Support Us

މަދުވެގެން ފަސް ރަށެއްގައި މި އަހަރު ބެޓަރިން ކަރަންޓުދޭން ފަށާނަން: ފަހުމީ

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓުދޭން ފެށުމަށް ނިންމަވާފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 74 އަހަރު ފުރުން ފާހަގަކުރުމަށް ކުންފުނީގެ ބޯޑާއި، މެނޭޖްމަންޓް އަދި މުވައްޒަފުންނާއެކު ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފައިފައިވާ އަމާޒަށް ވާޞިލުވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފައިވާ ކަމަށެވެ.

އެގޮތުން ކ. އަތޮޅާއި އއ. އަތޮޅާއި އދ އަތޮޅުގެ އިތުރުން ވ. އަތޮޅުގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި އެކަށޭނަ ޢަދަދަށް އިއާދަކުރަނިވި ހަކަތަ އުފައްދަން ފަށައި، އެ ރަށްތަކުގައި މި އަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު ބެޓަރިން ކަރަންޓު ދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި ޚިދުމަތް އިތުރު ރަށްތަކަށް ފުޅާކުރައްވަމުން ގެންދަވާނެކަންވެސް ފަހުމީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގުމަށް ނިންމާފައިވާ ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދަށް އިތުރުކުރާ ޖަނަރޭޓަރުތަކަކީ ހަމައެކަނި ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުންވެސް ހިންގޭނެ، ހައިބްރިޑް ޖަނަރޭޓަރުތަކަކަށް ވެގެންދާނެކަން ފަހުމީގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.

ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި، އައު އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، ކުންފުނީގެ ޚިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސްޓެލްކޯއިން ދަނީ ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *