Support Us

ވާހަކަ: ހިތް އެދޭތީ- 9

"ކީއްކުރަނީ؟… އަހަރެންގެ އިންތިޒާރުގަދޯ؟" ދީނާގެ މޫނުން އަތް ނަގަމުން ސިމާމު ބުނެލިއެވެ.

"ނުފެނޭތަ…؟ ވާހަކަ ފޮތެއް ކިޔަނީނު.. ސިމާމު ހާދަ މޫޑް ގޯސްވެފައި؟ ކިހިނެއްވީ؟" މިލާ މޯޅިވެފައިވާ ސިމާމުގެ މޫނު ފެނުމުން ދީނާއަށް ތެޅިގަނެވުނެވެ.

"އަހަރެން މިއުޅެނީ ދެން އެންމެ އަވަހަށް ފުރާ ދޯންޏަކުން މާލެ ދާން… ވަޒީފާއެއް ހަމަޖެހިގެން ޒައިން ގުޅައިފި."

"އެހެންތަ؟ ހާދަ ރަނގަޅޭ،" ދީނާ ހުރީ އުފަލުންނެވެ. ސިމާމަށް ވަޒީފާއެއް ހަމަޖެހުމުންނެވެ. އޭނާއަށް އެނގެއެވެ. އަވަހަށް ކައިވެނި ކުރެވޭނީ ސިމާމަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުން ދުވަހަކުންނެވެ. ހަމަ އެ ހިނދުކޮޅު އޭނާއަށް ވިސްނާލެވުނެވެ. ލޯބިވެރިޔާއާ ދުރުގާ ހުރުމަށް ދީނާއަށް ކެތްވާނެ ހެއްޔެވެ؟ އެ ޚިޔާލު އައުމާއެކު ދީނާ ދެރަވިއެވެ.

"އަހަންނާ ވަކިވާން ޖެހޭތީ ލޯބި ދެރައެއް ނުވޭތަ؟ އަހަރެން މިހުރީ ވަރަށް ދެރަވެފައި.. ދީނާ އެހާ ލޯބި ނުވަނީދޯ؟" ސިމާމު ވާހަކަދެއްކީ ވަރަށް އަސަރާއެކުގައެވެ.

"ތިހެން ނުބުނޭ ސިމާމް. ތީ އަހަރެންގެ ފުރާނަ… އަހަރެންގެ ދިރުން… އަހަރެން ބޭނުންވަނީ ސިމާމު އަހަންނާ ވަކިން އެހެން ތަނެއްގައި ހުއްޓަސް އުފާވެފައި ހުންނަން… އަހަރެން މާބޮޑަށް ދެރަވެއްޖެ ނަމަ ސިމާމު ނުގޮސްދާނެތީ އެހެން ބުނީ،" ދީނާއަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. ސިމާމުގެ ދުލުން އެފަދަ ލަފްޒެއް ބޭރުވެދާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ. ސިމާމުއަށް ވިސްނާލެވުނެވެ. އޭނާއަށް ބުނެވުނު އެއްޗަކާމެދުއެވެ. އަދި އަމިއްލަ ނަފްސަށް މަލާމާތްކުރެވުނެވެ. އެގޮތަށް ވިސްނުނީތީއެވެ. ދީނާ ގެނެސް އޭނާގެ މޭމަތީގައި ލައްކޮށްލިއެވެ. ދުވަހަކުވެސް ވަތްކެއް ނުވާނަމޭ ބުނަމުންނެވެ. ސިމާމުގެ އެ ތަނަވަސް މޭމަތީގައި ބޯއަޅާލައިގެން ރޮއިލަރޮއިލާ ދީނާ އޮތެވެ.

"ހެޔޮނުވާނެ ލޯބީ.. ދެން އެވަރަށް ނުރޮއި… މިއީ އެންމެ ފަހުގެ ބައްދަލުވުން،" ސިމާމު އެތައް އާދޭހެއް ކުރުމުން ދީނާ ތެދުވިއެވެ.

"އަހަރެން އަންނަންދެން ވަފާތެރިކަންމަތީ ހުރެދޭތި… އަހަރެންވެސް އެގޮތުގައި ހުންނާނަން. ތިން އަހަރު ފަހުން އިންޝާ ﷲ ތީ އަހަރެންގެ މީހަކަށް ހަދާނަން،" ސިމާމު ވައުދުވިއެވެ.

"ތިން އަހަރު ފަހުން؟ ހާދަ ދިގު މުއްދަތެކޭ.. ޗުއްޓީއަށްވެސް ނާންނަންތަ އަޅެ ލޯބީ؟" ދީނާ ޝަކުވާކޮށްލިއެވެ. ތިން އަހަރު ދުވަސް މާ ދިގުވުމުންނެވެ.

"ނޫނޭ ޗުއްޓީއަށް އަންނާނެއެއްނު… ތިން އަހަރު ފަހުން ދީ އަހަރެންގެ އަނތްބަކަށް ހަދާނަމޭ މިބުނީ،" ދީނާ އުނަގަނޑުގައި ހިފައި ގާތްކޮށްލަމުން ސިމާމު ވާހަކަ ދެއްކިއެވެ. އޭނާގެ ކަޅި ހުއްޓާލައިގެން ހުރީ ދީނާގެ ލޮލާ ދިމާއަށެވެ. ދެ ލޯބިވެރިންގެ ހަތަރު ކަޅި ހަމަވުމާއެކު، މަސްތުވީ އަސަރުތަކެއް ދެބައިވެރިންނަށްވެސް ކުރަމުން ދިޔައެވެ. އެ ދެ މީހުންގެ މޫނުމައްޗަށް އަރައި ފައިބަދުންދާ ކުލަވަރުން އެކަން ޔަގީންކޮށްދެއެވެ.

"ސިމާމު ހާދަ ލާނެތް ވެއްޖެއޭ…!" ދެއަތުން ސިމާމުގެ މޭމަތީގައި ޖަހާލަމުން ދީނާ ހީލިއެވެ. ސިމާމުވެސް ދީނާގެ ހުނުމުގައި ބައިވެރިވިއެވެ.

"ސިމާމު…" ހަމަހިމޭން ކަމުގެ ހިނދުކޮޅަކަށްފަހު ދީނާ ވާހަކަދެއްކިއެވެ.

"ކިހިނެއްވީ؟"

"ލޯބި ފުރާ ދުވަހު އަހަރެން އަތިރިމައްޗަށް ދިޔަސް އޯކޭތަ؟" ދީނާ ސުވާލުކޮށްލިއެވެ. ސިމާމު ފުރާތަނަށް ދިއުމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

"އެއީ ކިހިނެއްވީ؟… ތިހެން ތިއެހީ؟" ސިމާމު އެހިއެވެ.

"ނޭނގިގެންތަ ތިއަހަނީ؟.. ލޯބި ފުރުމުގެ ކުރިން ވަދާއީ ސަލާމް ކުރާކަށެއްނު…" ދީނާ ލާނެތް ގޮތަކަށް ހީލިއެވެ.

"ދެން ދަނީއްޔޭ… ފުރުމުގެ ކުރިން އަދި އަންނާނަން،" ސިމާމު ހިނގައިގަތެވެ. މޮޅިވެރިކަމާއެކު ދީނާވެސް ސިމާމުގެ ފަހަތުން ނުކުތެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ގޭތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު، ނަދުވާމެން ގެއަށް ދިއުމަށް ދީނާ ނުކުތެވެ. ނަދުވާގެ ކޮޓަރި ދޮރު ހުޅުވާލިއިރު ކޮންމެވެސް ފިކުރެއްގައި ނަދުވާ އިންތަން ދީނާއަށް ފެނުނެވެ. ދީނާ ފެނުމުން ހިނިތުންވުމުގެ އަސަރު ގެންނަން ނަދުވާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ނަދުވާގެ އޮފު ކެނޑިފައިވާ މޫނު ދީނާއަށް ސިއްރެއް ނުވިއެވެ.

"އަހަރެން އައި ބޭނުމަށްވުރެ… ނަދުވާއަށް ވެފައި ތިހުރި ގޮތް އޮޅުންފިލުވަން މިހާރު މާ ބޭނުން،" ނަދުވާ ކައިރީ އެނދުގައި ދީނާ އިށީނެވެ.

"އަހަންނަށް އެއްވެސް ކަމެއް ނުވޭ."

"ކަމެއް ނުވާނަމަ، ނަދުވާގެ މޫނުން ހިތާމައިގެ ކުލަވަރުތައް ފެންނަނީ ކީއްވެ؟… އަޅެ އަހަންނަށް ވެގެން އުޅޭގޮތެއް ކިޔާ ދީބަލަ،" ދީނާ މިގޮތަށް އެތައް އިރަކު ވާހަކަ ދެއްކުމުން އެންމެފަހުން ނަދުވާ، އޭނާއަށް ވެގެން އުޅޭ ގޮތް ކިޔައިދޭން ފެށިއެވެ.

"މަންމަ ނިންމައިފި ކިޔަވައި ނިމުމުން އަހަރެން މާލެ ފޮނުވަން… ގެއަކަށް މަސައްކަތް ކުރާ ގޮތަށޯ.. ވަރަށް ފޫހިވޭ،" ނަދުވާ ނިތްކުރިމައްޗަށް ރޫ އަރުވާލިއެވެ.

"ނަދުވާ އަށް ކަމުދާ ކުއްޖެއް މިރަށަކުވެސް ނޫޅޭ. މާލެއިން ރަނގަޅު ކުއްޖެއް ވެސް ފެނިދާނެއެއްނު… ކީއްވެ ދެރަވާންވީ؟" ދީނާ ސަމާސާ ކޮށްލިއެވެ.

"ކޮންމެ ކަމެއްވެސް ދީނާ ހަދާނީ މަޖަލަކަށް. ތިޔަ ކަހަލަ ރަހުމަތްތެރިންނާ ވަކިވެގެން ކިހެނެއް ދެވޭނީ؟.. އެކަމަކުވެސް… އަހަންނަށް މަޖުބޫރު. މަންމަގެ ބުރަ މަސައްކަތުން ކިޔަވައިދިނުމުން އަހަރެން ޖެހޭނެތާ މަންމަ ބުނާ ގޮތެއް ހެދޭތޯ ބަލަން… އެހެން ނޫނަސް މަންމަ އެވަނީ މުސްކުޅިވެފައި.. އަހަރެނެމެން ދެމައިން އެކަނި އުޅޭއިރު އަހަރެން ޖެހޭނެތާ ފައިސާ ހޯދަން މަސައްކަތެއް ކުރަން. ރަށުގައި ވަޒީފާއެއް ވެސް ނެތް،" ނަދުވާ ފެންކަޅިވެ ހުރި އޭނާގެ މަޖުބޫރީ ހާލަތު ކިޔައިދިނެވެ.

"އޯލެވެލް ހަދައިގެން ގެއަކަށް ނޯކަރުކަން ކުރަން ދިއުމަށް އަހަރެންވެސް ހިތްހަމައެއް ނުޖެހޭ… އެކަމަކު ދެރަނުވޭ ނަދޫ… ތި ނިންމީ އެންމެ ރަނގަޅު ގޮތައް. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ އިންޝާﷲ… ތި ދެއްކި ވާހަކައަކުން ހަނދާން ނެތިފައޭ މިހުރީ… އަހަރެން ބުނަން އުޅުނީ ސިމާމުވެސް ވަޒީފާ އަކަށް މާލެ ދާން އުޅެނީ. އޭރުން އަހަރެން ކިހާ އެކަނިވާނެ.."

"ސިމާމު ދަނީތަ؟" ހައިރާންވެފައި ނަދުވާ އަހައިލިއެވެ. ދީނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

އިރު އާ ދުވަހަކަށް ދުނިޔެއަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން ދަނީއެވެ. ތާޒާ ވައި ރޯޅިތަކުން ހިތްތަކަށް ފިނިކަން ލިބެމުން ދިޔަ ނަމަވެސް ސިމާމުގެ އެތެރެ ހަށި ދިޔައީ އުދާސްވަމުންނެވެ. ހާސްކަމާއި ހިތާމައިގެ ކުލަތައް އޭނާގެ މޫނުމަތިން ސިފަވަމުން ދިޔައެވެ. ފޮއްޓަށް އެއްޗެތި އަޅާ ނިންމާލުމަށްފަހު، އަތިރިމައްޗަށް ދިއުމަށްޓަކައި ހިނގައިގަތުމުގެ ކުރިން މައިންބަފައިންނާ އެންމެ ފަހުގެ ސަލާމްކޮށްލިއެވެ.

އަތިރިމަތީގައި މަޑުކޮށްލައިގެން ހުރިއިރު ސިމާމު ދިޔައީ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންނެވެ. އޭނާގެ ހިތުގެ މަލަކާ ކަމުގައިވާ ދީނާ ފެނޭތޯއެވެ. އުންމީދުކުރި ގޮތާ ޚިލާފަށް އެ ސަރަހައްދުން ސިމާމަށް ދީނާ ފެންނާކަށް ނެތެވެ. ފުރާގަޑި ކައިރިވަމުން ދިޔަ ވަރަކަށް ސިމާމުގެ ސިކުނޑި ހާސްވަމުން ދިޔައެވެ. ހިތުގައި ވަސްވާސް އުފެދިގެން ދިއުމާއެކު ލޯ ފެންކަޅިވާން ފެށިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *