Support Us

މޯދީއަށް ކުޑައިމީސްކޮށް މުހާތަބުކުރި ސިޔާސީ މީހުން ސަސްޕެންޑުކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއަށް ކުޑައިމީސްކޮށް މީސްމީޑިއާގައި ތަފާތު ވާހަކަތައް ފެތުރި ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުން މިއަދު ސަސްޕެންޑްކޮށްފިއެވެ.

އިންޑިއާގެ ޓޫރިޒަމް ޕްރޮޕޯޓް ކުރެއްވުމުގެ ބޭނުމުގައި އިންޑިއާގެ ޖަޒީރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅެއްގެ ފޮޓޯތަކެއް އެކްސްގައި މޯދީ އާއްމުކުރެއްވުން ރާއްޖޭގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން އިއްޔެ ވަނީ މޯދީއަށް ކުޑައިމީސް ބަސްތައް ރައްދުކޮށް، އެކަމާ ފާޑުކިޔައި، މީސްމީޑިއާގައި ހިޔާލު ފާޅުކޮށްފަ އެވެ.

އިންޑިއާއާ ދެކޮޅު ޓްވީޓްތަކާ ގުޅިގެން ބައެއް ދިވެހީންގެ އިތުރުން އިންޑިއާގެ ބޮޑެތި ބައެއް ފިލްމުސްޓާރުންނާއި ނޫސްތަކުން ވެސް ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި ރާއްޖެ ބޮއެކަޓް ކުރުމަށް ވެސް އިންޑިއާގައި ދަނީ ގޮވަމުންނެވެ.

މި މައްސަލައިގައި ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި ހާމަކޮށްފައިވަނީ "ދިވެހި ސަރުކާރުގެ ދެކޭ ގޮތް ނޫން" ކަމަށާއި "އެއީ އެ މީހުންގެ އަމިއްލަ ހިޔާލާއި ވިސްނުން" ކަމަށެވެ. ނަމަވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނީ ޒިންމާދާރުކަމާއެކު، ޑިމޮކްރެޓިކް ރިވެތި އުސޫލުގެ ތެރޭގައި ކަމަށާއި އެކަމުގެ ސަބަބުން ގާތްގުޅުން އޮންނަ ގައުމުތަކުގެ ގުޅުމަށް ބުރޫ އަރައި ރުޅިވެރިކަމާއި ނަފުރަތު ފެތުރޭ ގޮތަށް ވާހަކަތައް ދެކެވިގެން ނުވާނެ ކަމަށެވެ.

"އެފަދަ ފުރައްސާރައިގެ ބަސްތައް ބޭނުންކޮށްފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން އަރުވަން،" ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުން މި ބަޔާން ނެރުނުތާ ދެ ގަޑިއެއްހާއިރު ތެރޭގައި، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ އެ ފަރާތްތައް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައި ކަމަށެވެ.

"އަވަށްޓެރި އިންޑިއާއަށް ކުޑައިމީސް ވާގޮތަށް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓްތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ސްޓޭންޑް، މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އިން މިއަދު ނެރުއްވި ބަޔާނުގައި އެވަނީއެވެ،" ހަލީލު ވިދާޅުވިއެވެ. "ސަރުކާރުގެ މަޤާމުގައި ތިބެ މީސްމީޑިއާގައި މިފަދަ ޕޯސްޓްތައް ކުރި ފަރާތްތައް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ."

ސަސްޕެންޑް ކުރި މީހުންގެ ތަފްސީލެއް ހަލީލް ނުދެއްވައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ސަސްޕެންޑްކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އާއި އަބްދުﷲ މަހްޒޫމް މާޖިދެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތަސައްރަފު ނުފުދޭ ބޭކަބަލުންނަށް މަތީ ވަޒީފާ ދިނީމާ އަތްނުފޯރާ ވަރުގެ ގެއްލުން ގައުމަށް ލިބިގެން ހިގައިދާނެއެވެ. ތަބީއަތުގައި ވަކި ތަނެއްގައި ގާއިމު ކުރަން ޖެހޭ ބަޔަކު ސަރަހައްދުން ބޭރު ކުރީމާ ނުކުންނާނީ މިފަދަ ނަތީޖާއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *