Support Us

އެންމެ މުއްސަނދި 10 ބިލިޔަނަރުންނަށް ކޮރޯނާގެ ސަބަބުން ގެއްލުނީ ކޮން އެއްޗެއް؟

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އައި ކޮރޯނޯ ވައިރަހުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށާއި ވިޔަފާރިތަކަން ބިލިޔަން ޑޮލަރުގެ ގެއްލުންތައްވެ ގިނަ ވިޔަފާރިތައް ބަނގުރޫޓްވި ނަމަވެސް މަދު ވިޔަފާރިތަކެއް ފަތުއަޑުކިޔާފައި ކުރިއަރައިގެން ދިޔަކަށް ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން މިދުވަސްވަރު އެންމެ ބާރަށް ކުރިއަރާފައި ވަނީ ޓެކްނޮލޮޖީ ދާއިރާގެ ކުންފުނިތަކެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި 10 ބިލިޔަނަރުންގެ މިލްކިއްޔާތަށް ފާއިތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި އެތައް ބިލިޔަން ޑޮލަރެއް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

  1. އަމާންސިއޯ އޯޓޭގާ

މީގެ މަސްތަކެއް ކުރިން މިއީ ދުނިޔޭގެ 5 ވަނައަށް އެންމެ މުއްސަނދި ބިލިޔަނަރެވެ. ނަމަވެސް މިހާރު މީނާ ވަނީ މިލިސްޓްގެ 10 ވަނައަށް ވެއްޓިފައެވެ. އުމުރުން 84 އަހަރުގެ ސްޕޭންގެ މަހުޖަނު އަމާންސިއޯ އަކީ އިންޑިޓެކް ފެޝަން ގްރޫޕްގެ ފައުންޑަރު އަދި ކުރީގެ ޗެއާމަނެވެ. މިކުންފުނި އެންމެ މަޤުބޫލުވެފައި ވަނީ "ޒާރާ" ބްރޭންޑް ހެދުން ފިހާރަތަކުންނެވެ. ދުނިޔޭގެ އެންމެ ބޮޑެތި ފެޝަން ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ "ޒާރާ" ފިހާރަތައް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ.

ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި އޭނައަށްވަނީ ގާތްގަނޑަކަށް 5.2 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައެވެ. އަމާންސިއޯ އޯޓޭގާގެ މިހާރުގެ މިލްކިއްޔާތަކީ 60.5 ބިލިޔަން އެމެރިކާ ޑޮލަރެވެ.

  1. ސާރގޭ ބްރިން

ރަޝިޔާއަށް އުފަން އުމުރުން 46 އަހަރުގެ ސާރގޭ އަކީ އެމެރިކާގެ ކޮންޕިއުޓަރު ސައިންޓިސްޓެކެވެ. އަދި އިންޓަނެޓް ވިޔާފާރިވެރިޔެކެވެ. ލެރީ ޕޭޖާއެކު ގޫގްލްގެ ކޯފައުންޑަރަކީ ސާރގޭއެވެ. ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި އޭނާގެ މިލްކިއްޔާތަށް ވަނީ 13.7 ބިލިޔަން އެމެރިކާ ޑޮލަރު އިތުރުކޮށްފައެވެ. މުޅި މިލްކިއްޔާތުގައި 61.3 ބިލިޔަން އެމެރިކާ ޑޮލަރާއެކު ލިސްޓްގެ 9 ވަނާގައި ހިމެނޭ ސާރގޭ ދުނިޔޭގެ އެންމެ މުއްސަނދި 10 ބިލިޔަނަރުންގެ ލިސްޓަށް މުޅިން އަލަށް އެރިކަމުގައި ވިޔަސް މިލިސްޓްގައި ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓައިލާނޭ ކަމަށް ބެލެވެއެވެ.

  1. ލެރީ ޕޭޖް

ދުނިޔޭގެ އެންމެ މުއްސަނދި 10 ބިލިޔަނަރުންގެ ލިސްޓަށް އަލަށް އެރި އަނެއް ފަރާތަކީ ގޫގްލްގެ އަނެއް ފައުންޑަރު ލެރީ ޕޭޖެވެ. އުމުރުން 47 އަހަރުގެ ޕޭޖަކީވެސް އެމެރިކާގެ ކޮންޕިއުޓަރު ސައިންޓިސްޓެކެވެ. އަދި އިންޓަނެޓް ވިޔަފާރިވެރިޔެކެވެ. ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި އޭނަގެ މިލްކިއްޔާތަށް ވަނީ 14.2 ބިލިޔަން އެމެރިކާ ޑޮލަރު އިތުރުކޮށްފައެވެ. ޕޭޖްގެ މިލްކިއްޔާތުގައި 63.6 ބިލިޔަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. ޕޭޖްގެ ވިޔަފާރި ޕާޓްނަރު ސާރގޭ ފަދައިން ޕޭޖްވެސް މިވަނީ ލާރި ޖަހާ މެޝިނަކަށް ވެފައެވެ.

  1. ސްޓީވް ބޯލްމާރ

އުމުރުން 64 އަހަރުގެ ސްޓީވް ބޯލްމާއަކީ އެމެރިކާގެ ވިޔާފާރިވެރިއެއް އަދި އިންވެސްޓަރެކެވެ. ދެ ހާސް ވަނަ އަހަރުން ފެށިގެ 2014 ވަނަ އހަރާއި ހަމައަށް މައިކްރޮސޮފްޓްގެ ސީއީއޯގެ މަޤާމު އަދާކޮށްފައިވާ ސްޓީވަކީ މިހާރުގެ ނޭޝަނަލް ބާސްކެޓްބޯލް އެސޯޝިއޭޝަންގެ ދަ ލޮސް އެންޖަލިސް ކްލިޕާސްގެ ވެރިޔާއެވެ. އޭނަގެ މައިގަނޑު އާމްދަނީ ލިބެނީ އަދިވެސް މައިކްރޮސޮފްޓުންނެވެ. އެގޮތުން ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި އޭނާއަށް 14 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. އޭނާގެ މިހާރުގެ މިލްކިއްޔާތަކީ 65.4 ބިލިޔަން އެމެރިކާ ޑޮލަރެވެ.

  1. ލޭރީ އެލިޝަން

ލޭރީ އަކީ އެމެރިކާގެ އެންމެ މަޝްހޫރު ވިޔާފަރި މަހުޖަނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ނަވާރަ ސަތޭކަ ހަތްދިހަ ހަތެއްގައި އުފަންކުރުވި ސޮފްޓްވެއަރ ކުންފުނި އޮރޭކްލްގެ އެއް ފައުންޑަރަކީ ލޭރީއެވެ. ކުންފުނީގެ ސީއީއޯގެ މަޤާމް 2014 ގައި ދޫކޮށްލި ނަމަވެސް ލޭރީ އަކީ އަދިވެސް އޮރޭކްލްގެ ބޯޑްގެ ޗެއާރމަނެވެ. އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރެވެ. އުމުރުން 75 އަހަރުގެ ލޭރީއަށް ވަނީ ފާއިތުވި ދުވަސްތަކުގައި 10.4 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައެވެ. ޖުމްލަ 66.4 ބިލިޔަން ޑޮލަރުގެ މިލްކިއްޔާތަކާއެކު ދުނިޔޭގެ އެންމެ މުއްސަނދި 10 ބިލިޔަނަރުންގެ ލިސްޓްގެ 6 ވަނާގައި އޮތީ ލޭރީއެވެ.

  1. ވޮރެން ބަފެޓް

ވޮރެން ބަފެޓަކީ ދުނިޔޭގެ މިހާތަނަށް ފެނިފައިވާ އެންމެ ކާމިޔާބު އިންވެސްޓަރެވެ. ބަފެޓް ހިންގާ ބާކްޝާރ ހާތަވޭގެ ދަށުން 60 އަށްވުރެ ގިނަ ކުންފުނި ހިންގައެވެ. މީގެ ތެރޭގައި ބެޓެރި އުފައްދާ ޑިއުރެސެލްއާއި ރެސްޓޯރެންޓް ޗެއިން ޑެއިރީ ކުއީން ހިމެނެއެވެ. އުމުރުން 89 އަހަރުގެ ބަފެޓް ދުނިޔޭގެ އެންމެ މުއްސަނދި 10 ބިލިޔަނަރުންގެ އެންމެފަހުގެ ލިސްޓްގެ 5 ވަނައަށް ވެއްޓުނު ކަމުގައި ވިޔަސް ފާއިތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި އޭނަގެ މިލްކިއްޔާތަށް 6 ބިލިޔަން ޑޮލަރު އިތުރުވެފައިވެއެވެ. ބަފެޓްގެ މިހާރުގެ މިލްކިއްޔާތަކީ 69.5 ބިލިޔަން އެމެރިކާ ޑޮލަރެވެ.

  1. މާކް ޒަކަބާގް

ފޭސްބުކް އަކީ ދެބަސްވެވެން ނެތް ފަދައިން ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ މީސް މީޑިއާ އެވެ. އުމުރުން 36 އަހަރުގެ މާކް އަކީ ފޭސްބުކްގެ ފައުންޑަރެވެ. އޭނާ އެންމެފަހު އިންވެސްޓްކޮށްފައި ވަނީ އިންޑިއާގެ ޓެލެކޮމް ކުންފުންޏެއް ކަމުގައިވާ ޖިއޯ ކޮމިޔުނިކޭޝަންސް އަށެވެ. މި އިންވެސްޓްމަންޓްގެ ސަބަބުން ކުރިއަށް އޮތް އަހަރު ތަކުގައި އޭނާގެ މިލްކިއްޔާތު އެތައް ގުނައަކަށް އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ. ފާއިތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި އޭނާގެ މިލްކިއްޔާތަށް 31.4 ބިލިޔަން ޑޮލަރު އިތުރުވެފައިވެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި 10 ބިލިޔަނަރުންގެ އެންމެފަހުގެ ލިސްޓްގެ 4 ވަނާގައިވާ މާކްގެ މިހާރުގެ މިލްކިއްޔާތަކީ 86.5 ބިލިޔަން އެމެރިކާ ޑޮލަރެވެ.

  1. ބާނާރޑް އަނޯއޯ އާއި އޭނާގެ އާއިލާ

ދުނިޔޭގެ 3 ވަނަ އަށް އެންމެ މުއްސަނދި ބިލިޔަނަރަކީ ފްރާންސްގެ ބިލިޔަނަރު ބާނާޑް އަނޯއޯ އެވެ. އުމުރުން 71 އަހަރުގެ އަނޯއޯގެ ބެލުމުގެ ދަށުގައި ދުނިޔޭގެ އެންމެ އަގުބޮޑު 70 ބުރޭންޑް ހިމެނެއެވެ. މީގެ ތެރެއިން ލުއީ ވެޓޮނަން އަދި ސަފޮރާ ފާހަގަކޮށްލެވެއެވެ. އޭނާގެ ކުންފުނި އެލް.ވީ.އެމް.އެޗް އިން 16.2 ބިލިޔަން ޑޮލަރަށް އެމެރިކާގެ ގަހަނާ ކުންފުނި ޓިފަނީ އެންޑް ކޯ 2019 ވަނަ އަހަރު ގަނެފައި ވެއެވެ. ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި އޭނާ އަށް 12.8 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. އޭނާގެ މިހާރުގެ މިލްކިއްޔާތަކީ 94.1 ބިލިޔަން އެމެރިކާ ޑޮލަރެވެ.

  1. ބިލް ގޭޓްސް

ދުނިޔޭގެ އެންމެ މުއްސަނދި ބިލިޔަނަރުންގެ ލިސްޓްގެ އެއްވަނަ ނުވަތަ ދެވަނާގައި ގިނަ ދުވަސްތަކެއް ވަންދެން ބިލް ގޭޓްސްގެ ނަން އޮވެއެވެ. އުމުރުން 64 އަހަރުގެ ގޭޓްސް އަކީ މައިކްރޮސޮފްޓްގެ ކޯފައުންޑަރެވެ. ދުނިޔޭގެ އެންމެ ބޮޑު ހިލޭ އެހީދޭ އަމިއްލަ ޖަމިއްޔާ ބިލް އެންޑް މިލިންޑާ ގޭޓްސް ފައުންޑޭޝަންގެ ޗެއާކަން އަނބިކަނބަލުން މިލިންޑާއާ އެކު ކުރަނީ ބިލް ގޭޓްސް އެވެ. ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި އޭނާ އަށް 11.9 ބިލިޔަން އެމެރިކާ ޑޮލަރު އިތުރު ވެފައިވެއެވެ. އޭނާގެ މިހާރުގެ މިލްކިއްޔާތަކީ 106.5 ބިލިޔަން އެމެރިކާ ޑޮލަރެވެ.

  1. ޖެފް ބޭޒޯސް

ދުނިޔޭގެ އެންމެ މުއްސަނދި ބިލިޔަނަރަކީ އުމުރުން 56 އަހަރުގެ ޖެފް ބޭޒޯސް އެވެ. އެމަޒޮންގެ ފައުންޑަރު މި މަގާމުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާގެ ގަރާޖުން 1994 ވަނަ އަހަރު ފެށި އީ-ކޮމާސް ވިޔަފާރީގެ ސީއީއޯ އަކީ އަދިވެސް އޭނާއެވެ. ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި އޭނާ އަށް 29.9 ބިލިޔަން އެމެރިކާ ޑޮލަރު އިތުރުވެފައިވެއެވެ. އޭނާގެ މިހާރުގެ މިލްކިއްޔާތަކީ 146.9 ބިލިޔަން އެމެރިކާ ޑޮލަރެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *