...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުން!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް، 20 ޑިސެމްބަރ 2023 ގައި، ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ މަލާމާތުގެ ޓްވީޓެއް ކުރައްވައި، އެއީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އިސްލާމީ ޝަރީއަތުގައި ވާޖިބު ކުރައްވާފައިވާ ޤިސާސް ހިިފުމަކީ ރާއްޖެއަށް ބޭނުން ނޫންކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއަސް ޒަމާނުއްސުރެ ވެސް ދިވެހީންގެ ގިނަ ބަޔަކު އެދެމުން އަންނަނީ ޤީސާސް ހިފުމަށެވެ. ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރިފައި އޮތް ކަންތައް ކުރާނެ ކަމުގައި ރައީސް މުއިއްޒުގެ ސަރުކާރުން ބުނުމަކީ، ދިވެހީންނަކީ އަމިއްލަވަންތަ، ފަރަންޖީންގެ ފިއްތުންތަކަށް ބޯނުލަބާނެ ބަޔަކަށް ހެދުމުގެ ދިގު ހިނގުމުގެ މުހިއްމު ފިޔަވަޅެކެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވަރަށް ތަފާތެވެ. ރައްޔިތުންގެ މަޖުލިސް މެމްބަރުން، އެ މެމްބަރުންގެ މުސާރަ އަމިއްލައަށް ބޮޑު ކުރުމުން، އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް މި ސަރުކާރުން ވަނީ ބުނެފައެވެ. ރައީސް ވިދާޅުވީ، މުއްސަނދިކަމަކީ ހަމައެކަނި ވޯޓުން ހޮވޭ މީހުންގެ ހައްޤެއް ނޫން ކަމަށެވެ. މަޖުލިސް މެމްބަރުންގެ މުސާރަ މަޖުލިސް މެމްބަރުން އަމިއްލައަށް ކަނޑައަޅާ ގޮތަށް އޮތް އޮތުމަކީ ބޮޑު ޖޯކެކެވެ. އެކަން ބަދަލުކުރުމަކީ 2024 ގައި އަލަށް ހޮވޭ މަޖިލީހުން ކޮންމެހެން ކުރާންޖެހޭ ކަންތައްތަކުގެ ތެރެއިން މުހިއްމު އެއް ކަމެވެ.

ރައީސް ޑރ. މުއިއްޒުގެ ރިއާސީ އެއް ވައުދު ކަމުގައިވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަށް ހުރަސްއަޅަން އެމް.ޑީ.ޕީ އިސްވެ އޮވެ ކުރި އެންމެ ފުރަތަމަ ކަމަކީ 2024 ވަނަ އަހަރުގެ ބަޖެޓުން އެ މަޝްރޫއު ކަނޑާލުމެވެ. ނަމަވެސް އެމް.ޑީ.ޕީގެ އެ ގޮންޖެހުމަށް ސަމާލުކަމެއް ނުދެއްވާ މިސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކަން ފެއްޓީ ދައުލަތުގެ ބަޖެޓުން އެންމެ ލޯލާރިއެއްވެސް ހޭދަނުކޮށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. އެއީ ހަމަ މިވަގުތަށް ޤައުމަށް ބޭނުން ހުރި ޑީލެކެވެ. އެއީ ބިދޭސީންނަށް ބިން ދިނުމެއް ނޫނެވެ. ޤައުމަށް ފައިދާ ހުރި ޑީލެކެވެ. އެކަމުގެ ފައިދާ، ކުރިއަށް އޮތް 50 އަހަރަށް ވެސް ދެމިގެންދާނެއެވެ. ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި ހިންގާ، އެންމެ ބިޔަ މަޝްރޫއު އެވެ. މިކަމުން ވެސް ދައްކައިދިނީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ވެރިކަން ކުރަން އެނގޭ، އިގްތިސޯދު ހިންގަން އެނގޭ، އެމް.ޑީ.ޕީން ކުރިމަތިކުރާ ޒާތީ ގޮންޖެހުންތަކާ ކުރިމަތިލާން ވެސް އެނގޭ ސަރުކާރެއް ކަމެވެ.

އިންޑިއާ ސިފައިން ދިވެހި ރާއްޖެ އިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިއާސީ އެންމެ މުހިއްމު ވައުދެވެ. ދިވެހީން އެމަނިކުފާނު ރައީސަކަށް ހޮވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އިންޑިއާ އައުޓް ކުރުމެވެ. އެ މަސައްކަތުގެ ހާރިޖީ ބައި ފެށިފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބީ އެމީހުން އެތިބި ތަނެއްގައި ހިފެހެއްޓިފައެވެ. ހެލިކޮޕްޓަރެއް ދުއްވުމުގެ، ނުވަތަ ޑޯނިއަރ ފްލައިޓެއް ދުއްވުމުގެ ހުއްދައެއް ވެސް އެމީހުންނަކަށް ނެތެވެ. ދާދި ފަހުން ކަނޑުމައްޗަށް ގެއްލުނު ދިވެއްސަކު ހޯދުމުގެ މަސައްކަތުގައި ވެސް އިންޑިއާ ސިފައިންނާއި އެމީހުންގެ ޑޯނިއާ އަދި ހެލިކޮޕްޓަރުވެސް ދިވެހި ސަރުކާރުން ބޭނުމެއް ނުކުރެއެވެ. މިއީ ދިވެހީން، އެމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވެ، އިންޑިއާގެ ތައްޕާހުން ސަލާމަތްވުމުގެ މަސައްކަތުގެ މުހިއްމު ފިޔަވަޅެކެވެ.

އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ފަތުރުވެރިކަމުގެ ބޮޑު އަރައިރުމުގެ ޒިއްމާ ނަންގަވަން ޖެހޭނީ ރައީސް ޑރ. މުއިއްޒު ކަމުގައި އެމް.ޑީ.ޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވިއަސް އެކަމަކަށް ދިވެހި ރައްޔިތުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. ފައްޔާޒާއި، ރައީސް އިބޫ ސޯލިހާއި، އަބްދުﷲ ޝާހިދާއި، މާރިޔާ ދީދީ ވަނީ އައުޓްވެފައެވެ. އިންޑިއާ ވެސް ދާދި އަވަހަށް، އިންޝާ ﷲ، އައުޓްވާނެއެވެ. ކުރިއަށް އޮތް އާއްމު އިންތިހާބަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ތާއަބަދަށް އެމް.ޑީ.ޕީ ވެސް އައުޓްވާނެ މަރުހަލާ ކަމަށް ޤަބޫލު ކުރެވެއެވެ. އެމް.ޑީ.ޕީ އަކީ އަބަދުވެސް އިނގިރޭސިވިލާތާއި އިންޑިއާ އަށް ވިކިފައި ތިބި، ދިވެހީންނަށް ވުރެ ބިދޭސީން އިސްކުރާ، ދީނީ ފިކުރާ ދުރު ޕާޓީއެކެވެ. ދިވެހި ޤައުމަށް ހަމަޖެހުމެއް އޮތީ އެމް.ޑީ.ޕީ އާއި އެ ޕާޓީގެ ކުރީ ސަފުގައި މިހާރު ތިބި މީހުން، ދިވެހި ސިޔާސީ މައިދާނުން ދުރުކުރެވި، އެމީހުން ހިންގި ޖަރީމާތަކަށް އަދަބު ދެވިގެންނެވެ.

ރައީސް ޑރ. މުއިއްޒު އަޒުލުކޮށް، މަޖުލިސް ރައީސް އަސްލަމަށް ވެރިކަން ދީގެން ދިވެހި ޤައުމުގެ ވެރިކަން ފޭރިގަންނަން އެމް.ޑީ.ޕީން ރޭވި ރޭވުން މިވަނީ ފެއިލްވެފައެވެ. އަދިވެސް އެމީހުން މަޑަކުން ނުތިބޭނެއެވެ. ނަމަވެސް ތުރުކީ ދަތުރުފުޅާއި ޗައިނާ ދަތުރުފުޅުން ރައީސް ޑރ. މުއިއްޒު އެ ދައްކަވަނީ، އިންޑިއާއާ ގުޅިގެން އެމްޑީ.ޕީން ކުޅޭ ކޮންމެ ކުޅިއަކަށް ސަރުކާރުން ފަސްކުޅި ކުރިއަށް ކުޅޭނެ ކަމެވެ. ރައީސް ޑރ. މުއިއްޒަކީ ގިނަ ބަޔަކު ހީކުރި ވަރަށް ވުރެ ދުރު ވިސްނިވަޑައިގަންނަވާ، ހިކުމަތްތެރި، އީޖާދީ، ހިންގުންތެރި، ކުޅަދާނަ ލީޑަރެކެވެ. ދިވެހީންނަށް މިއޮތީ ދިވެހިވަންތަ، ހިންގުންތެރި، ވަރުގަދަ ލީޑަރެއް ލިބިފައެވެ. އެމްޑީ.ޕީގެ ސިޔާސީ މަޅީގައި ނުޖެހި ދިވެހި ރައްޔިތުން ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ މަޖުލީހުގެ އަގުލަބިއްޔަތު މި ސަރުކާރަށް ދީ، މަޖުލީހުގެ ކޮންޓްރޯލް އެމް.ޑީ.ޕީ އަތުން ނެގުމެވެ. ދިވެހީންގެ ކުރިމަގު އަމާން ކުރެވެން އޮތީ އެގޮތުގައެވެ.

ރަސްމާލެ ޕްރޮޖެކްޓާއި، ހުޅުމާލެ އިތުރަށް ހިއްކުމާއި، "ސްޕައިން"ގެ ނަމުގައި ހުލުމާލޭގައި، ބްރިޖު ތަކަކުން ގުޅުވާލައިގެން އަޅާ ބިޔަ އިމާރާތްތަކާއި، ތިނަދޫ ބްރިޖާއި، އައްޑޫ ސިޓީގެ ބްރިޖާއި، އެސް.އީ.ޒެޑްގެ ބިޔަ މަޝްރޫއު ތަކާއި، ހއ.އަތޮޅުގައި ޓްރާންސްޝިޕްމެންޓް ބަނދަރު ހެދުމާއި، އައްޑޫގައި ބަންކަރިންގެ ހިދުމަތް ދިނުމާއި މިފަދަ އެތައް މަޝްރޫއެއް، މިހާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭ މިސަރުކާރުން މިވަނީ ވުޖޫދަށް ގެނެސްފައެވެ.

މި ހުރިހާ މަޝްރޫއެއް، ކުރިއަށް އޮތް ފަސް އަހަރު ތެރޭ ނިމޭނެ ކަމަށް ބެލެވެއެވެ. އެއާ އެކު 2028 ގައި ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ދިނުމާ އެކު ދިވެހީން 2033 އަށް އަމާޒު ހިފަން ޖެހެނީ ހަމަ ސީދާ، ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ އަށް އެރުމަށެވެ. ސިންގަޕޫރަށް އެކަން ކުރެވުމަކީ ދިވެހީންނަށް ވެސް ކުރެވޭނެ ކަމުގެ ބޮޑު ހެއްކެކެވެ. ރާއްޖެއަކީ ސިންގަޕޫރަށް ވުރެ ގުދުރަތީ ވަސީލަތްތައް ގިނަ، ސަރަހައްދު ބޮޑު، ދުނިޔޭގެ މާ މުހިއްމު ސަރަަހައްދެއްގައި އޮތް ޤައުމެކެވެ. އެހެންވެ 2033 އަކީ ދިވެހި ރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް އަރަންޖެހޭ އަހަރެވެ. މާ ގިނަ ދުވަހެއް ނެތެވެ. އޮތީ އެންމެ 10 އަހަރެވެ. ރައީސް ޑރ. މުއިއްޒުގެ ލީޑަޝީޕްގެ ދަށުން ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް މިކަން ކުރެވޭނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.