖެހޭ ހާލަތްތަކުގައި ދިވެހީންގެ އަމިއްލަ އެއާ އެމްބިއުލާންސްގައި އުފުލޭނެ ގޮތްވެސް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިންޑިއާގެ ހެލިކޮޕްޓަރު ބޭނުން ނުކުރާތީ އެމް.ޑީ.ޕީ އޮންނާނީ ބޮޑާހާކާފައެވެ!

ފަސް ދޮޅަސް ފަސް އަހަރު ވުމުން މަޖުބޫރުން ރިޓަޔާ ކުރުވާ އުސޫލް ބަދަލުކޮށް، 65 އަހަރު ވިއަސް، ބޭނުން ފަރާތްތަކަށް އުމުރުން 75 އަހަރު ވަންދެން ހާއްސަ އެގްރީމެންޓެއްގެ ދަށުން، ވަޒީފާގައި ދެމިތިބެވޭނެ ފުރުސަތު ހަމަޖައްސައިދީ، އިސް ރަށްވެހިންގެ ތަޖުރިބާގެ ބޭނުން ދިވެހި ޤައުމަށް ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާލުވިއެވެ. މިއީ އިންޑިއާ މީހުންނަށް ދިވެހި ގިނަ ވަޒީފާތައް ދޭން ފޫގަޅައިގެން ތިބި އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް އަށް ހިތާމަ ހުރި ހަބަރެކެވެ. ދިވެހި ރާއްޖެ ދެކެ ލޯބިވާ ހަޤީޤީ ދިވެހީންނަށް އުފާވެރި ހަބަރެކެވެ. މި ދައުރުގެ ތެރޭގައި މި ހެޔޮ ބަދަލުތައް ރާއްޖޭގެ ހުރިހާ ދާއިރާ ތަކަަކަށް ވެސް އިރާދަފުޅު ކުރެއްވިއްޔާ އަންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ވަޅުޖެހިފައިވާ ދިވެހި ފުޓުބޯޅަ ފަދަ ކުޅިވަރުތައް ނަގައި ކޮޅަށް ޖަހައި، ކުޅިވަރުގެ ކާމިޔާބާއި ފޯރި މިދިވެހި ފަސްގަނޑަށް އަލުން ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ހުރިހާ އެތުލީޓުންނާއި ކުޅުންތެރީންގެ އަޑުއަހައިގެން ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބާރުގަދަ ޤައުމުތަކުން، ބައިނަލްއަޤްވާމީ މުއާހަދާ ތަކާއި، ޤާނޫނުތަކާ ހިލާފަށް ކުދި ޤައުމަތަކަށް ކުރާ ގޯނާ އާއި ޖެއްސުމުގެ އަމަލު ތަކާއި ހަމަލާތަކާ ދެކޮޅަށް އަޑު އުފުއްލަވާނެ ކަމުގައި ވިދާޅުވެ ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާތައް ރައީސް ކުށްވެރި ކުރެއްވި އިރު، އެ ބަސްފުޅުތައް، އިންޑިއާއިން ދިވެހި މަސް އޮޑިތަކަށް އެރި މައްސަލައާއި ވެސް ގުޅެއެވެ. އެ ބަސްތައް ވިދާޅުވި އިރު އަޑުފުޅަށް ބާރު ލައްވައި، މޫނުފުޅުން ކޯފާގެ ޝުއޫރު ފެނިގެން ދިޔައެވެ. އިންޑިއާއިން ދިވެހި މަސްއޮޑިތަކަށް އެރި މައްސަލަ ސީދާ ގޮތެއްގައި ރައީސް ފާހަގަ ނުކުރެއްވިއަސް، ނުސީދާ ގޮތެއްގައި ރައީސް ވިދާޅުވި ވަރަށް ގިނަ ކަންކަމަކީ މިފަދަ ހާދިސާތަކުން ކުރިމަގުގައި ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވުމަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ރާއްޖޭގެ އަސްކަރިއްޔާގައި ވަރަށް އަވަހަށް ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ ފަދަ ހަސަދަވެރި ޤައުމުތަކުގެ މިފަދަ އަމަލުތައް ހުއްޓުވުމުގެ ނިޔަތުގައިކަން ޔަޤީނެވެ.

ރައީސްގެ ބަޔާނުގައި އިންޑިއާގެ ނަންވެސް ގެންނެވީ "އުތުރު ކަރަ"، މި ނަމުގައެވެ. ނަމަވެސް ޗައިނާ އާއި ތުރުކީގެ ނަން ވަކިން ގެންނަވައި، ހާއްސަކޮށް އަރަބި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސްގެ ތަގްރީރު އަޑުއައްސަވަން އިންނެވި އިންޑިއާ ހައިމކޮމިޝަނަރުގެ މޫނުން ނުތަނަވަސްކަން، އެފަދަ ވަގުތުތަކުގައި ފެނިގެން ދިޔައެވެ.

ޗައިނާގައި ބޭއްްވި ފަދަ ވިޔަފާރީގެ މަހާސިންތާތައް ދުނިޔޭގެ އެކި ޤައުމު ތަކުގައި ބާއްވައި، ވިޔަފާރީގެ ފުރުސަތުތައް ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޗައިނާއާ އެކު އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން އެތައް ފައިދާއެއް ރާއްޖެ އަށް ލިބޭނެ ކަމަށާއި، މި އެއްބަސްވުމަށް އަމަލުކުރަން ބޭނުންވާ ޤާނޫނީ ކަންކަން ފުރިހަމަ ކުރުމަށް މަޖުލީހުގެ އެއްބާރުލުން ދެއްވަން ރައީސް ގޮވާލެއްވުމަކީ ކުރިއަށް މިއޮތް އިންތިހާބުގައި މަޖުލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމުގެ ނުސީދާ މެސެޖެކެވެ. އެފަދަ މެޖޯރިޓީއެއް މަޖުލީހުގައި ސަރުކާރަށް ލިބިގެން މެނުވީ ޑރ. މުއިއްޒުގެ މި ވިޝަނަރީ ރިއާސީ ބަޔާނުގައިވާ ކަންކަން ހާސިލް ކުރަން ވަރަށް ދަތިވާނެއެވެ.

ދިވެހި ރައްޔިތުންނަށް ލިބިފައި މިވާ އުއްމީދީ ފުރުސަތުގެ ބޭނުން ނަގާނުލައި، އެމް.ޑީ.ޕީ ފަދަ އިންޑިއާ އަށް އަޅުވެތިވެފައިވާ ސިޔާސީ ޕާރޓީ ތަކަށް ނުހެއްލި، ދިވެހި ރައްޔިތުން މި ފުރުސަތުގެ ބޭނުން ހިފަން ޖެހެއެވެ. މިވަގުތު ކުރަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ މިއަދުގެ ރިއާސީ ބަޔާން ހަޤީގަތަަށް ހެދުމަށްޓަކައި ރައްޔިތުންގެ މަޖުލީހުގެ މެޖޯރިޓީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް ދިނުމެވެ. އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް ފަދަ ޕާރޓީތައް މިކަމާ ނުރުހޭނެއެވެ. އިންޑިއާ ވެސް ނުރުހޭނެއެވެ. މިކަމާ ދެކޮޅަށް އިންޑިއާ އިން ހަރަދު ވެސް ކުރާނެއެވެ. މިލިއަނުން ފައިސާ ވެސް ބަހާނެއެވެ. ނަމަވެސް ދިވެހީންގެ ދީނާއި ދިވެހި ޤައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން މިފަހަރު އެއް އަޑަކުން، މިއީ އިންޑިއާގެ ފަހަރު ނޫން ކަމުގައި ބުނަން ޖެހެއެވެ. އެންމެން އެކައްޗެއް ކިޔައި، މިއީ ދިވެހީންގެ ފަހަރު ކަމުގައި ހަދަން ޖެހެއެވެ. މީގެ 91 އަހަރު ކުރިން، ޝަމްސުއްދީން ރަދުންގެ ފަރާތުން އިއްވެވި ހުތުބަތުލް އަރުޝި އަށްފަހު އެފަދަ ދީނީ އަދި ވަތަނީ ރޫހުން ފުރިފައިވާ ހުތުބަތުލް އަރުޝިއެއް މި އަޑުއިވުނީ މިއަދުއެވެ. ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުންނެވެ. އެހެންވެ ހަގީގަތުގައި މިއީ އެފަދަ ދެވަނަ "ހުތުބަތުލް އަރުޝި" އެވެ. ދެވަނައެއް ނެތް "ހުތުބަތުލް އަރުޝި" އެވެ. ރައީސް ޑރ. މުއިއްޒަށް ފަށްފަށުން މަރުހަބާއެވެ!