Support Us

ވިލިމާލޭގައި ކަރަންޓް ހިދުމަތް ތަރައްގީކުރުމާ ބެހޭ ސާވޭއެއް ސްޓެލްކޯއިން ފަށައިފި

ވިލިމާލެ ތަރައްގީ ކުރުމަށް މިސަރުކާރުން ފަށައިފައިވާ މަސައްކަތުގެ ދަށުން އެ އަވަށަށް ބޭނުންވާ ކަރަންޓްގެ ހިދުމަތްތައް ތަރައްގީކުރުމާ ބެހޭ ސާވޭއެއް ސްޓެލްކޯއިން ފަށައިފި އެވެ.

ވިލިމާލޭގެ ކަރަންޓް ހާލަތު ދިރާސާކޮށް ކަރަންޓްގެ ވިއުގަ މަރާމާތު ކުރުމަށާއި އިތުރަށް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީއާ އެކު ސްޓްލެކޯއާ ދެމެދު ހުސްވި ޑިސެމްބަރު 23 ގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސްޓެލްކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ވިލިމާލޭގެ ކަރަންޓް ހާލަތު ދެނެގަނެ، ޕަވާ ސިސްޓަމް އަޕްގްރޭޑްކުރުމުގެ އިތުރުން އެ އަވަށުގެ ކަރަންޓް ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ސާވޭ ޓީމުން ވިލިމާލެއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ދުރާލައި ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ މިހާރު ވިލިމާލެއަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި މިހާރު ބޭނުންކުރަމުން އަންނަ ނިޒާމުގައި ހުރި މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރަން ކުރަން ހުރި މަސައްކަތަކީ ކޮބައިތޯ ބެލުމުގެ އިތުރުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރު ދެނެގަތުމެވެ.

މީގެ އިތުރުން މި ނިޒާމުގެ ކެޕޭސިޓީ އިތުރުމަށް ކުރަން ހުރި މަސައްކަތްތަކާއި މަރާމާތުކުރުމަށާއި ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުމާއި މި ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުުމަށް މަޝްރޫއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒު ކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް ތަރައްޔާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ ދަށުން ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މައުލޫމާތު ކަމާ ގުޅޭ މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދިނުމާއި ހަކަތައާއި ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމުގެ އިތުރުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގައި އެހީތެރިވެދިނުން ހިމެނެ އެވެ. އަދި މި އެއްބަސްވުުމުގެ ދަށުން ތައްޔާރުކުރެވޭ މަޝްރޫއާއި އެކްޝަން ޕްލޭން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި އެ ކައުންސިލުގެ އެންޑޯސްމަންޓް ހޯދައިދިނުން ހިމެނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް ވިލިމާލޭގެ ކަރަންޓްގެ ޑިމާންޑް ސްޓަޑީއެއް ހެދުމާއި ވިލިމާލޭގައި ގާއިމްްކޮށްފައިވާ އިންފްރާސްޓްރަކްޗާގެ ހާލަތު ދެނެގަތުމަށް ފަންނީ ދިރާސާއެއް ކުރުމާއި ދިރާސާގެ އަލީގައި ވިލިމާލޭގައި ގާއިމްކޮށްފައިވާ އިންފްރާސްޓްރަކްޗާގެ ކެޕޭސިޓީ އިތުރު ކުރަންޖެހޭ މިންވަރު ކަނޑައެޅިގެންދާނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.

މީގެ އިތުރުން މި ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމްކޮށްފައިވާ އިންފްރާސްޓްރަކްޗާ މަރާމާތު ކުރުމާއި އަޕްގްރޭޑްކުރުމަށް ބޭނުންވާނެ އިންވެސްޓްމަންޓުގެ އަދަދު ކަނޑައެޅުމާއި ވިލިމާލޭގައި ގާއިމްކޮޮށްފައިވާ އިންފްރާސްޓްރަކްޗަރ މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށް މަޝްރޫއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒު ކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުމަށް ހަމަޖެހިފައިވެ އެވެ.