Support Us

ކެޔޮނިރު ކޮލަމް

އިންޑިއާ ކަނޑުގެ ސަލާމަތާއި ދިވެހިރާއްޖޭގެ ސަލާމަތް!

އިންޑިއަން އޯޝަން ނުވަތަ އިންޑިއާ ކަނޑަކީ ވަކި ޤައުމެއްގެ ނުވަތަ ވަކި ބައެއްގެ މިލްކެއް ނޫނެވެ. އެކަނޑަށް އިންޑިއާ ކަނޑޭ ކިއުމަކުން އެކަނޑުގެ މިލްކުވެރިކަން ނުވަތަ އެކަނޑުގެ ހުރިހާ ބާރެއް އިންޑިއާ އަކަށް ނުލިބެއެވެ. އިންޑިއާ ކަނޑަކީ ދުނިޔޭގެ ބޮޑެތި ކަނޑު ނުވަތަ "އޯޝަން" ތަކުގެ ތެރެއިން، ޕެސިފިކް އޯޝަނާއި އެޓްލާންޓިކް އޯޝަން ނަގާފައި، ތިން ވަނަ އަށް އެންމެ ބޮޑު ކަނޑެވެ. މުޅި ދުނިޔޭގެ ފަށަލައިގެ 20 ޕަސަންޓް ނުވަތަ ފަސްބައި ކުޅަ އެއްބަޔަކީ އިންޑިއާ ކަނޑެވެ.

މި ކަނޑާ ގުޅިފައިވާ މުހިއްމު ޤައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން ޕާކިސްތާން، ބަންގްލަދޭޝް، ބަރުމާ، ތައިލޭންޑް، މެލޭޝިއާ، އިންޑޮނޭޝިއާ، އޮސްޓްރޭލިއާ، ސައުތު އެފްރިކާ އަދި އީރާން ހިމެނެއެވެ. އަދި އިންޑިއާ ކަނޑާ ގުޅިފައިވާ ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ އިތުރުން ޝްރީލަންކާ، މަޑަގަސްކަރަ، ސީޝެލްސް އަދި މޮރިޝަސް ހިމެނެއެވެ.

ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިއްމު ކަނޑުއޮޅިތަކުގެ ތެރޭގައި ހިމެނޭ ދެ ކަނޑުއޮޅި ކަމުގައިވާ މިސްރުގެ ސުއޭޒް ކެނަލް އާއި، މެލޭޝިއާ އާއި އިންޑޮނޭޝިއާއާއި ދެމެދުގައިވާ ސްޓްރެއިޓް އޮފް މަލަކާ ހިމެނެއެވެ. އިންޑިއާ ކަނޑުގެ މުހިއްމު ބަނދަރު ތަކުގެ ތެރެއިން އެންމެ ބިޒީ ބަނދަރަކީ އިންޑިއާގެ ބަދަރެއް ނޫނެވެ. އެއީ ސިންގަޕޫރުގެ ބަނދަރެވެ. ސިންގަޕޫރު ބަނދަރުގެ އިތުރުން އިންޑިއާ ކަނޑުގެ މުހިއްމު ބަނދަރުތަކުގެ ތެރޭގައި އިންޑިއާގެ މުމްބާއީ ބަނދަރު، ޗެންނާއީ ބަނދަރު، ޔަމަނުގެ އަދަން ބަދަރު، އިންޑޮނީޝިއާގެ ޖަކާޓާ ބަނދަރު، ކެންޔާގެ މޮމްބާސާ ބަނދަރު އަދި އެފްރިކާގެ އެންމެ ބިޒީ ބަނދަރު ކަމުގައިވާ ދެކުނު އެފްރިކާގެ ޑަރބަން ބަނދަރު ހިމެނެއެވެ.

އިންޑިއަން އޯޝަންގެ އުތުރު ފަރާތަކީ ދުނިޔޭގެ ތެލުގެ އެންމެ މުހިއްމު ސީ ހައިވޭ އެވެ. އެއީ ތެލުގެ މުއްސަނދިކަން ލިބިފައިވާ މެދު އިރުމަތީގެ ޤައުމުތަކާ އޭޝިއާގެ ޤައުމުތަކާ ގުޅުވާލަދޭ "ތެލުގެ ފާލަމެ"ވެ! މިދެންނެވި ތެޔޮ ޓޭނަކަރުތައް ދުވާލަކު ގާތްގަނޑަކަށް 17 މިލިއަން ފީފާގެ ސާފުނުކުރާ ކްރޫޑް އޮއިލް އިންޑިއާ ކަނޑުގެ ދެކުނު ފަރާތުން އުފުލައެވެ. ރައީސް ޔާމީނުގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި "އައިހެވަން"ގެ ނަމުގައި ޓްރާންޝިޕްމެންޓް ބަނަދަރެއް ހަދަން މަސައްކަތް ކުރީ މި ސްޓްރެޓެޖިކް ލޮކޭޝަންގެ އިގްތިސޯދީ ފައިދާ ދިވެހި ރާއްޖެއަށް ހޯދައިދިނުމުގެ މަޤްސަދުގައެވެ. ނަމަވެސް މިކަމާ ފެށުނީއްސުރެ އެންމެ ދެކޮޅުހެދީ އިންޑިއާއިންނެވެ. އެމް.ޑީ.ޕީގެ ސަރުކާރެއްގައި މިކަން ނުކުރާނެ އެއް ސަބަބަކީ ވެސް އިންޑިއާގެ ދެކޮޅު ހެދުމެވެ.

އިންޑިއާ ކަނޑުގައި ދުނިޔޭގެ ޤައުމުތަކުން، ހާއްސަކޮށް އެމެރިކާ، އިންޑިއާ އަދި ޗައިނާއިން ބާރުގަދަ ކުރަން ބޭނުންވާ އެންމެ މުހިއްމު އެއް ސަބަބަކީ ރާއްޖޭގެ އިހަވަންދިއްޕޮޅު ކައިރިން އެޅިފައިވާ ކަނޑުމަގުގެ ގުދުރަތީ މި "ހައިވޭ" އެވެ. މީގެ އިތުރުން އިންޑިއާ ކަނޑުގައި، ރާއްޖޭގެ ދެކުނުން، އައްޑޫ ސިޓީ އާއި ވަރަށް ކައިރީގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް އެބައޮތެވެ. އެއީ ޑިއަގޯގާޝިއާ ނަމަކަށް ކިޔާ ޖަޒީރާ ރަށްތަކެކެވެ. މި މަރުކަޒުގައި އެމެރިކާ އަދި އިނގިރޭސި ވިލާތުގެ އަސްކަރީ ހަރަކާތްތައް ހިނގައެވެ. އެގޮތުން އިންޑިއާގެ އަތްގަދަ ކުރުމުގެ ގޮތުން ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅާއި ދެކުނުން އައްޑޫ ސިޓީ އަދި އުތުރުން ހަނިމާދޫ އެއާރޕޯޓާއި ދެކުނުން އައްޑު ގަން އެއާޕޯރޓްގެ ކޮންޓްރޯލް ނެގުމަކީ އިންޑިއާ އަދި ރައީސް ނަޝީދުވެސް އެދޭ ގޮތެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާ އައްޑޫސިޓީއާ ގުޅިފައިވާ ކަމަށް މިދިޔަ ނޮވެމްބަރ މަހުގެ ކުރީކޮޅު ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމުގައި އިންޑިއާ ކަނޑުގެ ހުރިހާ ޤައުމަކަށްވުރެ ބޮޑަށް އިންޑިއާއަށް އިސްކަން ދެއްވައި ނަޝީދު ވިދާޅުވި ވާހަކައެކެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަކީ އިންޑިއާގެ އިތުރުން ޕާކިސްތާން، ބަންގްލަދޭޝް، ބަރުމާ، ތައިލޭންޑް، މެލޭޝިއާ، އިންޑޮނޭޝިއާ، އޮސްޓްރޭލިއާ، ސައުތު އެފްރިކާ އަދި އީރާންގެ ސަލާމަތާ ރައްކާތެރިކަމާ ވެސް ގުޅިފައިވާ ކަމެކެވެ. އެކަނޑަށް "އިންޑިއާ" ކަނޑޭ ކިއުމަކުން އެއީ ހަމައެކަނި އިންޑިއާގެ މަސްލަހަތާ ގުޅިފައިވާ ކަނޑެއް ނޫނެވެ. އަދި، ސައިޒުގެ ގޮތުން ކުޑައަސް ދިވެހި ރާއްޖެ، ޝްރީލަންކާ، މަޑަގަސްކަރ، ސީޝެލްސް އަދި މޮރިޝަސް ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތާއި ސަލާމަތާ ވެސް އިންޑިއާ ކަނޑާ ގުޅިފައިވެއެވެ. ވީމާ އެމެރިކާގެ ކިބައިން ބާރު ލިބިގެން، ޗައިނާއާ މުބާދަލާ ކުރުމުގެ ގޮތުން އިންޑިއާ ކަނޑުގެ ސަލާމަތަކީ ހަމައެކަނި އިންޑިއާގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ދޭހަވާ ގޮތަށް އިންޑިއާއިން ދައްކާ ވާހަކައަށް އެންމެ ތާއީދުކުރާ މީހުންގެ ތެރޭގައި މިރާއްޖޭގެ ރައްޔިތުންގެ މަޖުލިހުގެ ރައީސް ހިމެނުމަކީ މިރާއްޖޭގެ މިނިވަންކަމަށް އޮތް ބޮޑު ބިރެކެވެ.

ރައީސް ނަޝީދު އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މިވާހަކަ ދައްކަވައި، ރާއްޖޭގެ އެއް އަތޮޅު ކަމުގައިވާ އައްޑު ސިޓީގެ ކުރިމަގާ އިންޑިއާއާ ގުޅުވާލި ހިސާބަކީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަޔެއްވީ އަނގާރަ ދުވަހެވެ. އެ ދުވަހުގެ މެންދުރު ފަހު، ރައީސް ނަޝީދާއި، އެމަނިކުފާނުގެ 50 ވަރަކަށް ބޭފުޅުންގެ ޑެލިގޭޝަނެއް ފްލައިމީ އެއަރލައިނުގެ ޗާޓަރ ފްލައިޓެއްގައި އައްޑޫ ސިޓީއަށް ދަތުރެއް ކުރެއްވިއެވެ. އެދުވަހު އައްޑޫ ސިޓީ އަށް ވަޑައިގެން ފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އައްޑޫ މީހުންނަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫން ކަމަށާއި އިންޑިއާގެ މަސްލަހަތާ ވެސް "މާ ބޮޑަށް ގުޅިފައިވާ ބައެއް" ކަމަށެވެ.

އައްޑޫ ސިޓީއަށް ވަޑައި ނުގަންނަވާތާ ތިން އަހަރަށް ފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ ފުރަތަމަ ދުވަހުގެ ފުރަތަމަ ބައްދަލުވުމުގައި، އައްޑޫ ސިޓީގެ ރައްޔިތުންނަކީ އިންޑިއާގެ މަސްލަހަތާ ގުޅިފައިވާ ބައެއްކަމުގައި ރައީސް ނަޝީދު ވިދާޅުވުމަކީ ސިޔާސީ ކަންކަމާ ވިސްނާ ކޮންމެ މީހެއްގެ ބޮލުގައި އެލާރމްގެ ރަނގަބީލު އަޅާނެ ކަމެއްކަން ކަށަވަރެވެ. މިއީ ކުއްލިއަކަށް ކޮން ވާހަކައެއް ތޯއެވެ؟ އެދުވަހުގެ ތަގްރީރުގައި ނަޝީދު އިތުރަށް ވިދާޅުވީ މުޅި އިންޑިއާ ކަނޑުގެ މަސްލަހަތާއި ހަމަޖެހުން ގުޅިފައިވަނީ އައްޑޫ ސިޓީއާއި ކަމަށެވެ. އަދި ރާއްޖޭގެ ހަމަޖެހުން އޮތީ އިންޑިއާ އާއި ގުޅިފައި ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރައީސްކަމަށް އިންތިޙާބްވީ މުހައްމަދު ނަޝީދެއް ނޫނެވެ. އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ދަތުރުގައި، ރައީސް ސޯލިހުގެ އެއްވެސް އިޒުނައެއް ނެތި ނަޝީދު ވަނީ ސަރުކާރުން އައްޑޫގައި މުޅިން އާ ތިން ރަށެއް ހިއްކައިގެން އުފައްދަވާނެ ކަމަށާއި، އަލުން ކޮންވެންޝަން ސެންޓަރެއް އަޅަން ޖެހިއްޖެނަމަ އަޅާނެ ކަމަށާއި، ބިން ހިއްކައިގެން އައްޑޫގައި ރިސޯރޓް އިތުރު ކުރާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެވެ. މިވާހަކަތައް ނަޝީދު ދެއްކެވިއިރު އިިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް ވަރަކަށް އިޝާރާތް ނުކުރައްވަ އެވެ. މިއީ ސަރުކާރުގެ ހިޔާލް ކަމަށް ވިއަސް ނަޝީދު މިވާހަކަތައް ދެއްކެވީ މިއީ ނަޝީދު އައްޑޫއަށް ކޮށްދެއްވަން އުޅުއްވާ ކަންތައްތަކެއްކަން ދޭހަވާ ފަދަ ގޮތަކަށް ކަމެވެ.

އޭގެ ފަހުން ދޮޅު އަހަރު ފާއިތުވީ އެވެ. އާ ސަރުކާރަށް ދެ އަހަރު ފުރެނީ އެވެ. އައްޑޫގައި އެއްވެސް ތަނެއް ނުހިއްކައެވެ. ތަރައްޤީގެ މާ ބޮޑު އެއްވެސް ކަމެއް ނުކުރެވެއެވެ. އޮތް ދެ ރިސޯރޓްގެ ތެރެއިނެ ހެރެތެރެ ރިސޯރޓްވެސް ބަންދުކޮށްފިއެވެ. މިސަބަބާ ހުރެ ރައީސް ނަޝީދުގެ ތާއީދު ވަނީ އައްޑޫ ސިޓީގައި ދުވަހަކުވެސް ދަށަށް ނުދާ ވަރަށް ދަށަށް ގޮސްފައެވެ. ނަޝީދާއި މިސަރުކާރުގެ އަމާޒު ހުރީ އައްޑު ސިޓީ ޤުރުބާންކޮށް، އިންޑިއާ އަށް ދިގު މުއްދަތަކަށް އެ އަތޮޅު ދީ، އޭގެ ބަދަލުގައި ދިވެހި ރާއްޖޭގެ އެހެން އަތޮޅުތައް ހިންގާނެ ބަޖެޓާއި ފައިސާ ހޯދުމަށް ކަމަށް ފެނެއެވެ.

ދެހާސް އަށެއްގައި ރައީސް ނަޝީދު ރާއްޖޭގެ ރައީސް ކަމަށް ހޮވިވަޑައިގަތުމުން އެމަނިކުފާނުގެ ސަރުކާރުން ވަނީ އައްޑޫ ސިޓީގައި ދިވެހި ފުލުހުން ތަމްރީނުކުރާނެ ޕޮލިސް އެކަޑަމީއެއް، އިންޑިއާގެ އެހީގައި އަޅަން އައްޑޫން ބިން ދިނުމަށް އެއްބަސްވެފައެވެ. މިބިން އިންޑިއާ ސަރުކާރާ ހަވާލުކުރީ، ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް، ރައީސް ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ.

އައްޑޫ ހިތަދޫގެ ފުއްޓަރު ފަރާތުން، ގެސްޓް ހައުސް އަޅަންވެސް އެންމެ އެކަށޭނަ، ބީޗްފްރަންޓް ބިމުން، ގާތްގަނޑަކަށް އެއް ކިލޯ މީޓަރުގެ ދިގު ބިން، އެސަރަހައްދުގެ މޫދުވެސް ހިމެނޭ ގޮތަށް ވަނީ މިދެންނެވި މިލިޓަރީ ޓްރެއިނިން އެކަޑެމީ އަޅަން އިންޑިއާއާ ހަވާލު ކޮއްފައެވެ. މިތަނުގެ ފައުންޑޭޝަން އަޅައި ދެބުރި މިހާރު ނިމިފައިވާއިރު އަދިވެސް އިތުރު ބުރިތައް އަޅާނެ ކަމަށް ލަފާ ކުރެވެއެވެ. ބިންގަރާހާއި އެކު އަޅާ މިތަނަށް ހާއްސަ ބަނދަރެއްވެސް މިތަނުގައި ވެއެވެ. މިތަނަކީ ކުރިމަގުގައި އިންޑިއާ މީހުން ގެނެސް އައްޑޫގައި އިންޑިއާ މީހުން އާބާދު ކުރާނެ ތަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެތަނުގެ އިމާރާތްތަކުގެ ފާރުތަކުގެ ފުޅާމިންވެސް ދެފޫޓް ވަރު ހުރެއެވެ. ވަޒަން ނާރާ ގޮތަށް، މިލިޓަރީ ބެރެކް ސްޓައިލަށް ހަދަމުންދާ ބިޔަ ތަނެކެވެ.

މިއީ ނަޝީދު އެ ވިދާޅުވާ އިންޑިއާ ކަނޑުގެ ސަލާމަތާ އައްޑޫއާ ގުޅޭ ވާހަކައިގެ ރަމްޒު ކަމަށް ވެދާނެއެވެ. އިންޑިއާގެ މިލިޓަރީ ބޭސް އެއް އައްޑޫސިޓީގައި ބިނާ ކުރުމުގެ ފެށުން ކަމުގައިވެސް މިތަން ވެދާނެއެވެ.

ދެހާސް ނަވަރާ ވަނަ އަހަރުގެ ފެބްރުއަރީ މަހު، ނަޝީދު އައްޑޫގައި ދެއްކެވި ވާހަކައިގެ ތެރޭގައި، އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް ފެށިގެން އުޅޭ ކަމަށާއި އެކަމުގައި އައްޑޫސިޓީ އާއި މުޅި ދިވެހިރާއްޖެ އިންޑިއާ ކޮޅަށް ޖެހެން ޖެހޭނެ ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައި ވެއެވެ.

ރާއްޖޭގެ ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތު ކުރައްވައި ކެޔޮނިރު ކޮލަމަށް ކިޔައިދެއްވާފައިވާ ގޮތުގައި ނަޝީދުގެ މިވާހަކަ ތަކަކީ އައްޑުސީޓީގައި އިންޑިޔާ އަށް މިލިޓަރީ ބޭސްއެއް ދެއްވުމުގެ ހިޔާލުގައި ނަޝީދު އެޅުއްވި ސުރުހީއެކެވެ. އަދި އިއްތިހާދުގެ އަނެއް ތިން ލީޑަރުންނާއި ރައީސް ސޯލިހު، ނަޝީދުގެ މި އަމަލުތައް ނުހުއްޓުވައިފިނަމަ މިކަން ކޮންޓްރޯލުން ނައްޓައިގެން ހިނގައިދާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި އިންޑިއާ ކަނޑުގައި މިވަގުތު އެއްވެސް ހަނގުރާމައެއް ނެތް ކަމަށާއި އިންޑިއާގެ ސަރަހައްދީ ހަންފެތުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ރާއްޖެ ބޭނުންކުރާކަން މިކަމުން ދޭހަވާ ކަމަށާއި، ތިން ލީޑަރުންނާއި ރައީސް ގުޅިގެން މިކަން ހުއްޓުވައި ނަޝީދުގެ ބަހާއި އަމަލު ސިޔާސީ ހަމަތަކާއި އިންތަކުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް މިދެންނެވި ސިޔާސީ އެނަލިސްޓް، ކެޔޮނިރު ކޮލަމަށް ވިދާޅުވިއެވެ.

މިހާރުވެސް ރައީސް ނަޝީދު، މަޖުލީހުގައާއި މަޖުލީހުން ބޭރުގައިވެސް ދައްކަވާ ގިނަ ވާހަކަ ތަކުން، އަދި އިންޑިއާއަށް ވަޑައިގެން ދައްކަވާ ވާހަކަ ތަކުންނާއި، ޗައިނާއާ ޖަދަލު ކުރައްވައި ދައްކަވާ ވާހަކަ ތަކުން، ނަޝީދުގެ ސިޔާސީ ފަލްސަފާ ވަރަށް ސާފެވެ.

އެމް.ޑީ.ޕީގެ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރ، އަދި އިކޮނޮމިކް މިނިސްޓަރަކީ ވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިންޑިއާ ކޮޅަށް ގޮސް ހުސްވެފައި ތިއްބެވި ބޭފުޅުންނެވެ. ޑިފެންސް މިނިސްޓަރު މަރިޔާ އަހްމަދި ދީދީ ވިދާޅުވެފައި ވަނީ ދިވެހި ދައުލަތަކީ އެންމެ ހެލިކޮޕްޓަރެއް ގަނެގެން އޭތި އުދުއްސައި ބެލެހެއްޓޭނެ ޤާބިލްކަން ވެސް ނެތް ދައުލަތެއް ކަމަށެވެ. އިންޑިއާއިން ދެތިން ހެލިކޮޕްޓަރާއި ޕައިލެޓުން ގެނެސް މިތާ ބައިތިއްބަން ޖެހެނީ މިސަބަބާ ހުރެ ކަމަށް މާރިޔާ ވިދާޅުވެފައި ވެއެވެ. އަދި އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފުމަކީ ދާދި ފަސޭހަ ކަމެއް ކަމަށާއި މީގެ ކުރިންވެސް ރާއްޖެ ނުހިފާ ކަމަށާއި، ދެންވެސް ނުހިފާނެ ކަމަށް މާރިޔާ ވިދާޅުވެފައި ވެއެވެ. އިކޮނޮމިކް މިނިސްޓަރ ވެސް މި އޮގަސްޓް މަހު މިފަދަ މޭރުމަކުން ވާހަކަ ދެއްކެވިއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ސިޔާސީ ހިިޔާލް ތަފާތުވުންތަކުގެ ތެރެއިން، ނަޝީދު އެންމެ އިސް ކަމެއް ދެއްވާތަން މިހާރު ފެންނަނީ ރާއްޖޭގެ ސިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވައި، ރާއްޖޭގެ ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ކަމަށް ލަފާކުރެވެއެވެ. އިންޑިއާގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ނާރެހަކަށް ނަޝީދު ހައްދަވަނީ އެމަނިކުފާނަށް ބޮޑު ތާއީދެއް ކުރީން އޮތް އައްޑޫ ސިޓީ އެވެ. ނަޝީދުގެ މި އަޑިނޭނގޭ މާސްޓަރ ޕްލޭނަށް އިންތިހާބީ ރައީސްގެ ރުހުން ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނި ކަމުގައި ވިއަސް ރައީސް ސޯލިހުގެ ސިޔާސަތު މިކަމުގައި އެހާ ހާމަކަން ބޮޑެއް ނޫނެވެ.

ސަރުކާރުން އިންޑިއާ އަތުން އެތައް ބިލިއަން ރުފިޔާގެ ލޯނު އެބަ ނަގައެވެ. ދާދި ފަހުންވެސް ވަނީ މާލެ-ގުޅީފަޅު ބްރިޖް އަޅަން 500 މިލިއަން ޑޮލަރުގެ ލޯނެއް އެޕްރޫވް ކޮށްފައެވެ. ކޮވިޑް19 ގެ ސަބަބުން އިގްތިސޯދު ފުނޑިފައިވާ މި ދަނޑިވަޅުގައި ކްރިކެޓް ސްޓޭޑިއަމް އަޅަންށާއި ބްރިޖް އަޅަން އަށް ބިލިއަން ދިވެހި ރުފިޔާގެ ބޮޑު ލޯނެއް ނެގުމަކީ އިންޑިއާގެ ދަރަނީގެ ދަންތުރައަކަށް ވެއްޓުން ނޫން ދެން ކޮންކަމެއް ބާވައެވެ؟ ޗައިނާއިން ލޯނު ނެގީމަ ދަރަނީގެ ދަންތުރައަކަށް ވެފައި އިންޑިއާއިން ނަގާލޯނަކީ "އެހީ" ކަމަށް މިސަރުކާރުން ސިފަ ކުރުމަކީ ރައްޔިތުން އޮޅުވާލެވޭނެ ކަމަށް ދައްކާ ހޮޅި ވާހަކައެވެ.

ރައީސް ނަޝީދު ފަދަ ފަރާތްތައް ބޭނުންކޮށްގެން އިންޑިއާގެ އެޖެންޓުން، އައްޑޫސިޓީ އާއި އިންޑިއާގެ ސަލާމަތާއި ގުޅުވުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ކަމެކެވެ. ފާއިތުވި 300 އަހަރުވެސް އިންޑިއާ ކަނޑަކީ އެމެރިކާ އާއި ފްރާންސްގެ މަނަވަރުތައް މިނިވަންކަމާއި އެކު ވަދެ ނިކުމެ އުޅުނު ކަނޑެކެވެ. މީގެ 70 ވަރަކަށް އަހަރު ކުރީން ފެށިގެން އިންޑިއާ، ޕާކިސްތާން އަދި ޝްރީލަންކާ އާއި ބަނގްލަދޭޝްގެ މަނަވަރުތައްވެސް ވަދެނިމުމެ އުޅުނު ކަނޑެކެވެ. އިންޑިއާ ކަނޑަކީ ކުދި، ބޮޑު އެތައް ޤައުމަކަށް ނިސްބަތްވާ، އެޤައުމުތަކުގެ ކަނޑެވެ. އިންޑިއާ ކަނޑުގެ ސެކިރިޓީއާ އައްޑޫސިޓީ ގުޅި ލާމެހިފައިވާ ކަމަށް ނަޝީދު މި ވިދާޅުވި ވިދާޅުވުމަކީ ސީދާ އިންޑިއާގެ އޯޑަރަށް ވުޖޫދުކުރި ފްލޯކު ވާހަކައެކެވެ.

މީގެ އެންމެ މުހިއްމު ބޭނުމަކަށް ވާނީ އައްޑު ސިޓީގައި އިންޑިއާއިން އަޅަމުންދާ ޕޮލިސް ޓްރެއިނިންގް މަރުކަޒު މިލިޓަރީ ހެޑްކުއާޓަރަކަށް ހެދުމާއި، ގަމުގައިވާ އިންޑިއާގެ ހެލިކޮޕްޓަރ ތަކުގެ އިތުރުން އެހެނިހެން މިލިޓަރީ ޖެޓްތައްވެސް ގަމަށް ގެނައުމާއި، ގަމުގައި ތިބި އިންޑިއާ ސިފައިންގެ އިތުރުން އިންޑިއާގެ ނުފޫޒު އައްޑޫސިޓީގައި ގަދަކުރުމާއި، އެއަތޮޅުގެ ކޮންވެންޝަން ސެންޓަރުގައި އަޅާ ހޮސްޕިޓަލް އިންޑިއާ ކުންފުންޏަކަށްދިނުމާއި، ގަމުގެ ވައިގެ ބަނދަރު އިންޑިއާގެ ކުންފުންޏަކަށް ދިނުމާއި، އައްޑޫސިޓީގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ވިސްނުން ފުޅާކުރުމެވެ. މިއީ ހަޤީގަތުގައި އިންޑިއާ ކަނޑުގެ ސަލާމަތަށް ލިބޭނެ ރަނގަޅު ބާރެއް ނޫނެވެ. މިފަދަ މަރުކަޒެއް ހެދިއްޖެ ނަމަ އެކަންވާނީ ދިވެހި ރާއްޖޭގެ އަޅުވެތިކަމުގެ ފެށުމަށެވެ. އަދި އިންޑިއާ ކަނޑުގައި ޗައިނާ އާއި އިންޑިއާގެ ފިނިހަނގުރާމައިގެވެސް ފެށުމަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41

One Response

  1. އިންޑިޔާއިން ރާއްޖޭގައި ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ނަގާލުމަށް ކުރަމުން އަންނަ މަސައްކަތްތައް ކުރުމަށް ފުރުސަތު ނުދީ ހުއްޓުވުނު ގޮތަކަށް ހުއްޓުވުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ މީހެއް ވެސް ކުރަން ޖެހޭނެ ކަމެއް. މިތަނުގެ ގައުމީ ބަތޮލުންނަކީ އެހެން ގައުމަކުން އައިސް އެގައުމެއްގެ އިސްތިގުލާލު ތެރެއަށް ވަންނަން ކުރާ މަސައްކަތް ހުއްޓުވުމަށް ކުރިމައްޗަށް ނިކުންނަން ކެރޭ ދިވެހިވަންތަ ދިވެހިން. އިންޑިޔާއިން ދަނީ މިގަމުގައި ފާޅުކަން ބޮޑުކޮށް ދިވެހިން ވެސް ބައިވެރިކޮށް ޖާސޫސީ ހިސޯރީ މަސައްކަތްތައް ކުރަމުން. ރާއްޖޭގައި ޖާސޫސް ކުރާ މީހުންނަށް ބޮޑެތި އަދަބުތައްދީ ކަންކަން ކުރެވޭނެ ޤާނޫނު ތަކެއް މިހިދުން މިހިދަށް ވެސް އުފަން ކުރަންޖެހޭ. އިންޑިޔާއިން ދަނީ މާލެ ސަރަހައްދާ އައްޑޫ ސަރަހައްދާ ލ ސަރަހައްދާ ތިލަދުންމަތީ އެންމެ އުތުރުގައި އަދި ވެސް ބައެއް އެހެން އަތޮޅު ތަކުގައި ބޭސްވެގެން ކަވަރުގައި އެކިއެކި ވިޔަފާރި ހިންގާ ޖާސޫސީ ކުޅިގަނޑު ކުޅެމުން. ރާއްޖެއިން ބިން ފޭރި އެބިމުން ވިޔަފާރިކޮށް މިކަންކަމަށް ހަރަދު ކުރަމުން. އިންޑިޔާ މީހުންނާ ގުޅުންހުރި ވިޔަފާރިތައް ބަލާ އިންޑިޔާ ސަރުކާރަށް ޖާސޫސް ކޮށްދޭ ހުރިހާ ފަރާތެއް ހޯދާ ގާނޫނީ އަދަބުދީ މިކުޅިކުޅޭ އިންޑިޔާ އެންމެން ޑީޕޯޓް ކުރެވޭނެ ގޮތްތަކެއް ރާއްޖެއިން ވެސް އެބަފެންނަން ޖެހޭ. ކޮންމެ ރަށެއްގައި ވެސް އެރަށެއްގެ މީހުން މިހާރު އެބަބަލަން ޖެހޭ އެރަށުގައި އުޅޭ އިންޑިޔާ މީހުން އުޅޭ ނޫޅޭ ގޮތް. އައިޓީ މޮޅެތި ދިވެހި ޒުވާނުންވެސް މިމީހުން ޖަހާ ސަކަރާތްތައް ބަލާ ފާރަވެރިވެ ފަލީހަތް ކޮށްގެން ނޫނީ މިކަމެއް ނުހުއްޓޭނެ. ރާއްޖޭގައި ވެސް ތިބީ ފަންނުވެރި ޒުވާނުން.
    ii

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *