Support Us

ތަރިކައާ ބެހޭ މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދެނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއްގައި ސްޓެލްކޯއާ އެކު ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި ތަރިކައާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން ފަހުމީ އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި އެ މިނިސްޓްރީން ކުރިއަށް ގެންދާ ތަރިކައާ ބެހޭ މަސައްކަތްތަކުގައި ސްޓެލްކޯގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ތަރިކައާ ބެހޭ މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުުމުގެ މަސައްކަތަށް ސްޓެލްކޯއިން މީގެ ކުރިންސުރެ ފޯރުކޮށްދެމުން އައި ފަންނީ އެހީތެރިކަން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ދޭ ފަންނީ އެހީތެރިކަން އިތުރަށް ފުޅާވެގެންދާނެ އެވެ.

އެގޮތުން އަންނަ ހަފްތާގައި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ އަމަލީ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުުރުން ކަޅުއޮއްފުންމި މަރާމާތުކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތުގައި ވެސް ސްޓެލްކޯގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.