Support Us

ބާ އިންޖީނު ހުރި ސަރަހައްދު ސާފުކޮށް، ދޮންއަދަރާދަހިނގުން ހުޅުވައިލުމުގެ މަސައްކަތް ދަނީ ކުރަމުން: ސްޓެލްކޯ

ސްޓެލްކޯގެ ކުރީގެ ބައު އިންޖީނު ހުރި ސަރަހައްދު ސާފުކޮށް، ބަންދުކޮށްފައި އޮތް ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ ވިދާޅުވީ ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެ މަސައްކަތަކީ މީގެ ކުރިންް ތިން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ވެސް ކުރިއަށް ގެންދެވިފައިނުވާ ކަމެއް ކަަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުން ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ އެމަގު ހުޅުވުމަށްޓަކައި އެ މަގުގައި ހުރި ސްޓެލްކޯގެ ކުރީގެ ބާއިންޖީނު އެތަނުން ނެގުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރައްޔިތުންނަށް ވީހާވެސް އުނދަގޫނުވާނެ ގޮތަކަށް ދުވާލުގެ ވަގުތުތަކުގައި ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ދޮންއަރާދަ ހިނގުމުގައި އަޅާފައިވާ އިންޖީނުގެ ނެގުމަކީ ބުރަ މަސައްކަތެއް ކަމަށާއި އެތަނުގައި އަޅާފައިވާ އިންޖީނުގޭގައި ކޮންކްރީޓް ބެޑްތަކެއް ހުރިކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ އެ ބެޑްތަކަކީ ހަ ފޫޓު އަޑިއަށް އަޅާފައި ހުރި ކޮންކްރީޓް ބެޑްތަކެއް ކަމަށެވެ.

މީގެ އިތުރުން ސްޓްލެކޯއިން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ކަރަންޓްގެ އަގު ބޮޑުވާ މައްސަަލައާއި ރައްޔިތުންގެ ޝަކުވާތަކާއާ ގުޅިގެން ފަހުމީ ވިދާޅުވީ ގޭބިސީތަކުން ކަރަންޓް ބިލަށް އަރަމުންދާ މިންވަރަކީ އެ ގޭބިސީއަކުން ކަރަންޓް ބޭނުންކުރާ ނިސްބަތަކުން އަރާ މިންވަރު ކަމަށާއި ކަރަންޓް ބިލްތަކަށް އެ ގޭބިސީއަކުން އަރާ މިންވަރަށް ސްޓެލްކޯއިން ބަދަލުނުގެންނާނެ ކަމަށެވެ.