Support Us

ހަނގުރާމަވެރި ސަރަހައްދުތަކުން ގެންނަ މީހުންގެ ފުށުން މުޖުތަމައަށް ނުރައްކަލެއް ނެތް: މިނިސްޓަރ އިހުސާން

ހަނގުރާމަވެރި ސަރަހައްދުތަކުން ހާލުގައި ޖެހިގެން ދިވެހި ސަރުކާރުން އަނބުރާ ރާއްޖެ ގެންނަ އެއްވެސް ދިވެއްސެއްގެ ކިބައިން މުޖުތަމައަށް އެއްވެސް ބިރުވެރިކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އަލީ އިހުސާން ދެއްވައިފި އެވެ.

ސީރިއާގެ ހަނގުރާމައަށް ގޮސް ހާލުގައި ޖެހިފައިވާ 21 ދިވެއްސަކު މިއަދު ހެނދުނު އަނބުރާ ރާއްޖެ ގެނައުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި ހާމަކުރަން ފަށައިފަ އެވެ. އަދި އެ މީހުންގެ ސަބަބުން މުޖުތަމައަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެެ.

ހަނގުރާމަވެރި ސަރަހައްދުތަކުން ގެންނަ ދިވެހިން ބައިތިއްބައިފައި ތިބެނީ ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައެވެ.

ހޯމް ލޭންޑް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިހުސާން ވިދާޅުވީ މިގޮތަށް ދިވެހި ސަރުކާރުން ރާއްޖެ ގެންނަ ފަރާތްތައް އަނބުރާ މުޖުތަމައުގެ ތެރެއަށް ނެރޭނީ މުޖުތަމައުގެ އާއްމު ހާލަތުގައި އުޅެވިދާނެކަން ހުރިހާ ގޮތަކަށް ގަބޫލްކުރެވޭ ހިސާބުން ކަމަށެވެ. އަދި މިގޮތަށް ގެންނަ ދިވެހިންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމުގައިވާއިރު އެ ކުދިންނަށް އުޖާލާ ކުރިމަގެއް ހޯދައިދޭންޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

"މިގޮތަށް ހަނގުރާމަވެރި ސަރަހައްދުތަކުން މި ގެންނަ ދިވެހިންނަކީ، މީގެ ތެރޭގައި ގިނައީ ކުޑަކުދިން މައުސޫމް ތުއްތުކުދިން، މިފަހަރު މި ގެނެވުނު ކުދިންގެ ތެެރޭގައި ތިން އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނޭ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މި ކުދިންނަކީ ވަރަށް ޅަ އުމުރުގައި ވަރަށް އެހެން ކަހަލަ މާހައުލުތަކަކަށް އެކްސްޕޯސްވެފައިވާ ކުދިން ކަމަށާއި ނަމަވެސް އެ ކުދިންނަކީ އެހެން ކުދިންނެކޭ އެއްފަދައިން އުޖާލާ ކުރިމަގެއް ލިބެންޖެހޭ ކުދިން ކަމަށެވެ.

އެ ކުދިންނަށް އެކަން ހޯދައިދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތަށް އިތުބާރުކޮށް އެއްބާރުލުން ދިނުމަށް ދިވެހި މުޖުތަމައުގެ ކިބައިން މިިނިސްޓަރ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން ޔަގީންކަން އަރުވަން ދިވެހި މުޖުތަމައު އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އަޅުގަނޑުމެން މި އަނބުރާ ގެންނަ ދިވެހި ރައްޔިތެއްގެ ފަރާތުން އެއްވެސް ކަހަލަ ބިރުވެރިކަމެއް ނޯންނާނެކަން އަޅުގަނޑުމެން ކަށަވަރުކުރާނަން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ބޭރު ދުނިޔޭގެ ހަނގުރާމަ ހިނގަމުން އަންނަ ސަރަހައްދުތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ދިވެހިން މިހާރު ވެސް މި މުޖުތަމައުގެ ތެރޭގައި އުޅެމުން ގެންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެފަދަ ތަންތަނަށް ދިއުުމުން ދިމާވާ ހާލު ދިވެހިން ވިސްނަންޖެހޭ ކަމަށެވެ.

އެގޮތުން އެފަދަ ސަަރަހައްދުތަކަށް ގޮސް އާއިލާތަކުގެ ފިރިހެނުން ނިޔާވެ، އަނބިދަރިން ބިޔަވެ، ތުއްތު ޅަ ދަރިން އުޅެންޖެހޭ ނިކަމެތި ހާލު މިނިސްޓަރ ފާހަގަކުރެއްވި އެވެ.

"މިިފަދަ ހާލުގައި އާއިލާތައް ޖެހުނީމަ ދެން ދައުލަތުގެ މުއައްސަސާއަކަށް ގުޅައިފައި މި ބުނަނީ އަޅުގަނޑުމެން އަނބުރާ ރާއްޖެ އަންނަން ބޭނުމޭ،" އިހުސާން ވިދާޅުވި އެވެ.

ގިނަ ފަހަރު އެގޮތަށް ހާލުގައި ޖެހިގެން އަނބުރާ އަންނަ ބޭނުންވެގެން ގުޅާ ފަރާތްތައް ގެނައުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އެގޮތުން އެ މީހުން އެ ތިބޭ ތަންތަނަކީ އެ ތިބޭ ހިސާބުތަކުގެ ގޮތުން ފަސޭހައިން ވަދެނިކުމެވޭ ތަންތަން ކަމުގައިނުވުމާއި އެ ހިސާބުތަކުގައި އޮންނަ ސަރުކާރުގެ އިދާރާތަކާ ފަސޭހައިން ވާހަކަ ދެކެވޭނެ ގޮތް ނުވުމާއި އެ މީހުން ތިބޭ ސަރަހައްދުގެ ގޮތުން ކިތަންމެ ބޭނުން ވިޔަސް އެ ހިސާބުތަކަށް އެހީތެރިކަން ފޯރުކޮށްނުދެވޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އިހުސާން ވިދާޅުވީ ގިނަ އެފަދަ ސަރަހައްދުތަކަށްދާ އާއިލާތަކަކީ ސީދާ އެކަމަށް ގަސްދުކޮށްގެންދާ މީހުން ނޫން ކަމަށާއި މިފަހަރު ގެނެވުނު މީހުންނަކީ މިކަމުގެ ޝިކާރައަކަށް ވެފައިވާ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

"މިފަހަރު ގެނެވުނު އެއް އާއިލާއަކީ ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް އެތަނުން ފުރައިގެން ގޮސް ތިބި މީހުން،" މިނިސްޓަރ ވިދާޅުވި އެވެ.

ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ފަރާތެއް ދިވެހި މުޖުތަމައުގެ ތެރޭގައި އުޅޭ ކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ އެފަދަ ފަރާތެއް ފުރައިގެން ދިއުމުގެ ކުރިން އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް ވެސް މިނިސްޓަރ އެދިވަޑައިގެންނެވި އެވެ.

ސީރިއާގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހިފައިވަނިކޮށް، މިއަދު 15 ކުޑަކުދިންނާއި ހަ މީހުން ރާއްޖެ ގެނެސްފައިވާއިރު މިހާރު ވެސް އެފަދަ ސަރަހައްދުތަކުގައި 100 އަށްވުރެ ގިނަ ދިވެހިން އުޅެމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން 90 ދިވެހިން އަނބުރާ ރާއްޖެ އަންނަން ބޭނުންވެގެން އެދިފައިވާ ކަމަށާއި އެމީހުންނާ ބެހޭ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *