Support Us

ސްޓެލްކޯގެ ޕަންޕް ސްޓޭޝަން މަގުމަތިން ނަގައި، މޫދު ހިއްކުމަށްފަހު ބަދަލުކުރުމަށް 7.1 މިލިއަން ރުފިޔާގެ މަޝްރޫއެއް އެމްޓީސީސީއަށް

ބޮޑުތަކުރުފާނު މަގުގައި ހުރި ސްޓެލްކޯގެ ފިއުލް ޕަންޕް ސްޓޭޝަން ނަގައި، މޫދު ހިއްކުމަށްފަހު، އެ ސަރަހައްދަށް ބަދަލުކުރުމަށް 7.1 މިލިއަން ރުފިޔާގެ މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަ ހުސެއިން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން، އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ފަހުމީ ވިދާޅުވީ މި އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމާ ގުޅިގެން ސްޓެލްކޯ ފަރާތުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުގައި ހުރި ޕަމްޕު ސްޓޭޝަން އެ ސަރައްދުން ނަގައި، އެ ސަރަހައްދުގެ މޫދުން ބައެއް ހިއްކުމަށްފަހު އެތަނަށް އެ ސްޓޭޝަން ބަދަލުކުރުމަށް މި އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ރައްޔިތުންނަށް ދަތިވާ ހުރިހާ ތަކުލީފުތަކެއް އަބަދު ވެސް ހައްލުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށާއި މި އެއްބަސްވުމާ އެކު މިހާތަނަށް ސްޓެލްކޯއަށް ލިބިފައިވާ ބޮޑެތި ހުރިހާ ޝަކުވާތަކަށް އެޑްރެސްކޮށް ނިމިފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ހުރި ޕަންޕް ސްޓޭޝަން ނެގުމަށްފަހު އެ ސަރަހައްދު ވެހިކަލްތައް ދުއްވުމަށްޓަކައި މަގު ހުޅުވާލައްވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

މި ޕަންޕް ސްޓޭޝަނަކީ މާލޭގެ ޕަވާ ޕްލާންޓަށް ތެލާއި ޑީސަލް އަޅާ ހަމައެކަނި ޕަންޕް ސްޓޭޝަން ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދާނީ ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓް ހިދުމަތަކަށް އެއްވެސް ބުރުލެއް ނާރާ ގޮތަށް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވާ 7.1 މިލިއަން ރުފިޔާއަކީ ސްޓެލްކޯގެ ބަޖެޓުން ހަރަދުކުރާނެ ފައިސާ ކަމަށާއި މި މަސައްކަތް އީޕީއޭގެ އެޕްރޫވަލް ލިބުމަށްފަހު ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ މި މަޝްރޫއަށް އީޕީއޭގެ ރިޕޯޓް ލިބުމަށްފަހު ސާވޭ ހެދުމަށްފަހު ޝީޓް ޕައިލްކޮށްގެން މޫދުގައި ޕްލެޓްފޯމް ހަދަންޖެހޭ ކަމަށާއި އެއަށްފަހު މެޝިނަރީޒް އެތަނަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

"މި މެޝިނަރީޒް އެކޮޅަށް ބަދަަލުކޮށްފައި ދެން މިތަން ޑިމޮލިޝްކުރާނީ. ކޮށްފަ ދެން މަގު ރަނގަޅު ފެންވަރަކަށް ގެންނާނީ. ގެނައީމަ ރައްޔިތުންނަށް ހައިވޭ ބޭނުންކުރުމުގައި ވަރަށް ބޮޑު ލުއި ފަސޭހަވެގެންދާނެ،" ޒިޔާދު ވިދާޅުވި އެވެ.