ރާއްޖެއިން ހައްޖަށްދާ ފަރާތްތަކުން މިނާ އާއި އަރަފާތުގައި ތިބޭ ތަނާއި ލިބޭ ހިދުމަތްތައް ކުރިއަށް ވުރެ ދެން ރަނގަޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ދައުލަތުގެ ވަޒީރުން ޖަވާބު ދެއްވުމުގެ ގޮތުން ސަރުކާރުން ބާާއްވާ "އަހާ" ފޯރަމްގެ ދަށުން ރޭ ސަލްޓަންޕާކްގައި ބޭއްވި ފުރަތަމަ ފޯރަމްގައި ހައްޖާ ބެހޭ ގޮތުން ފޯނު ކޯލް މެދުވެރިކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްްވަމުންނެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަށް ރާއްޖޭގެ ހައްޖު ކޯޓާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެއް ކަމަށާއި ރާއްޖެއިން ހައްޖާ ބެހޭ އިދާރީ ނިޒާމު ހަރުދަނާ ކުުރުމާއި ހައްޖާއި އުމްރާއަށް ދާ މީހުންނަށް ރަނގަޅު ހިދުމަތެއް ސަރުކާރުން ދިނުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އެގޮތުން މިހާރު ހައްޖު ކޯޕަރޭޝަން ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައިވާއިރު ރާއްޖެއިން ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ރަނގަޅު ހިދުމަތެއް ހޯދުމަށް ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ދާދި ފަހުން ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއިން ހައްޖާއި އުމްރާއަށްދާ މީހުންނަށް މިހާރަށް ވުރެ ރަނގަޅު ހިދުމަތްތައް ލިބޭނެ ގޮތް ސައުދީ އަަރަބިއްޔާގެ ހައްޖު މިނިސްޓްރީން ހަމަޖައްސައިދީފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިނާ އާއި އަރަފާތުގައި ދިވެހިން ތިބޭ ތަނާއި ދިވެހިންނަށް ލިބޭ ހިދުމަތްތައް ކުރިއަށް އޮތް ހައްޖުގައި ތަފާތުވާނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ހައްޖުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އަގުހެޔޮ ކުރުމަކީ އެއް ދުވަހުން ދެ ދުވަހުން ކުރެވޭނެ މަސައްކަތްތަކެއް ނޫން ކަމަށާއި އެކަމާ ބެހޭ ސިޔާސަތުތަކެއް ކަނޑައަޅައި އިގުތިސާދީ ވިސްނުންތަކެއް ކުރިއަށް ނެރެގެން ހައްޖު ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަސައްކަތުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ހެޔޮ ބަދަލުތަކެއް މި ނިޒާމަށް އަންނާނޭ،" ޝަހީމް ވިދާޅުވި އެވެ.



advertisment