Support Us

ސިފައިން ބޭލުމުގެ މަސައްކަތް އަވަސްކުރަން އިންޑިއާ އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް އަވަސްކުރަން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާއިން މިގޮތަށް އެއްބަސްވެފައިވާއިރު އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ރައީސް ޑރ. މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި، އިންޑިއާ އާއި ރާއްޖޭގެ ހައިލެވެލް ކޮމިޓީގެ 12 ވަނަ ބައްދަލުވުމަށްފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތް "ފާސްޓް ޓްރެކްގައި ކުރިއަށް ގެންދިއުމަށް އިންޑިއާއިން އެއްބަސްވެފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި" ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ހައިލެވެލް ބޭފުޅުންގެ އެ ބައްދަލުވުމުގައި އިންޑިއާ އާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ދެ ގައުމުގެ ދެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ވެސް މިއަދު މަޝްވަރާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓް ސެކްރެޓްރީގެ އިތުރުން އެ ގައުމުގެ އިސް ބައެއް ބޭފުޅުންނާއި ރައީސް އޮފީހުގެ އިސް ބައެއް ބޭފުޅުންނާއި ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމާ ބެހޭ މައުލޫމާތު މީޑިއާތަކަށް ދެއްވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާާޅުވީ ރާއްޖޭގައި މިވަގުތު ތިބި 88 އިންޑިއާ ސިފައިން އަންނަ މަހުގެ 15ގެ ކުރިން އަނބުރާ ގެންދިއުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންފައިވަނީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ހައިލެވެލް ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އޮތް އެޖެންޑާގައި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަނީ 15 މާޗްގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމެވުމަށް ހުށަހަޅުއްވާފައި،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެންޕެއިންގެ އެންމެ ބޮޑު އެއް ވައުދުފުޅު ކަމުގައިވާއިރު އެ މަސައްކަތް ރައީސް ކަމުގެ ހުވާކުރެއްވުމުގެ ކުރިން ވަނީ ފައްޓަވައިފަ އެވެ. އަދި އެ މަސައްކަތަކީ ހަފްތާ14 ގައި ވެސް ކަނޑައަޅުއްވާފައިވާ އެންމެ މުހިންމު އެއް ކަންތަކެވެ.

ދުބާއީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ކޮޕް ސަމިޓް ބައްދަލުވުގެ ހަވާސާގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަނީ ބައްދަލުކުރައްވައިފަ އެވެެ. އިންޑިއާގެ ސިފައިން ރާއްޖެއިން ގެންދިއުމަށް ރާއްޖޭގެ ރައްޔިތުން ނިންމައިފައިވާ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް މޯދީ ވިދާޅުވި ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ،

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *