ހަނގުރާމަތައް ހިނގަމުންދާ ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހިފައިވާ 21 ދިވެހިން, ސަރުކާރުން މިއަދު ރާއްޖެ ގެނެސްފި އެވެ.
މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި 21 މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި މި މީހުން ރާއްޖެ ގެނެސްފައިިވަނީ ތުރުކީއާއި ތުރުކީ ބޯޑަރު ގުޅޭ ސަރައްހަދުގައި ދިވެހި ފަސް އާއިލާއެއް ހާލުގައި ޖެހިިފައި ތިބި ކަމާއި އެމީހުން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ކަމުގެ މައުލޫމާތު ދިވެހި ސަރުކާރަށް ލިބުމާ ގުޅިގެން ފެށި މަސައްކަތުގެ ދަށުން ކަމަށެވެ.
އިހުސާން ވިދާޅުވީ އެ މައުލޫމާތު ލިބުމާ އެކު އެ މީހުން އެއީ ދިވެހިންކަން ކަށަވަރު ކުރުމުގެ މަސައްކަތްތަކެއް މޯލްްޑިވްސް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން ފަށައިފައިވާ ކަމަށް ކަމަށެވެ.
"ޑީއެންއޭ ޓެސްޓްގެ ޒަަރިއްޔާއިން އަޅުގަނޑުމެން ވަނީ އެއީ ދިވެހިންކަން ކަށަވަރުކޮށްފައި،" މއިހުސާން ވިދާޅުވި އެވެ.
ރާއްޖެ ގެނައި މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިނާއި ހަ ބޮޑެތި މީހުން ކަމަށާއި ބޮޑެތި މީހުންގެ ތެެރެއިން ފަސް މީހުންނަކީ އަންހެނުން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"އަށާރަ އަހަރު ނުފުރޭ ހުރިހާ ތުއްތު ކުދިން ވެސް ނިސްބަތްވަނީ މި ފަސް އަންހެނުންނަށް. އެހެންވީމާ މީގެ ތެރެއިން އަޅުގަނޑުމެންނަށް ޑީއެންއޭގެ ޒަރިއްޔާއިން ކަށަވަރުކުރެވުނު މި ކުދިންގެ މަންމައިންނަކީ އެ ފަސް ބޭފުުޅުންކަން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މި މީހުންނަކީ ދިވެހިންކަން ކަށަވަރުކުރެވިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ކަމަށާއި ރައީސް ޑރ. މުއިއްޒު ވެރިކަމުގައި އެންމެ ފުރަތަމަ ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި، މި 21 މީހުން އަވަހަށް ރާއްޖެ ގެނައުމާ ބެހޭ މަޝްވަރާތައް ތުރުކީގެ ސަރުކާރާއެކު ކުރައްވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ ހާއްސަ އިރުޝާދުފުޅާ އެކު އެމީހުން ރާއްޖެ ގެނައުމަށް ބޭނުންވާ ފަންޑް ހޯދައި، ހާއްސަ ފްލައިޓެއް މިމަހުގެ 14 ވަނަ ދުވަހު މާލެއިން 15 މީހުންގެ ޓީމެއް ގޮވައިގެން މި މީހުން ބަލައި ތުރުކީއަށްް ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެ ދަތުރުގައި ސައިކޮލޮޖިކަލް ސަޕޯޓް ދެވޭ މީހުންނާއި ސެކިއުރިޓީ ބަލަހައްޓާ މީހުންނާއި މެޑިކަލް ޕްރޮފެޝަނަލް ބޭފުޅުންނާއި ދިވެހި ފުލުހުންގެ އިންޓެލިޖެންސްގައި އަދި ތަހުގީގުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެ އެވެ.
އިހުސާން ވިދާޅުވީ ރާއްޖެއިން ދިޔަ ޓީމުން ތުރުކީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން ރޭގެ ވަގުތެއްގައި މި 21 ދިވެހިންނާ އެކު ތުރުކީން ފުރައިގެން މާލެ އާދެވިފައިވަނީ މިއަދު ފަތިހު ފަހެއް ޖަހަނިކޮށް ކަމަށެވެ.
ރާއްޖެ ގެނައި މި އާއިލާތަކުގެ މެޑިކަލް އެސެސްމަންޓެއް ހެދުމަށްފަހު ހިންމަފުށީގައި ގާއިމްކޮށްފައިވާ ނޭޝަަނަލް ރީއިންޓަގްރޭޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
މި ސެންޓަރަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ދަށުން އުފައްދާފައިވާ މަރުކަޒެއް ކަމަށާއި މި މަރުކަޒުގައިި 2022 ވަނަ އަހަރު ވެސް މިގޮތަށް ހަަނގުރާމަވެރި ސަރަހައްދުން ގެނައި ދިވެހި އާުއިލާއެއް ރާއްޖެ ގެނެސް ރިހެބްލިޓޭޓްކޮށް، ކާމިޔާބުކަމާ އެކު ރީއިންޓަގްރޭޓް ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"އެ އާއިލާ ވަނީ ކާމިޔާބުކަމާ އެކު ރިހެބްލިޓޭޓް ކުރެވި މިހާރު މުޖުތަމައުގެ ތެރޭގައި އާއްމު ދިރިއުޅުމުގެ ހާލަތުގައި ދިރިއުޅެމުން ގެންދަނީ،" މިނިސްޓަރ ވިދާޅުވި އެވެ.
ރާއްޖެ ގެނައި މި 21 މީހުން ބެލެހެއްޓުމުގެ މަސައްކަތްތައް ކުރައްވާނީ މި ސެންޓަރުގައި މިކަމަށް ހާއްސަ މި ތައުލީމާއި ތަޒުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިވަގުތު އޭގެތެރެއިން އެއްވެސް މީހެއްގެ ބައްޔެއް ނެތް ކަމަށާއި ނަމަވެސް ކޮންމެ މީހެއް ވެސް ވަކިވަކިން އެސެސްމެންޓްތައް ހެދިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެ އެސެސްމެންޓްތަކަށް ފަހު ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"މި ޕްރޮގްރާމްގެ ތެރޭގައި ތަކުރާރުކޮށް އެކި ހިސާބުތަކުގައި އެކި އެސެސްމަންޓްތައް ހެދެމުންދާނެ. އަޅުގަނޑުމެންގެ ޕްރޮޕެޝަނަލްސްއަށް އެބޭފުޅުންނަކީ މިހާރު ދިވެހި މުޖުތަމައުގައި އާއްމު ހާލަތްތަކުގައި އުޅެވިދާނެ ބޭފުޅުން ކަމަށް ހުރިހާ ގޮތަކުން ވެސް ގަބޫލްކުރެވޭ ހިސާބަށް ދިޔައީމަ އަޅުގަނޑުމެން އެބޭފުޅުން ސޮައިޓީ ތެރެއަށް ރީއިންޓަގްރޭޓް ކުރުމުގެ މަސައްކަތް ފައްޓާނީ،" މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.
މީގެ ކުރިން ރީ އިންޓަގްރޭޓް ކުރި އާއިލާއިން އެއް އަހަރާއި އެއް މަސް ދުވަސް މުޖުތަމައުގެ ތެރެއަށް އަނބުރާ ގެނައުމަށް ނަގާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
ހިންމަފުށީގައި ގާއިމްކޮށްފައިވާ މި ސެންޓަރަކީ 24 ގަޑިއިރު ދިވެހި ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން ގެންްދާ ސެންޓަރެއް ކަމަށާއި މި ޕްރޮގްރާމް ނިމެންދެން އެ ބޭފުޅުން ތިބޭނީ އެ ސެންޓަރުގައި ކަމަށް މިނިސްްޓަރ ވިދާޅުވި އެވެ.



advertisment