ސަރުކާރަށް ފާޑުކިޔަމުން ގެންދިޔަ ދެ ވެބްސައިޓެއް ބޮލޮކް ކުރުމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބަޔާނެއް ނެރެފައިވަނީ ކަންކަން ބަލަންވާ ވަރަށް ނުބަލާ ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު އެކްސްގައި ކުރައްވާފައިވާ ފޯސްޓެއްގައި ވިދާޅުވެފައިވަނީ ރަޖިސްޓްރީކޮށްފައިވާ އެެއްވެސް ނޫހަކަށް މިސަރުކާރުން ފިޔަވަޅެއް ނާޅާނެ ކަމަށެވެ. އަދި ދެ ވެބްސައިޓެއް ބްލޮކް ކުރި މައްސަލާގައި އެކަން ކުށްވެރިކޮށް އެމްޖޭއޭއިން ބަޔާނެއް ނެރެފައިވަނީ ކަންކަން ބަލަންވާ ވަރަށް ނުބަލާ ކަމަށް ވެސް ޝަހީބު ވިދާޅުވެފައިވެ އެވެ.
"ކޮންމެ ވެބްސަައިޓަކީ ނޫހެއް ނޫން. އެމްޖޭއޭއިން ބަޔާނެއް ނެރުމުގެ ކުރިން ކަންކަން ބަލާ ދިރާސާކޮށްފައިނުވާކަން ހިތާމައާ އެކު ފާހަގަކުރަން،" ޝަހީބު ވިދާޅުވެފައިވެ އެވެ.
އެމްޖޭއޭއިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ދެ ވެބްސައިޓް ބްލޮކް ކުރުމަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން އެގޮތަށް އަމަލް ކޮށްފައިވަނީ އެކަން ކުރުމުގެ އުސޫލެއް އާއްމުނުކޮށް ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ. އަދި އެގޮތަށް އުސޫލެއް ނެތި އިންޓަނެޓް ބްލޮކްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ކަަމުގައިނުވާތީ އެކަންތައްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އެމްޖޭއޭއިން ވަނީ ގޮވާލައިފަ އެވެެ.
ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްތަކަކީ ވެސް އެމްއެމްސީއަށް ރެގިއުލޭޓްކޮށް ގާނޫނުގެ ދަށުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކެއް ކަމަށް ކަމަށާއި އެ ނޫސްތަކުގައި މައްސަލައެއް އުޅޭނަމަ އެ މައްސަލަ އެެއް ބަލައި ފިޔަވަޅު އެޅުމުގެ ބާރަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަަށުން އެ ކައުންސިލްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވެސް އެމްޖޭއިން ފާހަގަކޮށްފައިވެ އެވެ.
ވެބްސައިޓްތައް ބްލޮކްކުރި މައްސަަލާގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި އެޑިޓާސް ގިލްޑްއިން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.
އެމްއޭސީގެ ބަޔާނުގައި ބުނެފައިވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ ވެބްސައިޓްތަކާއި ނޫސްތަކަކީ ވެސް މީޑިއާ ކަމަށް މީޑިއާ ކައުންސިލްގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބޮލޮކް ކޮށްފައިވާ ދެ ވެބްސައިޓްގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް އެ ކައުންސިލަށް ހުށަހެޅިފައިނުވާ ކަމަށާއި އުސޫލެއް ނެތި އެ ދެ ވެބްސައިޓް ބްލޮކް ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަން އޮތް ނުރައްކަލެއްގެ ގޮތުގައި އެ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
އެޑިޓާސް ގިލްޑްގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި މިނިވަން ކަމާއެކު ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފްނުވާ ގޮތަށް ދުލާއި ގަލަމުން ހިޔާލު ފާޅުކުރުމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަަށެވެ.
"މީޑިއާ ކައުންސިލްގެ ދައުރެއް ނެތި އެ ދެ ވެބްސައިޓް ބަންދުކުރަން ޖެހުނު ސަބަބު ހާމަ ކުރުމަށާއި ހާމަނުކުރާހާ ހިނދަކު އެ ދެ ވެބްސައިޓް އަލުން އޮޕަރޭޓް ކުރުމަށް ދޫކޮށްލުމަށް ގޮވާލަން،" އެޑިޓާސް ގިލްޑުން ބުނެފައިވެ އެވެ.
ސަރުކާރުން މި ދެ ވެބްސައިޓް ބޮލްކުުރުމުގެ ކުރިން ހުތުރު މަންޒަރުތައް ފެންނަ ބައެއް ވެބްސައިޓްތައް ވަނީ ބްލޮކްކޮށްފަ އެވެ.



advertisment