Support Us

ބޮޑު އިނާމަކަށް ޓަކައި ވާދަކުރާ ބޮޑު މުބާރާތެއް

އެންމެން ތިބީ މުބާރާތަށް ތައްޔާރުވެގެން ރޮނގުމަތީގައެވެ. ލޮލާއި ބޮލާއި ހަށިގަނޑު ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ވާދަވެރީންގެ މަސައްކަތް ކުރަނީ މި މުބާރާތް ކާމިޔާބު ކުރުމަށް ބޭނުންވާ އާލަތްތައް ހޯދާށެވެ. މި މުބާރާތުގައި މޮޅުވާ މީހުންނަށް ލިބޭ އިނާމު މަތިވެރިކަމުންނެވެ.

ކޮންފަދަ މުބާރާތެއްތޯއެވެ؟ ކޮންފަދަ އިނާމެއްތޯއެވެ؟ އެއީ އާދައިގެ މުބާރާތެއް ނޫނެވެ. މި މުބާރާތް އިންތިޒާމު ކުރައްވަނީ ޢާލަމުތަކުގެ ވެރި ރަސްކަލާނގެ މާތް ﷲ އެވެ. މުބާރާތާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ [1]– އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.))

މަތިވެރި ލަނޑުދަނޑިއަކަށް ޓަކައި ﷲ ތަޢާލާ ހުޅުއްވާދެއްވައިފައިވާ ބޮޑު މުބާރާތެކެވެ. ޢާލަމީ މުބަރާތެކެވެ. ކިހާ މަތިވެރި ވާނެތޯއެވެ؟ މުބާރާތުގެ ބައިވެރިންނަށް އެކަލާނގެ އަޅުންނަށް ގޮވައިލައްވަނީ އަވަސްކުރާށެވެ. ބާރަށް އަންނާށެވެ!

(وَسَارِعُواْ- ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެކަކު އަނެކަކާ ވާދަކުރާށެވެ!) ކަނޑައެޅިފައިވާ ވަގުތުކޮޅެއްގައި ކަޑައްތުކުރަންޖެހޭ ދުރުމިނަކަށް ވާޞިލުވުމަށް ޓަކައެވެ. މި ވަގުތުކޮޅަކީ އަޖަލެވެ. އެއީ އެއްވެސް މީހެއްގެ ކޮންޓްރޯލުގެ ދަށުގައިވާ އެއްޗެއް ނޫނެވެ.

سارعوا އައިސްފައިވަނީ سرعة އިންނެވެ. އެއީ ސްޕީޑެވެ. ވަގުތު އިތުރުކުރެވެން ނެތީމާ ދެން ޖެހޭނީ ސްޕީޑް ބާރު ކުރާށެވެ.

ޠަބީޢިއްޔާތުގެ (ފިޒިކްސް) ގެ ޤާނޫނު ބުނަނީ

ދުރުމިން = ސްޕީޑް X ވަގުތު، distance = speed X time

މާތްﷲ ރަޙްމަތްލެއްވި އައްޝައިޚު ޢަބްދުއްރަޙްމާނުއް ސަޢުދީ ވިދާޅުވިއެވެ. "އެއަށްފަހު ﷲ ތަޢާލާ އެބައިމީހުންނަށް އަމުރުކުރެއްވީ ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަން ހުރި ސުވަރުގެ ހޯދުމަށް ޓަކައި އަވަސްވެގަތުމަށެވެ. މާތްﷲ ފުއްސެވުމާއި ސުވަރުގޭގެ ނިޢުމަތް ތައްޔާރުކުރެއްވީ އެކަލާނގެއަށް ތަޤްވާވެރިވީ މީހުންނަށް ޓަކައެވެ."

މާތް ﷲ ރަޙްމަތްލެއްވި ޑރ. ވަހްބަތުލް ޒުޙައިލީ އޭނާގެ ފޮތް އައްތަފްސީރުލްމުނީރު ގައި ވިދާޅުވެފައިވެއެވެ. "އެއަށްފަހު ﷲ ޢައްޒަ ވަ ޖައްލަ އަމުރުކުރެއްވީ ފާފަފުއްސެވުން ހޯދުމަށާއި ކުރާ ޢަމަލުތައް ޤަބޫލުކުރައްވަނިވި އެއްޗަކަށް ހެދުމަށް ޓަކައި މަސައްކަތްކުރުމުގައި އަވަސްވެގަތުމަށެވެ. އަދި މާތްﷲ ތަޤްވާވެރިންނަށް ތައްޔާރުކުރެއްވި ސަރާސަރު ބޮޑު އަދި ފުޅައު ސުވަރުގެ ހޯދުމަށް މަސައްކަތް ކުރުމަށެވެ."

މާތް ﷲ ރަޙްމަތްލެއްވި އައްޝައިޚު މުޙައްމަދުއް ޠާހިރު ބިން ޢާޝޫރު ވިދާޅުވާގޮތުގައި އަވަސްކުރުމުގެ މާނައަކީ ހެޔޮ ޢަމަލުތައް ކުރުމަށް ދަހިވެތިވުމާއި އެކަމުގައި ވާދަވެރިވުމެވެ.

މުބާރާތުގެ ބައިވެރިން މުބާރާތް ނިންމައިލުމަށްފަހު އިންތިޒާރު ކުރާނީ މާތްﷲ އެމީހުންނަށް ދެއްވަވާ އިނާމަށެވެ. އޭނާ ދަސްވެނިވީ ކޮން ދަރަޖައެއްގައިކަން އެނގޭ ދުވަހަށެވެ. އެންމެންވެސް އުއްތަމަ ދަސްވެންޏަކަށް ވުމަށް އުންމީދު ކުރާނެއެވެ. އެހެނަސް އެ ދުވަހުން މާކުސް ލިބޭނީ މި ދުނިޔޭގައި ކުރި މަސައްކަތަށެވެ.

މާތް ﷲ މަތީ މާކުސް ދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބައެއް ޢަމަލުތައް:

  • (ފާގަތިކަމާއި ތަދުމަޑުކަމުގައި ވެސް) ﷲގެ ވަޖްހުފުޅު އަދައިގެން ހޭދަކުރުން
  • ރުޅި މަތަކުރުން
  • މީސްތަކުންނަށް މާފުކުރުން
  • މީސްތަކުންނަށް އިޙްސާންތެރިވުން
  • ހުތުރުކަން ބޮޑު ފާޙިޝް ޢަމަލުތަކާ ދުރުހެލިވުން
  • ފާފައެއް ހަމަ ކުރެވޭއިރަށް އެ ފާފައެއް ފުއްސަވާދެއްވުމަށް އެދި ދެންނެވުން
  • އުރެދުންމަތީގައި ދެމިނުހުރުން

މި ކަންކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ ‎﴿١٣٤﴾‏ وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ ‎﴿١٣٥﴾‏ أُو۟لَٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَٰمِلِينَ [2]– އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ. އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ نفس ތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި دعاء ކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި حال އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ. އުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ حال ގައެވެ. ހެޔޮ عمل ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!))

މި ބަސްފުޅުތަކުން އެނގޭގޮތުގައި އެމީހުންނަކީ އަތްމަތި ތަނަވަސް ޙާލުގައްޔާއި އަތްމަތިދަތިޙާލުގައި ﷲގެ ވަޖްހުފުޅަށް ޓަކައި މިސްކީނުންނަށާއި ފަޤިރުންނަށާއި މުހްތާދުވެރިންނަށް ﷲގެ މަގުގައި ހޭދަކުރާ މީހުންނެވެ. ތަނަވަސް ޙާލަތުގައި އެމީހުންގެ ހޭދަކުރުން ގިނަވާނެތެވެ. އެމީހުންނަކީ ކިތަންމެ ކުޑަ ހެޔޮކަމެއް ވިޔަސް އޭގެ އަގު ވައްޓައިނުލާ މީހުންނެވެ.

އެމީހުންނަކީ ރުޅިމަތަކޮށް ހިފަހައްޓާ މީހުންނެވެ. މީހަކު އެމީހުންނަށް ޖެއްސުން ކުރިއަސް ރުޅިއެރުވިޔަސް އެމީހުން ރުޅި އިސްނުކުރާނެތެވެ. ކޮންމެ ކަމަކަށް ރައްދުކަމެއް ވެޔޭ ބުނާ ޤާނޫނަށް އެމީހުން ޢަމަލެއް ނުކުރާނެތެވެ. އެމީހުންނަށް ކުރާ ޖެއްސުންކުރުންތަކަށާއި މަލާމާތްކުރުންތަކަށް އެމީހުން ކެތްކުރާނެތެވެ.

އެމީހުންނަކީ މީސްތަކުންނަށް މާފުކުރާބައެކެވެ. އެމީހުންގެ ޢުޒްރު ޤަބޫލުކުރާ ބައެކެވެ. މާފުކުރުމުގެ އަޚްލާޤިއްޔާތަކީ ރުޅިމަތަކުރުމަށްވުރެ މަތިވެރި ކަމެކެވެ. ޢަފޫކުރުމުގެ މާނައަކީ އޭނާ އަނެކާއަށް އަދަބުދިނުމާ ދުރުހެލިވާނެތެވެ. އަނެކާގެ ގޯނާއަށް ބަދަލެއް ނުހިފާނެތެވެ. މިއީ ވަރަށް މަތިވެރި ޚުލްޤެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ[3]– ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) عفو ކޮށް، صلح ވެރިވެގަތް މީހާގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ.))

އެއަށްފަހު މާތް ﷲ ބަޔާންކުރައްވައިފައި މި ވަނީ އެއަށްވުރެ ޢާންމު ޙާލަތެކެވެ. އެއަށްވުރެ މަތިވެރި އެއަށްވުރެ ރަނގަޅު ޙާލަތެކެވެ. އއީ އިޙްސާންތެރިވުމެވެ.އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ [4]‎- ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.))

އިޙްސާންތެރިކަމުގައި ދެ ބައެއް ވެއެވެ. ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި އިޙްސާންތެރިވުމާއި މަޚްލޫޤުންނަށް އިޙްސާންތެރިވުމެވެ.

ﷲއަށް އަޅުކަންކުރުމުގައި އިޙްސާންތެރިވުމަކީ ތިބާއަށް ﷲ ނުފެނުނުކަމުގައި ވިޔަސް އެކަލާނގެ ތިބާއަށް ބައްލަވައިވޮޑިގަންނަވާނެކަން އެނގިހުރެ އެކަލާނގެއަށް އަޅުކަންކުރުމެވެ.

ﷲގެ މަޚްލޫޤުންނަށް އިޙްސާންތެރިވުމަކީ އެމީހުންނަށް ތިބާގެ ފުށުން ލާބައާއި މަންފާކޮށްދިނުމާއި ތިބާ އެހެން މީހުންގެ ކިބައިން ގެއްލުމާއި ތުރާތައް ދުރަށްލުމެވެ. އެމީހުންނަށް ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމާއި ހެޔޮ ނަސޭހަތްދިނުމާއި ޖާހިލުންނަށް އުނގަންނަދިނުމާއި ޣާފިލުކަންމަތީ ތިބޭމީހުން ހޭލުންތެރިކުރުމާއި މީހުންގެ މެދުގައި އެކުވެރިކަން ފެތުރުމާއި އެއްބައިވަންތަކުރުވުމާއި އެމީހުންނަށް ހެޔޮފޯރުމާއި އެމީހުންނާއެކު ގުޅުން ވާޞިލުކުރުން ވެއެވެ.

އެއަށްފަހު ﷲ ސުބްޙާނަހޫ ވަ ތަޢާލާ އަންގަވަނީ އެމީހުންނަކީ ((ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެމީހުންގެ نفس ތަކަށް އަނިޔާވެރިވެއްޖެނަމަ، اللَّه ހަނދުމަކޮށް، ފާފަތައް ފުއްސެވުންއެދި دعاء ކޮށް އުޅޭމީހުންނެވެ.

މާތް ﷲ ބަޔާންކުރައްވާގޮތުގައި މި ސިފަތަކުގެ ވެރިންނަކީ އެ މުބާރާތް ކާމިޔާބު ކުރާ މީހުންނެވެ. އެމީހުންނަށް ރަތްވަނަ ލިބި މަތީ ދަރަޖައިގެ އިނާމު ލިބޭނެތެވެ. އެމީހުންނަށް ލިބިގެންވާ އިނާމަކީ ((އެބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ލިބޭ ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ حال ގައެވެ. ހެޔޮ عمل ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!))

މި މަންޒަރު އަޅުގަނޑުމެންގެ އަޚުންނަށާއި އުޚްތުންނަށް ސިފަކޮށްދެވޭތޯ ބަލަމާހިނގާށެވެ! ޢާލަމުތަކުގެ ވެރި ރަސްކަލާނގެ ގެ ގޮވައިލެއްވުމަށް އިޖާބަދެވޭތޯ އަތުކުރި އޮޅައިލަމާ ހިނގާށެވެ!

އެއީ ބޮޑު މުބާރާތެކެވެ. މާތްﷲ އަންގަވަނީ ކުރިއަރައިދިޔުމަށް މަސައްކަތް ކުރުމަށެވެ. މަސައްކަތް ކުރާ މީހާއަށް  ﷲ ތައުފީޤު ދެއްވާނެއެވެ. މުބާރާތް ނިންމައިލުމަށް ބޭނުންވާ ވަރަށް ހަކަތަ ދެއްވާނެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ގެ އެހެން ބަސްފުޅެއްގައު ވެއެވެ. ((سَابِقُوا إِلَى مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاء وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ [5]– ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، اللَّه އަށާއި، އެކަލާނގެ رسولންނަށް إيمان ވި މީހުންނަށްޓަކައެވެ.))

 

[1]  – آل عمران 133

[2]  – آل عمران 134-136

[3]  –  الشورى 40

[4]  – البقرة :195

[5] – الحديد 21

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *