Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މުއިއްޒު ސްޕީޑުގައި "ދިވެހީންގެ ރާއްޖެ" އަށް!

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރ އިބްރާހިމް ހަލީލް، މިވެރިކަމުގެ ކުރީކޮޅު ވިދާޅުވިއެވެ. "މި ސަރުކާރުގެ މަސައްކަތް ކުރިއަށް ދާނީ "މުއިއްޒު ސްޕީޑް" ގައެވ.ެ" ސިޔާސީ ގޮތުން ބާކީވަމުންދާ އެމް.ޑީ.ޕީގެ ބައެއް ސަޕޯޓަރުން މިކަމާ ދެބަސްވިއަސް، މި ސަރުކާރުގެ މަސައްކަތް ހަޤީގަތުގައި ވެސް ކުރިއަށް މިދަނީ ހަމަ މުއިއްޒު ސްޕީޑުގައެވެ. އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ގްރައުންޑް ކުރެވިއްޖެ އެވެ. އެއިން އެއްޗެއް ރާއްޖޭގައި އުދުއްސުމުގެ ހުއްދައެއް އިންޑިއާ މީހުންނަކަށް ނެތެވެ. ކަނޑުމަތީގައި ގެއްލިގެން ހޯދާ ދިވެހިން ހޯދުމުގެ މަސައްކަތުގައި ކުރިން ބޭނުންކުރަމުން އައީ އިންޑިއާ ސިފައިން ކަމުގައި ވިއަސް އެކަންވެސް ދިވެހި ސިފައިންނާ ހަވާލުކޮށްފިއެވެ. ވައިގެ މަގުން ބަލި މީހުން އުފުލުމުގައި އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާގެ ބަދަލުގައި ބޭނުން ކުރުމަށް މާޗް މަހު އެއާރ އެމްބިއުލޭންސް ގެނައުމަށް ވަނީ ނިންމައިފައެވެ.

އެއްވެސް މެޑިކަލެއް ހެދުމެއް ނެތި އިބޫ ސޯލިހުގެ ސަރުކާރުން ދިވެހި ފަސްގަނޑަށް ފުނިޖަހަމުން ދިޔަ އިންޑިއާގެ ލޭބަރުންގެ ކަންތައް ކޮންޓްރޯލްކޮށް، ބަންގްލަދޭޝް ލޭބަރުން ގެނައުމުގެ ހުއްދަ އަލުން ދީފިއެވެ. ހެޕަޓައިޓިސް އާއި ފައިލޭރިއާ ފަދަ ބަލިތައް ބިދޭސީންގެ ކިބައިން ފެންނަމުން ދާތީ، މެޑިކަލްއާ ނުލައި ވޯކްޕާމިޓް ދޫކުރުންވެސް މި ސަރުކާރުން ވަނީ ހުއްޓާލައިފައެވެ.

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ލިމިޓް އަންނަ ފެބްރުއަރީ މަހުން ފެށިގެން، މަހަކު 200 ޑޮލަރުން، މަހަކު 1،200 ޑޮލަރަށް މަތިކުރުމަށް ރައީސް މުއިއްޒު ސްޕީޑުގައި މިވަނީ ނިންމައިފައެވެ. އެއަށް ފަހު، ރާއްޖޭން ބޭރަށް ސިއްޙީ ފަރުވާ ހޯދަންދާ ދިވެހީންނާއި، ވިޔަފާރީގެ ބޭނުމަށް ދާ ދިވެހީންނާއި، ޗުއްޓީގައި ބޭރަށް ދާ ދިވެހީން ފަދަ ތަފާތު ފަރާތްތަކަށް ވެސް ކާޑުގެ ލިމިޓް ވަރަށް އަވަހަށް މަތިކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އަދި އެފަދަ މުހިއްމު އެހެން ނިންމުމެކެވެ. ރާއްޖޭގެ މަސައްކަތުގެ ސިނާއަތްތަކުގައި ދިވެހީންނަށް ހާއްސަ ވަޒީފާ ތަކެއް ނުވަތަ ދާއިރާ ތަކެއް ކަނޑައެޅުމުގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާގެ ތިން ވަޒީފާއެއް މުޅިން ދިވެހީންނަށް ހާއްސަ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ ބިލްޑިންގް އިންސްޕެކްޓަރުންގެ ދާއިރާ އާއި، ސާވެޔަރުންގެ ދާއިރާ އާއި، ސުޕަވައިޒަރުންގެ ދާއިރާ އެވެ. މީގެ އިތުރުން ރިސޯޓް ތަކުގެ ޕާޗެސިން މެނޭޖަރާއި، އެކައުންޓްސްގެ ބައެއް ވަޒީފާތަކާއި، ފައިނޭންޝަލް ކޮންޓްރޯލަރ ފަދަ ދާއިރާތައް ވެސް ދިވެހީންނަށް ހާއްސަކުރުމަށް މަޝްވަރާތައް ވަނީ ފެށިފައެވެ. ހަމަ ހަޤީގަތުގައި ވެސް މުއިއްޒު ސްޕީޑުގައެވެ.

ރިސޯޓުތަކުގެ ފައިނޭންޝަލް ކޮންޓްރޯލަރ، އަދި ޕާޗެސިން މެނޭޖަރ ފަދަ ވަޒީފާތަކަކީ ސްރީލަންކާ އާއި އިންޑިއާ މީހުން ހާއްސަ ގޮތެއްގައި ކޮންޓްރޯލް ކުރަމުންދާ ދެ ދާއިރާއެވެ. އޭގެ ސަބަބުން އެފަދަ ބޭރު މީހުން ހުރިހާ ވިޔަފާރިއެއް ދެނީ އެމީހުންނަށް ކަޓު އަޅާ، އެމީހުންނާ ގުޅުން އޮންނަ، އެމީހުންގެ ޤައުމުގެ ވިޔަފާރިތަކަށެވެ. ދިވެހީން ބާކީ ވަނީ އެވެ. ރިސޯޓުތަކުގެ ރިޒަވޭޝަންސް މެނޭޖަރުންނަށް ބިދޭސީން ލުމުން ހުރިހާ ރޫމްތަކެއް ހެޔޮ އަގުގައި، އެލޮޓްމެންޓުގެ ގޮތުގައި، ދެނީ ބޭރުގެ އެޖެންސީ ތަކަށެވެ. ދިވެހި ޓްރެވެލް އެޖެންޓުން ބާކީ ވަނީ އެވެ. ޑރ. މުއިއްޒުގެ ސަރުކާރުން މި ކަންތައް ހައްލު ކުރައްވައި، ދިވެހީންނަށް އިސްކަންދޭނެ ކަމުގެ ފެހި ސިގްނަލް ދީފައި ވަނީ މުއިއްޒު ސްޕީޑުގައެވެ.

އިނގިރޭސިވިލާތާއި، އެމެރިކާ، އަދި ކޮމަންވެލްތު ފަދަ ޤައުމުތަކާއި ޖަމާއަތްތަކުން ބުނާހާ ގޮތެއް ހަަދައިގެން، އެމީހުންނާ ގުޅިގެން ލިބޭ މާ ބޮޑު ފައިދާއެއް ނެތަސް ކުރީގެ ސަރުކާރުތަކުން އެފަދަ ގުޅުންތަކަށް އިސްކަން ދިނަސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ސައުދީ އެރެބިއާ، ތުރުކީ، ޕާކިސްތާން، ޔޫ.އޭ.އީ ފަދަ އިސްލާމީ ޤައުމުތަކާ ގުޅުން ވަރުގަދަކޮށްފަ އެވެ. އަދި، އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވެ، ރާއްޖެ އަށް ފުރިހަމަ އިހްތިރާމެއް ދެމުން އަންނަ ޗައިނާއާ ވަރުގަދަ ގުޅުމެއް ޤާއިމްކޮށްފައެވެ. އިއްޔެ ރައީސް ޑރ. މުއިއްޒު އެ ނިންމަވައިލެއްވި ޗައިނާގެ ފުރަމާނަ ދަތުރުފުޅަކީ ސީދާ މުއިއްޒު ސްޕީޑުގައި، ރާއްޖޭގެ ތަރައްޤީ މެކުހަށް ޖެހުމުގެ ބިންގާ އެޅުނު ފުރަމާނަ ދަތުރުފުޅެއްކަން އެ އޮތީ ސާފުކޮށް ފެންނާށެވެ. އިސްލާމީ ވަރުގަދަ އިގްތިސޯދުތަކާ ގާތް ގުޅުމެއް ޤާއިމްކޮށް، ދިވެހި ޖުމްހޫރިއްޔާގެ ނަން އިސްލާމިކް ރިޕަބްލިކް އޮފް މޯލްޑިވްސް، ނުވަތަ އިސްލާމީ ދިވެހި ޖުމްހޫރިއްޔާ އަށް ބަދަލުކުރަންވީ އެވެ. އިންޑިއާ، އިނގިރޭސި ވިލާތް އަދި ކޮމަންވެލްތް ފަދަ ފަރާތްތަކުގެ ހިޔަނިން ނިކުމެ، މި ދިވެހި ޤައުމަކީ ދެކުނު އޭޝިއާގައި ތަރައްޤީވެފައިވާ މި ސަރަހައްދުގެ ސިންގަޕޫރަށް ހަދަންވީ އެވެ. މުއިއްޒު ސްޕީޑުގައެވެ.

އަދި ނިމުނީއެއް ނޫނެވެ. މާއްދީ ތަރައްޤީގެ އިތުރުން ފިކުރީ ތަރައްޤީ އަށް ވެސް މި ސަރުކާރުގެ ލޯ ވަނީ އަމާޒުވެފައެވެ. ރައީސް މުއިއްޒު ދާދި ފަހުން ވިދާޅުވެފައި ވަނީ ކިތައްމެ އުސްކޮށް އިމާރާތްތައް ހެދިއަސް ދިވެހި ދަރިވަރުންގެ ސިކުނޑިތައް ތަރައްޤީ ނުކުރެވޭނަމަ ޤައުމަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށާއި، މި ސަރުކާރުގެ އެެންމެ ބޮޑު އެއް މަޝްރޫއަކީ ދިވެހި ދަރިވަރުންގެ ސިކުނޑިތައް ބިނާކުރުން ކަމަށެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ. ވަރަށް މާނަ ފުން، ބޮޑު ވާހަކައެކެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކަކުން 12 އަށް، ހުރިހާ ޓީޗަރުންނަކީ ދިވެހީން ކަމުގައި، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ހެދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ ނިންމަވައިފައެވެ. އެއީ މަތީގައި އެވާ، ދިވެހި ދަރިވަރުންގެ ސިކުނޑިތައް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބިންގަލެވެ. ފަރަންޖީ ޓީޗަރުން ލައިގެން އެކަމެއް ނުވާނެއެވެ.

އަދި އެ ހިސާބުން ނިމުނީ އެއް ނޫނެވެ. ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ޗައިނާއިން އަޅައިދޭނީ ސީދާ ހެލެއެވެ. މުއިއްޒު ސްޕީީޑުގައެވެ. އަދި، ދިވެހި ދައުލަތުން އެންމެ ލޯލާރިއެއް ވެސް ހަރަދު ނުކޮށް ބިޔަ، ބޮޑު ރަސް މާލެ އެއޮއްގެން ހިއްކައި ނިމެނީ އެވެ. ރަސްމާލެ ހިއްކުމަށް ފަހު އެތަނުގައި އަޅަނީ އެންމެ ފަސް ހާސް ގެއެއް ނޫނެވެ! ސީދާ ތިރީސް ހާސް ގެ، ނުވަތަ ތިރީސް ހާސް ހައުސިން ޔުނިޓެވެ. އެކި ފޭސް ތަކަކަށް ބަހާލައިގެނެއް ނޫނެވެ. ހަމަ ސީދާ އެއްފަހަރާ މަސައްކަތް ފަށައިގެން ތިރީސް ހާސް ހައުސިން ޔުނިޓް އަޅާގޮތަށެވެ. އެމަސައްކަތް ކުރާނީ ޗައިނާއިންނެވެ. ރަސްމާލޭގެ މަޝްރޫއު އެއްކޮށް ނިމި، ސިންގަޕޫރު ފެންވަރަށް އެތަން ތަރައްޤީކޮށް، ރާއްޖޭގެ ކެޕިޓަލް ސިޓީ އަކަށް ރަސްމާލެ ހެދުމަށް ފެނެއެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ، ފެންވަރު ދަށް، ނުވަތަ ފޭކު ބޭހުން ލިބޭ ސިއްހީ ގެއްލުންތައް ހުއްޓުވުމުގެ ގޮތުން ޔޫރަޕުން، ފެންވަރު ރަނގަޅު ބޭސް ގެނައުމަށްޓަކައި އެމް.އެފް.ޑީ.އޭގެ އުސޫލްތައް މުރާޖާކުރަން ފަށާފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު 26 ޑިސެމްބަރުގައި ވަނީ ވިދާޅުވެފައެވެ. އެކަން ވެސް އެދަނީ ކުރިއަށެވެ. މުއިއްޒު ސްޕީޑުގައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ދިވެހީންނަކީ އަމިއްލަވަންތަ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ، ބައެއް އެހެން ފަރާތްތަކުގެ ތައްޕާހަށް ނުވެއްޓި ކުރިއަށް ދެވޭނެ ބައެއްކަން މި ސަރުކާރުން ސާބިތުކޮށްދޭނެ ކަމަށެވެ. އެގޮތުން، މޯލްޑިވިއަން އެއާލައިނަކީ އިބޫ ސޯލިގެ ވެރިމުގައި ބަނގުރޫޓު ކޮށްލާފައި އޮތް އެއާލައިނަކަށް ވިއަސް، އެ ކުންފުނީގެ ހިންގުން މިހާރު ވަނީ ހަރުދަނާ ކުރެވިފައެވެ. އަދި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ވަރަށް އަވަހަށް ބަދަލުވާނެ ކަމަށާއި، އެއާ އެކު އެތެރޭގެ އުދުހުންތަކުގެ ޓިކެޓުތަކުގެ އަގުތައް ކުޑަކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ޔޫރަޕާއި ޗައިނާ އަށް ސީދާ ދަތުރުތައް، ޤައުމީ އެއާލައިނުން ފެށުމަށްޓަކައި، އެއާބަސް މަރުކާގެ ވައިޑު ބޮޑީ މަތިންދާ ބޯޓު މޯލްޑިވިއަންއަށް ހޯދަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ގޭންގްތައް ހުއްޓުވައި، ކުޑަކުދިން ގޭންގްތަކައް ރެކްރޫޓު ކުރުން ވެސް ހުއްޓުވައި، ރަލާއި މަސްތުވާތަކެތިން ޤައުމު ސާފުކޮށް، ސަލާމަތްކޮށް، ދީނަށް ފުރައްސާރަ ކުރުން ހުއްޓުވައި، ނާސިގެތައް ހުއްޓުވައި، ވަހުޝީ ވަގު ސްޕާތައް ހުއްޓުވައި، އެއްޖިންސުގެ ސިއްރު ޕާޓީތައް ހުއްޓުވައި، މީހުން އުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަކުރުން ހުއްޓުވުން ފަދަ ކަންކަން މުއިއްޒު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އާ ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ދެއްވައިފައެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ބަރަހަނާ ސައިޓުތަކަށް ވަނުން ހުއްޓުވުމުގެ ފުރަތަމަ މަރުހަލާ މިހާރުވަނީ ފެށިފައެވެ. އެކަން ވެސް އަދި އިތުރަށް ވަރުގަދަ ކުރެވިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކުރީގެ ސަރުކާރުން ބަގުޑި ބައްދައިގެން އޮތް ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ވެސް އާބަންކޯ އިން ނަގައި މާލޭ ސިޓީ ކައުންސިލާ މިވަނީ ހަވާލު ކުރެވިފައެވެ. ވިލިމާލޭގެ މަގުތައް އަލުން ހަދަން ފަށަނީ އެވެ. ހުވަދު އަތޮޅުގެ ތިނަދޫ އާއި ކޫއްޑޫ ބްރިޖަކުން ގުލާލަނީ އެވެ. އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުލާލަނީ އެވެ. ވެލާނާ އެއާޕޯޓު ދުނިޔޭގެ ފެންވަރަށް ތަރައްޤީކުރަނީ އެވެ. ހއ.އަތޮޅުގައި، ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ހަދަން އުޅެ، އިންޑިއާގެ އުނދަގުލާއި ހެދި ނުހެދިފައި އޮތް ޓްރާންސްޝިޕްމެންޓު ބަނދަރު ހެދުމަށް ވެސް މިސަރުކާރުން ވަނީ ނިންމާފައެވެ. އެކަމަށް ޗައިނާއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ވެލިއު އެޑް ކުރުމާއި، ޓްރާންސްޝިޕްމެންޓު ރީއެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށް، 100 ޕަސެންޓު ދިވެހި ކުންފުންޏެއް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯންގެ ނަމުގައި މިހާރުވަނީ އުފެދިފައެވެ. މިއީ ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައިވާ ދިވެހި އިގްތިސޯދަށް ހުޅުވޭނެ، ފަތުރުވެރިކަމަށް ވުރެެވެސް ބިޔަ ދޮރަކަށް ވާނެކަން ކަށަވެރެވެ. ބިޔަ ބޮޑު ބަދަލެކެވެ. ރައީސް މުއިއްޒު ސްޕީޑުގައެވެ.

ރާއްޖޭގައި މި ވަގުތު އޮތީ މައިގަނޑު ދެ އިގުތިސޯދެއް ކަމަށާއި އެއީ މަސްވެރިކަމާއި ޓޫރިޒަމްކަމަށާއި، ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ތިންވަނަ ދާއިރާއަކުން އިގުތިސޯދެއް އުފެއްދުން ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ އޮންނަ ސަރަހައްދަކީ ވަރަށް ގިނަ ކާގޯ ބޯޓުތައް ދަތުރުކުރާ ސަރަހަދައްކަށް ވުމުން، ޓްރާންސްޝިޕްމެންޓް ބަނދަރަކުން ރާއްޖެއަށް އާދަޔާ ޙިލާފް ބޮޑު އާމްދަނީއެއް ލިބުމުގެ ފުރުސަތު ބޮޑުކަމަށާއި، ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް އަދި ރާއްޖެއިން އުފައްދާ ތަކެއްޗަށް ވެލިއު އެޑް ކުރުމަށްފަހު، ރީއެކްސްޕޯޓް ކޮށްގެން ރަނގަޅު ބޮޑު އާމްދަނީ އެއް ހޯދުމުގެ ގޮތުން ހއ. އަތޮޅުގައި ބިޔަ ބޮޑު ޓްރާންސްޝިމްޕެންޓު ބަނދަރެއް ހެދުމަކީ މިސަރުކާރުން މުއިއްޒު ސްޕީޑުގައި ކުރިއަށް ގެންދާނެ އެންމެ މުހިއްމު އެއް މަސައްކަތެވެ. އިންޑިއާ ނުރުހުނަސް، އަދި އެހެން ބަޔަކު ނުރުހުނަސް، ޗައިނާ އާއި އަރަބި އަދި އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމާއި ފުރިހަމަ އެހީގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދިވެހި ރާއްޖެ އެހެން މަރުހަލާ އަކަށް ގެންދިއުމުގެ ދަތުރު މިވަނީ ފެށިފައެވެ. މި ދަތުރު ކުރިއަށް ދަނީ މުއިއްޒު ސްޕީޑުގައެވެ. ހަޤީގަތުގައި ދިވެހީން އެހެން ރާއްޖެއަކަށް ނުވަތަ "ދިވެހީންގެ ރާއްޖެ" އަށް ގެންގޮސް މިދެނީ ރައީސް ޑރ. މުއިއްޒެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

  1. ވަރަށް ފުރިހަމަ އާރޓިކަލްއެއް. އައްޑޫ މީހެއްގެ ނަޒަރިއްޔާތުން ބަލާއިރު ހިތަދޫ/މީދޫ ބްރިޖަކުން ގުޅިއްޖެނަމަ އަތޮޅުގެ ތަރައްޤީ އާ އުސްމިނަކަށް ދާނެ ކަމީ ޝައްކެއް އޮތް ކަމެއްނޫން. ނަމަވެސް ހިތާމައަކީ އެމްޑީޕީގެ ޗެއާރޕާރސަން އެ ޕާޓީގެ ޖަލްސާއެއްގައި މީގެ ދެ ދުވަސް ކުރިން އައްޑޫގައި ބްރިޖެއް އެޅުމަކީ މުހިއްމު ކަމެއް ނޫން ކަމާއި ބްރިޖް އެޅުމަށް ޚަރަދު ވާ ފައިސާއިން އެހެނިހެން މަޝްރޫޢުތައް ހިންގުން މުހިއްމު ކަމަށް ބުނުމުން އެ ޖަލްސާގައި އިންނެވި އައްޑޫއަށް ނިސްބަތްވާ މަޖްލިސް ރައީސް ވެސް އެ ވާހަކައަށް ތާއީދުކުރައްވާ އަތްޖައްސަވާތަން ފެނުނު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *