Support Us

ފޭސް އެކެއްގެ ހުރިހާ ފްލެޓެއްގެ ކުލި 20 ޕަސަންޓް ކުޑަކުރަން ނިންމައިފި

ހުޅުމާލޭގެ ފޭސް އެކެއްގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލިން 20 ޕަސަންޓް، އަންނަ މަހުން ފެށިގެން ކުޑަކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ މޭޔަރު ކަމަށް ޕީއެންސީ/ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝުކޫރުގެ ކެންޕެއިންގައި ހުޅުމާލޭގެ ފޭސް އެކެއްގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލެ ތަަރައްގީ ކުރެވިގެން އައިސްފައި މިވަނީ ގެދޮރުވެރިކަމަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށާއި ދެވަނަ ފިޔަވަހި އުފެއްދީ ވެސް އެ ބޭނުމުގައި ކަމަށެވެ. އަދި ގެދޮރުވެރިކަން އަތްފޯރާ ފަށަށް ގެންނަން ސަރުކާރުން ވީ ވައުދާ އެއްގޮތަށް އެ ކަންތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ އެއްވެސް ފްލެޓަކަށް ޖޫރިމަނާ މިހާރު ދައްކަން ނުޖެހޭނެ ކަމަށާއި ދައްކަންޖެހޭ ކުލީގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ފައިސާ ބަހައިލައިގެން ވީހާވެސް ލުއި ގޮތަކަށް ރައްޔިތުންނަށް ދެއްކޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުގެ މަހުން ފަހަށް ދައްކަން ޖެހޭ އަދަދަކަށް އަދި ސަރުކާރުން ލުޔެެއް ނުދޭ. ގާތްގަނޑަކަށް 4،000 ރުފިޔާއިން ގޮސް 7،000 ރުފިޔާއާ ހަމައަށް ނޫނީ 6،000 ޕްލަސް މެއިންޓަނަންސް ފީ މި ފޭސް އެކެއްގައި ހުރި ފްލެޓްތަކަށް ދައްކަން މިޖެހެނީ. އަޅުގަނޑު މިތަނުގައި އިއުލާންކޮށްލަން ބޭނުންވަނީ މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފްލެޓަކުން މި އަންނަ މަހުން ފެށިގެން 20 ޕަސެންޓް އަގު ކުޑަވެގެންދާނެއޭ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން މި ލުއި މިދެނީ މިވަގުތު ރާއްޖޭގެ އިގުތިސާދީ ހާލަތު ހުރި ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވަރަށް ބޮޑަށް ހީނަރުވެފައިވާތީ ރައްޔިތުންގެ އަތްމަތިދަތިވެ އާމްދަނީ ކުޑަވެފައިވާތީ ކަމަށެވެ.

"ސަރުކާރުން ދެން އެ 20 ޕަސެންޓް މެނޭޖްކުރާނީ، ގިނައީ ދެ ގައުމު ދޭތެރޭގައި ހެދިފައި ހުރި އެގްރީމަންޓުތަކުން ދައްކަން ހުރި ލޯންތައް ފޭސް އެކެއްގަ ހުރި ފްލެޓްތަކުގައި. އެހެންވެ އެކަން އަޅުގަނޑުމެން ކުރާނަން، އެކަމާ ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މެއިންޓަނަންސް ފީގެ ކަންކަން އެޗްޑީސީއާއި ހައުސިން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށާއި މި ވަގުތަށް ވަކި އަދަދެއް ވިދާޅުވެވެން ނެތީ އެ ހިސާބުތައް ހަދައި ނުނިމޭތީ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ހުޅުމާލޭގެ ރައްޔިތުން ހިޔާލުތަފާތުވުމެއް ނެތި ސަރުކާރާ އެކު ތިބުމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރަށް ކަންކަން ކޮށްދެވޭނީ އެގޮތުގައި ރައްޔިތުން ތިބެގެން ކަމަށް ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ކައުންސިލް އިންތިހާބުގައި އަަދި މާޗު މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ހުޅުމާލޭގެ ރައްޔިތުން ސަރުކާރާ އެކު ތިބުމަށާއި ސަރުކާރު ނިސްބަތްވާ ޕާޓީން ނިކުންނަ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *