...

Support Us

ވާހަކަ: ހިތް އެދޭތީ- 7

އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ ދީނާ އޮތީ އެއްގޮތަކަށްވެސް ނިދޭގޮތް ނުވެގެންނެވެ. މާދަމާވެސް މަންމައާ ކުރިމަތިލާން ޖެހޭނެކަން ދީނާއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ. އެހެންކަމުން އޭނާ ހާސްވަނީއެވެ. މަންމަމެންނަށް ދީނާގެ ކަންތައް ފަޅާއަރައިފިނަމަ ދެންވާނީ ކިހިނެތް ކަންވެސް ނޭނގޭތީ ދީނާގެ ހިތް ދެޅެމުންދެއެވެ. ހާސްވަމުންދެއެވެ. މި ހުރިހާ ޚިޔާލުތައް ދީނާ ނިދިން މަހުރޫމް ކުރުވަމުން ދަނީއެވެ.

އެހެން ދުވަސްތަކާ ޚިލާފަށް އެދުވަހު ދީނާއަކަށް މަންމަ ނުގޮވައެވެ. އެހެންކަމުންނާއި ރޭގައި ނިދުނުލެއް ލަސްކަމުން، ހޭލެވުނީ އިރުއަރާ ދިޔަ ފަހުންނެވެ. ރޭގައި ދިމާވި ކަންތަކުގެ ސަބަބުން ހާސްވެފައި ހުރެ ދީނާ ބަދިގެއަށް ދިޔައެވެ. ދީނާ ހީކުރިގޮތާ ޚިލާފަށް ރޭގެ އެއްވެސް ވާހަކައެއް އޭނާގެ މަންމަ ނުދައްކައެވެ. މޫނުމަތިން ރޭގައި ފެންނަން ހުރި ރުޅިވެރިކަމެއްވެސް ނެތެވެ. މަންމަ ހިނިތުންވެފައި ހުރިތަން ފެނުމުން، ދީނާ ވަރަށް ހިތްހަމަޖެހުނެވެ. ވެފައި ހުރި ހާސްކަން ފިލައިގެންދިޔައެވެ. އެހެންކަމުން ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެހެންނަމެވެސް ދީނާ ހީކުރިގޮތާ ޚިލާފަށް، އޭނާއަށް ލިބިފައިވާ ހިތްހަމަޖެހުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެއްޖެއެވެ.

"ދަރިފުޅާ ދީނާ. މަންމަ ކައިރީ ރޭގައި ދިޔަ ތަނެއް ތެދަށް ބުނެބަލަ. މަންމަ ރުޅިއެއް ނާންނާނަމޭ،" މިއަދު ދިޔާނާގެ އަޑުގައިވަނީ އޯގާތެރިކަމެވެ.

"އަ…އަހަ…އަހަރެން ކުއް…ކުއްޖަކާ" ދީނާއަށް ބުނެވުނީ އެހިސާބަށެވެ.

"ދަރިފުޅު ކުއްޖަކާ ރައްޓެހިވީތަ؟" ދީނާ ބުނަން އުޅޭ އެއްޗެއް އޭނާގެ މަންމަ ދިޔާނާއަށް ފަހުމްވީގޮތުން އަހައިލުމުން އާނއެކޭ ބުނުމުގެ ގޮތުން ދީނާ ބޮލުން އިޝާރާތް ކޮށްލިއެވެ.

"ތީކީ އެއްވެސް މައްސަލައެއް ނޫން. ކުއްޖަކާ ރައްޓިވެސް ވާންވީ. އެކަމު މައްސަލައަކީ އަދި ދަރިފުޅު ކިޔެވުން ވެސް ނުނިމޭތީ. މާގިނައިން ތިޔަ ކުއްޖަކާ ބައްދަލުކޮށް ހަދަން އުޅެގެން ދަރިފުޅުގެ ކިޔެވުމަށް ބުރޫ އަރާފާނެތީ. އަނެއްކޮޅުން ބައްޕަ ރޭގަ އެއްޗެއް ނުބުންޏަސް ބައްޕަ ވެސް އެހާ ހިތްހަމަޖެހިފައެއް ނޫން ހުރީ. ދަރިފުޅު ރޭގަނޑު ގިނައިން ބޭރަށް ދާން ބައްޕަ ގަބޫލެއް ނުވާނެ. ތި ކުއްޖަކާ މިގޭގައިވެސް ބައްދަލު ކުރެވިދާނެއެއްނު،" ދިޔާނާ ފާޅުކުރީ މައިންބަފައިންގެ ހައިސިއްޔަތުން އެމީހުން ބޭނުންވާ ގޮތެވެ.

"މަންމަ ހާދަ ރަނގަޅޭ. އަހަރެން ބުނާނަން ތިޔަހެން އޭނަ ކައިރީގައި. ވަރަށް އުފާވެއްޖެ،" މަންމަގެ މޫނުގައި ދީނާ ބޮސްދިނެވެ.

"އަދިވެސް މަންމަ ކައިރީގައި ތިޔަ ކުއްޖެއްގެ ނަމެއް ނުބުނަމެއްނު. އެއީ ކޮންނަމެއް ކިޔާ ކުއްޖެއްތަ؟"

"އެއީ ސި…ސިމާމު… މިރަށު ލިލީމާގެ،" ދީނާ ލަދުން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

ސިމާމު މާ އަވަހަށް ރަށުގެ ތުނޑިއަށް އައުމަށް އެދުމުން ޒައިން އައީ ނުހަނު ބާރަށެވެ. ސިމާމު ފެނުމުން ކަމަކާ މާބޮޑަށް ހާސްވެފައި ހުރިހެން ޒައިންއަށް ހީވިއެވެ. އެހެންކަމުން ވެގެން އުޅޭގޮތް އޮޅުން ފިލުވުމަށް އަނގަ ހުޅުވާލިތަނުން ސިމާމު ވާހަކަ ދައްކަން ފެށިއެވެ.

"އަނެއްކާ އަނެއް ކަންތަކާއި ކުރިމަތިވެއްޖެ."

"ހޫނ.. އަހަރެން މަތިން މިހާރު ހަނދާންވަނީ ކަމަކާ ޖެހުނީމަ… އަބަދު ތިޔަ އުޅެނީ ދީނާގެ ފަހަތުން،" ޒައިން ޝަކުވާ ކޮށްލިއެވެ.

"ދެންހެވޭ… އެނގޭތަ؟ ދީނާގެ މަންމަ ބުނެފިޔޯ ބޭރަށް ނުގޮސް ގޭގައި މީޓް ކުރާށޯ. ދެން ކިހިނެއް ހަދާނީ؟" ހާސްވެފައި ހުރި ސިމާމު އެހީ ޒައިންގެ ޚިޔާލެކެވެ.

"ތިކަމާ ހަދާނެ ގޮތް ނޭނގިގެން ތިޔަ އުޅެނީ. ތިޔަ އޮތީ އަޅާ ދަމާފައެއްނު. މީހަކަށް ފެނިދާނެތީ ދެން އުޅޭކަށްވެސް ނުޖެހޭނެއެއްނު.. ހާދަ ނަސީބު ގަދައޭ. އެހާ އަވަހަށް މައިދައިތަގެ ރުހުން ވިއްޔަ އެހޯދީ،" ސިމާމުގެ ކޮނޑުގައި ޖަހާލަމުން ޒައިން ހިނިގަނޑެއް ޖަހައިލިއެވެ. ޒައިންގެ ހުނުމުގައި ސިމާމުވެސް މިފަހަރު ބައިވެރިވިއެވެ.

"ދެން ހަމަ ތިހެން ހަދަންވީ؟ ދީނާގެ މައިންބަފައިންނާވެސް ބައްދަލުވާނެއެއްނު.. އަހަރެން ހާދަ ބިރުގަނެއޭ. އެމީހުން ރާވައިގެން އެއްޗެއް ކިޔަންވެސް އުޅެދާނެ… ރޭގަވެސް ލަސްވެގެން ވަރަށް ރުޅި އައިސްފަ ހުރި ކަމަށް ވަނީ،" ސިމާމުގެ ހާސްކަން އަދިވެސް ފިލައިގެން ނުދެއެވެ.

"ތިވަރަށް ހާސްނުވެބަލަ. ކޮންމެވެސް ދުވަހަކުން އެމީހުންނާވެސް ބައްދަލުކުރަން ޖެހޭނެތާ… އަހަރެން އެދެނީ ހަމަ މީޓްކުރަން އެގެއަށްދާން. އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނަބަލަ،" ޒައިން އޭނައަށް ފެންނަގޮތް ހާމަކުރިއެވެ.

"ކޮންމެ ގޮތެއްވިއަސް ހޮޔޮކަމަށް އަހަރެން ދާނަން،" ސިމާމު އަޒުމް ކަޑައެޅިއެވެ.

"މިހާރު ރަނގަޅު. އަބަދުވެސް ތިހެން ހުރެބަލަ. ލައިފް ބާއްޖަވެރިވާނެ،" ސިމާމުގެ ކޮނޑަށް އަތް ވައްޓާލަމުން ޒައިން ހިނގައިގަތެވެ.

ޖެހިގެން އައި ދުވަހުގެ ރެއެވެ. ވަރަށް ޖެހިލުވެ ހުރެ ދީނާގެ ގެއަށް ސިމާމު ދިޔައެވެ. ސިމާމުގެ އިންތިޒާރުގައި ދޮރާށި ދޮށަށް ނިކުމެގެން ދީނާ ހުއްޓެވެ.

"ހިނގާ އެތެރެއަށް."

"ލޯބީގެ މަންމަމެން އެބަ އުޅޭތަ؟" ދީނާ އެތެރެއަށް ވަނުމަށް ބުނުމުން ސިމާމު އެހިއެވެ.

"ހާސް ނުވެބަލަ… މަންމަމެން ތިބުމުން ކޮބައިތަ މައްސަލައަކީ؟.. އާދެބަލަ!" މިހެން ބުނެފައި ސިމާމުގެ ޖަވާބަކަށް ބެލުމެއް ނެތި ސިމާމުގެ އަތުގައި ހިފައިގެން އެތެރެއަށް ވަނުމަށް ދީނާ ހިނގައިގަތެވެ.

"ދެކުދިން އަވަހަށް އާދޭ އިށީންނަން. އަހަންނަށް އެނގޭ ތި ދެކުދިން އުޅެނީ ރައްޓެހިވެގެންކަން. އަހަރެން ދީނާގެ ހޮވުމަކާ ދެކޮޅެއްވެސް ނޫން. އެ ކުއްޖަކަށް އެނގޭނީ ހަޔާތުގެ ބައިވެރިއަކަށް ގެންނާނެ މީހަކު… އެވާހަކައެއް ނޫން ދައްކަން މިއުޅެނީއަކީ. ތިދެކުދިން ވެސް އަދި ކިޔަވާ ނުނިމޭ… ރަށުތެރެއަށް ގިނަވެގެން އުޅެން ބައްޕަ ނޭދެން. މާގިނައިން ބައްދަލުކުރަންވެސް… މިގޭގައި ދަރިފުޅުމެންނަށް ތިބެވޭނެ… ކީކޭ ސިމާމު ބުނަނީ؟" ސިމާމަށް އިޝާރާތްކުރަމުން ހަސަންމަނިކު ބުންޏެވެ.

"އަޅުގަނޑަށްވެސް ތިގޮތް ރަނގަޅު… އަޅުގަނޑުމެންގެ ކިޔެވުމަށް ހުރަސް ނޭޅޭގޮތަށް މިގުޅުން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ބޭނުންވަނީ ދޯ؟" ސިމާމު ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

"ބައްޕަ އުންމީދުކުރި ޖަވާބަކީވެސް ތީ.. ދެން ދަރިފުޅުމެން ދެކުދިން ހަފްތާ ބަންދުގައި ކޮންމެވެސް އެއްދުވަހަކު ބައްދަލުކުރަންވީ،" ހަސަންމަނިކު ދުފާތަބަށް ނަގައި ދުފުމަށް ރެޑީވެލިއެވެ.

"އަޅުގަނޑު ގޮސްލަނީ… މީހަރު މާލަސްވެއްޖެ" މިހެން ބުނެފައި ސިމާމު ނުކުތުމަށް ހިނގައިގަތުމުން ފަހަތުން ދީނާވެސް ނުކުތެވެ.

ސިމާމާއި ދީނާގެ ގުޅުމަށް ދީނާގެ މައިންބަފައިންގެ ރުހުން ލިބުނުކަން ވިމާލަށް އެނގުނެވެ. އެކަމަށް ވިމާލަކަށް ކެތެއް ނުކުރެވުނެވެ. އެހެންކަމުން ސުނޭއާ ބައްދަލުކުރުމަށް އެގެއަށް ވިމާލު ދިޔައެވެ. އެވަގުތަކީ ކޮންމެވެސް ތާކަށް ދިއުމަށް ސުނޭ ގެއިން ނުކުތް ވަގުތެވެ.

"ސުނޭ… އެނގޭތަ އެއްކަލަ ސިމާމު ރަނގަޅަށް ދީނާގެ މައިންބަފައިންނާ ގުޅާލައިފިއެއްނު،" ސުނޭ ފެނުމުން ވިމާލު ފުރަތަމަވެސް މައުލޫއަށް ދިޔައެވެ. އެވާހަކަ އަޑުއިވުމުން ސުނޭގެ މޫނުމައްޗަށް މާޔޫސީ ކުލަވަރު ވެރިވެގެން ދިޔައެވެ. ކިތަންމެ ނޫންކަމަށް ހެދިޔަސް ހިތްއެދޭ ބައިވެރިއަކީ އެއީއެވެ. ދީނާއެވެ.

"ދެން ކުރެވޭނީވެސް ކޮންކަމެއް. އަހަރެމެން ދެމީހުންނަށްވެސް ލަނޑުދިނީއެއްނު. ސިމާމަށްވެސް ދުވަސްކޮޅަކުން އެހެން ވާނީ… އަޅާނުލިއްޔާ މާރަގަނޅުވާނެ،" ކިތަންމެ ބޭނުންވިއަސް ދީނާ ނުލިބޭނެކަން ސުނޭ އަށް ޔަގީންވެއެވެ. އެހެންކަމުން ހިތްއެދޭ އެމަންޒިލު ހިތުން ފިލުވާލަން ސުނޭ މިހާރު ބޭނުންވެއެވެ.

"ސުނޭ އަށް އަދި ކަންތައް ވެފައިވާ ގޮތް ނޭނގެނީ ދޯ… އަހަންނަށް ލަނޑެއް ދެވޭނީ ދީނާ އަހަރެން ދެކެ ލޯބިވިނަމަތާ؟" ސުނޭ އަށް ކަންތައްތަކެއް އޮޅިފައިވާހެން ހީވާތީ ވިމާލު ބޭނުންވީ އެކަންތައްތައް ސާފުކޮށްދޭށެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.