Support Us

އާއްމުންނަށް ދަތިވާހެން މަގުމަތީގައި ހުރި ޓްރާންސްފޯމަރުތައް ސްޓެލްކޯއިން ނަގައިފި

މާވެޔޮމިސްކިތް ކައިރީ މަގުމަތީގައި އާއްމުންނަށް ދަތިވާހެން ބަހައްޓާފައި ހުރި ޓްރާންސްފޯމަރުތައް ސްޓެލްކޯއިން ނަގައިފި އެވެ.

މާވެޔޮ މިސްކިތް ކައިރީގައި ހުރި މި ޓްރާންސްފޯމަރުތައް އެ ސަރަހައްދުން ނަގައި އެހެން ސަރަހައްދަކަށް ބަދަލުކުރައްވާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސްޓެލްކޯ ހިންގަން ހަވާލުކުރެއްވި ދުވަހު އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ފަހުމީ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ދެއްވި އިރުޝާދުތަކާ އެކު، ރައްޔިތުންނަށް ތަކުލީފަކަށްވި ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނަގައިފައިވާ ކަމަށެވެ.

ފަހުމީ ވިދާޅުވީ އެތަކެތި ބަހައްޓާފައި ހުރި މަގުތަކުން އެެއްވެސް ހުރަހެއް ނެތި އަންނަ ޖެނުއަރީ މަހުން ފެށިގެން ދަތުރުކުރެވޭނެ ކަަމަށެވެ.

"ދިވެހީންގެ ރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭ ގޮތަށް،" އެސްކްގައި ފަހުމީ ވިދާޅުވި އެވެ.

މާވެޔޮމިސްކިތް ސަރަހައްދުން ދަތުރުކުރާ މީހުންނަށާއި އެ ސަރަަހައްދުގައި އުޅޭ މީހުންނަށް އެ ޓްރާންސްފޯމަރުތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާތާ ހައެއްކަ އަހަރު ވެފައިވަނިކޮށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ދޮޅުމަހެއްްހާ ދުވަހުގެ ތެރޭގައި އެތަކެތި އެ ސަރަހައްދުން ނަގައިފައިވާތީ އެކަމަށް ގިނަ ބަޔަކު ގެންދަނީ ތައުރީފްކުރަމުންނެވެ.