Support Us

"لا إله إلا الله" ގެ މާނައާމެދު ވިސްނައިލުން

އިންސާނާއަށް އިސްލާމްދީނުގެ ދޮރޯށިން އެތެރެވުމަށް ބޭނުންވާ ތަޅުދަނޑިއަކީ (لا إله إلا الله، محمدٌ رسول الله) އެވެ. ތައުޙީދުގެ ސިޑިން މައްޗަށް އެރުމަށް އިންސާނާއަށް ލިބިގެންވާ ފުރަތަމަ ހަރުފަތަކީ މި ކަލިމައެވެ. ﷲގެ އަޅާ އެކަލާނގެ އުލޫހިއްޔަތުކަމާއި ރުބޫބިއްޔަތުކަން ޤަބޫލުކޮށް ބަލައިގަންނަކަމާއި މުޙައްމަދު ނަބިއްޔާގެ ރިސާލަތު ޤަބޫލުކުރާކަން އެނގެނީ މި ކަލިމައިންނެވެ.

ޝަހާދަތުގެ މި ކަލިމައިން ﷲގެ އަޅާ އެ އިޢުތިރާފު ވަނީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ކުރެވޭ އެހެން ފަރާތެއް ނުވާކަމަށެވެ. އޭނާގެ ހުރިހާ ބާރުތަކަކުން އަތާއިފައިން ވިސްނުމާއި ފިކްރުން ﷲ މަތިވެރިކުރެއެވެ. އެކަލާނގެ ޒާތުފުޅު އެންމެހާ އުނިސިފަތަކަކުން ހުސްޠާހިރުކުރެއެވެ. ތިބާގެ ވުޖޫދަކީ އެކަލާނގެ ފަޟްލުވަންތަކަމުގެ ބައެކެވެ. ތިބާގެ ހަށިގަނޑުގެ އެންމެހާ ޒައްރާތަކެއް އެންމެހާ ޢުންޞުރުތަކެއް އެންމެހާ ގުނަވަންތަކަކާއި ހަތާތަކަކާއި ހަތާރުތަކެއް އެކަން ޤަބޫލުކުރެއެވެ.

ޝަހާދަތުގެ ދެ ކަލިމައިން ތިބާ އިޢުލާން ކުރާ ދެވަނަ ކަމަކީ މުޙައްމަދުގެފާނަކީ އެކަލާނގެ ރަސޫލާކަމެވެ. އަޅަމެންގެ ވެރިރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީ ހުރިހާ ޚަލްޤުތަކުންގެ ގާތަށެވެ. އިންސީންނާއި ޖިންނިންގެ ގާތަށެވެ. ﷲގެ ތެދުމަގު ބަޔާންކޮށް ދެއްވުމަށް ޓަކައެވެ. ޢާލަމުތަކަށް ރަޙްމަތެއްގެ ގޮތުގައެވެ.

لا إله إلا الله محمد رسول الله ގެ މާނަ

لا إله إلا الله ގެ މާނައަކީ ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. ހުރިހާ އަޅުކަންތަކެއް ޚާލިޞްކުރަން ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ ﷲއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِلَهُكُمْ إِلَهٌ وَاحِدٌ لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ [1]– އަދި ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. އެއީ رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ.)) އެހެން ބަސްފުޅެއްގައި ވެއެވެ. ((اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ [2]– اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއް ވެވޭ) إله އަކު ނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.))

(أنَّ محمداً رسول الله) ގެ މާނައަކީ ދުލާއި ހިތުން ކައު ރަސޫލާ މުޙައްމަދުގެފާނުގެ ރިސާލަތު ތެދުކޮށް ޤަބޫލުކުރުމެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ޖިންނިންނަށާއި އިންސިންނަށް ޢާންމު ރިސާލަތެއްކަން ބަލައިގަތުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ لَا إِلَهَ إِلَّا هُوَ يُحْيِي وَيُمِيتُ  فَآمِنُوا بِاللَّهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ [3]– ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި رسول އާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް ملك ވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. ފަހެ، اللَّه އަށާއި أمّى ނަބިއްޔާ ކަމުގައިވާ އެކަލާނގެ رسولއާ އަށް ތިޔަބައިމީހުން إيمان ވާށެވެ! އެކަލޭގެފާނީ اللَّه އަށާއި އެކަލާނގެ ބަސްފުޅުތަކަށް إيمان ވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް تبع ވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.))

لا إله إلا الله މި ކަލިމައިގައި ދެ ބައެއް ހިމެނޭ  

لا إله إلا الله މި ކަލިމައިގައި ދެ ބައެއް ހިމެނެއެވެ. ފުރަތަމަ ބަޔަކީ "لا إله" އެވެ. މި ބަހުން އެނގެނީ ﷲ ފިޔަވައި އަޅުކަންކުރެވޭ އެހެން އެއްވެސް އިލާހެއް ނުވެއެވެ. އެކަލާނގެ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ކުރުން ޙައްޤުވެގެން ނުވެއެވެ.

މި ކަލިމައިގެ ދެވަނަ ބަޔަކީ "إلا الله" އެވެ. އެއިން ސާބިތުވަނީ އަޅުކަންކުރުން ޙައްޤުވެގެންވާ ފަރާތަކީ ﷲ ކަމެވެ. ޚަލްޤުކުރުމާއި ރިޒްޤު ދިނުމާއި، ދިރުވުމާއި މަރުގެންނެވުމާއި އުފެއްދުމާއި ނެތިކުރުމާއި ނަފާކުރުމާއި ގެއްލުންދިނުންފަދަ ރުބޫބިއްޔަތުގެ އެންމެހާ ސިފަތައް ލިބިވޮޑިގެން ވަނީ ﷲއަށެވެ. ޚަލްޤުތަކުން ޚަލްޤުކުރުމުގައި އެކަލާނގެއާ ބައިވެރިވާ އެއްވެސް ފަރާތެއް ނުވެއެވެ. ޚަލްޤުތަކުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހަމަ އެފަދައިން އުލޫހިއްޔަތުގައި ވެސް އެކަލާނގެއާ ބައިވެރިވާ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. ((ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ[4]– އެހެނީ ހަމަކަށަވަރުން، اللَّه އީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، باطل ތަކެއްޗެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އެންމެ މަތިވެރި، އެންމެ عظمة ތެރި ރަސްކަލާނގެއެވެ.))

ޝަހާދަތުގެ ދެ ކަލިމައިގައި އައިސްފައިވާ لفظ الجلالة "الله" ގެ މާނަ

ލަފްޒުލް ޖަލާލާ (ﷲ) އަކީ އެކަލާނގެ މަތިވެރި ޒާތުފުޅުގެ އެންމެ މަތިވެރި އިސްމުފުޅެވެ. ކީރިތި ޤުރްއާނުގައްޔާއި ރަސޫލާގެ ސުންނަތުގައި އެންމެ ގިނައިން ތަކްރާރު ވެފައިވާ ކަލިމައަކީ ﷲ އެވެ. ﷲގެ ރުބޫބިއްޔަތުކަމާއި އުލޫހިއްޔަތުކަމުގެ ހުރިހާ ސިފަފުޅުތަކެއް ހިމެނޭ އިސްމުފުޅަކީ ﷲ އެވެ. މި އިސްމުފުޅު އެހެން އެއްވެސް އެއްޗަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

ﷲ އެއީ އެކަލާނގެ ޒާތުފުޅުގައި ވެސް ސިފަފުޅުތަކުގައި ވެސް އިސްމުފުޅުތަކުގައި ވެސް މަތިވެރި ޢަޡަމަތްތެރި ރަސްވަންތަ ރަސްކަލާނގެއެވެ. ﷲ ނޫން ފަރާތަކަށް ސަޖިދަ ކުރުން ހުއްދަވެގެން ނުވެއެވެ. ﷲގެ ނަންފުޅުގައި މެނުވީ އެއްޗެއް ކަތިލުން ހުއްދަވެގެން ނުވެއެވެ. އެއްވެސް ބާވަތެއްގެ އަޅުކަމެއް ﷲނޫން ފަރާތަކަށް ކުރުން ހުއްދަވެގެން ނުވެއެވެ. މިހެންވެ ޝަހާދަތުގެ ދެ ކަލިމައިގެ އަހްލުވެރިޔާ ނަރަކައަށް ޙަރާންކުރައްވާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلْمَلَٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمَۢا بِٱلْقِسْطِ ۚ لَآ إِلَٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ[5]– ހަމަކަށަވަރުން، اللَّه، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، ملائكة ންނާއި، علم ގެ أهل ވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި تدبير ކުރެއްވުމުގައި) عدل ވެރި ކަމާއިގެން އެކަލާނގެ قائم ވެ ވޮޑިގެންވެތެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވެތެވެ. (އެކަލާނގެއީ) عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.))

ޝަހާދަތުގެ ދެ ކަލިމައާ އެއްގޮތްވާގޮތުގެ މަތިން ކީރިތި ރަސޫލާ ﷺ ދެއްވި ހުރިހާ ޚަބަރުތަކަކާއި ޙަދީސްކުރެއްވި ހުރިހާ ބަސްފުޅުތަކެއް ތެދުކޮށް ޤަބޫލުކުރަން ޖެހޭނެއެވެ. ރަސޫލާއަކީ ﷲގެ އަޅެއްކަން ތެދުކުރަންވާނެއެވެ. އެހެނަސް އެއީ އަޅުކަންކުރެވޭ ފަރާތެއްނޫނެވެ.

މުސްލިމުންގެ ގާތުގައި (لا إله إلا الله) މި ކަލިމައަކީ ތައުޙީދުގެ ކަލިމަ (كلمة التوحيد) އެވެ. މި ކަލިމައަށް (كلمة الإخلاص) ވެސް އަދި (كلمة التقوى) ވެސް ކިޔައެވެ.

((الله)) މިނަންފުޅަށް الاسم الأعظم (އެންމެ މަތިވެރި ނަންފުޅު) އޭ ކިޔެއެވެ. ކީރިތި ޤުރްއާނުގައި މާތްރަސްކަލާނގެ ނަންފުޅުތަކުގެ ތެރެއިން އެންމެ ގިނައިން ވާރިދުވެފައިވާ ނަންފުޅަކީ ﷲއެވެ. ކީރިތި ޤުރްއާނުގެ 22 އާޔަތް މި މަތިވެރި ނަންފުޅުން ފެށިފައިވެއެވެ.

މި ނަންފުޅު ފިޔަވައި އެހެން ހުރިހާ ރިވެތި ނަންފުޅުތަކެއް އެކަލާނގެއަށް ލިބިވޮޑިގެންވަނީ ސިފަފުޅުތަކެއްގެ ގޮތުގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((وَلِلَّهِ الأَسْمَاءُ الْحُسْنَى[6]– އެންމެ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ ﷲއަށެވެ.))

لفظ الجلالة ނުވަތަ ((الله))ގެ އަކުރުތަކަށް ބަލާއިރު އެއިން (އަލިފު) ކަނޑާލައިފިނަމަ ދެން އޮންނާނީ ((لِلَّه)) އެވެ. މާތްﷲ ވަޙީކުރައްވަނީ ((لِلَّه مُلْكُ السَّموَاتِ وَالأَرْض))[7] "އުޑުތަކާއި ބިމުގެ މިލްކުވެރިކަން ވަނީ ﷲއަށެވެ."

لِلَّهِ އިން (ލާމު) ކަނޑާލައިފިނަމަ ދެން އޮންނާނީ ((لَهُ)) އެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((لَهُ الْمُلْكُ وَلَهُ الْحَمْدُ- އެކަލާނގެއަށް ވެރިކަމާއި، ރިވެތި ޘަނާއާއި ތާރީފު ލިބިގެންވެއެވެ.))

"އަލިފު" ބާއްވައިފައި (ލާމު) ކަނޑާލައިފިނަމަ ދެން އޮންނާނީ ((إله)) އެވެ. އެއީ އަޅުކަން ކުރެވޭ ފަރާތެވެ. ނުވަތަ ކަލާނގެއެވެ.

لفظ الجلالة ގައިވާ އަލިފާއި ލާމަކީ ޚާއްޞަ ނަމަކަށް ހެދުމަށް ބޭނުންކުރާ ތަޢުރީފުގެ އަދާތެއް ނޫނެވެ. އެއީ އެ މަތިވެރި ނަންފުޅު އަޞްލުގައި އޮންނަ ގޮތެވެ. އެއީ ޚާއްޞަ، މާތް، އިތުރު ނަންފުޅެކެވެ.

لفظ الجلالة (الله) ކިޔާއިރު އެލަފްޡުގެ ކުރީގައި އޮތީ އުބުފިއްޔެއްނަމަ ނުވަތަ އަބަފިއްޔެއްނަމަ (މިސާލަކަށް رسول الله) لفظ الجلالة ކިޔަވަންވާނީ ތަފްޚީމު ކޮށެވެ. ނުވަތަ ބަރުކޮށެވެ. މިއާ ޚިލާފަށް އެލަފްޡުގެ ކުރީގައި އޮތީ އިބިފިއްޔެއްނަމަ (މިސާލަކަށް بِاللَّهِ) لفظ الجلالة ކިޔާނީ ލުއިކޮށެވެ. ނުވަތަ ތަރުޤީޤު ކޮށެވެ. އޭރުން ކިޔާނީ (ބި-އް-ލާހި) މި ގޮތަށެވެ.

(لا إله إلا الله) މި ކަލިމައަކީ ދުނިޔޭގެ ޖައްބާރުންނާއި ޠާޣޫތުންނާ ދެކޮޅަށް އިޢުލާނުކުރެވުނު ބޮޑު އިންޤިލާބެކެވެ. ﷲ ފިޔަވައި އަޅުކަން ކުރެވޭ ހުރިހާ ބުދުތަކަކާއި ދެވިތަކަކާއި ގަސްތަކަކާ ދެކޮޅަށް ކުރެވުނު އިންޤިލާބެކެވެ. لا إله إلا الله މި ބަސްފުޅަކީ އިންސާނުންނަށާއި ﷲ ޚަލްޤު ކުރެއްވި އެއްޗެއްސަށް އަޅުކަންނުކުރުމަށް ގޮވައިލި ބަސްފުޅެވެ.

"لا إله إلا الله" މި ކަލިމައިގެ މާތްކަން

ކީރިތި ޤުރްއާނުގައި މާތް ﷲ މި ކަލިމަ ސިފަކުރައްވައިފައި ވަނީ އެއީ الكلمة الطيبة (ރަނގަޅު ބަސް) އަދި القولِ الثابتِ (ހަރުލައިފައިވާ ބަސް) ކަމަށެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ  تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ[8]– اللَّه، ރަނގަޅު ބަހެއްގެ مثال ޖެއްސެވީ ކޮން ފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށް ހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ مثال އެވެ. (24) އެ ގަހުގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. اللَّه، މީސްތަކުންނަށް مثال ޖައްސަވަނީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ. (25) އަދި ނުބައި ބަހެއްގެ مثال އަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ مثال އެވެ.)) މާތް ﷲ ސިފަކުރައްވައިފައިވާ ގޮތުގައި އެއީ  العروة الوثقى ( ހަރުދަނާ ޢަޤީދާ) އެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لَا انْفِصَامَ لَهَا [9]-ފަހެ، شيطان އާޔަށް كافر ވެ اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ.))

މާތް ﷲ ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވީ މި ކަލިމަފުޅައިގެންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ [10]– ހަމަ ކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحى ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!))

މި ކަލިމަފުޅުގެ މާތްކަމާބެހޭގޮތުން ކީރިތި ރަސޫލާ ﷺ ގެ ސުންނަތުގައި ވަރަށް ގިނަ ބަސްފުޅުތައް ވާރިދުވެފައި ވެއެވެ. އޭގެތެރެއިން ދެތިން ބަސްފުޅެއް ދަންވައިލައިފާ ފުއްދައިލާނަމެވެ.

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރައްވައިފައިވާ ގޮތުގައި އީމާންކަމުގެ އެންމެ މަތިވެރި ގޮތްޕަކީ ((لا إله إلا الله )) ކިޔުމެވެ. ކައު ރަސޫލާ ޙަދީސް ކުރެއްވިއެވެ. ((الإيمانُ بِضعٌ وسَبعونَ بابًا، فأدْناها إماطَةُ الأذى عَنِ الطَّريقِ، وأرْفَعُها قولُ: لا إلَهَ إلّا اللهُ [11]– އީމާންކަމުގައި ހަތްދިހަ އެތައް  ދަރަޖައެއް ވެއެވެ. އެންމެ ދަށު ދަރަޖައަކީ މަގުމަތީގައި އުނދަގޫވާ ގޮތަށް އޮންނަ އެއްޗެހި އެއްފަރާތަށް ލުމެވެ. އެންމެ މަތީ ދަރަޖައަކީ لا إلَهَ إلّا اللهُ ކިޔުމެވެ.))

މި ކަލިމަފުޅުގެ މާތްކަމުގެ ތެރޭގައި އެ ކަލިމަފުޅު މަތިވެރި ކުރުމަށް ޓަކައި ޖިހާދުކުރުން ލެއްވުން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((أُمِرْتُ أنْ أُقاتِلَ النّاسَ حتّى يَشْهَدُوا أنْ لا إلَهَ إلّا اللَّهُ، وأنَّ مُحَمَّدًا رَسولُ اللَّهِ، ويُقِيمُوا الصَّلاةَ، ويُؤْتُوا الزَّكاةَ، فَإِذا فَعَلُوا ذلكَ عَصَمُوا مِنِّي دِماءَهُمْ وأَمْوالَهُمْ إلّا بحَقِّ الإسْلامِ، وحِسابُهُمْ على اللَّهِ [12]– މީސްތަކުން ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވެ ނަމާދު ޤާއިމުކޮށް ޒަކާތް ދީފުމަށް ދާންދެން އެބައިމީހުންނާ ހަނގުރާމަކުރެއްވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވިގެން ވެއެވެ.ފަހެ އެބައިމީހުން އެ ކަންކަން ކޮށްފިނަމަ އެބައިމީހުންގެ  ލެއާއި މުދާތައް ތިމަންކަލޭގެފާނުގެ ކިބައިން ރައްކައުތެރިކޮށްފިއެވެ.އިސްލާމްދީނުގެ ޙައްޤަކަށް ޓަކައި  މެނުވީއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން އޮތީ ﷲގެ ޙަޟްރަތުގައެވެ.))

މި ކަލިމަފުޅުގެ މާތްކަމުގެ ތެރޭގައި ޤިޔާމަތް ދުވަހުން ﷲގެ މީޒާނުގައި އެހެން ހުރިހާ ޢަމަލުތަކަކަށްވުރެ ބަރުވެގެން ދިޔުން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إنَّ اللهَ سَيُخَلِّصُ رجلاً مِنْ أُمَّتي على رؤوس الخلائق يومَ القيامةِ، فَيَنْشُرُ عليه تسعةً وتسعينَ سِجِلّاً، كُلُّ سِجِلٍّ مِثْلُ مَدِّ البَصَرِ، ثُمَّ يقولُ: أتُنْكِرُ مِنْ هذا شيئاً، أظلمَك كَتَبتي الحافظونَ؟ فيقولُ: لا يا ربِّ، فيقولُ: أَفَلَكَ عُذْرٌ؟ فيقولُ: لا يا ربِّ. فيقولُ: بلى إنَّ لك عِنْدَنَا حسنةً، فإنه لا ظُلمَ عليكَ اليومَ، فتُخْرَجُ بطاقةٌ فيها: أشهدُ أنْ لا إلهَ إلا الله، وأشهدُ أنَّ محمّداً عبدُه ورسولُه، فيقول: احْضُرْ وزنَكَ. فيقول: يا ربِّ ما هذهِ البطاقةُ مَعَ هذهِ السجّلاتِ؟ فقال: إنّك لا تُظْلَمُ. قال: فتوضع السجّلاتُ في كِفّةٍ، والبطاقةُ في كِفّةٍ، فطاشتِ السجلّاتُ، وَثَقُلَتِ البطاقةُ، فلا يَثْقُلُ مَعَ اسمِ اللهِ شيءٌ [13]– ހަމަ ކަށަވަރުން ޤިޔާމަތް ދުވަހުން އެންމެންނަށް ފެންނަ ގޮތަށް ތިމަންކަލޭގެފާނުގެ އުންމަތުގެ މީހަކު ނަރަކައިން ނަޖާ ކުރައްވާނެތެވެ. ފަހެ އެކަލާނގެ އޭނާގެ މައްޗަށް 99 ފައިލް ހުޅުއްވާ އޭނާ ކޮށްފައިވާ ޢަމަލުތައް ދައްކަވާނެތެވެ. އެއިން ކޮންމެ ފައިލެއް ލޮލުކޮޅަށް ދެމިގެންދާނެއެވެ. އެއަށްފަހު ވަޙީކުރައްވާނެތެވެ. މިއިން އެއްވެސް އެއްޗަކާ ތިބާ އިންކާރުކުރަން ހެއްޔެވެ؟ ތިމަންރަސްކަލާނގެ ޙާފިޡު ކާތިބުން ތިބާއަށް އަނިޔާވެރިވެ ވަޑައިގެންފައިވޭ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. މިއަޅާގެ ވެރިރަސްކަލާކޯއެވެ! ނޫނެކެވެ! ފަހެ އެކަލާނގެ ވަޙީކުރައްވާނެއެވެ. ތިބާއަށް އެއްވެސް ޢުޒްރެއް ލިބިގެންވޭ ހެއްޔެވެ؟ ފަހެ އޭނާ ދަންނަވާނެއެވެ. ނޫނެކެވެ! މި އަޅާގެ ވެރި ރަސްކަލާކޯއޭވެ! ފަހެ އެކަލާނގެ ވަޙީކުރައްވާނެއެވެ. އެހެނެއް ނުވާނެއެވެ. ހަމަ ކަށަވަރުން ތިމަންރަސްކަލާނގެ ޙަޟްރަތުގައި ތިބާއަށް ހެޔޮކަމެއް ލިބިގެން ވެއެވެ. އެހިނދު ފަތެއް ނެރެވޭނެތެވެ. އެ ފަތުގައި أشهدُ أنْ لا إلهَ إلا الله، وأشهدُ أنَّ محمّداً عبدُه ورسولُه ވެއެވެ. ފަހެ އެކަލާނގެ ވަޙީކުރައްވާނެތެވެ. ފަހެ ހަމަކަށަވަރުން ތިބާގެ މައްޗަށް މިއަދު އަނިޔާވެރިކަމެއް ނުވެއެވެ. ތިބާގެ ފައިލްތައް ގެންނާށެވެ. އެހިނދު އޭނާ ދަންނަވާނެތެވެ. މިއަޅާގެ ވެރި ރަސްކަލާކޯއޭވެ! އެ ފައިލްތަކުގެ ކުރިމަތީގައި  މި ފަތަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟ ފަހެ އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިބާއަށް މިއަދު ބޭއިންސާފު ނުކުރެވޭނެތެވެ. ވަޙީކުރައްވާނެތެވެ. ފައިލްތައް މީޒާނުގެ އެއް ކިބައަށް އެ ފަތް އަނެއް ކިބައަށް ލާށެވެ! އެހިނދު އެ ފައިލްތައް ލުއިވެ ފަތް ބަރުވެގެން ދިއެވެ. ﷲގެ އިސްމުފުޅާއެކު އެހެން އެއްވެސް އެއްޗެއް އިތުރަށް ބަރުވެގެން ނުދާނެތެވެ.))

[1]  – سورة البقرة: 163

[2]  – سورة  آل عمران: 2

[3]  – سورة الأعراف: 158

[4]  – سورة لقمان: 30

[5]  – آل عمران : 18

[6]  – الأعراف : 180

[7]  – آل عمران : 189

[8]  – سورة إبراهيم: 24-25

[9]  – سورة البقرة: 256

[10]  – سورة الأنبياء: 25

[11]  –  أخرجه مسلم (٣٥)، وأبو داود (٤٦٧٦)، والترمذي (٢٦١٤) واللفظ له، والنسائي (٥٠٠٥)، وابن ماجه (٥٧)

[12]  – أخرجه البخاري (٢٩٤٦) و مسلم (٢٢)

[13]  – أخرجه الترمذي (٢٦٣٩)، وأحمد (٦٩٩٤) وابن حبان (٢٢٥)، والطبراني في ((المعجم الأوسط)) (٤٧٢٥

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *