Support Us

ގެދޮރުގެ މައްސަލަ ހައްލުވާނެކަން 100 ޕަސަންޓް ޔަގީން: ރައީސް ޑރ. މުއިއްޒު

މި ސަރުކާރުގެ ފަސް އަަހަރުގެ ދައުރު ނިމޭއިރު މާލޭގައި ގެދޮރު މައްސަލަ ހައްލުނުވާ އެކަކުވެސް ނުހުންނާނެކަން އެއީ 100 ޕަސެންޓް ޔަގީންކަމެއް ކަމުގައި ރައީސުލްހުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެ އެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޭޓް އާޒިމާ ޝުކޫރުގެ ކެންޕެއިން މެނިފެސްޓޯ ލޯންޗްކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި އެ މައްސަލަ ހައްލުކުރަށް މި ސަރުކާރުން ބާރު ސްޕީޑުގައި މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ސަރަހައްދުން ހިއްކަން ފަށައިފައިވާ ސަރަހައްދުތައް، ރައްޔިތުން ބޭނުންވާ ގޮތަށް ގެދޮރުގެ މައްސަލަ ހައްލުކުރުމަށް އިތުރަށް ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

އެގޮތުން ގުޅީފަޅަށް 85 ހެކްޓަރު އަދި ގިރާވަރު ފަޅަށް 50 ހެކްޓަރުގެ ބިން އިތުރުކުރަން މި ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ.

"ރައްޔިތުން ބޭނުންވާ ގޮތަށް ގެދޮރުގެ މައްސަަަލައަށް އެންމެ އިސްކަމެއް ދީގެން ދައުރުގެ އެންމެ ކުރީކޮޅުގައި އެންމެ ދުވަހެއް ވެސް ބޭކާރުކޮށްނުލައި މި ގެންދަނީ ބާރު ސްޕީޑުގައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެ އާއި ގިރާވަރުފަޅާއި ގުޅީފަޅުން ހިއްކާ ބިންތަކުން ވެސް ގެދޮރުގެ މައްސަލަ ހައްލުނުވާނެތީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ތިން ގުނަ ބޮޑު ބިމެއްގެ ގޮތުގައި މި ސަރުކާރުން ފަށައިފައިވާ ރަސްމާލޭގެ ހިއްކުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅު އަދި ރަސްމާލެއިން އުފެދޭ ބިމުގައި ގޯތި އެޅުމަށް ސަރުކާރުން ދިނުމަށް ހަމަޖައްސައިފައިވާ ލުއި ލޯން ދޭން ފެށީމާ، އެ ތަންތަނުން ގޯތި ލިބޭ ފަރާތްތަކަށް އެ ބިންތަކުގައި ވަރަށް އަވަހަށް ގެދޮރު އިމާރާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރީގައި މި ދެންނެވި ހަތަރު ބިމުން އުފެދޭ ޖާގައިން އެ ލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިޔައީމާ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކު ވެސް. ހަމަ އެންމެ ދިވެހި ރައްޔިތަކު ވެސް ނުހުންނާނެ. އިރާދަކުރެއްވިއްޔާ 100 ޕަސެންޓް ޔަގީންކަން މިދެނީ މާލޭގައި ނުުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް މި ފަސް އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށްގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *