Support Us

30 އަހަރަށްފަހު ފެލިދޫން އިންޖީނުގެ ގަދަ އަޑު ކެނޑިއްޖެ!

ވ. ފެލިދޫގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް 30 އަހަރަށްފަހު ނިއްވާލައި، އެ ރަށުގައި ސްޓެލްކޯއިން ޤާއިމްކުރި އައު ޒަމާނީ އިންޖީނުގެއިން ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ. އިއްޔެ ފެލިދޫއަށް ވަޑައިގެން އެރަށު ބައު އިންޖީނުގެ ނިއްވާލަދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

ފެލިދޫ ބައު އިންޖީނުގޭގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލިއިރު، އެ ޖަނަރޭޓަރުތަކުގެ ގަދަ އަޑާއި ދުން ވަނީ ރަށުގެ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފަކަށް ވެފައެވެ. ފެލިދޫ އައު އިންޖީނުގޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ، ފަޔަރ ފައިޓިންއާއި، ސައުންޑް ޕްރޫފިން އަދި ސްޓާފް އެކޮމޮޑޭޝަންއަކާއި، ޓްރެއިނިން ހޯލެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިއްބައިދެވޭނެ ކަސްޓަމަރ ސާވިސް ބިލްޑިންގއަކާއި އެކު، އަޅާފައިވާ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށެވެ. ބައު އިންޖީނުގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން ރަށުގެ ކައުންސިލުންވެސް ވަނީ އެކަން ފާހަގަކޮށް، މިއީ ޒަމާންތަކަކަށްފަހު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަން ފާހަގަކޮށްފައެވެ.

ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ފެލިދޫ ބައު އިންޖީނުގޭގެ ޚިދުމަތް ދޭން ފަށާފައިވަނީ 31 ޖަނަވަރީ 1994 ގައެވެ. ޖުމްލަ 25 ކިލޯވޮޓްގެ ޖަނަރޭޓަރަކާއެކު ފެލިދޫގައި ކަރަންޓު ދޭން ފެށިއިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10- 12 ކިލޯވޮޓެވެ.

ފެލިދޫ އިންޖީނުގެ 2014ގައި ސްޓެލްކޯއާ ހަވާލުކުރުމާ ގުޅިގެން ރަށުގެ ކަރަންޓު ޑިމާންޑަށް ބަލައި، ސްޓެލްކޯއިން ދިޔައީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަލަށް އިތުރު ކުރެވުނު 304، 250 އަދި 500 ކިލޯވޮޓުގެ ޖަނަރޭޓަރުތަކާއެކު ރަށުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1،054 ކިލޯވޮޓަށް އިތުރު ކުރެވިފައެވެ. މިވަގުތު ފެލިދޫގެ އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓެވެ. ފެލިދޫގައި ސްޓެލްކޯއިން ޤާއިމްކޮށްފައިވާ އިންޖީނުގެއަކީ ޒަމާނީ އަޑުމަޑު، ކަސްޓަމަރ ސާވިސް އިމާރާތަކާއެކު ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ދެވޭނެ ފަދަ އިންތިޒާމްތަކާ އެކު އަޅާފައިވާ އިންޖީނުގެއެކެވެ.