Support Us

ފެނަކަ އޮތް ޙާލަތުން އަރައިގަތުމަށް ހުރިހައި އެހީއެއް އަގަކާނުލައި ވެދޭނަން: ފަހުމީ

ފެނަކަ ކޯޕަރޭޝަން މިހާރު އޮތް ފަންނީ އަދި މާލީ ޙާލަތުން އަރައިގަތުމަށް ވެވެން ހުރި ހުރިހާ އެހީއެއް، އެއްވެސް އަގަކާ ނުލައި ސްޓެލްކޯއިން ވަމުން ގެންދާނެ ކަމަށް މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފެނަކަގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯ އާއި ފެނަކައާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، މި ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ކޮށްދޭ ގިނަ ކަންކަން ވެގެންދާނީ އަގަކާ ނުލައި، ރައްޔިތުންނަށް ދެ ކުންފުނިން ދޭ ޚިދުމަތުގެ ފެންވަރުގެ މަތިކުރުމުގެ މަޤުޞަދުގައި ކޮށްދޭ ކަންތައްތަކަށް ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް ހިލޭ ކޮށްދެވެން ހުރި ހުރިހާ ކަމެއް ހިލޭ ކޮށްދޭނަން. މުދާ ގަންނަންޖެހިއްޖެ ނަމަ އޭގެ ކޮސްޓް އަޅުގަނޑުމެން ފެނަކައަށް ޕާސްކުރި ނަމަވެސް ވީހާވެސް ލުއި ގޮތަކަށް އަޅުގަނޑުމެން މި އެއްބަސްވުމުގެ ދަށުން މަސައްކަތްކޮށްދޭނަން،" ފަހުމީ ވިދާޅުވިއެވެ.

ފެނަކަ މިހާރު އޮތް ޙާލަތުން އަރައިގަންނަޖެހޭކަން ފާހަގަކުރައްވާ ފަހުމީ އިތުރަށް ވިދާޅުވީ، މި ވެވުނު ފަހުމުނާމާގެ ދަށުން އެކި ދާއިރާތަކުން ފެނަކައިގެ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށް ސްޓެލްކޯއިން އެހީވެދޭނެ ކަމަށެވެ.

"މީގެ ދަށުން އަޅުގަނޑުމެން ފެނަކައިގެ މުވައްޒަފުންނަށް މެކޭނިކަލް އިންޖިނިއަރިންގެ ރޮނގުންނާއި އިލެކްޓްރިކަލް އިންޖިނިއަރިންގެ ރޮނގުން އަޅުގަނޑުމެން ތަމްރީނުދޭނަން. އަޅުގަނޑުމެންގެ ފެސިލިޓީސްތަކުގަޔާ އަދި ފެނަކައިގެ އިންޖީނުގެތަކުގައިވެސް،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ފެނަކައިގައި މިހާރުވެސް ޓެކްނިކަލް ކެޕޭސިޓީ ހުރި ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ ކުންފުނިން ޚިދުމަތްދޭ ރަށްތައް ގިނަވުމުން، މިފަދަ ތަމްރީނުތަކެއްގެ ނަތީޖާއެއްގެ ގޮތުން ދެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުޅާވެ، ދެވޭ ޚިދުމަތަށް ރައްޔިތުންގެ ޔަޤީންކަން އިތުރުވެގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *