Support Us

ކޮލަމް ކެޔޮނިރު: އިންޑިއާގެ މަކަރުވެރި ދަންތުރާގައި ރާއްޖެ އިތުރަށް ފިތެނީ!

މި މަންޒަރު ތަސައްވަރު ކޮށްލައްވާށެވެ. މާޗު މަހުގެ ކަޅުފޮއެ ރެއެއްގެ ހާރުދަމު ވަގުތެވެ. މެންދަމުގެ ހަމަހިމޭންކަމުގެ ތެރެއިން، ރާއްޖޭގެ މީހުން އުޅޭ، ކުޑަ ރަށެއްގެ ފަޅަށް ވަންނަނީ ހަތިޔާރު އެޅި އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެކެވެ. އިންޑިއާ ސިފައިން ސިއްރިޔާތުގައި އެ ރަށަށް އަރައި، ބަޔަކު ހައްޔަރުކޮށް، ބިރު ދެއްކުމަށް ފަހު ފަތިސްވުމުގެ ކުރިން އެރަށުން ފައިބައިގެން ދެއެވެ. އަނެއް ދުވަހު އިންޑިއާއިން ބުނަނީ އެމީހުން އެކަން ކުރީ އައި.އެސް ޖަމާއަތުގެ ޓެރަރިސްޓު ހަރަކާތެއް އެރަށުގައި ހިނގާކަމުގެ ޖާސޫސީ މައުލޫމާތު ލިބިގެން ކަމަށެވެ. ރާއްޖޭގެ ނަން ވަގުތުން ހުތުރުވެއެވެ. އިންވެސްޓަރުންގެ އިތުބާރު ގެއްލެއެވެ.

މި މަންޒަރު ވެސް ތަސައްވަރު ކޮށްލައްވާށެވެ. ރާއްޖޭގެ ލަގްޒަރީ ޓޫރިސްޓް ރިސޯޓެއްގައި ޓުރިސްޓުން ނިދާފައި ތިއްބައި ހަތިޔާރު އެޅި އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް އެ ރިސޯރޓަށް ކައިރިކުރެއެވެ. އިންޑިއާ ސިފައިން ސިއްރިޔާތުގައި އެ ރިސޯޓަށް އަރައި، ބަޔަކު ހައްޔަރުކޮށް، ބިރު ދެއްކުމަށް ފަހު ފަތިސް ވުމުގެ ކުރިން އެ ރިސޯޓުން ފައިބައިގެން ދެއެވެ. އަނެއް ދުވަހު އިންޑިއާއިން ބުނަނީ އެމީހުން އެކަން ކުރީ އައި.އެސް ޖަމާއަތުން އެ ރިސޯޓުގައި ޓެރަރިސްޓު ހަމަލާއެއް ހިނގަން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިގެން ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަގުތުން ފުނޑެއެވެ!

މި މަންޒަރު ވެސް ތަސައްވަރު ކޮށްލައްވާށެވެ. އިންޑިއާގެ ޖާސޫސީ އެޖެންޓުން އަޑީގައި ތިބެގެން، ރާއްޖޭގެ މީހުން އުޅޭ ރަށެއްގައި ބޮމެއް ފަދަ އެއްޗެއް ގޮއްވާލައެވެ. އެ ހަމަލާގައި ސިޔާސީ މީހަކު މަރާލައެވެ. އެ ހަމަލާގެ ޒިއްމާ އައި.އެސް ޖަމާއަތާ ގުޅުވައި، ދިވެހި ރާއްޖެއަކީ ޓެރަރިޒަމްގެ ހާއްޔެކޭ ކިޔައިގެން، އިންޑިއާ އިން، ބައިނަލްއަޤްވާމީ މީޑިއާ އަށް އަރުވައެވެ. ދިވެހި މަސް އޮޑިތަކަށް އެރި އިންޑިއާ ސިފައިން މި ތިން ކަން ވެސް ނުކުރާނެ ކަމަށް ބަލައިގެން ނުވާނެއެވެ.

މި އަހަރު ޖަނަވަރީ 31 ވީ ބުދަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އަސުރުމާ-3، ނިރު-7، އަދި މާހޯރަ-3، މި ތިން ކަންނެލި ދޯންޏަށް އިންޑިއާގެ ކަނޑުގެ ސިފައިން، ހަތިޔާރާ އެކު އަރައި، ދިވެހި މަސްވެރިންނަށް ބިރު ދައްކައި، ބައެއް މަސްވެރިންގެ ފޯނު އަތުލައި، ހެކި ނައްތާލި ކަމުގެ ވީޑިއޯ ހެކި އާއްމު ވެފައި ވަނިކޮށް، 01 ފެބްރުއަރީ ވީ ބުރާސްފަތި ދުވަހުގެ ރޭ، މާހޯރަ-3 މަސް ދޯނި، ހއ.މޮޅަދޫ ބޮޔާއި ތިން މޭލު ހިސާބުން ދަތުރު ކުރަމުން ދަނިކޮށް، މެންދަމު 12 ޖެހި އިރު އިންޑިއާގެ މަނަވަރެއް، އެ ދޯންޏާ ކައިރިކޮށް، އިންޑިއާގެ ކަނޑުގެ ސިފައިން އެ ދޯންޏަށް އަރައި ބިރު ދެއްކި މައްސަލައެއް މިހާރު ވަނީ އެމް.އެން.ޑީ.އެފް އަށް ރިޕޯޓް ކޮށްފައެވެ. ދެފަހަރެއްގެ މަތިން، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، ޑިޕްލޮމެޓިކް އެއްވެސް ޕްރޮޓޮކޯލް އަކަށް ހުރުމަތެއް ނެތި، އިންޑިއާގެ ކަނޑުގެ ސިފައިން، ހުއްދަ ނެތި ދިވެހި ކަނޑުގެ ސަރަހައްދަށް ވަދެ ދިވެހި މަސްވެރިންނަށް ބިރު ދެއްކުމުން ދިވެހި ސަރުކާރުން އަދި މިހާތަނަށް މާ ބޮޑު ހަރުކަށި އިބާރާތަކުން މިކަން ކުށްވެރި ނުކުރާކަން ފާހަގަ ކުރެވެއެވެ. މިކަމާ ގުޅިގެން ޖާރިޖީ ވަޒީރުވެސް އަދި ރައީސް ޑރ.މުއިއްޒު ވެސް މިހާތަނަށް މާބޮޑު އެއްޗެއް ވިދާޅެއް ނުވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދެޤައުމުގެ މެދުގައި މަޝްވަރާ ކުރުމަށް، 15 ޖަނަވަރީގައި މާލޭގައި ބޭއްވި ހައިލެވެލް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ރައީސް ޑރ. މުއިއްޒު ހުށަހަޅުއްވާފައި ވަނީ ދިވެހި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، 15 މާޗް 2024 ގެ ކުރިން އަނބުރާ ގެންދިއުމަށެވެ. އެ ބައްދަލުވުމަށް ފަހު ދިވެހި ސަރުކާރުން ބުނީ އިންޑިއާ އިން އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ދުވަހުގެ ބައްދަލުވުމަށް ފަހު އިންޑިއާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި އެފަދަ ކަމަކަށް އެއްބަސްވި ކަމަށް ބަޔާން ކޮށްފައި ނުވެއެވެ. އޭގެ ބަދަލުގައި އިންޑިއާގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓާއި ތިން ހެލިކޮޕްޓަރ އަނބުރާ ނުގެންގޮސް، ހިދުމަތް ކުރިއަށް ގެންދެވޭނެ ހައްލެއް އޮތްތޯ ދެޤައުމުގެ މެދުގައި ވާހަކަ ކުރިއަށް ދާ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭ ހައިލެވެލް ކޮމިޓީގެ ދެވަނަ ބައްދަލުވުން، ފެބްރުއަރީ 2ގައި އިންޑިއާގެ ނިއުދިއްލީގައި ބޭއްވީ ދިވެހި ތިން މަސްދޯންޏަކަށް އިންޑިއާގެ ކަނޑުގެ ސިފައިން، ބައިނަލްއަޤްވާމީ ޤަވާއިދުތަކާ ހޮލާފަށް އެރި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ނިއުދިއްލީގައި އިއްޔެ އޮތް ބައްދަލުވުމަށް ފަހު ދިވެހި ހާރިޖިއްޔާއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މޭ 10 ގެ ކުރިން އަނބުރާ ގެންދިއުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ފުރަތަމަ ބައްދަލުވުމަށް ފަހު ދެ ޤައުމުގެ ބަޔާންތައް ދިމާނުވި ގޮތަށް އިއްޔެގެ ބައްދަލުވުމަށް ފަހުވެސް ދެ ޤައުމުން ނެރުނު ދެބަޔާނުގައި ވާ ވާހަކަތައް ދިމައެއް ނުވެއެވެ.

މޭ 10 ގެ ކުރިން ސިފައިން ބާލަން އިންޑިއާ އެއްބަސްވެފައިވާ ކަމަށް ދިވެހި ހާރިޖިއްޔާއިން ބުނި އިރު އިންޑިއާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓާއި ތިން ހެލިކޮޕްޓަރ ދުއްވަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ ޕައިލެޓުން އިންޑިއާއިން ގެނެސް، އިންޑިއާ ސިފައިން ބޭލުމާ މެދު ދެ ޤައުމުން މަޝްވަރާ ކުރި ކަމަށެވެ. އަދި 10 މޭގެ ކުރިން ސިފައިން ބާލަން އެއްބަސްވި ކަމަކަށް އިންޑިއާގެ ބަޔާނުގައި ނެތެވެ.

ދެ ޤައުމުގެ ހައިލެވެލް ކޮމިޓީގެ ދެ ބައްދަލުވުން މިހާތަނަށް ބޭއްވި، ތިންވަނަ ބައްދަލުވުމެއް ފެބްރުއަރީ މަހު ފަހުކޮޅު ބޭއްވުމަށް އެއްބަސްވެފައިވާ އިރު، ފެންނަން އޮތް އެއްޗަކީ ރާއްޖޭން ދިން، 15 މާޗްގެ ޑެޑްލައިނަށް އިންޑިއާ ތަބާނުވިކަމެވެެ. ފެންނަން އޮތް އެއްޗަކީ، މޭ 10 ގައި އިންޑިއާ ސިފައިން ފައިބާނެ ކަމަށް ރާއްޖެއިން ބުނިކަމުގައި ވިއަސް އިންޑިއާއިން އެފަދަ ވާހަކައެއް ބުނެފައި ނެތްކަމެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ އެއްވެސް ވިސްނުމެއް އިންޑިއާގެ ނެތެވެ. ރާއްޖޭގައި އޮތް އިންޑިއާގެ ވައިގެ ސިފައިންގެ ހަތަރު އުޅަނދަކީ ރައްޖޭގެ މަދަނީ ކަންކަމުގައި އެހީތެރިވުމުގެ ނަމުގައި ދުއްވާ ހަތަރު އުޅަނދެވެ. މިތަކެތި ދުއްވަންށާއި ސާވިސް ކުރުމުގެ ނަމުގައި 90 ވަރަކަށް އިންޑިއާ ސިފައިން ރާއްޖޭގެ އުތުރާއި ދެކުނުގެ ތިން ހަތަރު ސަރަހައްދެއްގައި ހަރަކާތަތެރިވެއެވެ. މި ތަކެއްޗާ އެކު އިންޑިއާގެ 90 ވަރަކަށް ސިފައިން ރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން ތަފާތު ތާރީހުތައް ދެމުންދާއިރު ވެސް ސިފައިން ބޭލުމަށް އިންޑިއާ ދެކޮޅު ހެދުމުން ދޭހަވަނީ މިކަމުގައި އިންޑިއާގެ ވަރަށް ބޮޑު ސިއްރު އެޖެންޑާއެއް އޮތް ކަމެވެ.

މަދަނީ ޕައިލެޓުން ބައިތިއްބައިގެން ވިއަސް ރާއްޖޭގައި އެ ހަތަރު އުޅަނދު އޮޕަރޭޓް ކުރަން އިންޑިއާއިން އެވަރަށް ބޭނުންވެގެން އުޅޭ ސަބަބަކީ ކޮބައި ބާވައެވެ؟ ކުރީގެ ސަރުކާރުން އިންޑިއާގެ ބާރު ދިވެހި ރާއްޖޭގައި ގަދަ ކޮށްފައި އޮތް މިންވަރުން އިންޑިއާ އަށް މިހާރު ވަނީ ދިވެހި ފަސްގަނޑުގައި ފައި ހަރުކުރެވިފައެވެ. އެހެން ކަމުން ދިވެހި ރާއްޖެ މިއޮތް މުހިއްމު ސަރަަހައްދުގައި އިންޑިއާ ސިފައިން ތިބެގެން އެހެން ޤައުމުތަކަށް ޖާސޫސްކޮށް، އިންޑިއާގެ ހަން ދިވެހި ފަސްގަނޑުގައި ފެތުރުމަކީ އިންޑިއާގެ މަޤްސަދެވެ. އިބޫ ސޯލިހާއި އެމް.ޑީ.ޕީ އިން އަދިވެސް ހިއްވަރު ދެމުން ދަނީ އިންޑިއާ އަށެވެ. ދިވެހި ރާއްޖޭގެ ސަރަހައްދަށް ހުއްދަނެތި އިންޑިއާ ސިފައިން ވަދެ ދިވެހި މަސް އޮޑިތަކަށް އެރުމުން ވެސް އެމް.ޑީ.ޕީ އާއި އެޕާރޓީގެ ގިނަ ބައެއްގެ ތާއިދު އަދިވެސް އޮތީ އިންޑިއާ ކޮޅަށެވެ. ދިވެހީންނާއި ދިވެހި ރާއްޖޭގެ ކޮޅަކަށް ނޫނެވެ. މިއީ ދިވެހީން ބާވައޭ ވެސް ހިތަށް އަރާވަރު ވެއެވެ! މިކަމުން ހިއްވަރު ލިބިގެން އިންޑިއާ އިން ބޭނުންވަނީ މާރޗް މަހުގެ މަޖުލިސް އިންތިހާބުގެ ކުރިން ރާއްޖެއިން ނުފޭބުމަށެވެ.

ދިވެހި މަސް އޮޑިފަހަރަށް އަރައި އިންޑިއާ އިން މިހިންގާ ބައިނަލްއަޤްވާމީ ޖަރީމާގެ ބޭނުމަކީ ކުރިއަށް މިއޮތް މަޖުލިސް އިންތިހާބުގެ ފޯކަސް ރައީސް ޑރ.މުއިއްޒުގެ ޕާޓީ އަށް ގެއްލުވާލުމެވެ. އިންތިހާބުން ޕީ.ޕީ.އެމް އާއި ޕީ.އެން.ސީ ބަލިވެ، އިންޑިއާގެ އެހީގައި އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް އަށް އައުލަބިއްޔަތު ލިބިއްޖެ ނަމަ މަޖުލިސް ތެރެއިން ރައީސް އަޒުލް ކޮށް އެމް.ޑީ.ޕީ އަށް އަލުން ވެރިކަން ދިނުމަކީ އިންޑިއާގެ އުއްމީދެވެ. އިންޑިއާ ސިފައިން އަނބުރާ ނުގެންގޮސް އިންޑިއާއިން ލަސްކުރަނީ މިމަޤްސަދު ހާސިލް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އިންޑިއާގެ އަނެއް ބޭނުމަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދިވެހި ސަރުކާރަށް ގެއްލުވާލައި، ތަރައްޤީގެ މަޝްރޫއުތަކަށް ހުރަސް އެޅުމެވެ. މީގެ އިތުރުން ދިވެހި މަސްވެރިންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި، މަސްވެރިކަމަށް ނިކުންނަ އުޅަނދުތައް މަދުކޮށް މަސްވެރިކަމުގެ ސިނާއަތް ވަޅުޖައްސާލައި ރާއްޖެއަށް އިގްތިސޯދީ ދަތިކަން ކުރިމަތި ކުރުވުމެވެ.

އިންޑިއާއިން ކޮށްފާނެ އަނެއް ކަމަކީ ރާއްޖޭގައި މީހުން އުޅޭ ކުޑަ ރަަށަކަށް އަރައި، ރަށުގެ ރައްޔިތުންނަށް ބިރު ދެއްކުމެވެ. އަދި އޭގެ ފަހުން ޓޫރިސްޓް ރިސޯޓަަކަށް އަރައި ޓޫރިސްޓުންނަށް ބިރުދައްކައި، ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވެސް އިންޑިއާއިން ފުނޑާލަފާނެއެވެ. އަދި އެއަށް ވުރެ އެއް ފިޔަވަޅު ކުރިއަށް ގޮސް، ރާއްޖޭގެ މީހުން އުޅޭ ރަށެއްގައި ބޮމެއް ފަދަ އެއްޗެއް ގޮއްވާލައި، ސިޔާސީ މީހަކު މަރާލައި، އެހަމަލާގެ ޒިއްމާ އައި.އެސް ޖަމާއަތާއި ގުޅުވައި، ދިވެހި ރާއްޖެއަކީ ޓެރަރިޒަމްގެ ހާއްޔެކޭ ކަޔައިގެން ބައިނަލްއަޤްވާމީ މީޑިއާ އަށް އެރުވުމެވެ. އިންޑިއާގެ މީހީލަތްތެރި ރޭވުމަށް އަޑިއަޑިން ހިއްވަރު ދީގެން ތިބީ އެމެރިކާ އާއި އިގިރޭސީންނެވެ. ދިވެހި ސަރުކާރުން މި ތިން ޤައުމުގެ ނިޔަތާއި މެދު ވަރަށް ފާރަވެރިވާން ޖެހެއެވެ.

އިންޑިއާގެ މިފަދަ ނާތަހުޒީބު، އައިރު ޒިއްމާދާރު، ނުބައި އަމަލު ތައް އިތުރަށް ކުރިއަށް ދާނަމަ ދިވެހި ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ސަލާމަތް ކަށަވަރު ކުރުމަށްޓަކައި ބޭރުގެ ރަހްމަތްތެރި ޤައުމެއްގެ ދިފާއީ އެހީތެރިކަން ހޯދަން ދިވެހި ސަރުކާރަށް މަޖުބޫރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން، އަރަބި އިސްލާމީ ޤައުމެއް ކަމުގައިވާ ސައުދި އަރަބިއާ ނުވަތަ އިސްލާމީ، އަވަށްޓެރި ޕާކިސްތާން އާއި ޗައިނާ ފަދަ ޤައުމެއްގެ ކަނޑުގެ ސިފައިން، ދިވެހި ކަނޑުތައް ޕެޓްރޯލް ކުރުމުގެ އެއްބަސްވުމެއް ހެދި ދިވެހި ރާއްޖޭގެ ސަލާމަތްތެރިކަން ކަށަވަރު ކުރަން ދިވެހި ސަރުކާރުން މަސައްކަތް ކުރުމަކީ ވުން އެކަށީގެންވާ ކަމަކެވެ.

އިންޑިއާ އިން ކުޅެމުން މިދަނީ ވަރަށް ނުރައްކާތެރި ގޭމެކެވެ. މި ނުރައްކާތެރި ގޭމްގެ ސަބަބުން ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، އަދި މީހުން ދިރިއުޅޭ ރަަށަކަށް ވެސް ނުވަތަ ރިސޯޓަކަށް ވެސް އިންޑިއާ ސިފައިން އަރާފާނެ ކަމަށް ބަލައި، މި ބިރުވެރިކަން ވީ އެންމެ އަވަހަކަށް ނިމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ވަރަށް ހިކުމަތްތެރި ގޮތެއްގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އިންޑިއާ އަށް އެންމެ އިންޗިއެއްގެ ދޫދިނަސް އެމީހުން އެއް މޭލުގެ ޖާގަ އިތުރަށް ހިފާނެއެވެ. އެމެރިކާ އާއި އިގިރޭސިންގެ ތާއިދާއި އެކު އިންޑިއާ އިން ކުޅެމުން މިދާ ނުރައްކާތެރި ގޭމް އިންޑިއާ އިން ނިނަމާކަށް ނެތެވެ. އެ ގޭމް ނިންމޭނީ ރާއްޖެއިން އަޅާ ހިކުމަތްތެރި، އަވަސް ފިޔަވަޅުތަކެއްގެ ސަބަބުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
621

One Response

  1. India helicpteraa sifain naa manavaru dhinee raajjeyge sarukaaru takun edhigen. Eee rayyithun hovi sarukaaru tah. Mi liun liunee dhivesseh baaey ves hithah araa. Vaki kolhakah jehumuge ves hadhdhen onnaane. Abadhuves fithuna ufedhdhey tho. Raajjeyge resorteh ga is ge bayaku thibejjeyyaa india keekkuran america meehunves araafaane. Thanthanah baarugadha gaumu thakun aranee mikahala fithunaigai jehi gaumu thakuga ufedhey udhaas contrll nuve imunbeyrah dhevuneema. Baarugadha bayakah avaagajehigen dhuppaan kureema ekamuge undhagoo vaan fesheema kureveynehaaves kamakee dhivessakah veethee fahuru veri vun
    Dhoamgnah bayaku ereema ekan balan jeheyfaraathun edhanee balamun. India sifain fonuvumuge kantgah edhanee kuramun. Thaareehu badhaluves vaane. Eee dhefaraathun mashvaraakurevigen. Dhen kon beykaaru fithunaeh mihadhanee.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *