Support Us

ތިން ލައްކަ ރުފިޔާގެ އަގުހުރި އިނާމުތަކާ އެކު އެސްޓީއޯގެ ރޯދަ ބާޒާރު ފަށައިފި

ކޮންމެ އަހަރެއްގެ ވެސް ރަމަޒާން މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ބާއްވަމުން އަންނަ ބޮޑު ޕްރޮމޯޝަން ތިން ލައްކައަށްވުރެ އަގުހުރި އިނާމްތަކާއެކު ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މިއަދު ފެށި ރަމަޒާން ބާޒަރަކީ އެސްޓީއޯއިން ވިޔަފާރި ކުރާ ފަރާތްތަކަށް އެންމެ މަގުބޫލް އެއް ސޭލް ކަމަށާއި އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ބާޒާރުގައި ވެސް ހިތްގައިމު ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ގޮތުން މި ބާޒާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައި މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން ކުރާ ކޮންމެ 1،000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެއް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެެ.

އެސްޓީއޯގެ ހުރިހާ އައުޓްލެޓްތަކެއް އެއްކޮށް ތިން ބަޔަކަށް ބަހާލައިން ކުރިއަށްދާ މި ޕްރޮމޯޝަންގައި އަގުހުރި އިނާމު ތަކެއް ކަނޑައަޅާފައިވާއިރު މި ޕްރޮމޯޝަންގައި ވިޔަފާރިތަކުން 25 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ސޭލްގައި ރޯދަ މަހުގެ ކުރިން ތިން ނަސީބުވެރި ފަރާތްް ހޮވުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތުން އެއް ވަނައަށް ދާ މީހަކަށް 75،000ރ. ގެ އަގުހުރި ބަދިގެ ސެޓެއް ލިބޭއިރު ދެވަނައަށް ދާ މީހަކަށް ހޯމް އެޕްލައެންސް ޕެކޭޖެއް އަދި ތިން ވަނައަށް ދާ މީހަކަށް ތިން ރޫމް އެޕާޓްމަންޓެއްގައި ނިޕޯން ޕެއިންޓްގެ ކުލަ އަދި ކުލަ ލައިދިނުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ނަސީބުވެރިއަކު ހޮވައި 2،500ރ.ގެ ގިފްޓް ވައުޗާއެއް މި ޕްރޮމޯޝަންގައި ލިބޭނެ އެވެ.

އެސްޓީއޯ އިން ބުނީ މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު އެެއް ވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަށް ދެ މީހަކަށް ތުރުކީގެ ދެކޮޅު ޓިކެޓް ލިބޭއިރު ދެވަނައަށް ދާ ފަރާތަކަށް ހޯމް އެޕްލައެންސް ޕެކޭޖެއް އަދި ތިން ވަނަ އަށް ދާ ފަރާތަކަށް 65 އިންޗީގެ ފިލިޕްސް ޓީވީއެއް ލިބޭނެ ކަމަށެވެ.

"ގުރުއަތުން ދިމާވާ ފަރާތްތަކަށް މި ޕްރޮމޯޝަން ތެރޭގައި ތިން ލައްކައަށްވުރެ އަގުހުރި އިނާމްތައް ލިބިގެންދާނެ،" އެސްޓީއޯއިން ބުންޏެވެ.

މި އަހަރުގެ ރޯދަ ޕްރޮމޯޝަންގައި އެހެން އަހަރުތަކާ ހިލާފަށް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ކުންފުނީގެ ޕްރޮޑަކްޓްތައް ބޭނުންކުރާނެ ގޮތް ދައްކާލުން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ޕްރޮޑަކްޓީ ދައްކާލުން ކުރިއަށްދާއިރު ކަސްޓަމަރުން އަމިއްލައަށް އެތަކެތި ބޭނުންކުރުމުގެ ފުރުސަތާއި އެ ޕްރޮޑަކްޓަކުން ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.

މީގެ އިތުރުން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހު ކަނޑައެޅޭ ބައެއް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި އީ ސްޓޯރު މެދުވެރިކޮށް ވެސް މި ޕްރޮމޯޝަންގެ ޕްރޮޑަކްޓްތައް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ދޮންނަމެޝިނާއި ފްރިޖް ފަދަ ތަކެތި ގަތުމުން ޑެލިވަރީކޮށްދޭނެއެވެ.