...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އިންޑިއާ އަށް ސަލާމް

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ނޫސްވެރިނާ ބައްދަލު ކުރައްވައި އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވީ އާދަޔާ ޚިލާފު ލީޑަޝިޕެކެވެ. އިންޑިއާ ނޫން ތާކުން ދިވެހީނަށް ބޭސް ފަރުވާ ނުކުރެވޭނެ ކަމަށާއި، ހަނޑޫ، ހަކުރު، ފުށް، އަދި ފިޔާ، އަލުއި އަދި ބިސް ފަދަ އަސާސީ ކާބޯތަކެތި އިންޑިއާ ނޫން ޤައުމަކުން ނުގެނެވޭނެ ކަމަށް ދައްކައި، އާސަންދަ އަކީ ހަމައެކަނި އިންޑިއާގެ ހޮސްޕިޓަލްތައް މުއްސަނދި ކުރަން އޮތް ބަޖެޓެއް ކަމަށް ދައްކަމުން، ރާއްޖެ ބޮއިކޮޓް ކުރަން ގޮވަމުންދާ އަވައްޓެރި އިންޑިއާ އަށް ރައީސް ދެއްވީ ވަރުގަދަ މެސެޖެކެވެ. ވަރުގަދަ ރައްދެކެވެ.

ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް، އިންޑިއާގެ ހަނގުރާމަމަތީ ދެތިން މަނަވަރު ފޮނުވައިގެން ދިވެހި ރާއްޖެ ހިފިދާނެ ކަމަށް ބުނެ، އިސްލާމް ދީނަށް ހަޖޫ ޖަހައި، ދިވެހީންނަކީ ކުޑަކުޑަ، ފަގީރު ޤައުމެއް ކަމަށް ބުނެ މަލާމާތްކޮށް، ދިވެހި ރާއްޖޭގެ މުހިއްމު ވެބްސައިޓްތައް ހެކުކޮށް، ދިވެހީން ގިއްގަޅުވާލަން އިންޑިއާއިން ފޫގަޅައިގެން ކުރަމުންދާ މަސައްކަތަށް އެމް.ޑީ.ޕީ އޮތީ 100 ޕަސެންޓު ތާއީދުކޮށްގެންނެވެ. ކުރީގެ ރައީސް އިބޫ ސޯލިހާއި، ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ކުރީގެ ދިފާއީ ވަޒީރު މާރިޔާ ދީދީ އާއި، އެމް.ޑީ.ޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، މަޖުލިސް ރައީސް މުހައްމަދު އަސްލަމް ފަދަ ބޭފުޅުން އަދިވެސް ތިއްބެވީ އިންޑިއާއާ އެކުގައެވެ. މިއީ ސީދާ ދިވެހި ޤައުމަށް ގައްދާރު ވެފައިވާ، އަދި ގައްދާރު ވަމުންދާ ސިޔާސީ މީހުންނެވެ. އިންޑިއާއާ ގުޅިގެން މި ފަރާތްތަކުން ހިންގާފައިވާ ޖަރީމާތަކަށް ޤާނޫނީ އަދަބު ލިބިގެން މެނުވީ ދިވެހި ޤައުމުގެ ފާރުގަނޑެއް ނުހިކޭނެއެވެ.

ނަމަވެސް، ފަޚުރުވެރި ޗައިނާ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުއިއްޒު އިއްޔެ ވިދާޅުވީ ދިވެހި ޤައުމުގެ އާބާދީ ކިތައްމެ ކުޑައަސް މި ޤައުމަކީ ދުނިޔެއިން، އަދި އިންޑިއާ ކަނޑުން ނުވަދިހަ ހާސް އަކަ ކިލޯމީޓަރުގެ ސަރަހައްދެއް މިލްކުވެގެންވާ ބިޔަ ބޮޑު ޤައުމެއް ކަމެވެ. މިސާލަކަށް މި ސަރަހައްދުގެ ބޮޑު ޤައުމެއް ކަމުގައިވާ ސްރީލަންކާގެ ސަރަހައްދަކީވެސް މިއަށް ވުރެ ކުޑަ، 65 ހާސް އަކަ ކިލޯމީޓަރެވެ. އެހެން ކަމުން ރާއްޖެއަކީ ބޮޑު ޤައުމެކެވެ.

އިންޑިއާގެ ނަން ނުގަނެ، އިންޑިއާގެ ހަނގާ ކުރުމަށް އަމާޒު ކުރައްވައި ރައީސް އިއްޔެ ވިދާޅުވީ "އިންޑިއާ" ކަނޑަކީ ވަކި ޤައުމެއްގެ މިލްކެއް ނޫން ކަމަށެވެ. އަދި ދިވެހި ޤައުމަކީ ކުޑަ ޤައުމަކަށް ވިއަސް އެއީ ބޮޑު އެހެން ޤައުމަކުން ދިވެހި ރާއްޖެ ބުލީ ކުރަން (ހަނގާ ކުރަން) ލިބިފައިވާ ލައިސަންސެއް ނޫން ކަމަށެވެ. އަދި ދިވެހި ޤައުމަކީ ވަކި ޤައުމެއްގެ ބެކްޔާޑުގައި އޮތް ޤައުމެއް ނޫން ކަމަށާއި، ދިވެހި ޤައުމަކީ މިނިވަން، މުސްތަގިއްލު ޤައުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ބުލީކުރުމަށް ހޫނު ރައްދެއް ދެއްވަމުން ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާގެ ކަސްތޮޅުން ދިވެހި ރައްޔިތުން ފުރިހަމަ އަށް ސަލާމަތް ކުރެވޭނެ މަގުޗާޓުގެ ހުލާސާއެއް ވެސް އިއްޔެ ހުށަހަޅުއްވާފައެވެ. އިންޑިއާ ނޫން ތަނަކުން ދިވެހީންނަށް ހަނޑޫ، ހަކުރު، ފުށް، އަދި ފިޔާ، އަލުވި، ބިސް ނުލިބޭނެ ކަމަށް އެމް.ޑީ.ޕީ ފަދަ ފަރާތްތަކުން ބުނަމުންދާ ދިއުމަށް ރައްދު ދެއްވައި، އިންޑިއާގެ ބުލީ ކުރުމަށް ގޮންޖައްސަވައި ރައީސް ވިދާޅުވީ، ހަނޑޫ، ހަކުރު، ފުށް، ދިވެހި ރާއްޖެ އަށް ބޭނުންވާ ވަރަށް، އަދި އޭގެ އިތުރަށް ވެސް ތުރުކީން ގެނެވޭ ގޮތަށް ހަމަޖެހި، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އަވަސް ކުރިމަގެއްގައި ދިވެހި ރާއްޖެއަށް ބޭނުވާ ކާޑުގެ ބާވަތްތައް ގެނެވޭނީ ތުރުކީންނެވެ. އަލުވި، ފިޔާ އަދި ބިސް ފަދަ ބާވަތްތައްވެސް އެހެން ޤައުމުތަކުން ގެނައުމުގެ މަގުފަހިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އިންޑިއާގެ ކުނި އަލުއްވާއި ކުނި ބިހުން ދިވެހީން ސަލާމަތްކޮށްދޭނެ ހެޔޮ ބަދަލަކަށް ވާނެއެވެ.

އިންޑިއާގެ ކޮލިޓީ ދަށް ޑޮކްޓަރީ ބޭހަށް ބަރޯސާނުވެ، ޔޫރަޕާއި އެމެެރިކާގެ، ފެންވަރު ރަނގަޅު، ބޭސް ދިވެހިރާއްޖެ އަށް ގެންނަން ވަަރަށް އަވަހަށް ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ހަމަ އެއާ އެކު އާސަންދަ އާއި އެންސްޕާއިން ދިވެހި ރައްޔިތުންނަށް ދޭ ބޭސްފަރުވާގެ އެހީ އަކީ ހަމައެކަނި ވަކި ޤައުމެއްގެ ހޮސްޕިޓަލްތައް މުއްސަނދި ކޮށްދޭން އޮންނަ ބަޖެޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، އަވަސް ކުރިމަގަކުން ފެށިގެން ދިވެހި ރައްޔިތުން އާސަންދައިގެ އެހީގައި ބޭސްފަރުވާއަށް ދާ ދެޤައުމަކީ ދުބާއީ އާއި ބެންކޮކް ކަމުގައި ހަމަޖައްސަވައި، އެ ދެ ޤައުމަށް އާސަންދައިންދޭ އެހީގެ ތެރޭގައި ހޮޓެލް އެކޮމަޑޭޝަންވެސް ހިލޭ ހިމަނުއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ބަލި މީހުން އުފުލުމަށް އިންޑިއާ ސިފައިންގެ އެހީ ހޯދުން ނިމުމަކަށް ގެނެސް، ދިވެހީންގެ އަމިއްލަ އެއާ އެމްބިއުލާންސްގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އެއާ އެމްބިއުލޭންސް ގައި ބޭރުގެ ހޮސްޕިޓަލް ތަކަށް އިމަޖެންސީގައި ދިވެހީން އުފުލޭ ގޮތަށް ހަޖަހިގެންދާނެ ކަމުގައި ވެސް ރައީސް މުއިއްޒު ވިދާލުވިއެވެ.

ދިވެހި ރާއްޖޭގެ ސަރަހައްދު ޕެޓްރޯލްކޮށް ބެލެހެއްޓުމުގައި ޒަމާނުއްސުރެ އިންޑިއާ އަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދިވެހި އަމިއްލަ މަތިންދާ ބޯޓުތަކުގައި ދިވެހި ސިފައިން، މިޤައުމުގެ ސަރަހައްދު ޕެޓްރޯލްކޮށް، ދިފާއުކުރާ ގޮތަށް ހަމަޖައްސަވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ކުރިމަގުގައި ދިވެހީންނަށް ބޭނުންވާ ގިނަ ކާބޯތަކެތި، ދިވެހި ރާއްޖޭގައި ދަނޑުވެރިކަން ކޮށްގެން، އުފެއްދުމަށްޓަކައި އުތުރުތިލަފަޅުގައި، ދެލައްކަ މީހުންގެ އާބާދިއަކަށް ފުދޭ ވަރަށް ބިޔަ ބޮޑު ދަނޑުވެރިކަމުގެ މަޝްރޫއެއް، ޗައިނާގެ އެހީގައި ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ތައްޕާހުން ސިވިލް ސާވަންޓުން ތަމްރީންކުރުން ވެސް ނިމުމަކަށް ގެނެސް، ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން އެއް ހާސް ސިވިލް ސާވެންޓުންނަށް ޗައިނާއިން މަތީ ތައުލީމް ހާސިލް ކުރެވޭ ގޮތަށް އެއްހާސް ސްކޮލަރޝިޕް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ފިލްމުސްޓާރުންނާއި އާއްމު އެތައް ބަޔަކު ދިވެހި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އެތައް ގުނައެއް އިތުރުކޮށް، ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ފްލައިޓާއި އެއާލައިންތައް އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުރިމަގުގައި ދިވެހި ރާއްޖޭގެ ވެރިކަންކުރާ ރަށުގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ބެލެވޭ ރަސްމާލޭގައި ޗައިނާގެ އެހީގައި ތިރީސް ހާސް ހައުސިން ޔުނިޓް އަޅައި، ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އެއް ސިޓީގެ ގޮތުގައި ރަސްމާލެ ހެދުމުގެ މަސައްކަތް މި ފަސް އަހަރުގެ ދައުރުގައި ނިމިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާގެ ޖީ.އެމް.އާރުން ނުއަގުގައި ގަނެގެން ވަގަށް ނަގަން އުޅުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުވެސް ދުނިޔޭގެ ފެންވަރަށް، ޗައިނާ ސަރުކާރުގެ އެހީގައި، ތަރައްޤީކޮށް، ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތައް އެހެން ތަނަކަށް ބަދަލުކޮށް، ފުނަދޫ އާއި މާލެ އާއި ހުޅުލެ، ބްރިޖްތަކަކުން ގުޅާލައި، ޗައިނާގެ އެހީގައި، ފުނަދޫ އަކީ ބައިލަންއަޤްވާމީ މާލީ ނާރެހަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ޗައިނާގެ އެހީގައި، ބިޔަ ބޮޑު ހަތް އިމާރާތް އަޅައި، އެ ހަތް އިމާރާތް ބްރިޖް ތަކަކުން ގުޅާލައި، "ކޮމާޝަލް ސްޕައިން"ގެ ނަމުގައި އެތަން ތަރައްޤީ ކުރައްވާނެ ކަމުގައި ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިރުގެ އަލިން ހަކަތަ އުފެއްދުން ފަދަ އިއާދަކުރަނިވި ތަފާތު ވައްތަރުގެ ހަކަތަ ދިވެހި ރާއްޖޭގައި އުފައްދައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، ޗައިނާ ސަރުކާރާއި ޗައިނާގެ ބޮޑެތި ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވިލިމާލޭގައި ޗައިނާގެ 100 ޕަސެންޓު ހިލޭ އެހީގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމާއި، 17 ރަށެއްގެ ސިއްޙީ މަރުކަޒުތަކުގެ ލެބޯޓްރީ ތަކަށް ޗައިނާގެ ހިލޭ އެހީގައި ހުރިހާ އިކުއިޕްމެންޓެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ހަތަރު ރަށެއްގެ އައްސޭރި ރައްކާތެރި ކުރުމާއި، ކުނި ނައްތާލުމުގެ ނިޒާމް ޗައިނާގެ ހިލޭ އެހީގައި ހަމޖެހިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރަސްމާލެ އާއި ގުޅީފަޅުގައި ކަރަންޓާއި، ފެނުގެ ނިޒާމާއި، މަގުތަކާއި، ކައްކާ ގޭސް ހޮޅީގެ ނިޒާމް ފަދަ ވަސީލަތްތައް ޤާއިމް ކުރުމުގެ އެއްސްވުންތައް ވެސް ޗައިނާއާ އެކު ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ދެންނެވި ކަންތައްތަކުގެ އިތުރުން، ޗައިނާ އިން މީގެ ކުރިން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ އެތައް މިލިއަން ޑޮލަރުގެ ލޯނުތައް 2026 ގައި ދައްކަން ޖެހިފައިވާތީ އެ ލޯނުތައް ދައްކަން ފަށަންޖެހޭ މުއްދަތުވެސް އިތުރު ފަސް އަހަރު ލަސްކޮށްދިނުމަށް ޗައިނާއިން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ ދިވެހި ރާއްޖެ ބަނގުރޫޓުވެދާ ފަދަ ހާލަތަކުން 2026 ގައި ރާއްޖެ ސަލާމަތްކޮށްދޭނެ ބޮޑު ނިންމުމެކެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތީ، ދެ ޤައުމުގެ ސައިޒު ކިތައްމެ ތަފާތު ވިއަސް އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، ވަރަށް ނަމޫނާ ގުޅުމެއް ކަމަށެވެ. މިއީ އިންޑިއާ އިން ކުޑަކުޑަ ދިވެހި ރާއްޖެ ބުލީކޮށް، ދަށުލައިގެން ގެންގުޅުނު ގޮތް، ރައީސް ޑޜ. މުއިއްޒުގެ ވެރިކަމުގައި ބަދަލު ކުރައްވައި، ދިވެހީންނަށް އިހްތިރާމް ކުރާ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ސިޔާސަތުގެ ދަށުން ޗައިނާއާ އެކު ވަރުގަދަ ކުރެވެމުންދާ ގުޅުމެކެވެ.

ދިވެހި ޤައުމު ދުނިޔޭގެ ޗާޓުގައި އޮތް މުހިއްމު ލޮކޭޝަނުގެ ފުރިހަމަ ފައިދާ ނަގައި، ޗައިނާގެ އެހީގައި، ހއ. އަތޮޅުގައި ބިޔަ ބޮޑު ޓްރާންސްޝިޕްމެންޓު ބަނދަރެއް ހަދައި، ސްޕެޝަލް އިކޮނިމިކް ޒޯނެއްގެ ދަށުން ވަރުގަދަ ރީއެކްސްޕޯޓް ވިޔަފާރިތަކެއް ޤާއިމް ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުން ދިވެހި ޤައުމު ވައްޓާލާފައިތް ދަރަނި ދަންތުރައިން ދިވެހި ރައްޔިތުންނާއި ޤައުމު ސަލާމަތް ކުރާނީ މިފަދަ އީޖާދީ މަސައްކަތްތަކުގެ ތެރެއިން" ކަމުގައި ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މިނިވަންކަން ޤާއިމް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

މި ރޯދަ މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދިހަ ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދައުލަތުން ހަދިޔާކުރާނެ ކަމަށާއި، އޭގެ އިތުރު ކަންތައްތައް ވެސް މިއަހަރު ވާނެ ކަމަށާއި، އަދި އަންނަ އަހަރު އެއަށް ވުރެވެސް ގިނަ ކަންތައްތައް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ، ދިވެހި ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި-އިލެކްޝަން އިން އެމް.ޑީ.ޕީ އަށް ކާމިޔާބުވުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ދިވެހި ރައްޔިިތުން ތާއީދުނުކުރާ ކަމުގެ ހެއްކެއް ނޫނެވެ. ގަދަ ވިއްސާރާގައި މާލޭގެ މަގުތައް ފެންބޮޑުވެ، ރައްޔިތުން ވަރަށް ހާލުގައި ތިބި ވަގުތެއްގައި އިއްޔެ ވޯޓުލާން ނިކުތީވެސް ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ މަދު އަދަދެކެވެ. ޗައިނާގެ ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުއިއްޒު ގެނެސް ދެއްވި އުފާވެރި އެތަކެއް ހަބަރާއި، ދެއްކެވި ލީޑަޝިޕާމެދު ދިވެހި ރައްޔިތުން ތިބޭނީ ހިތްހަމަޖެހި، ފޮނި އުއްމީދުގައެވެ. މި ސަރުކާރާ މެދު ދިވެހި ރައްޔިތުން ދެކޭ ގޮތް ހަޤީގަތުގައި އެނގިގެންދާނީ މި އަހަރު މާޗް މަހު ބޭއްވޭ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބުންނެވެ. އެ ހިސާބަށް ދާއިރު ދިވެހި ރައްޔިތުން ތިބޭނީ ފުދިފައެވެ. މި ސަރުކާރުގެ ހަގީގީ ތަރައްޤީ އާއި ބަދަލުތަކުގެ ފޮނި ރަހަ ލިބި، ސަރުކާރަށް އާނއެކޭ ބުނަން ތައްޔާރަށެވެ.

ރައީސްގެ ޕްރެސް ބްރީފިން ނިންމަވާލެއްވީ އެއް ޖުމްލައިން، އިނގިރޭސި ބަހުން، އިންޑިއާ އަށް ވަރުގަދަ މެސެޖެއް ދެއްވަމުންނެވެ. ރައީސް ވިދާޅުވި އެވެ: "ވީ މޭބީ ސްމޯލް، ބަޓް ދެޓް ޑަސް ނޮޓް ގިވްޔޫ ދަ ލައިސެންސް ޓު ބުލީ އަސް". (އަހަރުމެންނަކީ ކުޑަ ޤައުމަކަށް ވިއަސް އެއީ ކަލޭމެނަށް އަހަރުމެން ބުލީ ކުރަން ލިބޭ ލައިސަންސެއް ނޫނެވެ". މިއީ އިންޑިއާގެ ނަންނުގަނެ، އިންޑިއާ އަށް ދެއްވި ވަރުގަދަ މެސެޖެކެވެ. ޒަމާނުއްސުރެ ދިވެހި ރާއްޖޭގެ ވެރިން މަސައްކަތް ކޮށްފައިވަނީ ދިވެހި ރާއްޖެ އަކީ ކުޑަ، ފަގީރު، ވަސީލަތް މަދު ޤައުމެއް ކަމަށް ދައްކާށެވެ. ރައީސް ޑރ. މުއިއްޒުގެ ސިޔާސަތު އެއޮތީ ފެންނާށެވެ. ރައީސް ވިދާޅުވަނީ ދިވެހި ރާއްޖެ އަކީ ބިޔަ، ބޮޑު، މުއްސަނދި، ވަސީލަތް ގިނަ ޤައުމެއް ކަމަށެވެ. މިއީ ދިވެހިން ދިވެހީންގެ ހަޤީޤީ އިސްކޮޅަށް ތެދުވެ، ދުނިޔޭގެ ފެންވަރުގައި ވެސް މުސްތަގިއްލު، ތަރައްޤީވެފައިވާ، ވަރުގަދަ ޤައުމަކަށް ހެދުމަށް ލިބޭ މުހިއްމު ފުރުސަތެކެވެ. ދިވެހި ރައްޔިތުން މި ފުރުސަތު ނަގާލައިގެން ނުވާނެއެވެ. މިއީ ސާސްކަފަކުން އެއްފަހަރު ލިބޭނެ ފަދަ ފުރުސަތެކެވެ. އެމްޑީ.ޕީ އާއި އިންޑިއާގެ ހީލަތްތެރި މަޅީގައި ނުޖެހި، ވިސްނުންތެރިކަމާ އެކު ދިވެހި ރައްޔިތުން މި ފުރުސަތުގެ ބޭނުން ހިފައި، ހަމަ އިސްކޮޅަށް ތެދުވެ، ފިޔަގަނޑު ތަންމިނަށް ނިއުޅުވާލައި، އުދުހިގަންނަން ޖެހެއެވެ. މިހިރީ ވަރުގަދަ މާލިމީ އެއް ލިބިފައެވެ. އަމާން ދަތުރަކަށް އެދެމެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.