Support Us

މޭޔަރު ކަމަށް އާޒިމާ ހޮވައިދީފިނަމަ ވިލިމާލޭ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ވެގެންދާނެ: ރައީީސް

މާލޭ މޭޔަރު ކަަމަށް ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝުކޫރު ހޮވައިދީފިނަމަ ވިލިމާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް މި ސަރުކާރުން ކުރިއަށް ގެންގޮސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އާޒިމާގެ ކެންޕެއިންގައި ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރާނީ ލާމަޒުކަޒީ ނިޒާމުގެ ތެެރެއިން ކަންކަން ކުރުމަށް ކަމަށެވެ.

"ލާމަރުކަޒީ ނިޒާމުގައި މި އޮންނަނީ ރައްޔިތުން ހޮވާ މަންދޫބުން، ކައުންސިލަރުން، މޭޔަރުން ނޫނިއްޔާ ރަށްރަށުގައި ވިއްޔާމުން ރަށު ކައުންސިލްގެ ރައީސުން، އަތޮޅު ކައުންސިލްގެ ރައީސުން، މި ބޭބޭފުޅުން މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ކަންތައްތައް ސަރުކާރާ ހަމައަށް ގެނެސް ނޫނީ ސަރުކާރުން ބޭނުންވާ ކަންތައްތައް ރައްޔިތުންގެ ގާތަށް ގެންްގޮސް ރައްޔިތުންގެ ހިޔާލު ހޯދައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލޭ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ތަރުތީބުވެ ރައްޔިތުން ބޭނުންވާ ހުރިހައި ކަމެއް ފަހިވުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަވެ ސަރުކާރުގެ ހުރިހާ އެއްބާރުލުމެއް ރައްޔިތުންނަށް ލިބޭ ހިސާބުގައި އޮއްވައި ސަރުކާރުގެ ފިކުރުގައި ނެތް މީހަކު މޭޔަރަކަށް ހޮވައިފިނަމަ އެ ބޭފުޅަކު ކަންކަން ކުރާނެ ގޮތް ނޭނގޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ޕާޓީއެއްގެ މޭޔަރު ހޮވައިފިއްޔާ މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުންވިޔަސް އެ ބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތް ނޭނގޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން ކަންކަން ކުރާ ގޮތް މިހާރު ވެސް އެބަ ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ ވިލިމާލޭގެ ރައްޔިތުން އެ ރިސްކް ނުނެގުމަށާއި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނީމަ ވިލިމާލޭގައި ކުރަން ހުރި ހުރިހާ ކަމެއް ވަރަށް ފަސޭހަކަމާ އެކު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވިލިމާލޭގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. އިރާދަކުރެއްވިއްޔާ ވިލިމާލެއަށް އޮތީ ފަހި މުސްތަގުބަލެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އާޒިމާގެ ކެންޕެއިންގައި ރައީސް ޑރ. މުއިއްޒު މިއަދު ހެނދުނު ވަނީ ވިލިމާލޭގެ ބައެއް ގޭގެއަށް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *