...

Support Us

ރައީސްގެ ހޫނު ރައްދެއް އިންޑިއާއަށް: "ރާއްޖެ ކުޑަވުމަކީ ބުލީކުރަން ލިބޭ ލައިސަންސެއް ނޫން"

ގުދުރަތީ ގޮތުން ދިވެހި ރާއްޖެ އުފެދިފައިވާ ގޮތުން މިއީ ކުޑަ ގައުމެއް ނަމަވެސް އެއީ އެއްވެސް ބަޔަކަށް ރާއްޖެއަށް ބުލީ ކުރަން ލިބިގެންދާ ލައިސަންސެއް ނޫން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާ ފަދަ ގޮތަކަށް މީސްމީޑިއާގައި މުހާތަބް ކުރުމާ އެކު އިންޑިއާއިން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލުމަށް ބޮޑު ކެންޕެއިނެއް ފަށައިފައިވާ ދަނޑިވަޅެއްގަ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންފިންގް ދެއްވި ދައުވަތަކަށް އެ ގައުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް އެ ދަތުރާ ބެހޭ މައުލޫމާތު ދެއްވަމުން ރައީސް މިއަދު ވިދާޅުވީ ވަކި ގައުމަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށައިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް ފަދަ ތަކެތި ތުރުކީން އެއް އަހަަރަށް ވުރެ އިތުރަށް ލިބޭ ގޮތް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ. އަދި މި ފެބްރުއަރީ މަހުގެ ތެރޭގައި ތުރުކީން އަންނަ ފުރަތަމަ ޝިޕްމަންްޓް ރާއްްޖެ އަންނާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް، ބިސް އަދި އަލުވި ފަދަ ތަކެތި އެކި ގައުމުތަކުން މިހާރު ހަމަޖެހިފައިވާ ކަމަށާއި އެތަކެތި ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒަމާނުއްސުރެ ވަކި ގައުމެއްގެ މައްޗަށް ބަރޯސާވެގެން ރާއްޖެ އޮންނަ އޮތުން ނިމުމަކަށް ގެނެސް ރާއްޖެއިން އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތް ކުރާނީ ވަކި ގައުމަކަށް ބަރޯސާނުވެ ކަމަށެވެ.

އެ ބައްދަލުވުުމުގައި އިންޑިއާގެ ނަން ވިދާޅުނުވެ، ނަމަވެސް އިންޑިއާއަށް ބަރޯސާވެގެން ރާއްޖެއިން ކުރަމުން ގެންދާ ގިނަ ކަންތައްތަކަށް އެ ނޫން ގޮތެއް ހޯދުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަން އިޢުލާން ކުރެއްވުމަށްފަހު، އިނގިރޭސި ބަހުން ރައީސް ވިދާޅުވިއެވެ. "ވީ މޭބީ ސްމޯލް، ބަޓް ދެޓް ޑަޒަންޓް ގިވް ޔޫ ދަ ލައިންސަންސް ޓު ބުލީ އަސް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަށް ވަކި ގައުމަކަށް ބަރޯސާވެގެން ބޭސް ގެނައުން ނިމުމަކަށް ގެނެސް ޔޫރަޕްގެ އެކިއެކި ގައުމުތަކުންނާއި އެމެރިކާއިން ބޭސް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސްް ސީދާ އުފައްދާ ތަނުން ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާ ގޮތަށް ބަދަލުކުރާނަން، އެކަންކަން މިހާރު ވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރަށްރަށުން ބަލި މީހުން އުފުލުމަށް ޑޭޝް އަށެއްގެ މަތިންދާ ބޯޓު ރާއްޖޭގެ އެއާ އެންބިއުލާންސްގެ ގޮތުގައި މިއަހަރުގެ މާޗް އެއް ވަނަ ދުވަހުން ފެށިގެން އުދުހެން ފަށާނެ ކަމަށާއި އެ މަތިންދާ ބޯޓު އެކަމަށް ބޭނުންކުރުމަށް ތައްޔާރުކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އެ މަތިންދާބޯޓަކީ ބަލިމީހާ ގޮވައިގެން ސީދާ ތައިލެންޑަަށް ދާން ޖެހިއްޖެ ހިނދެއްގައި ދެވޭ ގޮތަށް ތައްޔާރުގައި އޮންނާނެ އެއާ އެންބިއުލާންސެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ނުވަ ލައްކަ އަކަ ކިލޯމީީޓަރުގެ އެކްސްލޫސިވް އިކޮނިމިކް ޒޯންގެ ސާވެއަލަންސް ބެލެހެއްޓޭނެ އަމިއްލަ ކެޕޭސިޓީއެއް ވަރަށް އަވަހަށް ގާއިމްކުރައްވާނެ ކަމަށެވެ.

އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ އެތައް ތަރިންތަކެއް އިސްވެ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ ބޭނުމުގައި ރާއްޖެއާ ދެކޮޅަށް މީސްމީޑިއާގައި ފެށި ކެންޕެއިނާ ގުޅިގެން ރާއްޖޭގެ އިގުުތިސާދުގެ އެންމެ މައިނާރު ކަމުގައިވާ ޓޫރިޒަމް އިންޑަސްޓްރީ ނުރައްކަލަކަށް ވައްޓާލުމަށް އިންޑިއާއިން މަސައްކަތް ކުރަމުން ގެންދާތީ އެތައް ހާސް ދިވެހިން ގެންދަނީ މީސްމީޑިއާގައި އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުން ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.