Support Us

ވާހަކަ: ހިތް އެދޭތީ- 6

"ދެންވެސް އަވަހަށް ހިނގާ ގެއަށް ދެވޭތޯ ބަލަމާ،" ނަދުވާ މިހެން ބުނީ އޭނާގެ ހިތަށްވެސް ބިރުވެރިކަން ވެރިވީމައެވެ. އެހެންކަމުން ދެމީހުން ހިނގުނު އެންމެ ބާރަކަށް ގެއާދިމާއަށް މިސްރާބު ޖެހިއެވެ.

ކުއްލިއަކަށް އެމީހުން އަރާ ހަމަވުމާއެކު ނިކަގަހަކުން ބައިވަރު ކޮވެލިތަކެއް އަޑުލައްވާލުމަށްފަހު އުދުހިގަތެވެ. ދެމީހުންނަށްވެސް އެކަކުގެ އަތުގައި އަނެކަކު ހިފައިގެން ދުވެވުނު އެންމެ ބާރަކަށް ދުއްވައިގަނެވެ.

މީހުން ދިރިއުޅޭ ސަރަހައްދަށް އާދެވުމުން ނަދުވާ ފުންނޭވާއެއް ޖައްވުގެ ތެރެއަށް ދޫކޮށްލިއެވެ. އަދި ހަމަޖެހެލުމަށް މަސައްކަތް ކުރިއެވެ. އަދި ދީނާ މާބިރުން ހުންނަކަން ފާހަގަކުރެވިގެން ކަމުގެ ހަގީގަތް ހާމަކޮށްލިއެވެ. އެކުވެރިޔާ މާބޮޑަށް ބިރުގަނެފައި ހުރީމައެވެ.

"އަސްލު އަހަރެން ދީނާ އާއި ސަމާސަކޮށްލީ… ތިހާ ބިރުގަންނަންޏާ އަހަންނަށް ފެންނަނީ ދެން މިތަނަށް ނާންނަން."

"ދޮގުނުހަދާ… ދެންކީއްވެ ނަދުވާ ބިރުން އުޅުނީ؟.. އަދިވެސް އަހަރެން އެބަ ވަރަށް ބިރުގަނޭ. އަޅެ ދޮގުނުހަދާ ބުނެބަލަ ނަދޫ،" ދީނާގެ އަޑުންވެސް އޭނާ ހުރީ ވަރަށް ބިރުގަނެފައިކަން އެނގެއެވެ.

"އާނއެކޭ ދީނާ… އަހަރެން ބިނުނީ ހަމަ ތެދަށް. އަހަރެން ބިރުގަތީ ކާއްޓެއް ވެއްޓުން އަޑާއެކު އަހަރެމެން ކުރިމަތިން ބުޅަލެއް ހުރަސްކުރީމައޭ… އަދި ކޮވެލިތައް ކުއްލިއަކަށް ކޮވަމުން އުދުހިގަތީމަ. ދެންވެސް ހަމަޖެހިބަލަ ދީނާ. ތިވަރު ވާކަށް ނުވާނޭ،" ދީނާގެ ކޮނޑުގައި ނަދުވާގެ އަތުން ޖަހާލިއެވެ.

"ލޯބީގެ މަންޒިލްތަކަށް ގޮސް އޭގެ ފޮނި މީރުކަން ލިބޭނީ ވަރަށް ހިތްވަރުގަދަ ޖެހިލުން ކުޑަ މީހުންނަށް. ތިހާ ފިނޑިންނަށް ކިހިނެއް އެކަން ވާނީ؟" ނަދުވާ ވާހަކަ ދެއްކީ ދީނާއާއި ދިމާކޮށްލުމުގެ ގޮތުންނެވެ.

"ނަސީބެއްނު…. ކިރިޔާ އަހަރެން ބިރުން ހަލާކުނުވީ،" ދީނާ  ދެއަތުން އޭނާގެ މޭގައި އަތްޖައްސާލިއެވެ.

އާދައިގެ ހިނގުމެއްގައި ދެމީހުން ގެއާ ދިމާއަށް މިސްރާބުޖަހައިފައި ހުއްޓާ، ނަދުވާއަށް ސުނޭ ފެނުނެވެ. ސުނޭ އިނީ އޭނާގެ ބޭބެއެއްގެ ގޯތި، މަގުމަތީ ފާރުމަތީގައި އިށީނދެލައިގެންނެވެ. ވަރަށް ހަމަޖެހިލައިގެން އިން ސުނޭ ފެނުމުން ނަދުވާގެ ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެކުވެރިޔާއާ ދިމާކޮށްލުމަށް ނަދުވާ ބޭނުންވިއެވެ. އޭނާ ހުންނަނީ އެފަދަ ދަނޑިވަޅެއް ނުލިބިފައެވެ. ދީނާ ރުޅިއަރުވާލުމަކީ ލިބޭ އުފަލެއް ފަދައެވެ.

"އޭނީ ސުނޭ ހިނގާ ގާތްކޮށްލަމާ. އެއް ޒަމާނެއްގަ ދީނާގެ އެކްސް އެއްނުދޯ؟" ނަދުވާގެ ހީނގަތެވެ.

"ސުނޭގެ ނަންވެސް އަހަރެން ކައިރީގައި ދައްކައިގެން ނުވާނެ،" ދީނާގެ ހިތުގައި ވަނީ ނަފްރަތެވެ.

"އައްދޭ.. ދެކުދިން މިއޮއް ދަންވަރު ކޮންތާކުން؟" ދީނާމެން އަރާ ހަމަވުމުން ސުނޭ މަލާމާތުގެ ރާގެއްގައި އަހާލިއެވެ. ދެމީހުން ވަކިވިފަހުން ސުނޭގެ ކަމަކީ އެއީއެވެ. ޖެހޭ ކޮންމެ ތަނަކުން ކޮންމެވެސް ގޮތަކަށް ދީނާއާ ދިމާކުރުމަކީ އޭނާގެ އާދައެކެވެ. އަބަދުމެ ދީނާ ރުޅިއަރުވާލުމަށް ބޭނުންވާ ކަހަލައެވެ. ޖެއްސުމަށް ކޮންމެވެސް އެއްޗެއް ބުނެލާނެއެވެ.

"ކޮންމެ ތަނަކުން އަޔަސް އެއީކީ ސުނޭއާ ބެހޭ ކަމެއް ނޫން،" ދީނާ ވަގުތުން ރުޅިއައެވެ. ހަޤީޤަތުގައިވެސް އެމީހުން ކޮންމެ ތަނަކުން އަޔަސް ސުނޭއާ ކޮން ބެހޭކަމެއް ހެއްޔެވެ؟ އެއީކީ މިހާރު ސުނޭއާ އެއްވެސް ގުޅުމެއް ހުރި ބައެއް ނޫން ވީއްޔާއެވެ. ވާނީވެސް އެހެންނެވެ. ނުބެހޭ ކަމަކާ ބެހެންޏާ ކޮންމެ މީހެއް ނަމަވެސް ރުޅި އަންނާނެއެވެ.

"އަމުދަކުން އަހަންނަށް ނޭނގޭތީއެއް ނޫން މި އެހީކީ… ދީނާ އަނގައިން ބުނުވަން ވެގެން މިއެހީ. އަހަންނަށް އެނގެއޭ ތިއައީ އެއުޅޭ ސިމާމުގެ ކައިރިންކަން،" ސުނޭ ޖެހިލުމެއް ނެތި އޭނާއަށް ދީނާގެ ކަންކަން އެނގޭކަން ދައްކާލިއެވެ.

"އެކަމާ ސުނޭ ދެރަވީތަ؟.. އެހެންވާނެއެއްނު. މީނަ ހިތުން ދެން އަހަންނަކަށް އެކަކުވެސް ނުވާނެ،" ދީނާގެ އަޑު ބާރުވިއެވެ. އަސްލު ދީނާ އެތާ ހުންނާކަށް ބޭނުމެއް ނޫނެވެ. އެހެނަސް ސުނޭ އަށް ރައްދު ނުދީ ދިއުމަކަށް ވެސް މިހާރު ދިނާ ބޭނުމެއް ނުވެއެވެ. އަބަދު ބަހެއް ނުބުނެ ހަނުހިމޭނުން ހުރުމުން ލިބުނެ ފައިދާއެއް ނެތެވެ. ސުނޭ އެތައްވަރަކަށް ޖެއްސުންކޮށް ވަށްބަހުން އެއްޗިހި ބުނެ ރުޅިއަރުވާ ހަދަމުން ދިޔައިރުވެސް، ވަރަށް ގިނަ ދުވަސް ވަންދެން ރައްދެއް ނުދީ ދީނާ ކެތްކުރިއެވެ. އެއިން ލިބުނު ފައިދާއެއް ނެތުމުން ދީނާ ބޭނުންވީ މިރޭ ސުނޭ ކިޔާ ކޮންމެ އެއްޗަކަށް ރައްދު ދޭށެވެ. އޭނާ ހުރީ އެ އަޒުމުގައެވެ. އެ ހިތްވަރު ލިބިގަނެގެންނެވެ.

"އަހަރެން އެބައޮތް ދީނާގެ ކައިރީގައި ވާހަކައެއް ބުނަންވެފައި. އެވާހަކަ ބުނުމުން ތިލޯތްބަށް ވެގެން ދާނެ ގޮތެއްވެސް އެނގިދާނެތާ." ސުނޭ ވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

"ސުނޭ. އަހަރެންމެންވެސް ކަލެޔަކާ ނުބެހެމެއްނު. ކޮންމެހެން ދޭތެރެ ޖައްސަން މަސައްކަތް ކުރާނެ ކަމެއްނެތް. ތިޔަ އުޅެނީ ގޮތް ހުސްވެގެން. ބިޓެއް ނުވީ ދޯ؟" ދީނާ ހިތްމަނުޖެހުނެވެ. މަލާމާތުގެ ރާގަށް ހީލަމުން ދީނާ ވާހަކަ ދެއްކީ އެހެންވެގެންނެވެ.

"ފުރަތަމަ ދޭތެރެ ޖެއްސި މީހާގެ ވާހަކަ އަޑުއަހާބަލަ،" ސުނޭގެ މަޤުސަދަކީ ދީނާ އެތާ ގިނައިރު ބެހެއްޓުމެވެ.

ހަޤީޤަތަކީ އަދިވެސް އޭނާގެ ހިތުގައި ކޮންމެވެސް ވަރަކަށް ދީނާގެ ހަނދާންތައް ނުފިލާ ހުރިކަމެވެ. އެކަމުގެ ސަބަބުން ދިނާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގެ ހިނގުން އަވަސްވެއެވެ. ސުނޭގެ މަޤުސަދު ދީނާއަށް މޭރުންވީ ވެސް ތޯއްޗެކެވެ. ނަދުވާގެ އަތުގައި ހިފައިގެން ދީނާ ކުރިއަށް ހިނގައިގަތެވެ.

ގެއަށް ދިޔައިރު ދީނާގެ އިންތިޒާރުގައި އޭނާގެ މައިންބަފައިން ސިޓިންގ ރޫމްގައި ތިއްބެވެ. އެހެންކަމުން ދީނާ ވަރަށް ހާސްވެ ފިނިވާގޮތް ވެގެން ދިޔައެވެ. ކޮންމެ ގޮތެއްވިއަސް މަންމަމެން އެތިބީ އޭނާ ގެއަށް އައުން ލަސްވުމުންކަން ދީނާއަށް އެނގުނެވެ.

"ދީނާ … މަޑުކޮށްލަބަލަ،" މަޑުމަޑުން ގެއަށް ވަތް ދީނާ ހުއްޓުނީ އޭނާގެ މަންމަގެ އަޑު އިވުމުންނެވެ. އޭނާ އިސްއުފުލާލުމަށްފަހު، އެއްފަހަރު މަންމަގެ މޫނަށް އަނެއްފަހަރު ބައްޕަގެ މޫނަށް ބަލައިލިއެވެ. އެމީހުން މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ.

"ދީނާއަށް އެނގޭތަ ގަޑިން ވީއިރެއް؟ ކޮންތާކު ތެޅިތެޅިފަތަ ތިޔަ އައީ؟" ދިޔާނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. އެހެންކަމުން އޭނާގެ އަޑުވެސް އެހާ ބާރެވެ. މަންމަ އެގޮތަށް މިއިން ޒަމާނަކުވެސް ދީނާއަކާ މުޚާތަބު ކޮށްފައެއް ނުވެއެވެ. އެހެން ކަމުން ދީނާ އަށް ވާހަކަ ދެއްކުނީ އަޅައި ގަންނަމުންނެވެ.

"އަ…އަ…އަހަރެން ދިޔައީ މަންމަ ކައިރީގައި ބުނެފަ ނަދޫމެން ގެއަށޭ."

"ހުއްޓާލާ… ރީއްޗެއްނު ވާހަކަ. އަހަރެމެން ނަދުވާމެންގެވެސް ބެލީމޭ. ނަދުވާ މަންމަވެސް އިނީ ތިދެމީހުން ދިޔަ ތަނަކުން ނައިސްގެން ހާސްވެކަންބޮޑުވެފާ. މިއަދު ލާހިކެއްނޫން ތިއައި ތަނެއް ނުބުނެ ނިދާކަށް،" ދިޔާނާގެ އަޑު އިތުރަށް ބާރުވިއެވެ. ދިޔާނާގެ އެ ސިފައަކީ ހަސަނަށް އެއްގޮތަކަށްވެސް ކަމުދާ ސިފައެއް ނޫނެވެ. އެހެންކަމުން އޭނާއަކަށް އެއްޗެއް ނުބުނެ މަޑަކުން ނުހުރެވުނެވެ.

"ދިޔާނާ. ތިޔަ ރުޅިގަނޑު މައިތިރިކޮށްބަލަ. ދަރިފުޅުދޭ ނިދަން. ދެންދުވަހަކުންވެސް ހަދާންކުރާތި އަވަހަށް ގެއަށް ވަންނަން؟" ހަސަން ދީނާގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. އެވަގުތުގެ ބޭނުން ހިފާ ދީނާ އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

"ހަސަން ތިހެން ހެދީމާ ކިހިނެއް ވާނީ؟ ހައްތަހާ އޭނާ ގޯސްވާނީއެއްނު،" ނިދަން ކޮޓަރިއަށް ވަނުމަށްފަހު ދިޔާނާ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކިއެވެ.

"މިވަގުތު ދިޔާނާއަކަށް އެކައްޗެއްވެސް ނުވިސްނޭނެ. ނިކަން ހަމަޖެހިބަލަ. ދީބަލަ އަހަންނަށް ފެންތައްޓެއް،" ދިޔާނާ ކޮޓަރީގައި ހުރި ފެން ފުޅިން ތައްޓަކަށް ފެން އެޅުމަށްފަހު ހަސަން އަތަށް ދިނެވެ. ފެންފޮދެއް ބޯލުމަށްފަހު ހަސަން ވާހަކަ ދެއްކިއެވެ. އޭނާގެ ބޭނުމަކީ ދިޔާނާ ހަމަޔަކަށް އެޅުވުމެވެ.

"އެ އުމުރުގެ ކުދިން ކުރާ ކަންތަކާ މާބޮޑަށް ރުޅިއައިސްގެން ޢަމަލު ކުރުން ރަގަނޅެއް ނުވާނެ. ވިސްނުންތެރިކަމާއެކު ނޫނީ އެކަހަލަ ކަންތައްތަކެއް ހައްލެއް ނުކުރެވޭނެ."

"ދެން ތިބުނީ އޭނާ ކުރާކަމެއް ކުރަންދެން އަހަރެމެން ބަލަން ތިބެންވީއްޔޭތަ؟ އެއީތަ މައިންބަފައިންގެ މަސްއޫލިއްޔަތަކީ؟" ހަސަން ދެއްކި ވާހަކައަކީ ދިޔާނާއަށް މާކަ ކަމުދާ ވާހަކައަކަށް ނުވިއެވެ.

"ނޫނޭ. އެކަމަކު އަހަރެން ބުނަން މިއުޅެނީ އޭނާވެސް ހަމަޖެހިފައި ހުއްޓާ ވަރަށް ކެތްތެރިކަމާއި އޯގާރެތިކަމާއެކު، ވާހަކަ ދައްކައިގެން ނޫނީ އެކަހަލަ ކަންތަކަށް ހައްލެއް ނުހޯދޭނޭ. ކަންތައް ވީގޮތް އޮޅުންފިލުވާފައި ގޯސްކަމެއްނަމަ އެކަމަށް ފިޔަވަޅުވެސް އެޅިދާނެތާ…"

އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ ދީނާ އޮތީ އެއްގޮތަކަށްވެސް ނިދޭގޮތް ނުވެގެންނެވެ. މާދަމާވެސް މަންމައާ ކުރިމަތިލާން ޖެހޭނެކަން ދީނާއަށް ހަމަ ރަގަނޅަށްވެސް އެނގެއެވެ. އެހެންކަމުން އޭނާ ހާސްވަނީއެވެ. މަންމަމެނަށް ދީނާގެ ކަންތައް ފަޅާއަރައިފިނަމަ ދެންވާނީ ކިހިނެތް ކަންވެސް ނޭނގޭތީ ދީނާގެ ހިތް ދެޅެމުންދެއެވެ. ހާސްވަމުންދެއެވެ. މި ހުރިހާ ޚިޔާލުތައް ދީނާ ނިދިން މަހުރޫމް ކުރުވަމުން ދިޔައެވެ.

އެހެން ދުވަސްތަކާ ޚިލާފަށް އެދުވަހު ދީނާއަކަށް މަންމަ ނުގޮވައެވެ. އެހެންކަމުންނާއި ރޭގައި ނިދުނުލެއް ލަސްކަމުން، ހޭލެވުނީ އިރުއަރައި ދިޔަ ފަހުންނެވެ. ރޭގައި ދިމާވި ކަންތަކުގެ ސަބަބުން ހާސްވެފައި ހުރެ ދީނާ ބަދިގެއަށް ދިޔައެވެ. ދީނާ ހީކުރިގޮތާ ޚިލާފަށް ރޭގެ އެއްވެސް ވާހަކައެއް އޭނާގެ މަންމަ ނުދައްކައެވެ. މޫނުމަތިން ރޭގައި ފެންނަން ހުރި ރުޅިވެރިކަމެއްވެސް ނެތެވެ. މަންމަ ހިނިތުންވެފައި ހުރިތަން ފެނުމުން، ދީނާ ވަރަށް ހިތްހަމަޖެހުނެވެ. ވެފައިހުރި ހާސްކަން ފިލައިގެންދިޔައެވެ. އެހެންކަމުން ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެހެންނަމެވެސް ދީނާ ހީކުރިގޮތާ ޚިލާފަށް، އޭނާއަށް ލިބިފައިވާ ހިތްހަމަޖެހުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެއްޖެއެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *