ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބުނު ވަރަށް މަތިވެރި ނިއުމަތެއް ކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޒަކާތު ފަންޑު ހައުސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް މިއަދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު އިތުރަށް ވަރުގަދަކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެެ. އަދި މިއީ ރާއްޖޭގެ ގައުމީ ބަހާތައް އިތުރަށް ވަރުގަދަކޮށް ރާއްޖޭގެ ގައުމީ ފޭރާން އަލުން ވިޔަން ޖެހިފައިވާ ވަގުތެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"މިއީ މާތްﷲ ދިވެހި އުއްމަތަށް، ދިވެހި ގައުމަށް ދަރުމަ ކުރެއްވި ވަރަށް މަތިވެރި ނިއުމަތެއް މިވަގުތުގައި ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުންނެވުމަކީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ގައުމީ ފޭރާމާއި ޝަހުސިއްޔަތު އަލުން އިޔާދަކުރުމުގެ ފުރުސަތަކީ ކޮންމެ އުއްމަތަކަށް ވެސް ސަތޭކަ އަަހަރުން އެއް ފަހަރު އަންނަ ފުރުސަތެއް ކަމަށާއި މި ފުރުސަތު ނަގާލައިގެން ނުވާނެ ކަމަށެވެ.
"ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަނީ ރައީސް ޑރ. މުއިއްޒުގެ އަތްޕުޅުގައި ހިތްޕެވުމަށް،" ޝަހީމް އެދިވަޑައިގެންނެވި އެވެ.
ޝަހީމްގެ ވާހަަކަފުޅު ނިންމަވައިލައްވަމުން، ރާއްޖޭގައި ގައުމީ ސިފަތައް އަލުން އިޔާދަކުރުމަށާއި މިގައުމުގައި އިސްލާމީ ޝަހުސިއްޔަތު ވަރުގަދަކުރުމަށާއި މިގައުމުގެ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކުރުމަށް އަދި މިގައުމުން ބަދަލުހިފުމާއި ހަސަަދަވެރިކަމާއި ރުޅިވެރިކަން ނެތިކޮށްލުމަށްޓަކައި މިކުރެވޭ މަސައްކަތްތަކުގައި މުޅި ގައުމު އެކަތިގަނޑަކަށް ހެދުމަށްޓަކައި ރައީސް ޑރ. މުއިއްޒު ކުރިއަށް އަޅުއްވަމުން ގެންދަވާ ވިޔަވަޅުތަކުގައި ސާބިތުވެ ތިބުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.



advertisment