Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އިންޑިއާ ސިފައިން ބޭލުމަށްވުރެ މުހިއްމު ކަމެއް ނެތް!

ދިވެހި ރާއްޖޭގައި މިވަގުތު ތިބީ އިންޑިއާގެ 88 ސިފައިން ކަމުގައި ރަސްމީ ތަފާސްހިސާބުން ދެއްކި ކަމަށް ވިއަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު އޭގެ އެތައް ގުނަޔަކަށް ހުންނާނެ ކަމުގައި ޤަބޫލުކުރެވެއެވެ. ރިއާސީ އިންތިހާބުން އިބޫ ސޯލިހު ބަލިވެ، ޑރ. މުހައްމަދު މުއިއްޒާ ވެރިކަން ހަވާލުކުރުމާ ދެމެދު ހޭދަވި މަހެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ރާއްޖެ ދޫކޮށް ދިޔައީ ޑރ. މުއިއްޒުގެ ސަރުކާރުން އިންތިހާބު ތެރޭގައި ބުނި އަދަދަށް އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ދެއްކުމަށެވެ. އިދިކޮޅުން ވެރިކަމަށް އައީ އިންޑިއާ ސިފައިންނޭ ކިޔައިގެން ދޮގު ހަަދައިގެން ކަމަށް ދެއްކުމަށެވެ.

މިހާރު ތިބިކަމަށް ފެންނަން އޮތް ނުވަދިހަ ވަރަކަށް ސިފައިން ބޭލުން ވެސް މިވަނީ އަރަތަކަށް ވެފައެވެ. ރާއްޖޭގައި އޮތް އިންޑިއާގެ ތިން ހެލިކޮޕްޓަރާއި ދޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމަށް ކަމަށް ބުނެ ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް 2018 ވަނަ އަހަރު، ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ވެސް އެންގެވިއެވެ. ނުފޭބުމުން ވިސާ އާކޮށްދިނުން ވެސް ހުއްޓާލިއެވެ. އެވަރުން ވެސް އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ނުދިޔައެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ރިއާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގެން، އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމާ އެކު އިންޑިއާ ސިފައިންގެ ވިސާ އާކޮށްދެއްވައި، އިތުރު އެތައް އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ބާރު ދިވެހި ރާއްޖޭގެ ކަންކޮޅުތަކަށް ފަތުރާލެއްވިއެވެ.

ރައީސް ޑރ. މުއިއްޒު 2023 ވަނަ އަހަރުގެ ރިއާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިންޑިއާ ސިފައިން ދިވެހި ރާއްޖެއިން ފޮނުވާލައްވާނެ ކަމުގެ ވައުދާ އެކުގަ އެވެ. ވެރިކަމުގެ ފުރަތަމަ ދެތިން ދުވަހުގެ ތެރޭގައި ވެސް ސިފައިން ބޭލުމަށް އިންޑިއާ އަށް އެންގެވިއެވެ. އަދި އޭގެ ފަހުން އެތަކެއް ފަހަރަކު އިންޑިއާގެ ބޮޑުވަޒީރަށާއި، ހާރިޖީ ވަޒީރަށް ވެސް ވަނީ އިންޑިއާ ސިފައިން ބޭލުމަށް ދަންނަވާފައެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭގޮތުން، އިންޑިއާ އާއި ދިވެހި ރާއްޖޭގެ މަތީ ފަންތީގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް އުފައްދާފައިވާ "ކޯ-ގްރޫޕް"ގެ ބައްދަލުވުމެއް 14 ޖެނުއަރީ ވީ އާދީއްތަ ދުވަހު ދިވެހި ރާއްޖޭގެ ހާރިޖީ ވުޒާރާގައި ވަނީ ބާއްވައިފައެވެ. މި ބައްދަލުވުމުގަިއި އިންޑިއާ ސިފައިން 15 މާޗްގެ ކުރިން ރާއްޖެއިން ގެންދިއުމަށް ދިވެހި ސަރުކާރުން އިންޑިއާ އަށް ރަސްމީކޮށް ހުށަހެޅިއެވެ. އަދި އެކަމަށް އިންޑިއާ އެއްބަސްވި ކަމަށް ވެސް، ރާއްޖެއިން އެ ބައްދަލުވުމަށް ފަހު ނެރުނު ނޫސް ބަޔާނުގައި ވެއެވެ. ނަމަވެސް އިންޑިއާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި އެފަދަ ވާހަކައެއް ނެތެވެ. އިންޑިއާގެ ބަޔާނުގައި ވަނީ ރާއްޖޭގައި އޮތް އިންޑިއާގެ ތިން ހެލިކޮޕްޓަރާއި ދޯނިއާ މަތިންދާ ބޯޓަކީ ބަލި މީހުން އުފުލުން ފަދަ އިންސާނީ ހިދުމަތްތައް ފޯރުކޮށްދޭ ތަކެތި ކަމަށް ވާތީ އެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމާ މެދު ދެ ޤައުމުން ވާހަކަ ދެއްކި ކަމަށެވެ.

އިންޑިއާ ސިފައިން ބޭލުމާ މެދު ވާހަކަ ދައްކަން ދެ ޤައުމުގެ މެދުގައި އުފައްދާފައިވާ ކޯ-ގްރޫޕްގެ ދެވަނަ ބައްދަލުވުން ފެބްރުއަރީ މަހު ކުރީކޮޅު އިންޑިއާގައި އޮންނާނެ ކަމަށް ވެސް އިންޑިއާގެ ބަޔާނުގައި ވެއެވެ. އިންޑިއާގެ ބަސްމަގު ހުރިގޮތުން ސާފުވާ ކަމަކީ ދިވެހި ރައްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން އިންޑިއާ އިން ބޭނުންނުވާ ކަމެވެ!

ރާއްޖޭގެ އުތުރާއި ދެކުނުގައި ބަނޑަހަ ޖަހައިގެން ތިބި އިންޑިއާ ސިފައިންނަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިވާފަތްގަނޑުގައި ފިލާ ތިބެގެން ޗައިނާ، ޕާކިސްތާން، އަދި އީރާން ފަދަ ޤައުމުތަކުގެ ބޯޓުފަހަރަށް ފާރަލާން ތިބޭ ބައެކެވެ. އިންޑިއާގެ ދިފާއީ ބޭނުމަށް ދުނިޔޭގެ ޤައުމުތަކަށް ޖާސޫސް ކުރަން ރާއްޖޭގެ ފަސްގަނޑު ބޭނުން ކުރުމަކީ އިންޑިއާގެ މައިގަނޑު ބޭނުމެވެ. މި ސަބަބަށްޓަކައި، ރާއްޖެއަށް އެހީތެރިވުމުގެ ނަމުގައި، ރާއްޖެ އަޅުވެތިކޮށްގެން ތިބުމަކީ އިންޑިއާގެ ބޭނުމެވެ.

އިންޑިއާ ސިފައިން ވަރަށް އަވަސްކޮށް ނުބޭލިއްޖެ ނަމަ، އަދި ވާހަކަ ދެއްކުމުގެ ނަމުގައި މިކަން ދިގުލައިގެން ހިނގައްޖެ ނަމަ އެތައް އަހަރެއް ވަންދެން މިކަން ދިގުދެމިގެން ހިނގައިދާނެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް އިންޑިއާ ވަދެ، އެމް.ޑީ.ޕީ އާއި ދަ-ޑިމޮކްރެޓްސް، އަދި ފަހަރުގައި އެމް.އެން.ޕީގެ އެހީގައި ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ވެރިކަން ވައްޓާލައި، އިންޑިއާ އަށް ފޭވާ ކުރާ ވެރިކަމެއް ގެނެވެންދެން މި ކޯ-ގްރޫޕްގެ ވާހަކަތައް ދިގުދަންމާލުމަކީ އިންޑިއާގެ ހީލަތްތެރި މަޤްސަދެވެ.

ދިވެހި ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ދިވެހި ސަރުކާރުން ވަރަށް ސާފުކޮށް ބުނަމުންދާ އިރުވެސް، ދިވެހި ސަރުކާރަށް ވުރެ ދިވެހީންނަށް ހެޔޮއެދެނީ އިންޑިއާ ކަމަށް ދޭހަވާ ގޮތަށް ދިވެހީންނަށް އެހީވާން އަދިވެސް ތިމަންނާމެން ބައިތިއްބާށޭ ކިޔައިގެން ރޮއެ، ހޭރި، އާދޭސްކުރާ ހިސާބަށް ދިއުމުން އިންޑިއާގެ ހަޤީޤީ މަގްސަދު ސާފުވެއެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ އެއްވެސް އެހީ އަކީ އިހްލާސްތެރިކަމާ އެކު ދޭ އެހީއެއް ނޫނެވެ. ނަވާރަ ސަތޭކަ އަށްޑިހަ އަށް ވަނަ އަހަރު ސްރީލަންކާގެ ތަމަޅަ ޕުލޮޓް ޖަމާއަތުން ދިވެހި ބަޔަކާ ގުޅިގެން ރާއްޖެއަށް ގެންނަން އުޅުނު ބަގާވާތަކީ ވެސް ކޮންމެވެސް އެއް ސިފައެއްގައި އިންޑިއާއާ ގުޅުން އޮތް ކަމެކެވެ. ރާޖީވް ގާނދީގެ ވެރިކަމުގެ ދުވަސްވަރު، މީގެ ސާޅީހަކަށް އަހަރު ކުރިން ފެށިގެން ވެސް، އިންޑިއާ އޮތީ ދިވެހި ރާއްޖެ އަށް ކަޅިއަޅައަޅަ އެވެ. މިއަދު ވެސް މި ފެންނަނީ އެ ދަހިވެތިކަމެވެ. ރާއްޖެ އަޅުވެތިކުރުމުގެ ދަހިވެތިކަމެވެ.

މުސްލިމުންގެ އަދާވާތްތެރި ސިޔާސީ ޕާޓީއެއް ކަމުގައިވާ ބީ.ޖޭ.ޕީން އިންޑިއާގެ ވެރިކަމާ ހަވާލުވުމަށް ފަހު ދިވެހި ސިޔާސީ ބައެއް ފަރާތްތަކާ ގުޅިގެން ދިވެހި ރާއްޖެ އަށް ވެރިވެގަތުމުގެ ދިގުރާސްތާގެ ޕްލޭން އިންޑިއާ އިން ވަނީ ރާވާފައެވެ. މިހާރު ރާއްޖޭގައި ތިބި ނުވަދިހަ ވަރަކަށް އިންޑިއާ ސިފައިން ބޭލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މަަލްމަލް ފޮތީގެ މަޑު އަންގި ލައްވައިގެން ކުރެވޭ މުއާމަލާތަކަށް އިންޑިއާ ތަބައެއް ނުވާނެއެވެ. ހަރުކަށިކަމާ އެކު މުއާމަލާތްކޮށް، ވަގުތުން ވަގުތަށް އިންޑިއާ ސިފައިން ބާލަންޖެހެއެވެ. ނުފައިބައިފި ނަމަ ސިޔާސީ ގުޅުން ކަނޑާލަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ޖެހެއެވެ. އ.ދ އާއި އެހެނިހެން ބައިނަލްއަޤްވާމީ މުއައްސަސާ ތަކަށް ވެސް ހުށަހަޅަން ޖެހެއެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

އިންޑިއާގައި މި ވަގުތު އޮތް ސަރުކާރަކީ އިންޑިއާގެ މުސްލިމުންގެ ލެއިން ތަތްތެޅިފައިވާ ސަރުކާރެކެވެ. ސޯޅަވަނަ ޤަރުނުގެ ބާބުރީ މިސްކިތް ތަޅާލައި އެތައް ހާސް މުސްލިމުން ގަތުލުކޮށް، ޤަތުލުއާއްމު ހިންގައި، އެ މިސްކިތް ހުރި ތާނގައި މޯދީގެ ސަރުކާރުން ވަނީ ރާމް މަންދިރުގެ ނަމުގައި، ދުއިސައްތަ އެތައް މިލިއަން ޑޮލަރު ހޭދަކޮށްގެން ބިޔަ ބޮޑު ހިންދީ ފައްޅިއެއް އަޅައިފައެވެ. މާދަމާ، ޖެނުއަރީ 22 ވާ ހޯމަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ރާމް މަންދިރު ރަސްމީކޮށް ހުޅުވައިދެއްވާނެއެވެ. މޯދީ އާ ދައުރަކަށް ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާ ކެމްޕެއިން ފައްޓަވަނީ މުސްލިމުންގެ ލެއިން ބިނާކުރާ ޝިރުކުގެ ބޮޑު ބުދުކޯލު ހުޅުވަމުންނެވެ. އެވަރުގެ ފަރާތަކަށް ކުޑަވެސް އިތުބާރެއް ދިވެހި ރާއްޖެއިން ކުރަން ހެޔޮ ނުވާނެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ދާދި ފަހުން ޓްވިޓަރ (އެކްސް) ގައި ވިދާޅުވެފައި ވަނީ ދިވެހީން އިންޑިއާ އަށް އިހްތިރާމްކުރަން ޖެހޭ ކަމަށެވެ. ދިވެހީން އިންޑިއާ އަށް އިހްތިރާމްކުރުން އެންމެ ރަނގަޅެވެ. ނަމަވެސް މޯދީ އަށާއި ބީ.ޖޭ.ޕީ އަށް ދިވެހީން އިހްތިރާމް ކުރާކަށް ނުޖެހެއެވެ. އިތުބާރު ކުރާކަށް ވެސް ނުޖެހެއެވެ. ދޮގާއި މަކަރުން ދިވެހި ޤައުމަށް ސިފައިން ފޮނުވައިގެން ދިވެހި ރާއްޖެ އަކީ އިންޑިއާގެ ސެލެބްރިޓީން ޗުއްޓީ ހޭދަކުރާ "ހަވާއި" ކަމަށް ހަދައި، ކުރިމަގުގައި އިންޑިއާގެ ބަޔަކަށް ރާއްޖެ ހަދަން އިބޫ ސޯލިހާއި އަބްދުﷲ ޝާހިދާއި މާރިޔާ އާއި ނަޝީދުގެ އެހީގައި އިންޑިއާއިން ކުރާ މަސައްކަތް ހުއްޓުވަން ޖެހެއެވެ. އިންޑިއާއާ އެއްވެސް މުއާމަލާތެއް ކުރާކަށް ނުފެނެއެވެ. ބޭސް، ފިޔާ، އަލުވި، ބިސް، ކާޑު އަދި އެހެން ތަކެތިވެސް އިންޑިއާ އިން ގެނައުން ހުއްޓާލައި، އާސަންދަ ވެސް އެހެން ޤައުމުތަކަށް ބަދަލުކޮށް، ދުނިޔޭގައި ދިވެހި ރާއްޖޭގެ ގުޅުންތައް އަލުން މުރާޖާކޮށް އާ ގުޅުންތައް އުފައްދަން ޖެހެއެވެ.

ގަބޫލްކުރަމެވެ. އިންޑިއާ އަކީ އަވަށްޓެރިއެކެވެ. ނަމަވެސް ހަސަދަވެރި، ހީލަތްތެރި، ހިތްނުބައި އަވަށްޓެރިއެކެވެ. އިންޑިއާ ސިފައިން މާޗް 15 ގައި ނުފައިބައިފިނަމަ ދިވެހި ރާއްޖޭގެ ކުރިމަގަށް އެ ދެވެނީ ވަރަށް ނުރައްކާތެރި ސިގްނަލެކެވެ. ކޮންމެ ގޮތެއް ހަދައިފައި ވެސް 15 މާޗްގެ ޑެޑްލައިނަށް އިންޑިއާ ލައްވާ އިހްތިރާމް ކުރުވުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިވަގުތު ކުރަންޖެހޭ އެންމެ މުހިއްމު ކަމެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީ ރާއްޖޭގެ ޤައުމީ ޝަހުސިއްޔަތަށް ޖެހިފައިވާ ބަލިމަޑު ކަމެކެވެ. މި ބަލިމަޑުކަމުން ދިވެހި ޤައުމު ސަލާމަތްކުރަން ޖެހެއެވެ. އަަވަސް ފަރުވާ ބޭނުމެވެ. އިންޑިއާ ހަމަ އައުޓް އެވެ!