Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އެންމެ ބޮޑު ޑިމޮކްރެސީއެއް ނޫނެވެ. އެންމެ ބޮޑު ބުލީ އެވެ!

ލަކްޝަދީޕް ޕްރޮމޯޓް ކުރެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކުރެއްވި މަސައްކަތަކީ އެއްވެސް ހާލެއްގައި ލަކްޝަދީޕަށް ތަރައްޤީ ގެނައުމުގެ ނިޔަތުގައި ކުރެއްވި ކަމެއް ނޫނެވެ. އެއީ އިންޑިއާ އުނގަށް ނުވެއްޓި، އަމިއްލަވަންތަ ވެރިކަމެއް ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން ދިވެހި ރާއްޖެއަށް ޖެއްސުން ކުރައްވަން މޯދީ ކުޅުއްވަން ފެއްޓެވި ޑްރާމާއެކެވެ. އެންމެނަށް ވެސް އެކަން އެނގެއެވެ. ނަމަވެސް މިކަން މައްސަލައަކަށްވީ ސަބަބަކީ އެއީއެއް ނޫނެވެ. ދެ ޤައުމުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަން ފެށުނު ސަބަބަކީ "މިސްޓަރ-ސިންހާ" ނަމަކަށް ކިޔާ އިންޑިއާގެ ޓްވިޓަރ ހެންޑުލް އަކުން ކުރި ޓްވީޓެކެވެ. މޯދީގެ ލަކްޝަދީޕް ދަތުރާވެސް ގުޅުވައިގެން، ދިވެހީންނާއި ދިވެހި ރާއްޖެ އަށް ނިސްބަތްކޮށް، ވަރަށް ހުތުރު ބަހުން މިސްޓަރ-ސިންހާ ކުރި މި ޓްވީޓަކީ ގަސްތުގައި ދިވެހިން ރުޅިއަރުވަން ފެށި ޑްރާމާއެކެވެ.

ދުވާލު ދެ ދަޅައަށް މޯދީ ލަކްޝަދީޕަށް ވަޑައިގެން ލަކްޝަދީޕް ކިތައްމެ ވަރަކަށް ތަރައްޤީ ކުރެއްވިއަސް އެކަމަކާ ދިވެހީން އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ސަބަބެއް ނެތެވެ. ކަންބޮޑެއް ނުވެސް ވާނެއެވެ.

މިހާރުވެސް ސީޝެލްސް، މޮރިޝަސް، އަދި މިފަހުން ސައުދީއަރަބިއާގެ ރެޑްސީ އައްސޭރިފަށުގައި ވެސް ރާއްޖެއާ ދާދި އެއްވައްތަރުގެ ފަތުރިވެރިކަން ތަރައްޤީކޮށް އެބަހިންގައެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ރާއްޖޭގައި މަސްވެރިކަން ކުރެއޭ ކިޔައިފައި އެހެން ޤައުމަކުން މަސްވެރިކަމަށް އިންވެސްޓް ކުރުމަކުން ދިވެހިން އެކަމަކާ ކަންބޮޑުވެގެން ނޫޅޭނެއެވެ. މޯދީގެ ލަކްޝަދީޕް ދަތުރު މައްސަލައަކަށް ހެދީ، ރާވައިގެން، މޯދީ އާއި މޯދީގެ ބީ.ޖޭ.ޕީންނެވެ.

މައްސަލަ ހޫނުވެ، ދެ ޤައުމުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ދެ ޤައުމުގެ މީޑިއާގެ ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން ދަނިކޮށް ދެން ފެނުނީ އިންޑިއާ ސަރުކާރުގެ ކުރީގެ ކެބިނެޓް މިނިސްޓަރެއް، އަދި ކުރީގެ ޕާލިމެންޓް މެމްބަރެއް ކަމުގައިވާ، ވެރިކަން ކުރާ ބީ.ޖޭ.ޕީގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ ސުބްރަމާނިއަން ސުވާމީ، އިއްޔެ ކުރި ޓްވީޓެކެވެ. އެ ޓްވީޓްގައި އޭނާ ބުނެފައި ވަނީ އިންޑިއާ ސިފައިން 15 މާޗްގެ ކުރިން ދިވެހި ރާއްޖެއިން ބޭލުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދިއަށް ރައީސް ޑރ. މުއިއްޒު އަންގަވައިފައިވާ ކަމަށާއި، ދިވެހި ރާއްޖެއަކީ އިންޑިއާގެ މޫނަށް ކިސަޑު ޖަހައިފައިވާ "ނަމަކް-ހަރާމީ"އެއް ކަމަށެވެ! އަދި ރޖީވް ގާނދީ 1988 ގައި އިންޑިއާ ސިފައިން ރާއްޖެ ފޮނުއްވި ގޮތަށް މޯދީ ވެސް ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވައިގެން ރައީސް ޑރ. މުއިއްޒުގެ ވެރިކަން ބަދަލުކުރަން އޭނާ އިންޑިއާ ސަރުކާރަށް ގޮވައިލިއެވެ.

ސުބްރަމާނިއަންގެ މި ޓްވީޓާ އެކު ދިވެހި ރާއްޖޭގެ ވަރަށް ގިނަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ބައެއް ނޫސްތައް ކެކިއަރައިގަތެވެ. އެކި ސިފަސިފައިގައި އިންޑިއާ އަށާއި ސުބްރަމާނިއަން އަށް ރައްދު ދޭން ފެށިއެވެ. ނަމަވެސް ފާހަގަކުރެވުނު ކަމަކީ ވަރަށް ކުދިކުދި ކަންކަމުގައިވެސް ޓްވީޓް ކުރައްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ސުބްރަމާނިއަންގެ މި ޓްވީޓް ކުށްވެރި ނުކުރައްވާ ކަމެވެ. ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަރަށް މޯޅި ގޮތަކަށް، މިކަން ކުށްވެރިކުރައްވައި، ދުރުދުރުން ޓްވީޓެއް ކުރެއްވިއެވެ. ނަމަވެސް އެމް.ޑީ.ޕީގެ ގިނަ ބަޔަކު ތިބީ ހިމޭނުންނެވެ. އެމީހުން އެދެނީ އިންޑިއާ ސިފައިން ރާއްޖެ އަރައި ރައީސް ޑރ. މުއިއްޒު ވެރިކަމުން ދުރުކޮށް، ދިވެހީންގެ ތާއީދެއް ނެތް އިބޫ ސޯލިހަށް ތަބަކަކަށް ލާފައި ދިވެހި ރާއްޖޭގެ ވެރިކަން ދީ، އިންޑިއާގެ ޕަޕެޓް ސަރުކާރެއް މިތާނގައި އަނެއްކާ ވެސް ޤާއިމް ކުރުމަށް ކަމުގައި މާނަކުރެވިދާނެއެވެ.

ޓްވީޓަރގައި ވަރަށް އެކްޓިވްކޮށް، އެމް.ޑީ.ޕީގެ މަސްލަހަތު ހިމާޔަތްކޮށް ޓްވީޓް ކުރާ ހެންޑުލް އެއް ކަމުގައިވާ "އައްޑޫ-އެކްސް-ފައިލްސް" އިން ކުރި ޓްވީޓެއްގައި ވަނީ އިންޑިއާ ނޭވީގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރު ކަމުގައިވާ އައި.އެން.އެސް ވިކްރަމަދިޔާ އާއި އައި.އެން.އެސް ވިކްރަންތު އިންޑިއާ ކަނޑު ޕެޓްރޯލް ކުރަން ފަށައިފި ކަމަށާއި، އިންޑިއާއާ ދެކޮޅު ފަރާތްތަކަށް މި މަނަވަރުތަކުން ފާރަލާނެ ކަމަށެވެ. އަދި އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ "އައްޑޫ-އެކްސް-ފައިލްސް" އިން ކުރި މިޓްވީޓް ޓެގް ކޮށްފައިވަނީ ސުބްރަމާނިއަން އަށް ކަމެވެ. މީގެން މި ދޭ މެސެޖް ވަރަށް ސާފެވެ. އިންޑިއާގެ ބިޔަ، ބޮޑު، މަތިންދާބޯޓު އުފުލާ ދެ މަނަވަރު އިންޑިއާ ކަނޑު ޕެޓްރޯލް ކުރަން ފަށައިފި ކަމަށާއި، މި ދެ މަނަވަރު އައިސް ރާއްޖެ އަށް ކައިރިކޮށް ރާއްޖެ ހިފަންވީ ކަމަށެވެ. މީގެ މަދު ދުވަސްކޮޅެއް ކުރިން އިންޑިއާގެ އާއްމުންގެ މީހަކު ކުރި ޓްވީޓެއްގައި ވެސް، އިންޑިއާ އިން އެންމެ ދެ މަނަވަރު ފޮނުވައިގެން ވެސް ރާއްޖެ ހިފިދާނެ ކަމަށް ބުނެފައި ވެއެވެ. މިއީ އިއްތިފާގެއް ނޫނެވެ. ރޭވިގެން ހިނގާ ކަމެކެވެ!

މީގެ ފަސް ވަރަކަށް އަހަރު ކުރިން، އޮގަސްޓް 2018 ގައި، ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ވެސް ސުބްރަމާނިއަން މިފަދަ ޓްވީޓެއް ކުރިއެވެ. އެއިރު އޭނާ ބުނީ 23 ސެޕްޓެމްބަރ 2018 ގައި ބާއްވާ ރިއާސީ އިންތިހާބުގައި ރައީސް ޔާމީން މަކަރު ހައްދަވައިފި ނަމަ އިންޑިއާ އިން ދިވެހި ރާއްޖެ ހިފަންޖެހޭނެ ކަމަށެވެ. އެއާ ގުޅިގެން ދިވެހި ސަރުކާރުން ޝަކުވާ ކުރުމުން އިންޑިއާ ސަރުކާރުން ބުނީ އެއީ ސުބްރަމާނިއަންގެ އަމިއްލަ ހިޔާލެއް ކަމަށާއި، އެއީ އިންޑިއާ ސަރުކާރާ ގުޅުން ހުރި ހިޔާލެއް ނޫން ކަމަށެވެ.

ދާދި ފަހުން ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ތިން ބޭފުޅަކު އިންޑިއާގެ ބޮޑު ވަޒީރަށް ނިސްބަތްކޮށް ކުޑައިމީސް ބަހެއް ޓްވީޓް ކޮށްގެން އިންޑިއާ އާއި އެމް.ޑީ.ޕީން ހީވީ ދުނިޔެ ޤިޔާމަތްވީ ހެންނެވެ. އިންޑިއާ އިން ސުބްރަމާނިއަންގެ ޓްވީޓަށް ފާޑުނުކިޔައި، އެއީ އޭނާގެ އަމިއްލަ ހިޔާލް ކަމަށް ބުނި އިރު އޭނާއަކީ ވެރިކަން ކުރާ ބީ.ޖޭ.ޕީގެ އިސް މަސްއޫލުވެރިއެކެވެ. އެއީ އޭނާގެ އަމިއްލަ ހިޔާލް ކަމުގައި ވާނަމަ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުންގެ ހިޔާލަކީ ވެސް އެ ބޭފުޅުންގެ އަމިއްލަ ހިޔާލެވެ.

އިންޑިއާ ވީމަ ވަކި ގޮތެއް އޯކޭވެފައި "ކުޑަ-ކުޑަ" ދިވެހި ރާއްޖެ ވީމަ ތަފާތުކުރުން އޯކޭ އެވެ! މިއީީ އިންޑިއާގެ ލޮޖިކެވެ. އެމް.ޑީ.ޕީގެ ވެސް ލޮޖިކެވެ. ދިވެހި ރާއްޖޭގެ ރައްޔިތުން ފުރިހަމަ އަގުލަބިއްޔަތަކުން ހޮވައިފައި، ވެރިކަން ހަވާލުކޮށްފައި ހުރި ރައީސުލްޖުމްހޫރިއްޔާ އަކު ވެރިކަމުން ދުރުކުރުމަށް ހަނގުރާމަމަތީ މަނަވަރު ފޮނުވުމަށް އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކު ގޮވާލުމަކީ އިންޑިއާ އިން ރަސްމީކޮށް މާފަށް އެދެންޖެހޭވަރުގެ ކަމަކެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމަށް އިންޑިއާ ދައުވާކުރަނީ އެންމެ ފުރިހަމައަށް އިންޑިއާގައި ޑިމޮކްރެސީ އޮވެގެނެއް ނޫނެވެ. އެއީ ޑިމޮކްރެސީ އޮންނަ ޤައުމުތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު ޤައުމަކަށް ވުމުން ކިޔާ އެއްޗެކެވެ. އެގޮތުން ބަލާނަމަ ދުނިޔޭގެ އެންމެ ބޮޑު "ބުލީ" އަކީ ވެސް އިންޑިއާ އެވެ. އިންޑިއާއިން ބުލީނުކުރާ ޤައުމެއް މުޅި ދެކުނު އޭޝިއާގައި ވެސް ނެތެވެ. ދުނިޔޭގެ އެންމެ ބޮޑު ބުލީއެވެ! ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީއެއް، އެއް ޤައުމެއްގައި އޮތް އިންޑިއާ އަކީ މުސްލިމުންނަށް އެންމެ އިހާނެތިކޮށް ކަންކުރާ ޤައުމުވެސް މެއެވެ. އިޒްރޭލް ނަގައިފައި މުސްލިމުންނަށް އެންމެ ނަފްރަތު ކުރާ، މުސްލިމުންނަށް އަނިޔާވެރި ބަޔަކީ ވެސް މިހާރު އިންޑިއާގެ ވެރިކަމުގައި ތިބި ބީ.ޖޭ.ޕީ އާއި އެ ޕާޓީގެ ހިންދުތުވާ އެކްޓިވިސްޓުންނެވެ. އެ ބައިގަނޑަށް ހިތްވަރު ދެނީ ގުޖުރާތުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލްއާއްމު ހިންގައި، މުސްލިމުންގެ ލެއިން ދެއަތް ތަތްތެޅިފައިވާ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ.

ނަމަވެސް، ހިތާމައަކީ، އިންޑިއާގެ މި ނާތަހުޒީބް އަމަލު ދިފާއުކުރާނެ ދިވެހީންގެ ބަޔަކު މި ފަސްގަނޑުގައި ތިބި ކަމެވެ. ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހި ޤައުމަށް ރައްކާތެރިކަމުގެ ބަހެއް ބުނުމުގެ ބަދަލުގައި ތާ އަބަދު އިންޑިއާ ދިފާއުކޮށް، އިންޑިއާއިން ހިތްވަރު ލިބިގެން ސިޔާސީ ކުރިމަގު ބައްޓަން ކުރާ ބަޔަކު އެބަތިއްބެވެ. އެއީ ކުރީގެ ރައީސް އިބޫ ސޯލިހާއި މާރިޔާ ދީދީ އާއި އަބްދުﷲ ޝާހިދާއި ފައްޔާޒު އިސްމާއީލާއި އެމް.ޑީ.ޕީ އެވެ.

މިހާރުވެސް އިންޑިއާ ސިފައިން ރާއްޖެ އަރައި، ދިވެހި ސަރުކާރު ބަދަލު ކޮށްފިނަމަ އުފަލުން، ހެވިފައި ގޮސް އެމް.ޑީ.ޕީން ވެރިކަމާ ހަވާލުވާނެއެވެ. އެއީ ދިވެހި ޤައުމަކަށް، ދިވެހި ރައްޔިތަކަށް ހެވެއް، ލާބައެއް، ސަލާމަތެއް، ކުރިއެރުމެއް އެދިގެން އުޅޭ ބައިގަނޑެއް ނޫނެވެ. އިންޑިއާ ނަސްލުގެ ބޮޑުވަޒީރަކު ވެރިކަން ކުރާ އިނގިރޭސި ވިލާތާއި، މޯދީގެ އިންޑިއާ އަކީ އެމް.ޑީ.ޕީ ވާގި އެދޭ ދެ ފަރާތެވެ. އެމް.ޑީ.ޕީ އަކީ އިނގިރޭސި ވިލާތާއި އިންޑިއާ ބޭނުންވާ ގޮތަށް މި ދިވެހި ޤައުމު ފޮތޮތިކޮށް، ކަނޑުން ބައިތައް ވިއްކާލައި، ދިވެހި ޤައުމު އިންޑިއާގެ ބަޔަކަށް ހަދަން ޖެހުނަސް ހަދަން ތިބި ބައެކެވެ.

ދިވެހީންނަކީ ކުޑަ އާބާދީ އެކެވެ. ނަމަވެސް ބިޔަ ބޮޑު ޤައުމެކެވެ. އިންޑިއާ ސިފައިންނަށް ދިވެހި ރާއްޖޭގެ ބިން ހިފިދާނެއެވެ. ނަމަވެސް ދިވެހީން ފަތަހައެއް ނުކުރެވޭނެއެވެ. އެމެރިކާއަށް އިންޑިއާ ވެސް ހިފިދާނެއެވެ. އެހެން ވީމައި ކޮންގްރެސް ޕާޓީގެ ރާހުލް ގާނދީ ޓްވީޓް ކުރައްވައި، އިންޑިއާ ހިފަން އެމެރިކާ އަށް ހިތްވަރު ދެއްވަންވީތޯ އެވެ؟ މިއީ ވަރަށް ދަށުދަރަޖައިގެ، ނާތަހުޒީބު އަމަލެކެވެ. އިންޑިއާގެ ބޮޑު ވަޒީރުން ފެށިގެން ސުބްރަމާނިއަންއާ ހަމައަށް، އަދި އޭގެ ދަށަށް ވެސް، ހިންދުތުވާ މީހުންގެ ވިސްނުމަކީ، އެހެން މީހުން ދަށްކޮށް ގިތްގަޅުވާލުމުގެ ވިސްނުމެވެ.

ވަރަށް ފަހަކާ ޖެހެންދެން އިންޑިއާގެ ހިންދޫން އަމަލު ކުރަމުން އައިސްފައިވާ ގޮތަކީ ފިރިމީހާ މަރުވުމުން އެމީހާގެ ޤަބުރު (ހިންދޫ ދީނުގެ ސަގާފަތާ އެއްގޮތަށް) އަންދާލާ އިރު، އެ އަލިފާންގަނޑުގެ ތެރޭގައި ހުވަފަތް އަނބިމީހާ ވެސް އަންދާލުމެވެ. އިންޑިއާގެ ހިންދޫން ޤަބޫލުކުރާ ގޮތުގައި އިންޑިއާގެ ލޯވަރ ކާސްޓް (އަންޓަޗަބަލްސް) އަކީ ޖަނަވާރުންނަށް ވުރެ ދަށް ބައެކެވެ. އިންޑިއާގެ ހިންދޫންނަކީ ފްލައިޓެއް ޑިލޭވާއިރަށް ޕައިލެޓަށް ހަމަލާ ދެމުން، އެއާލައިން ތަކުގެ އެއާ ހޮސްޓެސް އިންނަށް ދޮންދޭން ފްލައިޓް ތެރޭ ދުވަމުން، ގެރީގެ ބޮޑުކަމުދާ އެއްޗިއްސާއި، ގެރީގެ ކުދަކަމުދާ އެއްޗިއްސަކީ ބަރަކާތްތެރި އެއްޗެތި ކަމަށް ދައުވާ ކުރަމުން، އެފަދަ ނަޖިސް ތަކެތި ކަމުން، ބޮމުން، ގެރިއަށް ކީއްކުރަން، ފިރިހެނުންގެ ޖިންސީ ގުނަވަނަށް ވެސް އަޅުކަން ކުރަމުންދާ ބައެކެވެ. އާބާދީ ބޮޑަކަސް، ޤައުމު ބޮޑަކަސް، އިންޑިއާގެ ހިންދުތުވާ މީހުންނަކީ ވަރަށް ނާތަހުޒީބު، ރުންކުރު ބައެކެވެ. ޔަހޫދީން ނަގާފައި މުސްލިމުންނަށް އެންމެ ނަފްރަތު ކުރާ މީހުންނެވެ.

މިވަރުގެ ބަޔަކަށް ދިވެހި ކަނޑުތަކާއި ބިންތައް ހިތަކަށް ދީގެން، މިޤައުމުގެ ދުވަސް ދުއްވާލަން ރާވަމުންދިޔަ އެމް.ޑީ.ޕީގެ ކިބައިން މި ދިވެހި ޤައުމު ސަލާމަތް ކޮށްދެއްވި ކަމަށް ޓަކައި ދިވެހި ރައްޔިތުން ﷲ އަށް ޝުކުރުގެ ސަޖިދަ ވެސް ޖަހަން ޖެހެއެވެ. އެމް.ޑީ.ޕީ އަށް އިތުރު ފަސް އަހަރު 2023 ގައި ދިން ނަމަ ދިވެހި ރާއްޖެ ދިވެހީންނަށް އަނބުރާ ނުލިބުނީހެވެ. ދެން އަނެއްކާ އެމް.ޑީ.ޕީ އަށް ވެރިކަން ހޯދައިދޭން އުޅޭ އެއްވެސް މީހަކީ އަސްލު ދިވެއްސެއް ނޫނެވެ. އެއީ ހަމަ އިންޑިއާ މީހެކެވެ. މާޗް މަހު ބާއްވާ މަޖުލިސް އިންތިހާބުގައި ދިވެހި ރައްޔިތުން ފަހުބަސް ބުނެ، އިންޑިއާ އާއި އެމް.ޑީ.ޕީގެ ހީލަތްތެރި ރޭވުމުން މި ޤައުމު ސަލާމަތްކުރަން ޖެހެއެވެ.