...

Support Us

ދޮގު ޚަބަރު ހަދާ މީހާއާއި ދޮގު ޚަބަރު ފަތުރާ މީހާ ފާފަވެރިކަމުގައި ހަމަ އެއްވަރު 

  • ރައްޔިތުންގެ ހޭލުންތެރިކަން ޣާފިލުކުރުމަށާއި މުޖްތަމަޢުގައި ދޮގު ޚަބަރުތައް ފަތުރަން ޙައްދުފަހަނަޅައިފައިވާ ހަރުކަށި ޖަމާޢަތްތަކުން އަބަދުވެސް މަސައްކަތްކުރާނެއެވެ.
  • މި ޒަމާނުގެ ދަތި މަސްއަލަތަކަށް މުނާސަބު ހަރުދަނާ ޙައްލުތައް ހޯދައިދިނުމަކީ ދީނީ ޢިލްމުވެރިންނާއި ފަތުވާ ވިދާރާތަކުގެ މަސްއޫލިއްޔަތެކެވެ.
  • ރަސްމީ މުއައްސަސާތަކާއި އިދާރާތަކާމެދު ރައްޔިތުންގެ އިތުރުބާރު ނަގައިލުމަށް މަސައްކަތްކުރަނީ ރައްޔިތުންގެ ވިސްނުމުގައި އެމީހުން ބަރޯސާވާނެ ފަރާތެއް ނެތްކަމުގެ ނުބައި ވިސްނުން އަށަގެންނެވުމަށެވެ.
  • ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރައްޔިތުންގެ ހޭލުންތެރިކަމުގެ މިންވަރު މި ގޮންޖެހުމާ ހަމައަށް އުފުލިގެން މެނުވީ ޤައުމު ތަރައްޤީއެއް ނުކުރެވޭނެއެވެ.
  • ރައްޔިތުން މަސައްކަތްކުރަންވާނީ ޤައުމު ބިނާކުރުމަށެވެ.

ދޮގު ޚަބަރުތައް ފެތުރުމާ އިދިކޮޅު ޖީލެއް ބިނާކުރުމާބެހޭ ގޮތުން މިޞްރުގައި ބޭއްވި ނަދްވާއެއްގައި ވާހަކަފުޅު ދައްކަވަމުން ދުނިޔޭގެ ފަތުވާ މަޖިލިސްތަކުގެ ރައީސް މިޞްރުގެ މުފްތީ އައްޝައިޚު ޑރ. ޝައުޤީ ޢައްލާމު ވިދާޅުވިއެވެ. "މިއަދުގެ ޙާލަތަށް ބަލާއިރު އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހިފައިވަނީ ޙައްދުފަހަނައަޅައިފައިވާ ޖަމާޢަތްތަކުން ގަތަމުންދާ ދޮގު ޚަބަރުތައް ފަޟީޙަތްކޮށް ބޭޒާރުކުރުމަށް ޓަކައި ހޭލުންތެރިކަން ބިނާކުރުމަށެވެ."

އޭނާ ވިދާޅުވިގޮތުގައި މިފަދަ ޖަމާޢަތްތަކުން ރެއާދުވާލު މަސައްކަތް ކުރަނީ ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން ނައްތައިލައި އެ ޖަމާޢަތްތަކުން ފަތުރަމުންދާ ދޮގު ޚަބަރުތަކާއި ޔޯލަވާހަކަތައް އެއްވެސް ވިސްނުމަކާނުލައި ބަލައިގަންނަ އާލަތަކަށް އެމީހުން ހެދުމަށެވެ.

ޑރ. ޝައުޤީ ޢައްލާމު ވިދާޅުވިގޮތުގައި ޚާއްޞަ ގޮތެއްގައި ދީނީ ޢިލްމުވެރިން މިފަދަ ދޮގު ވާހަކަތަކާއި ކުރިމަތިލައި މި ފަދަ ވާހަކަތަކާއި ޢާންމު ރައްޔިތުން ދުރުހެލިކުރުމަށް މަސައްކަތް ކުރައްވަން ވާނެއެވެ. ﷲގެ ރަޙްމަތްފުޅުން މި އުންމަތުގެ ދީނީ ޢިލްމުވެރިންނަކީ އިސްލާމީ އުންމަތާ ކުރިމަތިވާ ހުރިހާ މަސްއަލަތަކެއް ޙައްލުކޮށް ދެއްވުމުގެ ޤާބިލުކަން ލިބިވަޑައިގަތްފައިވާ ބޭފުޅުންތަކެކެވެ. ފަތުރަމުންދާ ދޮގު ޚަބަރުތަކާއި ޕްރޮޕެގެންޑާތަކުގެ ސަބަބުން ވަޠަނާ ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހެޔޮވިސްނުމާއި ހޭލުންތެރިކަމާއި ޢިލްމު އެބޭފުޅުންގެ ކިބައިގައި އެބަހުށްޓެވެ.

މިޞްރުގެ މުފްތީ ވިދާޅުވި ގޮތުގައި ހަތަރުވަނަ ޖީލުގެ ހަނގުރާމަތައް އުފައްދާމީހުން ދަނީ މަޢުލޫމާތާއި މުވާޞަލާތީ ތަރައްޤީއާއި ފަންނިއްޔަތުގެ ކުރިއެރުން އަނަފާކޮށްގެން ޙަޤީޤަތްތައް އޮޅުވައިލަމުންނެވެ. އަމަންއަމާންކަން ނަގައިލުމަށް މަސައްކަތްކުރަމުންނެވެ. އެމީހުން މި ފަސާދަ ފަތުރަނީ ވަރަށް ކުރުންތެރިކަމާއި ހުނަރުވެރިކަމާއެކުގައެވެ. އެހެންކަމުން ދީނީ ޢިލްމުވެރިން އިސްލާމްދީނުގައި އައިސްފައިވާ މަންހަޖާއި އުޞޫލުތަކާ އެއްގޮތަށް ވާޖިބު އަދާކުރެއްވުމަށް ތެދުވެވަޑައިގަތުމަށް އޭނާ ގޮވައިލެއްވިއެވެ.

މިޞްރުގެ މުފްތީ ކަށަވަރުކޮށްދެއްވި ގޮތުގައި ﷲ ތަޢާލާގެ ބަސްފުޅުތަކާއި ކައު ރަސޫލާގެ ސުންނަތުގައި ވިސްނުންތެރި ހޭލުންތެރި ބުއްދިތައް ބިނާކުރުމަށް ބޭނުންވާ މަންހަޖު އައިސްފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا- الحجرات: 6– މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ!))

ކީރިތި ޤުރްއާނުގައި އައިސްފައިވާ މި އުޞޫލަށް ބައްލަވައި ޢިލްމުވެރިން ވަނީ ޚަބަރުތައް ބަލައިގަތުމާބެހޭ މީޔާރެއް ކަނޑައަޅުއްވައިފައެވެ. މި ޝަރްޠުގެ މަތިން މެނުވީ އެއްވެސް ޚަބަރެއް ބަލައިގަނެގެން ނުވާނެއެވެ.

މި މީޔާރު ބުނާގޮތުގައި ޚަބަރެއް ބަލައިގަންނަން ޖެހޭނީ އޭގެ މަޞްދަރަށް ބަލައިގެންނެވެ. ފުރަތަމަ ބަލަންޖެހޭނީ އެ ޚަބަރު ފެތުރިމީހާގެ ނުވަތަ އެ އޭޖެންސީގެ ތެދުވެރިކަމަށެވެ.

ދެވަނައަށް ބަލަންޖެހޭނީ މި ޚަބަރުގެ މަޤްޞަދަށެވެ. އެއީ ފަސާދަކުރުމުގެ ބޭނުމުގައި ނުވަތަ އިޞްލާޙުކުރުމުގެ ބޭނުމުގައި އުފެއްދި ޚަބަރެއްތޯއެވެ. ހެޔޮ ރަނގަޅު މަޤްޞަދެއްގައި ޚަބަރެއް އުފެއްދިޔަސް އެއީ ދޮގު ޚަބަރެއް ކަމުގައިވާނަމަ އެ ޚަބަރު ބަލައިގަނެގެން ނުވާނެއެވެ. މަޤްޞަދު ކިތަންމެ މާތްވިޔަސް އޭގެ ވަސީލަތް ފާސިދުވެގެން ނުވާނެއެވެ. ޙައްދުފަހަނަޅައިފައިވާ ޖަމާޢަތްތަކުން ފަތުރާ ޚަބަރުތަކުގައި މި ދެ ޢުންޞުރު ވެސް ހިމެނެއެވެ. ދޮގު ހިމެނެއެވެ. އަދި އެކަން ކުރަނީ ފަސާދަކުރުމުގެ ބޭނުމުގައެވެ.

ޑރ. ޝައުޤީ ވިދާޅުވިއެވެ. "ފަހަރެއްގައި ޚަބަރު ތެދު ޚަބަރަކަށް ވެދާނެއެވެ. އެހެނަސް އެއީ ނުބައި ބޭނުމަކަށް ޓަކައި ހަދައިފައިވާ އެއްޗަކަށް ވެދާނެއެވެ. މި ކަމުގެ ސަބަބުން ބިމުގައި ފެތުރޭނީ ފަސާދައެވެ. މިފަދަ ޚަބަރުތައް ޤަބޫލުކޮށްގެން ނުވާނެއެވެ."

މިޞްރުގެ މުފްތީ ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ﷺ ވަނީ އަޅުގަނޑުމެންނާ ހަމައަށް އަންނަ ކޮންމެ ޚަބަރެއްބެ ކޮންމެ ވާހަކައެއްގެ ތެދު ދޮގު ބަލައިފައި މެނުވީ ނުފެތުރުމަށް އަންގަވައިފައެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން އިމާމު މުސްލިމު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((كَفى بِالمَرْءِ إثْمًا أَنْ يُحَدِّثَ بِكُلِّ ما سَمِعَ – މީހަކަށް އިވޭ ކޮންމެ ވާހަކައެއް ދެއްކުން ފާފައެއް ކަމުގައިވުން ފުދިގެންވެއެވެ.)) މި ބަސްފުޅުން އެނގޭ ގޮތުގައި ޚަބަރުތައް ބަލައިގަތުމުގައި ކަންފަސޭހަކޮށްލާ މީހާއާއި މީހަކަށް އިވޭހާ ވާހަކަތައް މީހުންގެ ތެރޭގައި ފަތުރާ މީހަކީ ފާފަވެރިކަމުގައި އެ ޚަބަރު ހަދާމީހާއާ ހަމަ އެއްފަދަ މީހެކެވެ. އެއީ އެ ކަމުގެ ޚުޠޫރަތްތެރިކަމުގެ ސަބަބުންނެވެ. މިއިން އެނގެނީ ހޭލުންތެރި ވިސްނުންތެރި ސިކުނޑިތައް އުފެއްދުމާއި ބިނާކުރުމުގެ މައިދާނުގައި އެހެން ޙަޟާރަތްތަކަށްވުރެ އިސްލާމްދީނުގެ ދައުރު އިސްކަމެވެ.

މިޞްރުގެ މުފްތީ ވިދާޅުވިގޮތުގައި ދޮގު ޚަބަރުތަކާއި ޕްރޮޕެގެންޑާތައް ފެތުރުމުގެ ޒަމާނީ ހަނގުރާމައިގެ ލަނޑުދަނޑިއަކީ ރައްޔިތުންނާއި ރަސްމީ މުއްސަސާތަކާ ދެމެދުގައި އޮންނަ އިތުބާރު ނައްތައިލުމެވެ. ރައްޔިތުން މަޢުލޫމާތާއި ސަޤާފަތާއި ޚަބަރުތައް ހޯދުމުގައި އަޞްލު މަޞްދަރުތަކާ ދުރަށްލުމެވެ. މަޢުލޫމާތު ހޯދުމުގައި އެނޫން މަޞްދަރުތަކަށް ބަރޯސާކުރުވުމެވެ. ނަތީޖާއަކީ ޤައުމަށް އެއްވެސް ހެވެއް ލާބައެއް ނޭދޭ މި ޖަމާޢަތްތަކުގެ ވަކި ދަށުވެ އެ މީހުންގެ ދަލުގައި ޖެހި ޢާންމު ރައްޔިތުން އަނދަވަޅަށް ވެއްޓިގެން ދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.